بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، މި ވަގުތު މިއީ ރާއްޖޭގެ ތާރީޚުގައި، އަޅުގަނޑު ދަންނަވާނީ ވަރަށް، ޚާއްޞަ ވަގުތުކޮޅެކޭ. އެއީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ސަލާމަތްވެފައިވާ ޤައުމެއް ޤާއިމުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި، ޖެނެރޭޝަނަލް ބޭންއެއް ހިމެނޭގޮތަށް، ޤާނޫނަށް ދެވަނަ އިޞްލާޙު ގެނެވި، އެ ބިލު ތަޞްދީޤު ކުރުމުގެ ވަގުތު.
އަޅުގަނޑާ އެކީގައި މިތަނުގައި، ވަރަށް ޚާއްޞަ ބޭފުޅުންކޮޅެއް އެބަ ތިއްބެވި. ވަކިން ޚާއްޞަކޮށް، އަޅުގަނޑު ހަމަ ފާހަގަކޮށްލާނީ މި ޖެނެރޭޝަނަލް ބޭން، މި އެޕްލައި ވަނީ، 1 ޖަނަވަރީ 2007 ން ފެށިގެން އުފަންވެފައިވާ، އަދި އުފަންވާނެ ހުރިހާ ރައްޔިތުންނަށް ކަމުގައިވާއިރުގައި، 1 ޖަނަވަރީ 2007، އެ ތާރީޚުގައި، އުފަންވެފައިވާ، މިހާރު ސްކޫލްގައި ކިޔަވަމުންދާ 6 ދަރިވަރަކު އަޅުގަނޑުގެ ގާތުގައި އެބަ ތިއްބެވި. އެއީ، މި ޙަފުލާއަށް ލިބިގެންދާ ޚާއްޞަ ކަމެއް. އެ ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންނަށް، ސްކޫލްތަކުގެ ވެރިންނަށް، އެޑިޔުކޭޝަން މިނިސްޓަރަށް، އެކަމަށްޓަކައި ޝުކުރު ދަންނަވަން، އެކުދިން ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި.
ދެން ހަމަ އެއާއެކީގައި ކަމާބެހޭ ވަޒީރުންނާއި، ކަމާބެހޭ ޚާއްޞަ މަސައްކަތްތައް ކުރައްވާ އެޗް.ޕީ.އޭ.އާއި، ހެލްތު މިނިސްޓްރީއާއި އަދި އެކިއެކި އަމިއްލަ އެން.ޑީ. އެލިއަންސް އަދި ކެންސަރ ސޮސައިޓީ، މި ޖަމާޢަތްތަކުގެ ބޭފުޅުންނާއި، ޑޮކްޓަރުން، އަދި ޕޮލިސް ސަރވިސްގެ ފަރާތުން، މިހެންގޮސް އެކި ފަރާތްތަކުގެ ރެޕްރެޒެންޓޭޝަން، އެ ތަންތަނުގެ އިސް ބޭފުޅުން އެބަ ތިއްބެވި.
ކަންދިމާކުރިގޮތުން، ރާއްޖޭގައި ވަޑައިގެން ނެތުމުގެ ސަބަބުން، ވަޑައިނުގެންނެވުނު ބޭފުޅުންވެސް އެބަ ތިއްބެވި. ވަޑައިނުގެންނެވުނު ސަބަބަކީ އެއީ. އާދެ، މިހުރިހާ ބޭފުޅުންގެ ހާޒިރުގައި، އަޅުގަނޑުމެން މިކަމުގައި މިއަދު މި ފަށައިގަންނަނީ އިރާދަކުރެއްވީތީ. އާދެ، އަޅުގަނޑު ހަމަ މި ތަޞްދީޤު ކުރުމުގެ ކުރިން، މީގެ މުހިންމުކަން ދަންނަވާލާނަން. މައިގަނޑު މުހިންމު ކަމަކީ، އަޅުގަނޑުގެ ސިޔާސަތަކީ، މި ދިވެހި ކުޑަކުޑަ މުޖުތަމަޢަކީ، ޞިއްޙަތު ރަނގަޅު، ޞިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުން. އަޅުގަނޑުމެންގެ ތެރޭގައި އަށަގެންފައި އެބަހުރި، އެކި ސަބަބުތަކާ ހެދި، ހަމަ އިންސާނީ އެހެން މުޖުތަމަޢުތަކުގެ ތެރޭގައިވެސް ހުންނަ އެކިކަހަލަ ނުރަނގަޅު އާދަތައް. ދެން މިއީ ކުޑަކުޑަ ޤައުމަކަށްވާއިރުގައި، އާބާދީގޮތުން ކުޑަ ޤައުމަކަށްވާއިރުގައި، އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑު ގަބޫލުކުރާގޮތަކީ، މި ޤައުމުގައި މި ނުރަނގަޅު އާދަތައް ނައްތާލެވިދާނެއޭ، އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ. އެ ޢަޒުމް އަޅުގަނޑުމެންގެ ހުންނަންޖެހޭނެ.
