بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އެޗް.ޑީ.ސީ.ގެ ހީވާގި މުވައްޒަފުން، މެނޭޖިންގ ޑިރެކްޓަރ، ބޯޑު މެންބަރުން، ވަޑައިގެން ތިއްބެވި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މި ޖަލްސާ ދުރާއި ގާތުން ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ވަރަށް މުހިންމު މާސްޓަރ ޕްލޭނެއް މިތަނުގައި އިފްތިތާޙުކުރެވިގެން މިދިޔައީ. މި މާސްޓަރ ޕްލޭނަކީ، ޙަޤީޤަތުގައި މި ހުޅުމާލޭގައި ސަރުކާރުން ކުރިއަށް ގެންދަން ގަސްތުކުރާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، އަދި ހުޅުމާލޭގެ ދެ ފިޔަވަހި، ތިން ފިޔަވަހި އެކުގައި، ފައިނޭންޝަލް ސެންޓަރާ އެކީގައި ގުޅިލާމެހިގެން، އިންޓަރގްރޭޓަޑް ގޮތެއްގައި ތަރައްޤީ ގެނައުމަށް މަގުފަހިވެގެންދާ މާސްޓަރ ޕްލޭނެއް. ދުރު ރާސްތާއަށް ވިސްނިގެން، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޔަޤީންކުރެވިގެންދާ މާސްޓަރ ޕްލޭނެއް.

އެހެންވީމާ، މި ބުރަ މަސައްކަތް، އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފް ޖަމީލް އަދި ޓީމުގެ ފަރާތުން ކުރެއްވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، މި މާސްޓަރ ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ހުރިހާ ބޭފުޅުންގެ ވިސްނުން އެއްގޮތްކުރައްވައި، ބުރަ މަސައްކަތްތަކެއް ކުރިއަށް ގެންދެވުމަށް. އިރާދަކުރެއްވިއްޔާ ގާތްގަނޑަކަށް ތިން ލައްކައެއްހާ ރައްޔިތުންނަށް ފެންވަރު ރަނގަޅު، ދިރިއުޅުމުގެ ފުރުޞަތުތައް މި ތަނުން ލިބިގެންދާނެ، މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުނީމާ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ނޫނީވިއްޔާ، މާލޭސިޓީ މި ސަރަޙައްދުގައި، ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި، މި ހުޅުމާލެ ބައްޓަން ކުރުމަށް، މި މާސްޓަރ ޕްލޭންގެ ތެރެއިން ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ. ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި މި ތަން ތަރައްޤީކުރުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް. މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ޤާއިމުވެފައިވާ ގޮތަށް، އެއަށް ކޮމްޕްލިމެންޓް ކުރަން، ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ، އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްޤީއަކީ.

މިތަނުގައި އަޅުގަނޑުމެން އިހަށްދުވަހު އިފްތިތާޙުކުރި އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫޢަކީ، މިކަން ޙަޤީޤަތަކަށް ހެދުމުގައި، ޓްރާންސްފޮރމޭޓިވް ބަދަލެއް އިރާދަކުރެއްވިއްޔާ އަންނާނެ ވަރަށް މުހިންމު މަސައްކަތެއް. އެކަމާއެކީ، ތިން ފިޔަވަހި އެކުގައި މި ތަން ތަރައްޤީވެގެންދާނެ ގޮތަށް، ދެންމެ އިފްތިތާޙު ކުރެވުނު ޕްލޭނާ އެއްގޮތަށް، ކަންކަން ދާން އެއީ، އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް.

މިހާރު ފެށިފައިވާ ގެދޮރުގެ މަޝްރޫޢުތަކާއި، ގޯތި ދޫކުރެވިފައިވާ ފަރާތްތަކާއި، އަދި މި ޕްލޭންގެ ދަށުން މިހާރު ގޯތިތައް ހަމަޖެހިފައިވާ ފަރާތްތަކަށް ގޯތިތައް ލިބި، އެ ތަންތަން ތަރައްޤީ ވެގެންދާއިރުގައި، އެންމެ ހިތްހަމަޖެހޭފަދަ މާޙައުލެއްގައި، މި ދެންނެވީ، ކުޑަކުދިން ގޮވައިގެން ނުކުމެ އުޅެލެވޭނެފަދަ މާޙައުލެއްގައި އުޅެވޭނެގޮތް، މިއިން އެބަ ފަހިވެގެންދޭ.

