بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، އަޅުގަނޑުގެ ވާހަކަ ފެށުމުގައި، ދެންމެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އެ ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އޭނާއަށާއި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގައި ފުލުހުންގެ މަދަނީ އިދާރާއެއް ޤާއިމުކުރެވި، އެ ޚިދުމަތް މިއަދު އިފްތިތާޙުކުރެވޭ މި މުހިންމު ޤައުމީ މުނާސަބަތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ޒާހިރަށާއި، ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރަށާއި، ފުލުހުންގެ އިސް ރޭންކްތަކުގައި ތިއްބެވި ބޭކަލުންނަށާއި، ރާއްޖޭގެ ހުރިހާ ފުލުހުންނަށް އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަން.

އާދެ، ސިފައިންނާއި ފުލުހުން މިއަދުން ފެށިގެން ދެ މިނިސްޓްރީއެއްގެ ދަށަށްދިޔަ ކަމުގައިވިޔަސް، އެ ދެބައިމީހުންނަކީ އަބަދުވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭނެ ބައެއް. ރާއްޖޭގައި ސިފައިންނާއި ފުލުހުންނަކީ ޒަމާނުއްސުރެ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސްފައިވާ ބައެއް. އެހެންކަމުން، މިއަދު ދެ ފުރާޅެއްގެ ދަށަށް ދެބައިމީހުން ދިޔަކަމުގައިވިޔަސް، އެ ދެބައިމީހުންނަކީ ޒަމާނުއްސުރެ އެ ދެބައިމީހުންގެ މެދުގައި އޮތް އުޚުއްވަތްތެރިކަމުގެ ގުޅުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުމަށް ދުވަހަކުވެސް ބަދަލު އަންނާނެ ބައެއްނޫން. މިއަދުން ފެށިގެން ކުރިޔަށް އޮތް ތާނގައިވެސް، ހަމަ މި ވޭތުވެދިޔަ ދުވަސްތަކެކޭ އެއްފަދައިން، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން އަންނާނީ އެކުވެރިކަމާއި އެއްބަރުލުމާއެކީގައި. އުޚުއްވަތްތެރިކަމުގެ ރޫޙުގައި. އެ ދެބައިމީހުން ގުޅިގެން މަސައްކަތް ކުރުމަކީ، ޝައްކެއްނެތްގޮތުގައި، ދިވެހި ޤައުމުގެ އަމަންއަމާންކަމާއި، ސަލާމަތާއި، މަޞްލަޙަތު އޭގައި ހަމަޖެހިފައިވާ ގޮތް.

އާދެ، މިއަދު މިއައި ބަދަލުގެ ސަބަބުން، ސިފައިންނާއި ފުލުހުންގެ މަސްއޫލިއްޔަތާއި ޒިންމާ ވަކިވެ، އެ ދެބައިމީހުންގެވެސް ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ. އަދި އެ ދެބައިމީހުންގެ ޤަދަރު، ރައްޔިތުންގެ ކުރިމަތީގައި އުފުލިގެންދާނެ.

އާދެ، އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، މިއަދު ސިފައިންނާއި ފުލުހުން ދެފުރާޅެއްގެ ދަށަށްދިޔަޔަސް، ދެބައެއްގެ ގޮތުގައި ހަމަޖެހިގެންދިޔަޔަސް، އެއްވެސް ބަޔަކަށް މިހާތަނަށް ލިބެމުން އައިސްފައިވާ އަދި ކުރިއަށް އޮތް ތާނގައި ލިބެމުންދާނެ ޢިނާޔަތްތަކަކަށް އެއްވެސް އުނިކަމެއް ނާންނާނެކަން.

އާދެ، ފުލުހުންގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއް. އެކަމާ ބެހޭގޮތުން މިއަދު އަޅުގަނޑު މާގިނަ ވާހަކަތަކެއް ނުދައްކާނަން. ދެންމެ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި، އެވާހަކަ ވަރަށް ރަނގަޅަށް ވިދާޅުވެދެއްވައިފި. ފުލުހުންނަކީ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައި މަސައްކަތް ކުރަންޖެހޭ ބައެއް. އެހެންވީމާ، އަޅުގަނޑު އެދެނީ، ދިވެހި ރައްޔިތުންވެސް ފުލުހުންނާ ގުޅިގެން، ފުލުހުންގެ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމުގައި ފުލުހުންނަށް އެހީތެރިވެދެއްވުން.

