ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. އެކަމަށްޓަކައި މިރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.
މަޢުރަޒު އިފްތިތާޙުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، އެ މަޢުރަޒުގެ ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި މަޢުރަޒުގައި ދިވެހިވަންތަ، ޘަޤާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެއެވެ.
މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު މަޢުރަޒެވެ. "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މަޢުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.
މަޢުރަޒު ހުޅުވުން ފާހަގަކުރުމަށް، ހަވާއެރުވުމުގެ ހަރަކާތްތައްވެސް މިރޭ ކުރިއަށްގެންގޮސްފައިވެއެވެ. މި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މަޢުރަޒު ކުރިއަށްގެންދާނެއެވެ.