ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގެ މުއްދަތު، އަންނަ އާދީއްތަ ދުވަހު ހަމަވާނެއެވެ. އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ވަގުތަކީ، އާދީއްތަ ދުވަހުގެ މެންދުރުފަހު 3.00އެވެ.

ޤައުމީ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޤައުމީ އިނާމުގައި ހިމެނެނީ ދެ ގިންތިއެކެވެ. އެއީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާނީ، ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތްކޮށްފައިވާ ފަރާތްތަކަށެވެ. ޝަރަފުގެ ޤައުމީ އިނާމު ދެއްވުމުގައި ދިގު މުއްދަތުކަމަށް ބައްލަވަނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 25 އަހަރު ޚިދްމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 5 އަހަރުވެފައި، އެ ދާއިރާގެ ޚިދްމަތުގައި އެކު ޖުމުލަ 25 އަހަރުވުމެވެ. މުއައްސަސާއަކުންނަމަ، ހިތްވަރުދިނުމުގެ އިނާމު ލިބުނުތާ 10 އަހަރު ވެފައި، ޚިދްމަތުގައި އެކު ޖުމުލަ 30 އަހަރު ވުމެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވާނީ، އެކަށީގެންވާ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ޚިދްމަތް ކުރަމުން ގެންދާ ފަރާތްތަކަށެވެ. އެކަށީގެންވާ މުއްދަތެއް ކަމުގައި ބައްލަވާނީ، ވަކި ފަރުދެއްނަމަ، އެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ޚިދްމަތް ކުރުމެވެ. އަދި މުއައްސަސާއަކުންނަމަ، ޚިދްމަތް ދިނުމުގައި މަދުވެގެން 10 އަހަރުވުމެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ. ފައިސާގެ އިނާމެއް ނުދެއްވާނެއެވެ.
ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވަން ޖެހެނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސް ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލެއްވީ، މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 4 ބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 10 ބޭފުޅަކަށާއި، ކުންފުންޏަކަށާއި، ކޮލެޖަކަށާއި، ޖަމްޢިއްޔާއަކަށެވެ.

މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.