بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربِّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وعلى آلـه وصحـبه أجمعـين.
އާދެ، މިއަދު ނިމިގެންމިދާ، ''ދިވެހި ޒުވާނުން 92'' ނުވަތަ ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއަކީ، ދިވެހި ޒުވާނުންގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަވެގެންދާނެ ޖަލްސާއެއް. މި ޖަލްސާއިން ފާސްކުރެއްވި ޤަރާރާއި، އެ ޤަރާރުގައިވާ މައިގަނޑު އުޞޫލުތަކުގެ އަލީގައި ފާސްކުރެއްވި ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢާ، މި އެއްޗިއްސަކީ ޝައްކެއްނެތްގޮތުގައި، އޭގެ އަސަރު އަޅުގަނޑުމެންގެ ޤައުމީ ޙަޔާތަށް ވަރަށް ބޮޑަށް ފޯރާނެ ޤަރާރަކާއި އަދި ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެއް. ޒުވާނުންގެ ޤަރާރު ތިޔަބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުވެސް ދެންމެ އަހައިފިން. ޝައްކެއްނެތް، އެއީ ވަރަށް މުހިންމު ޤަރާރެއް. ވަރަށް ފުރިހަމަ ޤަރާރެއް. ޒުވާނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް އަދި ޒުވާނުންނަކީ ޤައުމަށް ފައިދާހުރި އަދި ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތުގައި ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރާނެ ބަޔަކަށްވުމަށްޓަކައި، ވަރަށް ބޭނުންތެރި އުޞޫލުތަކެއް، މައިގަނޑުތަކެއް ކަނޑައެޅިފައިވާ ޤަރާރެއް އެއީ. އެ ޤަރާރަށް ޢަމަލީ ސިފަ އަތުވެއްޖެނަމަ، އަޅުގަނޑުވެސް ދަންނަވާނީ، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ޒުވާނުންގެ މަންދޫބު އަލްފާޟިލް ޢަލީ އާދަމް އެވިދާޅުވިފަދައިން، އަޅުގަނޑުމެންގެ ޒުވާނުންނަށް ވަރަށް ބޮޑު ކުރިއެރުމެއް އޭރުން އޮންނާނީ ލިބިފައި. އާދެ، އަޅުގަނޑުމެންގެ ޒުވާނުންނަށް އެކަންޏެއްނޫން. ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށްވެސް އޮންނާނީ ވަރަށް ބޮޑު ތަރައްޤީއެއް އައިސްފައި.
މި ޤަރާރުގައި ދޫކޮށްލައްވާފައިވާ އެއްވެސް ކަމެއް ނެތޭ އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، ޤަރާރު ބަލާލައި، އެއާދޭތެރޭގައި ފުންކޮށް ވިސްނާލުމަކަށް މާބޮޑު ފުރުޞަތެއް އަދި އަޅުގަނޑަކަށް ނުލިބޭ. އެހެންނަމަވެސް، ދެންމެ ޤަރާރު އިވިގެން ދިޔަދިޔުމުގައި ހުރިހާ ބާވަތެއްގެ މުހިންމު ކަންތައްތައް އޭގައި ހިމެނިފައިވާކަން އަޅުގަނޑަށް އިޙްސާސް ކުރެވުނު. އާދެ، ދިވެހި ޒުވާނުންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ޤާއިމުވެތިބޭ ބަޔަކަށްވުމަށާއި، ދީނުގެ ރިވެތި އުޞޫލުތައް ދަމަހައްޓާ ބަޔަކަށްވުމަށް، އެ ޤަރާރުގައި ބާރު ދީ ނަޞޭޙަތްތެރިވެ، އިރުޝާދު ދީފައިވޭ. ހަމައެފަދައިން، ދިވެހި ޒުވާނުންނަކީ، ޤައުމުދެކެ ލޯބިވާ، ޤައުމިއްޔަތުގެ އަގު ވަޒަންކުރާ، ޤައުމީ ރޫޙު އާލާކޮށް ދިރުވައި ދަމަހައްޓާ ބަޔަކަށްވުމަށްވެސް އެ ޤަރާރުން ބާރުއަޅައި ހިތްވަރުދީފައިވޭ. ޤައުމުގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމާއި، ރާއްޖެއަށް ދިމާވާ ކޮންމެ ނުރައްކަލަކުން ރާއްޖެ ދިފާޢުކުރުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށްވުމާއި، ޢިލްމީގޮތުން ކުރިއަރާފައިވާ ޤާބިލް ބަޔަކަށްވުމާއި، މަސައްކަތްތެރި އަދި ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ބަޔަކަށްވުމާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގައި މުހިންމު ޙިއްޞާއެއް އަދާކުރާނެ ބަޔަކަށްވުމާއި، މިހެންގޮސް ޒުވާނުން އަހަންމިއްޔަތު ދޭންޖެހޭ ހުރިހާ ކަމެއް، މި ޤަރާރުގައި ހިމެނިފައިވާކަމަށް އަޅުގަނޑަށް ވިސްނޭ.
