ހަވާއީގެ ހޮނަލުލޫގައި މިހާރު ކުރިއަށްދާ ބްލޫ ޕްލެނެޓް އެލާޔަންސް (ބީ.ޕީ.އޭ) ފެލޯޝިޕް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ބައިވެރިވެވަޑައިގެންފިއެވެ.
ހޮނަލުލޫގައި ހުންނަ އީސްޓް-ވެސްޓް ސެންޓަރގައި ހޯމަ ދުވަހު ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަޔާނެއްވެސް ދެއްވާފައެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދާ 4 ވަނަ ފަހަރެވެ.