އެހެންވީމާ، އޭގެތެރެއިން އަޅުގަނޑަށް ފާހަގަކުރެވޭ އެންމެ މުހިންމު އެއްކަމަކީ، ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ދުރަށްދިޔުން. އާދެ، އަޅުގަނޑު ހަމަ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، ޑަބްލިޔު.އެޗް.އޯ.ގެ ރެޕްރެޒެންޓޭޓިވް އަދި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވްވެސް އަޅުގަނޑުމެންނާއެކު ބައިވެރިވާކަން ފާހަގަކުރަން. ދުނިޔޭގެ ކަމާބެހޭ ޖަމުޢިއްޔާތަކުން އަޅުގަނޑުމެންނަށް މިކަންކަމުގައި ދެއްވާ އެއްބާރުލުން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން.
އާދެ، ދުންފަތުގެ އިޞްތިޢުމާލު ކުރުމުން ޤައުމު ސަލާމަތް ކުރުމަށް، ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އެޅިއްޖެ. ވޭޕް ބޭން ކުރެވިއްޖެ. ވޭޕް ބޭންކުރުމަކީ ޖީލުތައް، ކުރިއަށް އަންނަން އޮތް ޖީލުތައްވެސް ސަލާމަތްކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް. އެކަމަށް ހުރިހާ ބޭފުޅުން ދެއްވާ އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަދި އޭގެ އިތުރަށް، މިހާރު ދުންފަތުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން އެކަމާ ދުރަށްދާ އެތައް ބަޔަކުވެސް އެބަތިބި. ހަމަ މިއާއެކީގައި، އިތުރު ފިޔަވަޅުތަކެއް، އެޅުމުގެ ގޮތުން، މި ޤާނޫނު އިޞްލާޙު މިކުރީ. އޭގެތެރެއިން، އެންމެ ފުރަތަމަ މި ދެންނެވި ފަދައިން، އެންމެ ބޮޑު ކަމަކީ، 1 ޖަނަވަރީ 2007، މި ތާރީޚުން ފެށިގެން، އުފަންވާ ހުރިހާ ކުދިން، ހުރިހާ އެންމެންނަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރާ ބާވަތުގެ އެކި ކަހަލަ ތަކެތި ގަތުމާއި، ވިއްކުމާއި، މި ހުރިހާ ކަމެއް މަނާކުރެވިގެން ދިޔުން. އަދި ހަމައެއާއެކީގައި އުމުރުން، 21 އަހަރުނުވާ އެއްވެސް މީހަކަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް، އިސްތިޢުމާލުކުރާ އެއްވެސް އެއްޗެއް ވިއްކުމަކީވެސް މަނާކަމެއްކަން ސާފުކޮށް، މި ބިލުގައި ބަޔާންކުރެވިފައިވޭ.