ތޮއްޖެހި، ހާސްކަން ބޮޑުވެފައި އޮންނަ މާޙައުލެއް އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ބޭނުންވާނެ ގޮތެއްނޫން. މާލޭގައި އަދިވެސް އެގޮތް އޮތީ އެގޮތުގައި. އަދިވެސް އަޅުގަނޑުމެން މި ބޭނުންވާ، އޯޕަން ގްރީން ސްޕޭސް އިތުރުވެފައިވާ، ހިތްހަމަޖެހޭ މާޙައުލެއް އަދިވެސް މާލެއަކަށް ނުގެނެވޭ. އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޕްލޭން ކުރެވިފައި އެއޮތީ މެނިފެސްޓޯ ތެރެއިން. ވަޢުދުތަކުގެ ތެރެއިން.

އެހެންނަމަވެސް، އެކަން ކުރުމުގައި، ވަރަށް ގިނަ ކަންތައްތަކެއް ކަޑައްތު ކުރަންޖެހޭ. އެކަން ކުރިއަށްދާއިރުގައި، މި ހުޅުމާލޭގައި ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދަންވާނީ، އޭގެ ފިލާވަޅު ލިބިގެން. އެހެންވީމާ، އެގޮތަށް ކުރިއަށް ގެންދިޔުމަށް މިއިން މަގުފަހިވެގެންދޭ. ފަޅުތެރެއިން ބޮޑު ސަރަޙައްދެއް ބެދިގެންދާގޮތަށް އޮތް އޮތުން ބަދަލުކުރެވިގެން އެބަދޭ، މި ތަނުގައި މި އިފްތިތާޙު ކުރެވުނު ޕްލޭނާ އެކީގައި.

އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ މިއަދު މި ފެށިގެން މި ދިޔައީ، އިރާދަކުރެއްވިއްޔާ، ވަރަށް މުހިއްމު މަސައްކަތަކަށް ވާނޭ ކަމެއް ކަމަށް. ސަރުކާރުން، ހުރިހާ މުއައްސަސާއަކުންވެސް އެއްބާރުލުން ދޭނީ މި ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި، ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި.

އާދެ، ހަމައެއާއެކީގައި، ދެން މިތަނުގައި އިފްތިތާޙު ކުރެވިގެން މިދިޔަ ވެބްސައިޓަކީ، ގުޑް ގަވަރނަންސް އެންޝުއަރ ކުރުމުގައި ހުޅުވައިލެވިގެންދާ ވަރަށް މުހިންމު ދޮރޯއްޓެއް.

ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ ނިޒާމަށް، ނޫނީވިއްޔާ ހިންގުމަށް އެކި ބަދަލުތައް އަޅުގަނޑު އެބަ ގެންނަން. ހިންގާ ބޭފުޅުން ބަދަލުކުރަން. ނޫނީވިއްޔާ ޓީމަށް އެބަ ބަދަލުތައް ގެންނަން. ބޭނުމަކީ ގުޑް ގަވަރނަންސް އެންޝުއަރ ކުރުން. ޓްރާންސްޕޭރަންސީ ޔަޤީންކުރުން. ދެފުށް ފެންނަ، ކޮރަޕްޝަން ނައްތައިލެވިފައިވާ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ކުންފުނިތައް ހިންގުން ޔަޤީންކުރުން. އޭގެ ފުރިހަމަކަން، ނޫނީ އޭގެ ފައިދާ އިރާދަކުރެއްވީތީ، އެޗް.ޑީ.ސީ.އިން މިހާރު މިވަނީ ފެންނަން ފަށާފައި. މި ވެބްސައިޓުން، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަޅުގަނޑުމެންނަށް އަވަސްކުރެވި، އެޗް.ޑީ.ސީ.އިން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ޕްރޮކިއުމެންޓްގެ ތެރެއިން ގެންދާ ކަންކަމުގައި، ދެފުށް ފެންނަކަން ޔަޤީންކުރެވި، ގުޑް ގަވަރނަންސް، ޗެކް އެންޑް ބެލެންސް ނިޒާމު އެބަ ގެނެވޭ.

އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ސަރުކާރުގެ ކުންފުނިތަކާއި، އަދި މިނިސްޓްރީތަކާއި، މުއައްސަސާތައް، ދެފުށް ފެންނަ ގޮތުގައި ހިނގަން. އަޅުގަނޑު ދެންމެ ދެންނެވިފަދައިން، ކޮރަޕްޝަނާ ދުރަށް ދިޔުން. ކޮރަޕްޝަނަކީ އަޅުގަނޑުމެން އެންމެން ހަމަ އެކައްޗެއް ކިޔާފައި، ނޫނެކޭ ބުނާކަމަކަށްވާން. އެއީ، އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގިގެން މީހަކަށް ފުރުޞަތު ދޭނެ ކަމެއްނޫން. ހަމަ ޙަޤީޤަތުގައިވެސް ހުއްޓުމަކަށް ގެންނަން، އެއްވެސް ސުވާލެއްނެތި ބޭނުންވާ ކަމެއް.

އެހެންވީމާ، ސަރުކާރުގެ ކުންފުނިތަކާއި، މުއައްސަސާތަކުން އަޅުގަނޑު އެދެނީ، މިކަމުގައި ހަމަ އަތުކުރި އޮޅާލައިގެން ބުރަ މަސައްކަތްތަކެއް ކުރަން. އަޅުގަނޑުމެންގެ ހިންގުމުގެ ނިޒާމު، ވެރިކަމުގެ ނިޒާމު، ކުންފުނިތައް ހިންގުމުގެ ނިޒާމު، މި ދެންނެވި ވަބާއިން ސަލާމަތްކުރެވުނު ވަރަކުން، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނީ. އަޅުގަނޑުމެން އައިސް މިތިބީ، ޓައީ އަޅައިގެން މަސައްކަތްކުރަން ރައްޔިތުން ބުނެގެން، ހަވާލުކޮށްގެން. ރައްޔިތުންނަށް މި ކަންތައްތައް ކޮށްދެނީ. އަޅުގަނޑުމެންގެ ދިރިއުޅުމަށް ފައިދާއެއްވޭ މުސާރަ ލިބުނީމާ. އެކަމަކު އެ ހޯދާ މުސާރައަކީ، އާމްދަނީއަކީ ހެޔޮގޮތުގައި، ހޯދާ އެއްޗަކަށް ވާންޖެހޭ. އެއިން ބޭރުން ކަންތައްތައް ލިބިގަންނަން އޮންނަ ފުރުޞަތަކަށް އެ ވެގެން ނުވާނެ.

އެހެންވީމާ، ރަނގަޅު ހިންގުމުގެ ނިޒާމެއްގެ ތެރެއިން، ދެފުށް ފެންނަ ގޮތެއްގައި، އިޚްލާޞްތެރި ޚިދުމަތެއް ކުރުމުގައި، ކުރިއަށްދިޔުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް، މަސްއޫލިއްޔަތެއް. އެހެންވީމާ، އެޗް.ޑީ.ސީ.އިން މި ކުރާ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ބަލައިގަންނަން، އުފާކުރަން. އަދި ސަރުކާރުގެ ޙިއްޞާ އޮންނަ، އަދި ސަރުކާރުގެ 100 ޕަސެންޓް ކުންފުނިތައް، އެސް.އޯ.އީ.ތަކުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުރިއަށް ގެންދަން މިހާރު ފަށާފައިވާ މަސައްކަތްތައްވެސް އަޅުގަނޑު ބަލައިގަންނަން. މިނިސްޓްރީތަކުންވެސް ކުރިއަށްވުރެ އެތައް ގުނައެއް މިހާރު މި ދެންނެވި މަގުން ކަންތައްތައް ފުރިހަމަކުރަމުން އެ ގެންދަވަނީ.