އާދެ، ދެންއޮތީ އެންމެ މުހިންމު ބައި. އެއީ ޤަރާރަށް ޢަމަލުކުރުން. ޒުވާނުންގެ ފަރާތުން އަޅުގަނޑުގެ ކިބައިން ދެންމެ އެ އެދިވަޑައިގަތީ، މި ޤަރާރަށް ޢަމަލީ ސިފަ ގެނެސްދިނުމަށް. އާދެ، އަޅުގަނޑު ދަންނަވަން އޮތްހާވެސް އެއްޗަކީ، މި ޤަރާރަކީ އަދި އޭގެދަށުން އުފެދިފައިވާ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢަކީ، ހަމައެކަނި އެއަށް ސަރުކާރުން ނުވަތަ ސަރުކާރުގެ ވަކި މަޤާމެއްގައި ހުންނަ މީހަކު ޢަމަލުކުރުމަށް ފާސްކުރައްވާފައިވާ ޤަރާރެއް ނޫނޭ. އަދި ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެއްވެސް ނޫނޭ. މި ޤަރާރަކީ، އަދި އޭގެ ޢަލީގައި ފާސްކުރައްވާފައި އެވާ ދިވެހި ޒުވާނުންގެ ތަރައްޤީއަށްޓަކައި ކަނޑައެޅިފައިވާ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢަކީ އެއަށް ޤައުމުގެ އެންމެން، މުޅި މުޖުތަމަޢު ޢަމަލުކުރަންޖެހޭނެ ޤަރާރަކާއި، ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެކޭ. އެހެންކަމުން، އަޅުގަނޑަށް ޔަޤީންކަން އެރުވެން އޮތީ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން މި ޤަރާރަށް ޢަމަލީ ސިފަ ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގައި އެއްވެސް ފޫހިކަމެއްނެތި، ވަރުބަލިވުމެއްނެތި، ކުރިއަށްދާނެ ކަމުގެ ޔަޤީންކަން. ހަމައެއާއެކީގައި، ސަރުކާރުގެ އެހެން ފަރާތްތަކުންވެސް ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށް ބާރުއެޅުމުގައި ވަރަށް ޚާއްޞަގޮތެއް ބަހައްޓާނެކަމުގެ ޔަޤީންކަން. އޭގެ އިތުރުން، އެހެން ފަރާތްތަކުން ކުރައްވަން ހުރި ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑަކަށް މާބޮޑު އެއްޗެއް ދެންނެވޭކަށެއް ނޯންނާނެ. އަޅުގަނޑު ހިތުން އެއިން ކޮންމެ ފަރާތަކުންވެސް މި ޤަރާރުގައި، އެ ފަރާތަކާ ބެހޭގޮތުން ވާކަމަކަށް ފުރިހަމަ އަހަންމިއްޔަތު ދެއްވައި، އެއަށް ޢަމަލީ ސިފަ ގެންނަވައިފިއްޔާ ޝައްކެއްނެތް، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކާމިޔާބީއަކާ ހަމައަށް ދެވޭނެ.
އާދެ، ކުރިންވެސް ދެންނެވިފަދައިން، މި ޖަލްސާ ހިމެނިގެންދާނީ ވަރަށްވެސް ތާރީޚީ އަދި މުހިންމު ޖަލްސާއަކަށް. ހަމައެފަދައިން، މި ޖަލްސާގައި މި ފާސްކުރެވުނު މައިގަނޑު އުޞޫލުތަކާއި އަދި ޢަމަލީ ފިޔަވަޅުތައް ހިމެނިގެންދާނީވެސް ވަރަށްވެސް މުހިންމު އަދި ތާރީޚީ ޤަރާރަކަށާއި އުޞޫލުތަކަކަށްވެގެން. މި ޖަލްސާ މިހާ ކާމިޔާބުގޮތެއްގައި ގެންދެވުނީ ޝައްކެއްނެތްގޮތުގައި، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަކުން އެއްބާރުލައްވައިގެން، ވަރަށް މަތިވެރި ޤައުމީ ރޫޙެއްގައި މަސައްކަތް ކުރައްވައިގެން. އެހެންކަމުން، މި ޖަލްސާގެ ހުރިހާ ބައިވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ މިއަދުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.
އާދެ، ޖަލްސާގައި ބައިވެރިވެވަޑައިގަތީ ވަރަށް ގިނަ ފަރާތްތަކަކުން. އަތޮޅުތަކުގެ މަންދޫބުން، އެކިއެކި ޖަމާޢަތްތަކުގެ މަންދޫބުން، ސަރުކާރުގެ ފަރާތްތައް. އެހެންގޮސް ޒުވާނުންނާ ބެހޭގޮތުން ޙަރަކާތްތެރިވަމުންދާ ނުވަތަ ޙަރަކާތްތެރިވާންޖެހޭ ހުރިހާ ދާއިރާއެއްގެ ފަރާތުން މަންދޫބުންވަނީ، މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވާފައި. އެ ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލެއްވުމާއެކީގައި، މި ޖަލްސާ މިހާ ކާމިޔާބު ޖަލްސާއަކަށް ވެގެން މިދިޔައީ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޖަލްސާގައި ޚިޔާލު ބަދަލުކުރެއްވިއިރު، ހުރިހާ މަންދޫބުންވެސް ވަރަށް ޞަރީޙުކޮށް ވަރަށް މިނިވަންކަމާއެކު، ޚިޔާލުފާޅުކުރައްވަމުން ގެންދެވި. އަދި އެ ޚިޔާލުފާޅުކުރައްވަމުން ގެންދެވީ، ވަރަށް އެކުވެރި ޖައްވެއްގައި. އާދެ، އަޅުގަނޑުމެން އެއްވެ މިތިބީ ޤައުމީ މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީވެސް އެކުވެރިކަން. މި ޖަލްސާގެ ބައިވެރިންގެ ހިތްތަކުގައި އެ ރޫޙު އަށަގެންފައިވުމުގެ ސަބަބުންނޭ އަޅުގަނޑަށް ދަންނަވަންޖެހެނީ، މިހާ އޮމާންގޮތެއްގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި، މިހާ ފުރިހަމަ ޤަރާރެއް، އަދި އޭގެ ދަށުން އެކުލެވޭ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެއް ފާސްވެގެން އެދިޔައީ. އާދެ، އަޅުގަނޑުގެ ޝުކުރުގެ ވަރަށް ޚާއްޞަ ބައެއް، ރާއްޖެތެރެއިން ވަޑައިގެންނެވި މަންދޫބުންނަށް ރައްދުކުރަންޖެހޭ. އެބޭފުޅުން އެވަޑައިގަތީ، އެބޭފުޅުންގެ ރަށްރަށް ދޫކުރައްވާފައި. ދަތުރުކުރައްވާފައި މާލެއަށް ވަޑައިގަތީ. މާލެއަށް ވަޑައިގެން މިޖަލްސާތަކުގައި އެހާ ފުރިހަމަކޮށް އެ ބައިވެރިވެވަޑައިގަތީ. އެކަން އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރަން. އެހެންކަމުން، ރާއްޖެތެރެއިން ވަޑައިގެންނެވި މަންދޫބުންނާއި، މަންދޫބާއިންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. ހަމައެއާއެކު، ޖަލްސާ ހިންގެވި ފަރާތަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަންޖެހޭ.
