12 ޖުލައި 2010ވި ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރެއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިޤާނޫނަކީ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި، އަދި އިންތިޚާބުގެ އެންމެހާ އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކޮށްފައިވާ ޤާނޫނެވެ. މިޤާނޫނުގެ ދަށުން ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުތަކަށް ވޯޓްދިނުމުގެ ޙައްޤު ލިބިފައިވާ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ވޯޓްލެވޭނޭ ގޮތަކަށް އިލެކްޝަންސް ކޮމިޝަނުން ވޯޓްލުން އިންތިޒާމު ކުރަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ވޯޓްލެވޭނޭ ގޮތަކަށް ވޯޓްލުން އިންތިޒާމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ވާނެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައިވާ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި، އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެންބަރުން އިންތޚާބު ކުރާއިރު، ދެ އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރާނީ، ކޮންމެ އިންތިޚާބީ ދާއިރާއަކުން ދެ މެންބަރުންނެވެ. އަދި ދެ އިންތިޚާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިޚާބު ކުރާނީ، ކޮންމެ އިންތިޚާބީ ދާއިރާއަކުން ތިން މެންބަރުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 5 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ކޮންމެ ސިޓީ ކައުންސިލެއް އެކުލެވިގެންވާނީ، އެ ސިޓީ ކައުންސިލްގެ އިންތިޚާބީ ދާއިރާތަކުގެ ތެރެއިން ކޮންމެ އިންތިޚާބީ ދާއިރާއަކުން އިންތިޚާބުކުރާ މެންބަރެއް ހިމަނައިގެން އެކުލަވައިލެވޭ މެންބަރުންގެ މައްޗަށެވެ.

ރަށްރަށުގެ ރަށު ކައުންސިލަށް މެންބަރުން އިންތިޚާބު ކުރެވޭގޮތްވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން، ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ތިންހާސް މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 5 މެންބަރުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ ތިންހާހާއި ދިހަހާހާ ދެމެދުގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ހަތް މެންބަރުންނެވެ. ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ދިހަހާސް މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ ނުވަ މެންބަރުންނެވެ. އެހެން ނަމަވެސް، ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަކަށް އިންތިޚާބު ކުރާނީ ތިން މެންބަރުންނެވެ.