އެހެންވީމާ، މި ގޮތުގައި އެންމެން ގުޅިގެން ކުންފުނިތަކާއި، މިނިސްޓްރީތަކާއި، ސަރުކާރުގެ އެކިއެކި މުއައްސަސާތައް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، ދެފުށް ފެންނަ، ހިންގުންތެރި، ގުޑް ގަވަރނަންސް ޔަޤީންކުރެވިގެން ދިޔުން.

އާދެ، އަދިވެސް އެއްފަހަރު އަޅުގަނޑު މިކަމުގައި އެޗް.ޑީ.ސީ.އިން ހުޅުމާލޭގެ ރައްޔިތުންނަށް، އަދި މި ސިޓީ ތަރައްޤީކުރުމުގައި، މާލޭސިޓީގެ މި ހުޅުމާލެ ތަރައްޤީކުރުމުގައި، ތިޔަ ކުރައްވާ މަސައްކަތުގައި ހަމަ ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ސަރުކާރުން ރައްޔިތުންނަށް ހުޅުމާލޭގައި ކުރިއަށްގެންދަން އަޅުގަނޑު ވެފައިވާ ވަޢުދުތައް ފުއްދުމުގައި، އެޗް.ޑީ.ސީ.ގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އިރާދަކުރެއްވިއްޔާ ކަންކަން ފަހިވެގެންދާނެ. މި ސަރަޙައްދުގައި އަދި ހުރިހާ ފިޔަވަހިތަކެއްގައި.

މިހާރު ހިނގަމުންދާ ބިން ހިއްކުން ފޭސް 3 ގައި ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތްވެސް އެއޮތީ. މި ޕްލޭނާ އެކީގައި ކުރިއަށްދާނެ. ހިޔާ ސަރަޙައްދުގެ ފްލެޓްތަކުގައި ލިފްޓް ބެހެއްޓުމުގެ ވަޢުދު، އަޅުގަނޑުގެ އެ ވަޢުދުވެސް އެދަނީ ފުދެމުން. އިތުރު ލިފްޓްތައް، 32 ލިފްޓް ބެހެއްޓުމުގެ މަޝްރޫޢުގެ ތެރެއިން، ފަހަރަކު ލިފްޓެއް، ނޫނީވިއްޔާ ބައިބަޔަށް ބަހައްޓައި ނިމި، ބޭނުންކުރަން ފެށުމުގެ މަރުޙަލާއަށް މިހާރު އެވަނީ ގެންދެވިފައި. އަޅުގަނޑަށް އެންމެފަހުން އެމް.ޑީ. ދެއްވި މަޢުލޫމާތުގެ އަލީގައިވެސް ދެންނެވޭނީ، މި އަހަރުގެ ތެރޭގައި ހުރިހާ ލިފްޓެއްވެސް ބެހެއްޓި ބޭނުންކުރަން ފެށޭނެއޭ.

އެހެންވީމާ، ވީ ހުރިހާ ވަޢުދެއް، އަޅުގަނޑުމެން އެޗް.ޑީ.ސީ.އާއި، ސަރުކާރުގެ މުއައްސަސާތައް އެކީގައި ކުރިއަށް ގެންދެވި، މި ހުޅުމާލެއަކީ ރައްޔިތުން ހިތްހަމަޖެހޭފަދަ މާޙައުލެއް ކަމަށް ވެގެންދާނެ.

އަދިވެސް އެއްފަހަރު، ތިޔަ ހީވާގި ހުރިހާ މުވައްޒަފުންނާއި، ވެރިން، އެޗް.ޑީ.ސީ.ގެ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު ދަންނަވަމުން އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.