ދެން ވިޔަފާރިކުރާ ފަރާތްތަކުގެ ޒިންމާއެއް ޔަޤީންނުވާ ކަމުގައިވާނަމަ، އައި.ޑީ.ކާޑު ދައްކަން ދެންނެވުން. އުމުރާމެދު ޔަޤީންނުވާނަމަ، އައި.ޑީ.ކާޑެއް، އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް ދައްކަން ދެންނެވުމުގެ ޤާނޫނީ ބާރު، ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންވާނެ. ދެން ހަމައެއާއެކީގައި، މި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަކޮށްފައި ހުންނަ މެޝިނަރީއާއި، އާލާތްތައްވެސް މި ޤާނޫނުގެ ތެރެއިން، އެތެރެކުރުން މަނާވެގެންދާނެ. މިހާތަނަށް އެހާ ސާފުކޮށް އޮތް ކަމެއްނޫން މިކަމަކީއެއް. އޭގެ ސަބަބުން، ކަސްޓަމްސްއަށް އަދި ޕޮލިހަށްވެސް، ދަތިތައް ދިމާވޭ. ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަ މެޝިނަރީ އާލާތްތައް ރާއްޖެއަށް އެތެރެނުކުރެވޭނެ. އުފެއްދުން މަނާ. އުފެއްދުން މަނާއިރުގައި، އެ ތަކެތި އުފައްދާ މެޝިނަރީ އާލާތްތައްވެސް ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ.
ދެން ވޭޕް ބޭނުންކުރުމުގެ އިޞްލާޙުގެ ތެރެއިން، އަޅުގަނޑުމެންނަށް އެއްކޮށް ޔަޤީންކޮށް ބަޔާންނުކުރެވި ހުރި ބައެއް ކަންތައްވެސް ބަޔާންކޮށްފައި މި އިޞްލާޙުގައި ވާނެ. އޭގެތެރޭގައި، ވޭޕް ބޭނުންކުރުން މަނާކުރުން އޮތްއިރުގައި، ވޭޕާއި، ވޭޕާގުޅޭ އާލަތްތައް ބޭނުންކުރުން، އަތުގައި އޮތުން، އެހާ ސާފުކޮށް މަނައެއްނޫން ކުރިއަކުން. އެހެންނަމަވެސް، މި އިޞްލާޙުގެ ތެރެއިން، ގެންގުޅުމާއި ބޭނުންކުރުން މިއޮތީ މަނާކުރެވިފައި. އެހެންވީމާ، ގެންގުޅުންވެސް މަނާވާނެ. އަދި އިޞްތިޢުމާލު ނުކުރިޔަސް. އެހެންވީމާ، ގެންގުޅުންވެސް މީގެ ތެރެއިން އެބަ މަނާވޭ.
އެހެންވީމާ، ފުލުހުންނަށް އެންފޯސް ކުރުމުގައި، މިހާރު ވަރަށް ބޮޑަށް ސާފުވެގެން އެބަދޭ. އަދި އެތެރެކޮށްފިއްޔާ އަތުލުން. މި ޤާނޫނު، ޤާނޫނަކަށް ވެގެންދާއިރުގައި، ވޭޕާއި، ދުންފަތުގެ އިސްތިޢުމާލުކުރާ އެކިއެކި ތަކެތި އެތެރެކުރުން. އެތެރެކޮށްފިނަމަ އަތުލުން. އުފައްދަން ބޭނުންވާ ތަކެތި އެތެރެކޮށްފިއްޔާ އަތުލުން. ހަމަ ވަރަށް ސާފުކޮށް މިހާރު ޤާނޫނުގައި މި ކަނޑައެޅިގެން ދިޔައީ. ކަސްޓަމްސްއާއި ފުލުހުންނަށް ފަސޭހަވެގެންދާނެ.
