بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربِّ العـالمـين، والصّـلاة والسّـلام علَى أشـرف المرسـلين، سيِّدنا محـمَّدٍ وعلَى آلـه وأصحـابه أجمعـين.
އާދެ، މިއަދުގެ މި އަބުރުވެރި ޖަލްސާގައި އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިންތިޚާބުގައި، ތިޔަ ޢިއްޒަތްތެރި މެންބަރުން ހޯއްދެވި ފުރިހަމަ ކާމިޔާބީއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުން. އަދި ތިޔަބޭފުޅުން އިންތިޚާބު ކުރެއްވި ރައްޔިތުން، ތިޔަބޭފުޅުންނަށް ކުރެއްވި މަތިވެރި އިތުބާރަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް މުބާރަކުބާދީ ދެންނެވުން. ހަމައެހެންމެ، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ދެންމެ އަޅުގަނޑުގެ ކުރިމަތީގައި ތިޔަ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވުމާ ގުޅިގެން، އެ މުނާސަބަތުގައިވެސް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކުބާދީއާއި ހެޔޮއެދުންތައް ރައްދުކުރުން.
އާދެ، ތިޔަބޭފުޅުން ތިޔަ ކުރިމަތިލައްވަނީ، ވަރަށް މުހިންމު، ޤައުމީ މަސައްކަތަކަށް. ޤާނޫނުއަސާސީއަށް ގެންނަން ފެންނަ ބައެއް މުހިންމު ބަދަލުތައް އަޅުގަނޑު ވާނީ މިދިޔަ ހަފްތާގެ ތެރޭގައި، ދިވެހި ރައްޔިތުންނާ ނުރަސްމީ ސިފައެއްގައި ޙިއްޞާކޮށްލާފައި. މި ޚިޔާލުތައް ދިވެހި ރައްޔިތުންނާ ޙިއްޞާކޮށްލުމުން، ވަރަށްގިނަ ފަރާތްތަކަކުން އަޅުގަނޑަށް ގުޅުއްވި. އާދެ، ސިޓީގެ ޛަރީޢާއިންނާއި އެނޫން ގޮތްގޮތުން. އަދި އަޅުގަނޑާ ބައްދަލުކުރައްވައި، ވަރަށް ގިނަ ބޭފުޅުން ޚިޔާލުދެއްވި. އަޅުގަނޑު ދަންނަވާނީ، އޭގެތެރެއިން ހަމަ ކޮންމެ ބޭފުޅަކުވެސް، އަޅުގަނޑު މި ކުރިމަތިލި ކުރިމަތިލުމަށް މަރްޙަބާ ވިދާޅުވިޔޭ. އަދި އަޅުގަނޑު ހުށަހެޅި ޚިޔާލުތަކުގެ ތެރެއިން ގިނަ ޚިޔާލަށް، ހަމަ ހުރިހާ ބޭފުޅުންވެސް ތާއީދުކުރައްވައި، މަރްޙަބާ ވިދާޅުވާކަމަށް ވިދާޅުވިޔޭ. އާދެ، އެއީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް އިޙްސާސްވެގެންދިޔަ ކަމެއް.
ހަމައެހެންމެ، އަޅުގަނޑު ހުށަހެޅި ބައެއް ޚިޔާލުތަކާ ދޭތެރޭގައި އިތުރަށް ވިސްނާވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި. އަދި ބައެއް ކަންތައްތަކަކީ އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، އަދި މާ ބޭނުންތެރި ކަމަކަށް ނުވެދާނެކަމުގެ ޝުޢޫރުވެސް ފާޅުކުރެއްވި. އަޅުގަނޑު، އެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވިން.
އާދެ، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޚިޔާލު، މިނިވަންކަމާއި އަމާނާތްތެރިކަމާ އެކީގައި ފާޅުކުރެއްވުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތް. ދިވެހިރާއްޖެއަށް އެންމެ ހަމަޖެހޭގޮތް. އެހެންވީމާ، އަޅުގަނޑު ހުށަހެޅި ޚިޔާލުތަކަށް ތާއީދުކުރެއްވިޔަސް އަދި ބައެއް ޚިޔާލުތަކަށް ތާއީދުނުކުރެއްވުނަސް، އެބޭފުޅެއްގެ ޚިޔާލުފުޅު، މިނިވަންކަމާއި އަމާނާތްތެރިކަމާއެކީގައި ދެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. އެކަމަށްޓަކައި، އަޅުގަނޑަށް ޚިޔާލު ދެއްވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ދިވެހި ރައްޔިތުންނާ އަޅުގަނޑު ޙިއްޞާކޮށްލި ޚިޔާލުތައް، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ފެށޭއިރަށް ރަސްމީ ސިފައެއްގައި ތިޔަ މަޖިލީހަށް އަޅުގަނޑު ހުށަހަޅާނަން.
އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ޤައުމު އިޞްލާޙީ ބަދަލުތަކަކާ ކުރިމަތިލާއިރު، އެ ގެންނަން ބޭނުންވާ އިޞްލާޙުތަކަކީ ކޮބައިކަމާ ދޭތެރޭގައި، ވަރަށް ރަނގަޅަށް ވިސްނައި ފިކުރުކުރަންޖެހޭނެ. ޤައުމުގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން، ރައްޔިތުންނާއި، ސަރުކާރާއި، ދިވެހި ޤައުމު އެކަތިގަނޑަކަށްވެގެން، ތަރައްޤީގެ މަގުގައި އާ ފިޔަވަހިތަކަކަށް ވާސިލުވެވޭނީ ކިހިނެއްތޯ، އަޅުގަނޑުމެން ދަތުރުކުރަން އޮތް އެންމެ އަމާން، އެންމެ ރަނގަޅު، ޤައުމަށް އެންމެ ފައިދާހުރި މަގަކީ ކޮބައިތޯ، އަޅުގަނޑުމެން އެންމެން ވިސްނައި ޚިޔާލުކުރަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު އެދެނީ، ތިޔަ މަޖިލީހަށް ހުށަހެޅޭ ޚިޔާލުތަކާއި އަދި އިޞްލާޙުތަކާ ދޭތެރޭގައި، ތިޔަ ޢިއް ޒަތްތެރި މަޖިލީހުގައި ވަރަށް ރަނގަޅަށް ބަޙުޘް ކުރެއްވުން. ބަޙުޘް ކުރައްވާފައި، ޤައުމަށް މިވަގުތަށް އަދި ކުރިއަށް އޮތް ތަނަށް، އެންމެ އެކަށީގެންވާ، އެންމެ ފައިދާހުރި، އެންމެ މަންފާކުރަނިވި ގޮތެއް ތިޔަބޭފުޅުން ޚިޔާރުކޮށްދެއްވުން.
އާދެ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ގަސްތުކުރެވި، އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނުކުރި. އާދެ، ޢާންމު ރައްޔިތުންގެ ޚިޔާލަށް އެދި އަޅުގަނޑު ދަންނަވާލިން. އެ ދަންނަވާލި ދަންނަވާލުމަށް، ވަރަށް ގިނަ ބޭފުޅުން މިހާރު ޚިޔާލު ފޮނުއްވަމުން އެބަ ގެންދަވާ. އެހެންވީމާ، ޚިޔާލު ފޮނުއްވަމުން އެ ގެންދަވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އެބޭފުޅުން އެ ހުށަހަޅުއްވާ ޚިޔާލުތައް، ކުރިންވެސް ދެންނެވިފަދައިން، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް، އެއްވެސް އުނިއިތުރެއްނެތި އިރާދަކުރެއްވިއްޔާ އަޅުގަނޑު ފޮނުވަން ގަސްތުކުރާ ވާހަކަ މި ފުރުޞަތުގައިވެސް ދަންނަވާލަން.
އާދެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޢުލާނުކޮށްފައި އޮންނާނީ، ރައްޔިތުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުތައް، މި ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަށް. އެހެންވީމާ، އެކަމުގެ ފުރުޞަތު އަދި އެބައޮތް. މިއަދު މިއީ ޖޫންމަހުން 15. އެހެންވީމާ، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައިވެސް ޚިޔާލު ފޮނުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، އެ ފުރުޞަތު އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން.
އާދެ، ޤާނޫނުއަސާސީއަކީ ކޮންމެ ޤައުމެއްގައިވެސް އެބައެއްގެ މެދުގައިވާ، އަސާސީ އެއްބަސްވުންތައް ތަމްސީލުކޮށްދޭ އެއްޗަކަށް ވާންޖެހޭނެ. ވަކިވަކި ފަރުދުންގެ ޙައްޤުތަކާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ، ޙިމާޔަތްކޮށްދޭ އެއްޗަކަށް ވާންޖެހޭނެ. ހަމައެފަދައިން، ޤައުމުގެ ތަރައްޤީއަށާއި، ކުރިއެރުމަށާއި، ޞުލްޙަމަސަލަސްކަމަށާއި، އަމަންއަމާންކަމަށް ބާރުއަޅައިދޭ އެއްޗަކަށްވެސް ވާންޖެހޭނެ. ތަރައްޤީއަށް މަގުފަހިކޮށްދޭ އެއްޗަކަށް ވާންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުން މިކަންކަމަށް ވަރަށް ރަނގަޅަށް ވިސްނާވަޑައިގަންނަވާނެ.
