بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މ. އަތޮޅު މުލީގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި މި ތަނަށް ވަޑައިގެން ތިއްބެވި މި އަތޮޅުގެ އެކިއެކި ރަށްރަށުގެ ބޭފުޅުން، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް، މުލަކު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ނައުފަލް، ވަޒީރުން، އަދި ކުންފުނިތަކާއި، މުއައްސަސާތަކުގެ ވެރިން، ރަށުގެ އެކިއެކި މުއައްސަސާތަކުގެ ވެރިން، އަދި މި ޙަފްލާ ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ވަރަށް އުފާވެރި މެޙެފިލެއްގައި އަޅުގަނޑުމެންނަށް މި ތިބެވެނީ. އާދެ، މުލީގެ އެއަރޕޯޓް ހަދަމުންދާތާ ވަރަށްގިނަ ދުވަސްވެއްޖެ. ދެންމެ މިތަނުގައި މިނިސްޓަރވެސް އެ ފާހަގަކުރެއްވި ފަދައިން، 14 ވަރަކަށް އަހަރުވީ ފަށައިގަނެގެން އުޅޭތާ. ދެން ކޮންމެއަކަސް މި ސަރުކާރު ފެށިގެން އަޅުގަނޑުމެންނަށް މަސައްކަތް ހަވާލުވިއިރުގައި އޮތް ހިސާބުން ބެލި ނަމަވެސް، ވަރަށްގިނަ ކަންތައް ނިންމަން ހުރި. ދެންމެ އޭގެ ބައެއް ތަފްޞީލު އެ ލިބިގެންދިޔައީ. ހަމަ ވަރަށްގިނަ މަސައްކަތްތަކެއް. އަދި ވަރަށްބޮޑު ޢަދަދެއް ބަޖެޓުންވެސް އިތުރަށް ވޭރިއޭޝަން ގޮތުގައިވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރުކޮށްގެން ނިންމޭ ހިސާބުގައި މަޝްރޫޢު އޮތީ.

އެހެންވީމާ، އޭގެ ކުރިން ކުރެވުނު ހުރިހާ މަސައްކަތަކާއެކު އަދި އިތުރަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް، އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި ކޮށް ނިންމައި، ކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ނިންމައިލެވި، މިއަދު މި ހުޅުވިގެން މިދިޔައީ. އެކަމަށްޓަކައި މުލީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާ ދަންނަވަން. ވަރަށް ބޮޑަށް މަރުޙަބާ.

މި އެއަރޕޯޓުން މި ރަށުގެ ތަރައްޤީއަށް ހަމަ ޔަޤީނުންވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ. ވަރަށްގިނަ ދާއިރާތަކުން ކުރިއެރުން ހޯދުމުގެ ދޮރޯއްޓަކަށް މި އެއަރޕޯޓް ވާނެ. ޚާއްޞަކޮށް، އިޤްތިޞާދީ ގޮތުން ރަށަށް ކުރިއެރުން ގެނައުމުގައި އެއަރޕޯޓް ވެގެންދާނީ އިޤްތިޞާދީ ދޮރޯއްޓަކަށް. އޭގެތެރޭގައި، ހަމަ ޔަޤީނުންވެސް ފަތުރުވެރިކަމުގެ ދާއިރާއަކީ، މުހިންމު ދައުރެއް އަދާކުރާނެ ދާއިރާއަކަށް ވާނެ.

ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ހަނދާން އެބަހުރި. މި ރަށުގެ ފަތުރުވެރިކަމަށް އަޅުގަނޑު ވަޢުދުވިން، ދެ ރަށެއް ހިއްކުން، ނޫނީވިއްޔާ ފަޅުތެރެއިން ފުރުޞަތުތަކެއް ހޯދައިދޭން އިންވެސްޓްމަންޓްތަކަށް. އަދި ހިއްކާފައި އޮތް ބިމުންވެސް ޓޫރިޒަމް އިންވެސްޓްމަންޓަށް ފުރުޞަތުތައް ހޯދައިދޭނެ ވާހަކަ. އެކަމަށް އެންމެ މުހިންމީ އެއަރޕޯޓް ހުޅުވިގެން ދިޔުން. އެހެންވީމާ، މިއަދު މިވަނީ އެކަން ހާސިލުވެފައި.