އާދެ، ޖަލްސާގެ ކަންތައްތައް އިންތިޒާމުކުރައްވައި ހިންގެވީ، ޒުވާނުންގެ މަރުކަޒުގެ ފަރާތުން. ޖަލްސާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވެވަޑައިގަތީ، ޒުވާނުންގެ މަޖްލިސްގެ ރައީސް އަލްފާޟިލް އިސްމާޢީލް ޝަފީޢު. އެހެންކަމުން، އަލްފާޟިލް އިސްމާޢީލް ޝަފީޢަށާއި އަދި ޒުވާނުންގެ މަރުކަޒުގެ ހިންގުންތެރިންނަށާއި، ޒުވާނުންގެ މަޖްލިސްގެ މެންބަރުންނަށާއި، އަދި ޒުވާނުންގެ އަހަރުގެ ކަންތައްތައް ރާވައި ހިންގުމުގައި ލަފާދެއްވުމަށް އިސްކުރެވިފައިވާ ކޮމިޓީގެ މެންބަރުންނަށާއި އަދި އެކޮމިޓީގެ ބެއްލެވުމުގެ ދަށުން އުފެދިފައިވާ އެހެން ކުދިކުދި ކޮމިޓީތަކާއި، ޖަމާޢަތްތަކުގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، އަލްފާޟިލް އިސްމާޢީލް ޝަފީޢުގެ ވާހަކަފުޅުގައި އޭނާގެ ނަންފުޅެއް ނާދޭ. އެއީ، އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވާލަންޖެހޭ، އޭނާ މި މުހިންމު މަސައްކަތާ ޙަވާލުވެވަޑައިގަތީ ވަރަށް ފަހުންނޭ. ވަގުތުކޮޅު ކުރުކަމާއެކީގައިވެސް، ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިގެން، އޭނާ ވަރަށް ފުރިހަމަ ނަތީޖާއެއް ޙާޞިލް ކުރައްވައިފިއޭ، އަޅުގަނޑު މި ދަންނަވަނީ ވަރަށްބޮޑު އުފަލަކާ އެކީގައި. އޭނާ އެ ވިދާޅުވިފަދައިން، އަޅުގަނޑަކަށް ހީއެއްނުވޭ، އެއްވެސް ފަހަރެއްގައި އެބޭފުޅުންގެ މަސައްކަތްޕުޅުތައް ގޯޅިއަޅައިގެން ދިޔަހެނެއް. ނުވަތަ ސީދާ ތެދުމަގުން އެއްކިބާވެގެން ދިޔަހެނެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވާޖިބަކަށް ވެފައެއްނެތް، އެބޭފުޅުން މަގަށް އެޅުވުން. ނުވަތަ އެބޭފުޅުންނަށް މަގު ދައްކައިދިނުން. ހަމައެކަނި އަޅުގަނޑުގެ ލަފަޔާއި މަޝްވަރާއަށް އެދިވަޑައިގެންނެވި ކަމެއްގައި އަޅުގަނޑަށް ފެންނަ އެއްޗެއް ދެންނެވުމުގެ އުފާ އަޅުގަނޑު ލިބިގަތިން. އެހެންނަމަވެސް، އެއީ ފަހަރެއްގައިވެސް އެބޭފުޅުން އެ ގެންދަވާގޮތް ކަމުނުގޮސްގެން ނުވަތަ އޭގައި އެއްވެސް އުނިކަމެއް ހުރެގެން، އެކަން އެއަށްވުރެ ރަނގަޅު ގޮތަކަށް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ކުރި ކަމެއްނޫންކަމުގެ ޔަޤީންކަން، އަލްފާޟިލް އިސްމާޢީލް ޝަފީޢަށްވެސް އަދި މި ޖަލްސާގެ ކަންތައްތައް ހިންގަވަން ތިއްބެވި އެހެން ފަރާތްތަކަށްވެސް އަޅުގަނޑު އަރުވަން.