ދެން، މި އިޞްލާޙު މިގޮތަށް އައިކަމުގައިވިޔަސް، ހަމަ އަމިއްލަ ބޭނުމަށް ރާއްޖެ އަންނަ ފަސިންޖަރުން އެއީ، ދިވެހިންނާއި ޓޫރިސްޓުން ހިމެނޭހެން، ފަސިންޖަރުން އަމިއްލަ ބޭނުމަށް އެ ގެންނަ ތަކެއްޗެއް މިއަކު ނުއެއް ހިމެނޭ. އެއީ، ހަމަ ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ، ޓޫރިޒަމް ވަރަށް ފުޅާ ޤައުމެއް. އަދި އަމިއްލަ ބޭނުމަށް ދިވެހިންވެސް ހަމަ ބޭރުން އަންނައިރު، ދުންފަތުގެ އިސްތިޢުމާލު ކުރާ އެއްޗެއް ގެނަޔަސް، އެހެންނަމަވެސް، އުފެއްދުމަކަށް ބޭނުންކުރާނެ އެއްވެސް އެއްޗެއް ނުގެނެވޭނެ.
މި އިޞްލާޙުގައި، މި އެންފޯސްމަންޓަށް ވަރަށް ޚާއްޞަ ކަންތައްތަކެއް ހިމެނިފައި ވާނެ. ކުރީގައި މި އެންފޯސް ކުރުމުގައި ދަތިތަކެއް ދިމާވާކަން ފާހަގަކޮށްފައި އޮތީމާ، އެންފޯސް ކުރުމުގައި ވޭޕާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާބެހޭ ތަކެތި ގެންގުޅުމާއި، އެތެރެކުރުމާއި، ބެލެހެއްޓުމާއި، ނައްތާލުމާއި، މި ތަކެތި އަތުލުމަށްފަހު، އެ ތަކެތި ބަލަހައްޓައި، ނައްތާލުމާއި، މި ހުރިހާ ކަމެއްގެ ޕްރޮސީޖަރަލް ކަންތައްތައް، އިޖުރާތްތައް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ. އެކަން ކުރަންވާނެ ގޮތް، ވަރަށް ސާފުކޮށް މިހާރު މި ބިލުގައި އެބައޮތް. އެހެންވީމާ، ވަށާޖެހޭގޮތަށް މިހާރު މިއޮތީ ޙައްލު ގެނެވިފައި. ވަށާޖެހޭ ޙައްލު މިހާރު މި ބިލުގައި އޮންނާނެ.
އާދެ، ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ، އަޅުގަނޑުމެންނަށް ވަރަށް ގެއްލުން ހުރި ކަމެއް. ވަރަށް ގެއްލުން ހުރި ކަމެއް. އަޅުގަނޑުމެންގެ ސްޓެޓިސްޓިކްސްއިން ދައްކާ ގޮތުގައި، ހަމަ ނެޗުރަލް ޑެތްގެ އިތުރަށް، މީހުން މަރުވާ އެކި ކަހަލަ އެކުއަރޑް ބަލިތަކާއި ކަންކަމުން މަރުވާ މީހުންގެ ތެރެއިން، ހަމަ އެންމެ ބޮޑު އިންސައްތައެއް މި ދުނިޔެ ދޫކުރަންޖެހެނީ، ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން. އެންމެ ބޮޑު އިންސައްތައެއް. މިއީ، ދެބަސްނުވެވޭ ޙަޤީޤަތެއް.
ދެން، އަޅުގަނޑުމެންގެ އާބާދީގެ 30 އިންސައްތައަކީ، މިވަގުތު އަޅުގަނޑުމެންގެ ކައިރީގައި މިތިބަ ދަރިވަރުންގެ އުމުރުން ފެށިގެން ޅަކުދިން. 1 ޖަނަވަރީ 2007ން ފެށިގެން އުފަންވީ ހުރިހާ ކުދިންގެ ޖުމްލަ އާބާދީ، ރާއްޖޭގެ އާބާދީގެ 30.1 އިންސައްތައަކީ.