އާދެ، ސިފައިންނާއި ފުލުހުންނަކީ، ވަކި ދެބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވައި އަދި މިކަމާ ގުޅިގެން އެކި ގޮތްގޮތުން މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި އިދާރީ ހިންގުމާބެހޭ، ވަޒީރުންގެ ދާއިމީ ކޮމިޓީގެ ބޭފުޅުން ހިމެނޭ. އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެރިން ހިމެނޭ. ޚާއްޞަކޮށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުގައި މިއަދާ ޖެހެންދެން ހުންނެވި އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރާއި، ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރާއި، ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރާއި، ސިފައިންނާއި ފުލުހުންގެ އިސް އޮފިސަރުން ހިމެނޭ. އެހެންވީމާ، މި ހުރިހާ ބޭފުޅުންނަށް، އެ ބޭފުޅުން އެ ކޮށްދެއްވި ބުރަ މަސައްކަތްތަކަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން މި ކުރިމަތިލާ ބަދަލުތަކަކީ، ވަރަށް ކުރިއްސުރެ އަޅުގަނޑު ނިންމާފައިވާ ބަދަލުތަކެއް. އަދި މިދިޔަ އަހަރު ރިޔާސީ އާ ދައުރަކަށް އަޅުގަނޑު އިންތިޚާބުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު ގެނައުމަށް ޚިޔާލުކޮށްފައިވާ ބަދަލުތަކެއް. އެހެންނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް އައުމުގެ ކުރިން އަޅުގަނޑުމެންނާ ބައްދަލުކުރީ، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހާއި، 20 ވަނަ ދުވަސް. އެ ދެދުވަހު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ފެނިގެންދިޔަ ހިތާމަވެރި ޙާދިޘާތަކުގެ ސަބަބުން، މި ބަދަލުތައް ގެނައުމަށް އެންމެ އެކަށީގެންވާ ފުރުޞަތަކީ އެއީ ނޫންކަން އަޅުގަނޑަށް ވިސްނުނު. އެހެންވީމާ، މިއަދު މި ގެންނަން ފެށުނު ބަދަލުތައް ގެނައުން އަޅުގަނޑު ލަސްކޮށްލީ. އެއީ، އެކަމަށް އެންމެ އެކަށީގެންވާ ފުރުޞަތު އަންނަންދެން.

އާދެ، އަޅުގަނޑު ދުށްގޮތުގައި މިއަދު މިވަނީ އެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިފައި. ސެޕްޓެމްބަރު 19 އާއި 20ގެ ޙާދިޘާގެ ހިތާމަވެރި ކަންތައްތަކުން އަޅުގަނޑުމެންނަށް ހިންދެމިލެވޭނެ ވަގުތުކޮޅެއް މިހާރުވަނީ ފެނިފައި. އަދި ޤައުމުގެ އިޞްލާޙާއި ތަރައްޤީގެ މަގުގައި އަޅަންހުރި ފިޔަވަޅުތައް އެޅުމަށް އެކަށީގެންވާ ފުރުޞަތު މިހާރު އަތުވެއްޖެ ކަމަށް އަޅުގަނޑަށް ފެނުނީ. އެހެންވީމާ، މި ބަދަލުތައް އައުން ގާތްގަނޑަކަށް ދިހަވަރަކަށްމަސް ލަސްވުމަށްފަހުގައި، މިއަދު މާތްﷲގެ ވާގިފުޅާއި، އެކަލާނގެ މަދަދާއި ތައުފީޤާ އެކީގައި އިރާދަކުރެއްވީތީ މި ފެށުނީ.