އާދެ، ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ވިސްނާލާއިރު، ޒުވާނުންގެ ތެރޭގައިވެސް އަދި ޢާންމުކޮށް އެންމެންގެ ތެރޭގައިވެސް އެންމެ ގިނައީ ވިސްނުމާއި ޤާބިލިއްޔަތުގެ ގޮތުން އާދައިގެ ފެންވަރުގެ މީހުންކަން ފާހަގަކޮށްލަންޖެހޭ. އެހެންނަމަވެސް، އާދައިގެ ފެންވަރުގެ މީހުންނަކީ ވަރަށް ގިނައިން ވަރަށް ބޮޑެތި ކާމިޔާބީތަކެއްވެސް ކޮށްފައިވާ ބައެއް. އަދި ކުރަމުންގެންދާ ބައެއް. އާދެ، ގިނަ މީހުންނަކީ މި ދެންނެވި ކަންތައްތަކުގައި މާ އާދަޔާ ޚިލާފަށް މޮޅުބައެއް ނޫން. ގިނަ މީހުންނަކީ އެމީހުންގެ ވިސްނުމުގައިވެސް އަދި ލިބިފައިވާ ތަޢުލީމުގައިވެސް އަދި އެމީހުންގައި ޤުދްރަތީގޮތުން އުފެދިފައިވާ އެކިއެކި ޤާބިލިއްޔަތުތަކުގައިވެސް އާދައިގެ ފެންވަރެއްގެ ބައެއް. އެކަން އެހެން އޮތްކަމުގައިވިޔަސް، އާދައިގެ މީހުން އެހާ ބޮޑެތި ކާމިޔާބީތައް ކޮށްފައިވާ ތަން އެ ފެންނަނީ ކީއްވެގެންތޯ، އަޅުގަނޑު ހިތުން މިކަހަލަ ޖަލްސާއެއްގައި ބަލައިލުމަކީ އެކަށީގެންވާ ކަމެއް.
އާދެ، ދާދިފަހުން އެމެރިކާގައި ބޭއްވުނު ނުރަސްމީ ސާރވޭއެއްގެ ނަތީޖާ ދައްކާގޮތުން، އެމީހުންނަށް އާދައިގެ ފެންވަރުގެ މީހުން ކާމިޔާބުކުރަނީ ކިހިނެއްވެގެންކަން ކޮންމެވެސްވަރަކަށް ފާހަގަކުރެވިފައިވާތީ، އެވާހަކަ އަޅުގަނޑުވެސް ދަންނަވާލާހިތްވޭ. އާދެ، މިއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮތް ވާހަކައަކަށްވުންވެސް އެކަށީގެންވޭ. އާދެ، މި ވާހަކައަކީ، ދާދިފަހުން ނުކުތް ބޭރުގެ މަޖައްލާއެއްގައި ޝާއިޢުކުރެވިފައިވާ ވާހަކައެއް. އެހެންވީމާ، އެ މަޖައްލާ ވިދާޅުވެފައިވާ ބޭފުޅުން މި ޖަލްސާގައި ތިއްބެވުމަކީވެސް އެކަށީގެންވާ ކަމެއް. އެކަން އެހެން އޮތް ނަމަވެސް، އެ ސާރވޭއިން އެ ދެއްކި ނަތީޖާގެ މުހިންމުކަމުން އަޅުގަނޑު ހިތަށްއެރީ މިކަހަލަ ޖަލްސާއެއްގައި މި ވާހަކަ ދައްކާލުން އެއީ ނެތްކަމެއް ނޫނޭ.
އާދެ، އެމެރިކާގެ ކުރީގެ ރައީސަކު ކަމުގައިވާ "ތިއޮޑޯރ ރޫޒްވެލްޓް" ވިދާޅުވިކަމަށް އެ މަޒުމޫނުގައި ލިޔެފައިވޭ "ދިރިއުޅުމުގައި ކާމިޔާބުކުރާ ގިނަ މީހުންނަކީ މާ އާދަޔާ ޚިލާފަށް މޮޅު ބައެއް ނޫނޭ. އެބައިމީހުންގައި ހުންނަނީ ހަމަ ވަރަށް އާދައިގެ ސިފަތަކެކޭ. އެމީހުންނަށް ކާމިޔާބުވުމުގެ ސިއްރަކީ އެބައިމީހުންގައި ހުރި އާދައިގެ ސިފަތައް، އާދަޔާ ޚިލާފު ފެންވަރަކަށް ތަރައްޤީކުރާ ތަރައްޤީ ކުރުމޭ" އާދެ، އަޅުގަނޑު ހިތުން ވަރަށް ބޮޑު ތެދެއް. ކޮންމެ މީހަކުވެސް އެމީހެއްގައި ހުރި ޤާބިލިއްޔަތާ ދޭތެރޭގައި ވިސްނާފައި، އެ ޤާބިލިއްޔަތު އެއަށްވުރެ މަތީފެންވަރަކަށް ގެންދެވޭތޯ ބަލައިގެން، އެޤާބިލިއްޔަތު ތަރައްޤީކޮށްފިއްޔާ، ކުރިންވެސް އޭނާ ހީނުކުރާފަދަ ކާމިޔާބީތަކަކާ ހަމައަށް ދެވިދާނެ. އާދެ، މިގޮތުން އަޅުގަނޑު މި ދެންނެވި ސާރވޭއިން ދައްކާކަމަށްވާ، އެއް ނަތީޖާއަކީ އާދައިގެ ފެންވަރެއްގެ މީހަކު، އެމީހަކު އެކުރާ މަސައްކަތެއްގައި ކާމިޔާބުވުމަށް ނުވަތަ ދިރިއުޅުމުގައި އެކަށީގެންވާ ކާމިޔާބީއެއް ހޯދުމަށް އެންމެ ބޮޑަށް ކުރަންޖެހޭ އެއްކަމަކީ، އެމީހާގެ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްގެން، ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުންކަމުގައިވަނީ ފާހަގަކުރެވިފައި.