އެހެންވީމާ، މިއަދު މި ޤާނޫނަކަށް ވެގެންދާއިރު، މި އިފެކްޓިވް ވާނީ، 1 ނޮވެންބަރުގައި. އަޅުގަނޑުމެން ގާތްގަނޑަކަށް 6 މަސްދުވަސް އެބަ ދެން. މިހާރުވެސް ކޮންމެވެސްވަރަކަށް މި އުމުރުގައިވެސް ހަމަ އެއްވެސްގޮތަކަށް މިކަމުގެ ތެރެއަށް އާދަވެފައި ހުރި ކުއްޖަކު ހުރި ކަމުގައިވިޔަސް، އެއިން ދުރުވުމާއި، އަދި މި އެންފޯސް ކުރުމުގައި އިދާރީ ގޮތުންނާއި، އޮޕަރޭޝަނަލީ، ކުރަން ހުރި ކަންކަމަށް ތައްޔާރުވުމަށާ އެއްކޮށް، ކުޑަ ދުވަސްކޮޅެއް ދީފައި، 1 ނޮވެންބަރުގައި މި ޤާނޫނު އިފެކްޓިވް ވާނީ. އިފެކްޓިވްވާ ހިސާބުން ފެށިގެން ދެން، އަޅުގަނޑުމެންނަށް މި އެންޝުއަރ ކޮށްދެވެނީ، ޔަޤީންކޮށްދެވެނީ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލް އިރާދަކުރެއްވިއްޔާ، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރެވޭ އެބަ. އަމިއްލައަށް އެކަން ކުރުމުން ދުރުވުމާއި، ކުރާ ފަރާތްތައް އެކަމުން ހުއްޓުވުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މި ހުރިހާ ކަމަކަށް ޙައްލު ލިބޭ ޤާނޫނެއް އިރާދަކުރެއްވިއްޔާ.
އަޅުގަނޑުމެން ތެރޭގައި ފެތުރޭ އެންމެ ބޮޑު އެއް ބައްޔަކީ، ނޮން ކޮމިއުނިކެބަލް ޑިޒީޒްތަކުގެ ތެރޭގައި، ކެންސަރ. ކެންސަރ ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމަ ދުންފަތުގެ އިސްތިޢުމާލު ކުރުން. ރެސްޕިރޭޓަރީ ޑިޒީޒްތަކާ ބެހޭ، ކަމާބެހޭ އިސް މާހިރުން، ޑޮކްޓަރުންވެސް މިތާނގައި، އެބަ ތިއްބެވި.
އަޅުގަނޑުމެންނަށް މި ފެންނަނީ، އަޅުގަނޑުމެންގެ ޤައުމުގައި މި ލައިފް ސްޓައިލް، މި ޑިޒީޒްތައް ހުއްޓުވުމުގައި، އެކަށީގެންވާ ކަންތައްތަކެއް ސަރުކާރުގެ ހިސާބުން ކުރެވިފައި ނެތީއޭ. އެ ޕޮލިޓިކަލް ވިލްނެތީ. އަބަދުވެސް އިސްކުރެވެނީ، ޕޮލިޓިކަލީ ސޭފް ސައިޑް. ޙަޤީޤަތުގައި، ޤައުމު އިސްކޮށްގެން، ޤައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ އެދިގެން، އިޚްލާޞްތެރިކަމާ އެކީގައި، މިކަހަލަ ކަމަކަށް ޓެކްލް ކުރެވިފައި ނެތް މިހާތަނަކަށް. އަޅުގަނޑަށް މުހިންމީ، ޙަޤީޤީ ޙައްލު ގެނެސްދޭން. އެހެންވީމާ، އަޅުގަނޑާ ދޭތެރޭގައި މިކަމުގައި ހިތްހަމަނުޖެހޭ މީހުން އެބަތިބި. ޚާއްޞަކޮށް، ދުންފަތުގެ ތަކެތި ވިއްކާ ފަރާތްތައް. ވަރަށް ހިތްހަމަނުޖެހިފައި ތިބީ. އަޅުގަނޑަށް ފަރުވާލެއް ނެތް. މައްސަލައެއް ނެތް އެކަމުގައި. އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާނީ، ހަމަ ތިޔަބޭފުޅުންނަށްވެސް ރަނގަޅުގޮތަކީ މިއޭ. ތިޔަ ވިޔަފާރިން ދުރަށް ވަޑައިގަންނަވާށޭ. އެހެން ވިޔަފާރިއަކަށް ބަދަލުވެލައްވާށޭ. މި ދުންފަތުގެ ވިޔަފާރިއަކީ، މި ޤައުމުގައި، އަޅުގަނޑު ތަރުޙީބު ދޭނެ ވިޔަފާރިއެއް ނޫން. މިކަމުން ދުރުވީމާ، މި ފަސް ލައްކައެއްހާ އާބާދީ، މިކަމުން ސަލާމަތް ކުރެވުނީމާ އެއީ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމަށް، އަޅުގަނޑުމެންގެ މުސްތަޤުބަލަށް ކޮށްދެވޭ ވަރަށް ބޮޑު ކަމެއް.