އާދެ، މި މުނާސަބަތުގައި ދަންނަވާލަން ބޭނުންވާ ދެ ވާހަކައެއް އެބައޮތް. އާދެ، އެއްވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް މިހާރުވަނީ ބޭނުންވެފައިކަން ޔަޤީންކުރެވުނުހިނދު، ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތްތައް މިހާރު މިވަނީ ފެށިފައޭ ދަންނަވާލުން. އާދެ، އެކަމަށް ބޭނުންވާ ކަންތައްތައް ވަނީ ކޮށް ނިމިފައި. ރައްޔިތުންގެ ޚާއްޞަ މަޖިލިސް ވަނީ އިންތިޚާބު ކުރެވިފައި. ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ވަނީ ފެށިފައި. އެހެންނަމަވެސް، ދިމާވި ކަންތައްތަކާ ގުޅިގެން، މަޖިލީހުގެ ފުރަތަމަ ޖަލްސާ މެދުކެނޑުމަށްފަހުގައި އަލުން އަދި ވަނީ ނުފެށި. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާތްﷲގެ ވާގިފުޅާއެކީގައި އަޅުގަނޑުމެން މިތިބީ އިޞްލާޙަށް ކުރިމަތިލާފައޭ. އެހެންވީމާ، މި އިޞްލާޙުތައް އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަންނަން ފަށާނެއޭ.

އާދެ، ޤައުމަށް ގެންނަންޖެހޭ އިޞްލާޙުތަކަކީ ހަމައެކަނި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ނޫން. އޭގެއިތުރުން، އަޅުގަނޑުމެންގެ ސިޔާސީ އޮނިގަނޑަށްވެސް ބައެއް ބަދަލު އަންނަންޖެހޭ. އާދެ، ޒަމާނާ އެކަށީގެންވާ ގޮތުގައި، ކޮންމެ މަރުޙަލާއެއްގައިވެސް ކުރަންޖެހޭ މަސައްކަތްތަކަކާއި، އަދާކުރަންޖެހޭ ޚިދުމަތްތަކެއް ހުންނާނެ. އެހެންވީމާ، އެކިއެކި މަރުޙަލާ އައުމުން، އެ މަރުޙަލާތަކަށް އަޅުގަނޑުމެން ޖެހޭނެ ތައްޔާރުވާން. އެ މަރުޙަލާތަކުގައި އެންމެ އެދެވޭ، އެންމެ ބިނާކުރަނިވި، އެންމެ އުފެއްދުންތެރި އަދި ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި ކަންތައްތައް ކުރަމުން ގެންދެވޭނީ ކިހިނެއްތޯ ރާވައި ބަލަން އެބަޖެހޭ. އަދި އެކަން ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި އަންނަންޖެހޭ ބަދަލުތަކަކާއި، އިޞްލާޙުތަކެއްވެސް ހުންނާނެ. އެގޮތުން، މިއަދު ވަޒީރުންގެ މަޖިލީހަށްވެސް ބައެއް ބަދަލު މިހާރުވަނީ އައިސްފައި. އޭގެތެރޭގައި އެއްބަދަލަކީ، އަޅުގަނޑާ ހަމައިން ފެށިގެން އައި ބަދަލެއް. އާދެ، އަޅުގަނޑު މިއަދާ ޖެހެންދެން މިހުރީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމުގައި. އެކަމަކު މިއަދު އަޅުގަނޑު އެ މަގާމު ދޫކޮށްލައި، އެ މަގާމު އެހެން ބޭފުޅަކާ ޙަވާލުކޮށްފިން. އެ ބޭފުޅަކީ، މިނިސްޓަރ އިސްމާޢީލް ޝަފީޢު. ހަމައެހެންމެ، މިއަދާ ޖެހެންދެން އަޅުގަނޑު ހުރީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައި. އެހެންނަމަވެސް، އެ މަގާމުވެސް މިއަދުން ފެށިގެން އަޅުގަނޑު ދޫކޮށްލައިފިން. އެ މަގާމަށް އަޅުގަނޑު ހަމަޖެއްސީ، އަލްފާޟިލް މުޙަންމަދު ޖަލީލް. އޭގެއިތުރުން، މިއަދު މި ގެނެވުނު ބަދަލުތަކާ ގުޅިގެން، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަގާމަށްވެސް ބަދަލެއް ގެންނަންޖެހުނު. އާދެ، އެ މަގާމަށް އަޅުގަނޑު ޢައްޔަންކުރީ، އަލްފާޟިލް ޢުމަރު ޒާހިރު.