އާދެ، އެ ސާރވޭ ބުނާގޮތުގައި، ގިނަ މީހުންނަށް ވާގޮތަކީ، އެމީހުން އެކުރާ މަސައްކަތެއްގައި ގިނައިރު ދެމިތިބުމުގެ ޤާބިލިއްޔަތު ނުވަތަ ގިނައިރު އެ މަސައްކަތުގައި އެގޮތަށް ދެމިތިބުމުގެ ހިތްވަރު، އެމީހުންގެ ކިބައިގައި ނުހުންނަނީ. ތަންކޮޅެއް އަވަހަށް ފޫހިވަނީ. އެހެން ކަމަކަށް ދާހިތްވަނީ. ނޫނީވިއްޔާ، ހިތްހަމަޖައްސާލުމަށް ނުވަތަ އަރާމުކޮށްލުމަށް ނުވަތަ ކޮންމެވެސް އުފަލެއް ލިބިގަތުމަށްޓަކައި މަސައްކަތް ދޫކޮށްލާފައި ދެވޭގޮތްވަނީ. އެއާ ޚިލާފަށް، މަސައްކަތުގައި ގިނައިރު ހޭދަކޮށްފިނަމަ، އަދި އަރާމު ލިބިގަތުމާއި ނުވަތަ އުފާކުރުމާއި ހިތްހަމަޖައްސާލުމަކީ، ތަންކޮޅެއް ފަހުން ކޮށްލެވިދާނެ ކަމެއްކަމަށް ޤަބޫލުކޮށްގެން، މަސައްކަތުގައި ގިނައިރު ހުރެއްޖެނަމަ، އޭގެ ނަތީޖާ ވަރަށް ފޮނިގޮތެއްގައި ފެންނާނެ ކަމަށް ސާރވޭއިން ދައްކަނީ.
އާދެ، އެ ސާރވޭގައި ސުވާލުކުރެވުނު އެކަކު ބުނީ ވަރަށް އާދަޔާޚިލާފު އެއްޗެއް. އޭނާ ބުނިކަމަށްވަނީ، މަސައްކަތުގައި ކާމިޔާބުވުމަށް ބޭނުންވަނީ މާބޮޑު ޤުދުރަތީ ޤާބިލިއްޔަތުތަކެއް ނޫނޭ. ބޭނުންވަނީ ބާލިދީއެއް ފުރާ ތެރަހޭ. އާދެ، އެ ބޭނުންކުރީ. އޭރުން އެ ތެރަސް ބޭނުންކޮށްގެން، އޭނާ އިންނަ ގޮނޑީގައިވެސް ތެރަސް ހާކައި އަދި އޭނާގެ ފަޓުލޫނުގައިވެސް ނުވަތަ ލައިގެންހުންނަ ހެދުމުގައިވެސް ތެރަސް ހާކައި، އެހެން ހެދުމުން، އެ ގޮނޑީގައި ގިނައިރު އިނދެވޭނެ. ފަސޭހައެއްކޮށް ނުތެދުވެވޭނެ. އެހެންވީމާ، އެގޮތަށް ގިނައިރު ގޮނޑީގައި އިނދެގެން މަސައްކަތް ކޮށްފި ކަމަށްވަންޏާ، ޝައްކެއްނެތް، އެމީހަކަށް ކާމިޔާބުވާނެ ކަމަށް މި ސާރވޭއިން ދައްކަނީ.
އާދެ، މި ސާރވޭއިން ދައްކާ އަނެއް ނަތީޖާއަކީ، ކޮންމެ މީހަކުވެސް އެމީހަކާ ގުޅޭ ޚާއްޞަ ރޮނގެއްވޭތޯ ބެލުން. އަދި އެ ޚާއްޞަ ރޮނގަކުން ކުރިޔަށްދެވޭތޯ މަސައްކަތް ކުރުން. މީގެ މިސާލެއްކަމުގައި، މި ދެންނެވި މަޒުމޫނުގައި ލިޔެފައި ވަނީ، އައި.ބީ.އެމް. ކުންފުނީގެ އޭރުގެ ރައީސަކަށް ހުންނެވި ބޭފުޅެއްގެ ދަރިކަލުންގެ މިސާލު. އާދެ، ޓޮމްސް ވޮޓްސަން ކިޔާ މީހެއް. އޭނާއަށް ތަޢުލީމުގެ ދާއިރާގައި މާބޮޑު ކާމިޔާބީއެއް ކުރެވުނު ކަމަކަށްނުވޭ. ފާސްވަނީވެސް ވަރަށް އާދައިގެ ފެންވަރެއްގައި. އަދި އޭނާގެ ބައްޕަގެ ކުންފުނި އައި.ބީ.އެމް. މުޅި ދުނިޔެއަށް މަޝްހޫރު ކުންފުންޏެއް. އެ ކުންފުނިން، އެ ކުންފުނީގެ މީހުންނަށް ތައްޔާރުކޮށްދޭ ޚާއްޞަ ކޯހެއްގައި ބައިވެރިވެގެންވެސް އޭނާއަކަށް މާބޮޑު ކާމިޔާބީއަކާ ހަމައަކަށް ނުދެވުނު. އޭނާ އުޅެންޖެހިފައި އޮތީ އޭނާގެ ބައްޕަގެ ހިޔަނީގެ ތެރޭގައި. ކޮންމެއަކަސް، މިހެން އުޅެމުން އޭނާ ހިތަށްއެރީ، އެހެން ބައެއް ކަންތައް ތަޖުރިބާ ކޮށްލާނަމޭ. ހިތަށްއަރައިގެން އުޅުނު އުޅުމުގެ ތެރޭގައި، މަތިންދާބޯޓު ދުއްވަން ފެށީ. ކުއްލިއަކަށް އޭނާއަށް އިޙްސާސްކުރެވުނީ މަތިންދާބޯޓު ދުއްވުމަކީ އޭނާއަށް ވަރަށް ފަސޭހައިން ކުރެވޭ ކަމެއް ކަމުގައި. ދެން އެ ރޮނގުން ކުރިއަށް ދިޔުމަށްޓަކައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކޮށްގެން، ހުރިހާ ވަގުތު އެކަމުގައި ހޭދަކޮށްގެން، ވަރަށް މޮޅު ޕައިލެޓަކަށް އޭނާ ވި. އެހެންވުމުގެ ސަބަބުން، އޭނާއަށް ލިބުނު ޔަޤީންކަމާއި، އަމިއްލަ ނަފްސަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުން، ފަހުން އޭނާ، އޭނާގެ ބައްޕަގެ ކުންފުންޏާ ޙަވާލުވެ، އެ ކުންފުނި ހިންގިއިރު، އޭނާ އެންމެ ފަހުންވީ އޭނާގެ ބައްޕައަށްވުރެވެސް މާ ކާމިޔާބު ހިންގުންތެރިޔަކަށް.