އެހެންވީމާ، އެކަން ކޮށްދިނުމުގައި މި ޕޮލިޓިކަލް ވިލް، މި ސަރުކާރުގައި އޮތުމާއެކީގައި، މިކަން ކުރުމުގައި މުޅި މުޖުތަމަޢު ބައިވެރިވެއްޖިއްޔާ، އަޅުގަނޑުމެންގެ މުސްތަޤުބަލު މިއިން މި ސަލާމަތް ކުރެވެނީ. މި ބިލު، މި ޤާނޫނަކަށް ވެގެން، ދެން މި ޤައުމުގައި މި ޤާނޫނު ތަންފީޒު ކުރެވޭހާ ދުވަހަކު، ކުރިއަށް އަންނަން އޮތް ޖީލުތައް ސަލާމަތް އެބަ ކުރެވޭ. ކުރިއަށް އުފަންވާން ތިބި ހުރިހާ ކުދިން، މި ޤާނޫނުގެ ތެރެއަށް އެބަ ވަދޭ. މަނާވާނެ. އެހެންވީމާ، ވަކި ހިސާބަކުން، އަހަރުތަކެއް ފަހުން، މުޅި ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާވެފައި ތިބި މުޖުތަމަޢެއް އޮންނާނީ. އެހެންވީމާ، އެ ހިސާބަށް ދަންދެން، އެ ހިސާބަށް މި ޤައުމު ގެންދިޔުމުގައި އެންމެން އެއްބާރުލާން އެބަޖެހޭ.
މިއީ، ވަރަށް މާތް މަޤްޞަދެއްގައި، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤުބަލް ޙިމާޔަތް ކުރުމަށް، އަޅުގަނޑުމެންގެ އުފެއްދުންތެރިކަންވެސް އިތުރުކުރެވޭނީ، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް މިތާ އޮވެގެން. އަޅުގަނޑުމެންގެ ޒުވާނުންނަކީ، އަޅުގަނޑުމެންގެ މުސްތަޤުބަލް. ހަކަތަ ހުރި ޒުވާނުންނަށް ވާނީ، މިކަހަލަ، އެކި ކަހަލަ ނޭދެވޭ އާދަތަކުން، ޚާއްޞަކޮށް ސްމޯކިންގ ރިލޭޓެޑް، މިކަންކަމުން އަޅުގަނޑުމެންގެ ޒުވާން މުޖުތަމަޢު، ބަލިތަކުން ސަލާމަތްކުރެވިފައި އޮތިއްޔާ.
އެހެންވީމާ، އެކަން ކުރުމަށްޓަކައި މި އެޅޭ ފިޔަވަޅަކީ، އަޅުގަނޑުމެން އެންމެން ބަލައިގަންނަ، އެންމެނަށްޓަކައި ކުރެވޭ ކަމެއް ކަމުގައި ދުށުމަކީ، އަޅުގަނޑު ހަމަ އެދޭ އެދުމެއް. އަޅުގަނޑު ޔަޤީންކުރަން އެގޮތަށްކަން ހުރިހާ ބޭފުޅުންވެސް ދެކޭނީ.
އާދެ، އެކަން ހަމަ ދަންނަވާލުމާ އެކީގައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ، މި ބިލު ތަޞްދީޤު ކުރުމަށް މި އަވަސްވެގަންނަނީ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިއިން މިންވަރުކުރެއްވުން. އާމީން!