ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހަވާއީގެ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން، މިވަގުތު ހަވާއީއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރަށް އަލިއަޅުއްވާލެއްވިއެވެ. ހަވާއީގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެޗް.ޖީ.އައި.އޭއިން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އިންކްލޫސިވް ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އީޖާދީ މޮޑެލްއެއް ޤާއިމުކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިގެންދިޔައީ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާބެހޭގޮތުންނެވެ. ޚާއްޞަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްޤީކުރުމުގައި ކުރިމަތިވާ އާންމު ހުރަސްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުގެނައުމަށް ހަވާއީއިން ކުރަމުން ގެންދާ ކާމިޔާބު ދަތުރަށް، ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އަދި މި ތަޖުރިބާތަކަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ރަށްތައް އުފެދިފައިވާގޮތުން ދިމާވާ މައްސަލަތަކާ ކުރިމަތިލުމުގައާއި ތެލަށް ބަރޯސާވުން މަދުކުރުމަށް ބޭނުންތެރި އިރުޝާދުތަކެއް ފޯރުކޮށްދޭނެ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިސް ޔަމަމޯޓޯ-ލާއު ވަނީ، ހަވާއީގެ މުހިންމު ސާފު ހަކަތައިގެ ލަނޑުދަނޑިތަކާބެހޭ ތަފްޞީލީ މަޢުލޫމާތާއި އެޗް.ޖީ.އައި.އޭގެ އީޖާދީ އަދި ހަމަހަމަ ފައިނޭންސިންގ ނިޒާމުތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވައިފައެވެ. މީގެ ތެރޭގައި "އޮން-ބިލް ފައިނޭންސިންގ" ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް ހިމެނެއެވެ. މި ޕްރޮގްރާމަކީ، އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް، ޔުޓިލިޓީ ބިލްތައް މެދުވެރިކޮށް އަނބުރާ ދެއްކުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިދޭގޮތަށް ހިންގާ ޕްރޮގާރާމެކެވެ. މީގެސަބަބުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކާއި އަމިއްލަ ސެކްޓަރގެ އިންވެސްޓްމަންޓްތަކާ ދެމެދު ހުންނަ މާލީ ފަރަގުތައް ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިފަދަ އުސޫލުތަކަކީ، ރާއްޖޭގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ފުޅާކުރުމަށް ވަރަށް މުހިންމު ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.