އާދެ، އޭނާގެ ދުވަސްވަރު އައި.ބީ.އެމް. ކުންފުނި ކޮމްޕިއުޓަރުގެ ޒަމާނަށް އައީ. އަދި އޭނާ އެ ކުންފުނީގެ ވެރިކަމުގައި ހުރި 15 އަހަރު ދުވަހުގެ ތެރޭގައި، އެ ކުންފުންޏަށް ލިބޭ އާމްދަނީ 10 ގުނައަށް އިތުރުކޮށްލި ކަމަށްވެސްވޭ. އެހެންވީމާ، މިއިން ނެގޭ ފިލާވަޅެއް ކަމަށްވަނީ، ކޮންމެ މީހަކުވެސް، އެ މީހަކާ ގުޅޭ ކަމެއް އޮތްތޯ ބަލާފައި، އެ ރޮނގަކުން ކުރިޔަށްދެވޭތޯ މަސައްކަތް ކުރުން. އަދި އެގޮތަށް ކާމިޔާބުވެއްޖެނަމަ، އެކަމުން އަމިއްލަ ނަފްސަށް ބޮޑު އިތުބާރެއް ލިބިގަނެ، ޔަޤީންކަމާ އެކީގައި ކުރާ ކަމެއް ކުރަމުން ގެންދިޔުން.
އާދެ، އަދިވެސް ވަރަށް މުހިންމު އެހެން އުޞޫލެއްވެސް، މި ދެންނެވި ސާރވޭއިން ސާފުވިކަމަށް، އެ ސާރވޭކުރި ފަރާތުން ބަޔާންކުރޭ. އެއީ، އެމީހަކު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ލަނޑުދަނޑިއާ ހަމައަށް ދިޔުމަށްޓަކައި ކުރަން އޮތް ހުރިހާ މަސައްކަތެއް، ވަރުގަދަ ޢަޒުމަކާ އެކީގައި ކުރަމުން ގެންދިޔުން. އެންމެ ފުރަތަމަ ބަލަންވީ، ދިރިއުޅުމުގައި ތިމާ ޙާޞިލްކުރަން ބޭނުންވަނީ ކޮން ލަނޑުދަނޑިއެއްތޯ؟ އެ ކަނޑައެޅުމަށްފަހުގައި، އެއާ ދިމާއަށް ދަތުރުކުރަންވީ. އެއާ ދިމާއަށް މިޞްރާބުޖަހަންވީ. ދެން ދިމާވާ އެއްވެސް ދަތިކަމަކަށް ނުބަލައި، ވަރުގަދަ ހިތްވަރަކާއި ސާބިތުކަމަކާ އެކީގައި، އެދިމާއަށް ކުރިއަށްދާންވީ. އެގޮތަށް ކުރިއަށް ހިނގައްޖެނަމަ، ގިނަފަހަރަށް ކާމިޔާބުވާނެ ކަމަށް، މި ދެންނެވި ސަރވޭއިން ދައްކަނީ. އޭގެ މިސާލެއްގެ ގޮތުގައި، އެމީހުން ދައްކާފައިވަނީ، އަނެއްކާވެސް އެމެރިކާގެ މަޝްހޫރު ބޭފުޅެއް. އާދެ، އެބްރަހަމް ލިންކަން. ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ، އެމެރިކާގެ ވަރަށް މަޝްހޫރު ޒަޢީމެއް. އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅެއް. އޭނާ ވަރަށް އާދައިގެ ފެންވަރެއްގެ ޢާއިލާއަކުން ވަޑައިގަތީ. ވަރަށް ފަޤީރު ނިކަމެތި ޢާއިލާއެއް އެއީ. އަދި އޭނާގެ ޖިސްމާނީ ސިފަތައް ހުރިގޮތުންވެސް އޭނާއަކީ، މީހުންގެ ކުރިމަތީގައި، މާ މަޤްބޫލު ބޭފުޅަކަށް ވެދާނެކަމުގެ އުންމީދެއް އެއްގޮތަކަށްވެސް އޭނާގެ ހިތްޕުޅަކު ނެތް. އާދެ، އޭނާއަކީ މާ ރީތި ބޭފުޅެއް ނޫން. މި ދެންނެވުނީވެސް ތަންކޮޅެއް ރީތިގޮތަކަށް. އެއީ، އެމީހުން ބުނާގޮތުގައި، އޭނާއަކީ ވަރަށް ހުތުރު ބޭފުޅެއް. އެކަން އެހެން އޮތްކަމުގައިވިޔަސް، މި ކަންތައްތައް ހުރަސްކުރައްވައި، އޭނާއަކީ ވަރަށް ކާމިޔާބު އަދި އެހާމެ މަޝްހޫރު ބޭފުޅަކަށް ވެވަޑައިގަތީ އޭނާގެ ލަނޑުދަނޑި ފާހަގަކުރައްވައި، އެ ލަނޑުދަނޑިއާ ހަމަޔަށް ވަރުގަދަ ޢަޒުމަކާ އެކީގައި މަސައްކަތް ކުރައްވައި، އެ ލަނޑުދަނޑިއާ ހަމައަށް ވަޑައިގަތުމުގެ ސަބަބުން. އަދި އޭނާ ވިދާޅުވިކަމަށްވޭ، ޤުދުރަތުން އެންމެ ބޮޑު ޢިނާޔަތެއް ދެއްވަނީ އާދައިގެ މީހުންނަށޭ. އެހެންވީމާތާއޭ، ދުނިޔޭގައި އެންމެ ގިނަ ބަޔަކީ، އާދައިގެ މީހުން ކަމުގައިވާނީ. އެހެންނޫންނަމަ ތިބޭނީ، އާދަޔާ ޚިލާފަށް މޮޅު މީހުންނޭ.