އާދެ، މިގޮތަށް ހަމަޖައްސަން މިޖެހުނީ، ސިފައިންނާއި ފުލުހުންނަކީ، ދެބައިކަމުގައި ހަމަޖެހި، ދެ މިނިސްޓްރީއެއްގެ ދަށަށް ދިޔުމާއެކީގައި، އޭގެތެރެއިން ކޮންމެ މިނިސްޓްރީއެއްވެސް ހިންގަވަން ހުންނަވާ އިސްބޭފުޅަކީ، ސަރުކާރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ހަރުބޭފުޅަކަށް ވާންޖެހޭތީ. ޝައްކެއްނެތް، އަލްފާޟިލް ޢުމަރު ޒާހިރަކީ، އަޅުގަނޑު ހަނދާންވާގޮތުގައި، ސަރުކާރަށް 48 އަހަރު މިހާރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އަދި ވަޒީރުކަމުގައިވެސް 20 އަހަރު މިހާރު ވޭތުކުރައްވާފައިވާ ބޭފުޅެއް. އިސްމާޢީލް ޝަފީޢަކީ، އަޅުގަނޑު ހަނދާންވާގޮތުގައި، 26 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ އަދި މިނިސްޓަރު ކަމުގައިވެސް ވަރަށް ގިނަ ދުވަހު (ސާދަވަރަކަށް އަހަރު) ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމާ، އެ ދެބޭފުޅުންނަކީ ހުރިހާގޮތަކުން ބަލާއިރުވެސް މިއަދު އެ ހަވާލުވެވަޑައިގެންނެވި ދެމަގާމަށް ވަރަށް ޤާބިލް، ވަރަށް އެކަށީގެންވާ، ވަރަށް ހަރު އަދި ގިނަ މީހުންގެ އިތުބާރާއި ލޯބި ލިބިވަޑައިގެންފައިވާ ދެބޭފުޅުން. އަޅުގަނޑު ޝައްކެއްނުކުރަން، އެ ދެބޭފުޅުން އެ ދެބޭފުޅުންގެ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދަވާނެކަމާ ދޭތެރޭގައި.

އާދެ، ދެން ދަންނަވާލަން އޮތީ މިއަދު މިއައި ބަދަލުތަކުގެ ތެރޭގައި އަނެއް ބަދަލަކީ، 26 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، ސިފައިންނާއި، ޑިފެންސް މިނިސްޓްރީއަށް ވަރަށް ގިނަގުނަ އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކު، އޭނާގެ އަމިއްލަ އެދިވަޑައިގަތުމަކަށް އެ މަގާމުން ވަކިވެވަޑައިގެންނެވި ގެންނެވުން. އާދެ، މި ދަންނަވަނީ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރުގެ ވާހަކަ. އޭނާއަކީ މި ދެންނެވި 26 އަހަރު ދުވަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށާއި އަދި ސިފައިންގެ ތެރެއަށާއި އަދި ފުލުހުންނަށްވެސް ގިނަގުނަ އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އޭނާ މިއަދު އެ މަގާމުން އެ ވަކިވެވަޑައިގަންނަވަނީ، އަމިއްލައަށް އެގޮތުން ބޭނުންފުޅުވެގެން. އެހެންކަމާއެކުގައި، އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އަދި މިއަދުން ފެށިގެން އޭނާ މި ހަމަޖެހިވަޑައިގަތީ ސަފީރުކަމުގެ މަގާމަށް. އޭނާ ހުންނަވާނީ، މިހާރުވެސް އެ ހުންނެވި ފަދައިން، ހަމަ ވަޒީރުކަމުގެ ފެންވަރުގައި. ވަޒީރަކަށް ލިބިވަޑައިގަންނަވާ ހުރިހާ ޢިނާޔަތްތަކެއް ލިބިވަޑައިގަންނަވާ ގޮތުގައި. އޭނާ މިއަދު އެއް މަގާމު ދޫކޮށްލައްވާފައި، އަނެއް މަގާމަށް އެ ވަޑައިގަންނަވަނީ ޝަރަފްވެރިކަމާއެކީގައި. ޢިއްޒަތާއި އަބުރާއެކީގައި. އެހެންވީމާ، މި ފުރުޞަތުގައި، އެ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އޭނާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