އާދެ، ކުރިންވެސް ދެންނެވިފަދައިން، ޢާންމު ރައްޔިތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 30 އާ ހަމައަށް ހުޅުވާލެވިފައި އޮތުމާއެކު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރަސްމީ ޖަލްސާތައް، އިރާދަކުރެއްވިއްޔާ އަންނަ ޖުލައި މަހުގެ ތެރޭގައި ފެށޭނެ. މަސައްކަތް ފަށްޓަވައިގެން ކުރިއަށް ގެންދަވާއިރު، އަޅުގަނޑު ދަންނަވަން ބޭނުންވާ ބައެއް ވާހަކަ ހުންނާނެ. މިއަދުވެސް އޭގެތެރެއިން އެއްވާހަކައެއް ދަންނަވާލުމަކީ މުނާސިބު ނޫން ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ، އަޅުގަނޑު އެދެނީ، ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމުގެ މަސައްކަތް، ވެވަޑައިގެން އެންމެ އަވަހަކަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމަވައިދެއްވުން. އެހެން މި ދެންނެވީ، ވޭތުވެދިޔަތާނގެ ތަޖުރިބާއަށް ކުޑަކޮށް ވިސްނާލާއިރު، މީގެކުރިން ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަރްޙަލާގައި، އެކަން ތަންކޮޅެއް ދިގުލައިގެންދިޔަކަން، ތިޔަ ހުރިހާ ބޭފުޅުން ހަނދުމަފުޅު ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޤައުމު އެދެނީ، ތަންކޮޅެއް އަވަހަށް ކަންތައްތައް ބަދަލުވެގެން ހަމަޖެހިގެންދާން. އާދެ، އިޞްލާޙީ ހެޔޮ ބަދަލެއްވިއްޔާ، ލަސްކުރާކަށް ނުޖެހޭނެ. އެހެންވީމާ، އަޅުގަނޑު އެދެނީ، މަޖިލީހުގެ ޖަލްސާތައް ފެށިގެން ކުރިއަށްދާއިރު، މަޖިލީހުގެ ޢިއްޒަތްތެރި ހުރިހާ މެންބަރުންވެސް މިދެންނެވި ނުކުތާއަށް ވިސްނުންފުޅެއް ބެހެއްޓެވުމަށް.
އާދެ، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ، ކުޑަ މަސައްކަތެއް ނޫން. ފަސޭހަ މަސައްކަތެއް ނޫން. އެއީ، ވަރަށްބޮޑު، ވަރަށްދަތި މަސައްކަތެއް. ވަރަށް ގިނަ ވިސްނުމާއި ޚިޔާލާއި ވަގުތު ބޭނުންވާނެ މަސައްކަތެއް. އެހެންވީމާ، ތިޔަބޭފުޅުން މަޝްވަރާ ކުރައްވަމުން ގެންދަވާއިރު، ތިޔަބޭފުޅުންނަށް ފަހަރެއްގައި ބޭނުންފުޅުވެދާނެ ކަމަށްޓަކައި، ބައެއް ކަންތައްތަކާބެހޭ މަޢުލޫމާތު ކަރުދާސްތަކެއް ތައްޔާރުކޮށް، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ފޮނުވަން ގަސްތުކުރާ ވާހަކަވެސް މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން. އާދެ، އެއީ ތިޔަބޭފުޅުން ކަންތައްތަކާ ދޭތެރޭގައި ބަޙުޘް ކުރައްވާއިރު، މި ދަންނަވާ ގޮތަށް ފޮނުވާ މަޢުލޫމާތުތަކުން ފަހަރެއްގައި މައްސަލައަށް އަލިކަމެއް ލިބިވަޑައިގެންފާނެ ކަމަށް ހީކޮށް.
އާދެ، މިއަދުގެ މި އުފާވެރި އަދި މުހިންމު ޖަލްސާގައި، ދެން އަޅުގަނޑު މާގިނަ ވާހަކައެއް ދައްކާކަށް ގަސްތެއް ނުކުރަން. އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، ހަމަ އެންމެ ބަހަކުން. އާދެ، އެއީ މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއް، ތިޔަބޭފުޅުންނަށް ދަންނަވާލުމާއެކުގައި. އާދެ، އެ ބަސްފުޅަކީ، "يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَـٰبِ" (البقرة: ٢٦٩﴾ މާނައީ، "އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޙިކްމަތް ދެއްވައެވެ. އަދި، އެމީހަކަށް ޙިކްމަތް ދެއްވި މީހާއަށް ފަހެ، ގިނަވެގެންވާ ހެޔޮކަން ލިބިއްޖެކަން ކަށަވަރެވެ. ބުއްދީގެ އަހުލުވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ."
އާދެ، އަޅުގަނޑު އެދެނީ، اللهُ سُبْحَانَهُ وَتَعَالَى ތިޔަބޭފުޅުންނަށާއި އަޅުގަނޑަށް ޙިކްމަތް ދެއްވުން. ހެޔޮވިސްނުން ދެއްވުން. ދުރުވިސްނުން ދެއްވުން. އަދި ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނާއި ސަރުކާރާ ގުޅިގެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލެއްވުން. ދިވެހިރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީގެ މަގުގައި އިތުރު ހަރުފަތްތަކަކަށް ވާސިލުވުމުގެ މަގު، އަމާންކަމާއި އޮމާންކަމާއި ޞުލްޙަމަސަލަސްކަމާއެކީގައި އަޅުގަނޑުމެންނަށް އެކަލާނގެ ތަނަވަސްކޮށްދެއްވުން. ހުރިހާވެސް ހެޔޮއެދުމަކާއި ތަހުނިޔާއަކާއި ޝުކުރެއް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.
والسّلام عليكم ورحمـة اللّـه وبركاته.