ކޮންމެއަކަސް، އަޅުގަނޑަށް ހީވަނީ އޭނާ އެ ވިދާޅުވި ބަސްފުޅުންވެސް އަދި އަޅުގަނޑު މި ދަންނަވާލި ސާރވޭގެ ނަތީޖާ ދައްކާގޮތުންވެސް އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްވަރެއް ލިބެންވާނެހެން. އަޅުގަނޑުމެންގެ ތެރެއިންވެސް ގިނައީ އާދައިގެ މީހުން. މި ދެންނެވީ ފަހަރެއްގައިވެސް އިޖްތިމާޢީ ފެންވަރުގެ ގޮތުން އާދައިގެ މީހުންނެކޭ ނޫން. މި ދެންނެވީ، އެމީހަކަށް ލިބިފައިވާ ތަޢުލީމަކާއި ނުވަތަ ވިސްނުމަކާއި ނުވަތަ ކުރިއަށްދިޔުމުގެ ވަސީލަތްތަކާއި، މިކަންކަމަށް ބަލާއިރު، ގިނަ މީހުންނަކީ، އާދައިގެ މީހުންނޭ. އެހެންނަމަވެސް، އެއީކީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ހިތްމަރުވަންވީ ކަމެއްނޫނޭ. އެއާ ޚިލާފަށް އަޅުގަނޑުމެން ބަލަންވީ، އަޅުގަނޑުމެން މަސައްކަތުގައި ފޫހިކަމެއްނެތި ދެމިތިބެވޭތޯއޭ. އަދި މާއަވަހަށް އެ މަސައްކަތުގެ ނަތީޖާ ހޯދުމަށް ނޫޅެންވިއްޔޭ. ކާމިޔާބު ލިބުން ތަންކޮޅެއް ލަސްވިކަމުގައިވިޔަސް، އެކަމަށް ކެތްކޮށްލައިގެން މަސައްކަތް ކުރުމުންނޭ، އާޚިރުގައި އުފަލަކާ ހަމަޔަށްދެވޭނީ. ހަމައެއާއެކީގައި، އެމީހެއްގެ އަމިއްލަ ޤާބިލިއްޔަތު ހުރިގޮތް ބަލައި، އެ ޤާބިލިއްޔަތުތަކުގެ ތެރެއިން، އެމީހަކަށް ކުރިޔަށްދެވޭނެ އެންމެފަސޭހަ ރޮނގެއް ހޯދައި، އެމީހެއްގެ ހިތުގައި އެކަމަކަށް އެންމެ ބޮޑު ޝައުޤުވެރިކަމެއް ދެވިފައިވާ ކަމެއްގައި ކުރިއަށްދާން މަސައްކަތް ކުރަންވިއްޔޭ. ހަމައެފަދައިން، އެމީހަކު ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައި، އެ ލަނޑުދަނޑިއާ ހަމައަށް ދިޔުމަށްޓަކައި ކުރަންޖެހޭ ކޮންމެ މަސައްކަތެއް އިޚްލާޞްތެރިކަމާއި ހިންމަތާ އެކީގައި ކުރަންވިއްޔޭ.
އާދެ، މިފަދަ ޢިބްރަތްތެރި ފިލާވަޅުތަކަކީ، އަޅުގަނޑު ހިތުން ޒުވާނުންނަށް އެއިން ވަރަށް ބޮޑެތި ފައިދާތަކެއް ލިބިދާނެ ކަންތައްތަކެއް. އެހެންވީމާ، އެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް މި ޖަލްސާގައި މި ދަންނަވާލީ. އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންގެ ދިވެހި ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ، މި ދެންނެވި ގޮތްގޮތަށް މަސައްކަތް ކުރައްވާ، އަދި ވަރަށް ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ބައެއްކަން. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެކި ރޮނގުރޮނގުގައި މަޝްހޫރުވެފައިވާ ޒުވާނުންގެ ވަރަށް ގިނަ މީހުން އެބަތިބި. އެއީ، އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނެވެސް ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަންޖެހޭނެ، އަޅުގަނޑުމެންގެ ތެރޭގައި ތިބީ ހަމައެކަނި މޮޅު މީހުންނެއް ނޫންކަން. ޤުދްރަތީގޮތުން މޮޅުކަން ލިބިފައިވާ ބަޔަކު ނޫންކަން. އަޅުގަނޑުމެންގެ ތެރޭގައި އެންމެ އާދައިގެ މީހުންވެސް ވަރަށް ގިނަކަން. އެމީހުންނަށްވެސް ކާމިޔާބުކުރެވޭނެ ގޮތެއް އޮންނަންވާނެކަން.