އާދެ، ވަޒީރުންގެ މަޖިލީހަށް މިއަދު އަންނަން މި ފެށި ބަދަލުތައް މިހާހިސާބުން އަދި ނިމުނީކީ ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ބަދަލު އަޅުގަނޑު ގެންނާނަން. އަޅުގަނޑުގެ ބޭނުމަކީ، ޤައުމަށް ފައިދާހުރި އަދި ޤައުމަށް މި މަރުޙަލާއަށް އެންމެ ބޭނުންވާގޮތަށް ކަންތައްތައް ގެންދިޔުމަށް މަގުފަހިކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އެހެން ބައެއް ބަދަލު އަންނަ ތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އާދެ، ދެން ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑު މިއަދު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ދޫކޮށްލިޔަސް، ޤާނޫނުއަސާސީ ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާ ވާންޖެހެނީ، ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާކަމަށޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ މަގާމުގައި އަޅުގަނޑު މާތްﷲގެ ވާގިފުޅާއެކު ދެމިހުންނާނަން. އެހެންވީމާ، އެގޮތުން އަދިވެސް ސިފައިންނާއި ފުލުހުންނާބެހޭ ކަންތައްތައް ހިނގަމުންދާނީ އަޅުގަނޑުގެ ބެލުމުގެ ދަށުން. އަދި އަޅުގަނޑަށް ޚިޔާލުކުރެވޭ ގޮތްތައް، އެ ދެ މިނިސްޓްރީއާ ހަވާލުވެވަޑައިގެން ތިއްބެވި ދެ މިނިސްޓަރުންނަށް ދަންނަވައިގެން، އެގޮތުގެމަތިން ކަންތައްތައް ހިނގަމުންދާނީ. އެހެންވީމާ، އެކަމަކަށް އެއްވެސް ބަދަލެއް ނާންނަ ވާހަކަ ދަންނަވާލަން. އިރާދަކުރެއްވިއްޔާ، ދިވެހި ރައްޔިތުންވެސް އެގޮތުގެމަތިން މިކަން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑު ހުންނާނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގައި. ދިވެހި ރައްޔިތުން އިންތިޚާބު ކުރެއްވި މަގާމުގައި، އިރާދަކުރެއްވިއްޔާ މާތްﷲގެ މިންވަރުފުޅުގައިވާ ގޮތެއްގެމަތިން ދެމިހުންނަށް ގަސްތުކޮށްފައިވަނީ. ހަމައެހެންމެ، ސިފައިންނާއި އަދި ފުލުހުންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައިވެސް އިރާދަކުރެއްވިއްޔާ، މާތްﷲ މިންވަރުކުރެއްވި ގޮތެއްގެމަތިން ހުންނަން ގަސްތުކޮށްފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުމާއި އަދި ކަންތައްތައް ކުރުމުގެ ހިތްވަރާއި ފަންވަރާއި ތައުފީޤު ދެއްވުން. ދިވެހިރާއްޖެއަށް އަބަދުވެސް ހުރިހާވެސް ހަމަޖެހުމަކާއި ކުރިއެރުމަކާއި ތަރައްޤީއެއް އެކަލާނގެ މިންވަރުކުރެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ހިދާޔަތުގައި އަބަދުގެ އަބަދަށް ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލައްވައި، އަޅުގަނޑުމެންނަށް އެކަލާނގެ މަދަދާއި ތައުފީޤު އަބަދުވެސް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.