އާދެ، ޒުވާނުންނާބެހޭ ޤައުމީ ޤަރާރެއް ފާސްކޮށް، އަދި އެ ޤަރާރުގެ އަލީގައި ޒުވާނުންގެ ތަރައްޤީއަށް ކަނޑައެޅިފައިވާ ޢަމަލީ ފިޔަވަޅުތަކެއްގެ މަޝްރޫޢެއް ފާސްވާއިރު، އޭގެ މާނައާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ. އާދެ، އޭގެ މާނައަކީ، ފަހަރެއްގައިވެސް، ޤައުމުގައި ތިބީ ހަމައެކަނި ޒުވާނުންނޭ ބުނުމެއް ނޫން. ޤައުމުގައި ޒުވާނުން ފިޔަވައި، ވަރަށް ގިނަ ބައިތަކެއް އެބަތިބި. އަޅުގަނޑުމެންގެ ތަފާސްހިސާބުން ދައްކާގޮތުން، ޒުވާނުންގެ ޢުމުރުގައި ތިބޭ މީހުންގެ ޢަދަދަކީ، އަޅުގަނޑުމެންގެ އާބާދީގެ ސަތޭކައަކުން 30. އެހެންވީމާ، ބާކީއޮތް ސަތޭކައަކުން 70 އެއީ، އެ ޢުމުރުގެ މީހުންނެއް ނޫން. އެހެންނަމަވެސް، އެމީހުންނަކީވެސް ހަމަ ދިވެހިން. އަޅުގަނޑުމެންގެ ޤައުމު ރައްކާތެރިކޮށް ދެމެހެއްޓުމާއި، ޤައުމު ޙިމާޔަތްކުރުމާއި، އަދި ޤައުމުގެ ތަރައްޤީގައި މަސައްކަތްކުރުމަކީ އެންމެހާ ރައްޔިތުން ކުރަންޖެހޭނެ ކަމެއް. އެއީ، ރައްޔިތުންގެ ތެރެއިން ވަކިބަޔަކު އެކަނި ކުރަން އޮތް ކަމެއްނޫން. އަދި ޒުވާނުންނާ ބެހޭގޮތުން މިފަދަ ޤަރާރެއް ފާސްކުރުމުގެ ބޭނުމަކީ، ޒުވާނުން ފިޔަވައި، އެހެން މީހުންގެ މަތިން ހަނދާންނައްތާލުމެއްވެސް ނޫން. އަޅުގަނޑު ކުރިންވެސް މި ދެންނެވިފަދައިން، އެ ހުރިހާ އެންމެންގެ މަސައްކަތް ޙިއްޞާކުރުން، ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ޒުވާނުންނަކީ ވަރަށް ޚާއްޞަގޮތަކަށް އެމީހުންނާ ދޭތެރޭގައި ބަލައި، އެމީހުންގައި ހުރި ޤާބިލިއްޔަތުތައް އިތުރަށް ތަރައްޤީކޮށް، އެމީހުންގެ ޙިއްޞާ ފުރިހަމައަށް ޤައުމަށް ލިބޭނެގޮތް ހެދުމަކީ، އެހާ މުހިންމުކަން ދޭންޖެހޭ ކަމަކަށްވާތީ އެކަމަށް ސަމާލުކަންދިނުން.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى، އަޅުގަނޑުމެންގެ ޒުވާނުންނަކީ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، ދީނުގެ މަގުގައި ޤާއިމުވެ ތިބޭ ބަޔެއްކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ޒުވާނުންނަކީ ރާއްޖެއަށް ލޯބިކުރާ، އެމީހުންގެ ހިތުގައި ޤައުމީ ރޫޙު އޮވެގެން، ދިވެހިރާއްޖެއަށް ފައިދާހުރި ކަންތައްތައް ކުރުމުގައި ދެމިތިބޭ ބަޔެއް ކަމުގައި ލެއްވުން. ޒުވާނުންނަކީ، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، އެންމެ އިސްނަގައިގެން މަސައްކަތްކުރާ، އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، މުސްތަޤްބަލްގެ ކުރިއެރުމަށް އެމީހުންގެ ޙިއްޞާ ފުރިހަމައަށް އަދާކުރާ ބަޔަކު ކަމުގައި ލެއްވުން. ހަމައެފަދައިން، ޒުވާނުންނާ ބެހޭގޮތުން މި މުހިންމު ޤައުމީ ޖަލްސާއިން މި ފާސްކުރެއްވި ޤަރާރާއި، އަދި އޭގެ އަލީގައި ފާސްކުރެވުނު ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢާއި މި ކަންތައްތަކަށް، އަދި މިކަންތައްތަކުގައި ހިމެނިފައިވާ އުޞޫލުތަކަށާއި، ބިންގާތަކަށް ހުރިހާ ފަރާތަކުންވެސް އިޚްލާޞްތެރިކަމާއެކު ޢަމަލީ ސިފަ ގެނައުމުގެ ތައުފީޤު އެކަލާނގެ ދެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.