ޓޫރިޒަމް މިނިސްޓްރީން ތިޔަބޭފުޅުންނާ ގުޅިވަޑައިގެން، ދެން އޮތް މަރުޙަލާގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައްޓަންކޮށްދޭނަން. ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.

ހަމަ އެއާއެކީގައި، މި އަތޮޅުގެ ތަރައްޤީއަށްވެސް މި އެއަރޕޯޓް ވަރަށް މުހިންމު. މި ސަރަޙައްދުގެ ރަށްތަކަށާއި، ޖުމްލަކޮށް، އަތޮޅުގެ ތަރައްޤީއަށް އެއަރޕޯޓުގެ ސަބަބުން ވަރަށްގިނަ ކުރިއެރުންތައް އަންނާނެ.

ލަފާ ފުރުމުގެ ދަތިކަން ވައިގެ މަގުން ނެތް މަދު ސަރަޙައްދުތައް ގޮތުގައި އޮތް އޮތުން މިއަދު ނިމުމަކަށް މިއައީ. ވައިގެ މަގުން ގާތްގަނޑަކަށް ބައިގަޑިއިރުގެ ތެރޭގައި، ކޮންމެ ހިސާބަކުންވެސް ދިވެހި ރައްޔިތަކަށް ދަތުރުކުރެވޭނެގޮތް އޮތުމަކީ، އެއީ އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތެއް. އެހެންވީމާ، އެގޮތުން، މި ރަށުގައި މި އެއަރޕޯޓް ހުޅުވިގެން ދިޔައިމަ، ވަރަށްގިނަ ކަންތައްތަކަށް މި ދެންނެވި ފަދައިން މަގުފަހިވެގެން އެދަނީ.

އާދެ، މިއަދު މިއީ ހަމަ ފެށުމެއް. މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ވަރަށްގިނަ ކަންކަން އެބަހުރި. އަޅުގަނޑު ވަޢުދުވެފައި ހުރި ވަރަށްގިނަ ކަންތައްތައްވެސް އެބަހުރި. އޭގެތެރޭގައި، ދެންމެ މި ދެންނެވި ފަދައިން، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުން، މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުން.

އާދެ، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، ރަނގަޅު ފެންވަރުގައި މި ރަށުގެ މަގުތައް ހަދައިދޭނެ ކަމަށް. މި އަންނަ އަހަރު ތެރޭގައި އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައިވާކަން ދަންނަވަން. އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރުގެ ތެރޭގައި، މި ރަށުގެ މަގު ހެދުމުގެ މަޝްރޫޢު، އަޅުގަނޑު ވަޢުދުވެފައި އޮތް ގޮތަށް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން.

މިހާރު ސޮއިކުރެވިފައިވޭ، އެމް.ޓީ.ސީ.ސީ.އާ އެކީގައި، ރީޖަނަލް ހޮސްޕިޓަލްގެ އާ ޢިމާރާތް އެޅުން. އެއީވެސް އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އެ މަޝްރޫޢު ފެށުމަށް އެއޮތީ މިހާރު ތައްޔާރުވެފައި. ޢަމަލީގޮތުން ފެށުމުގެ މަރުޙަލާގައި އެއޮތީ. އަޅުގަނޑު ހަމަ އުންމީދު ކުރަން، ފެށެންޏާ މިއަދުވެސް ފަށަން. އެކަމުގައި އަޅުގަނޑުގެވެސް ވަރަށް ބޮޑު އުންމީދެއް އެބައޮތް، ރައްޔިތުން ބޭނުންވާ ކަންތައްތައް ހަމަޖެހިގެންދާން ޞިއްޙީ ދާއިރާއިން. ވަރަށް ވަރަށް މުހިންމު މަޝްރޫޢެއް އެއީ.

އެހެންވީމާ، އަޅުގަނޑުމެން ވާނީ މިދިޔަ އެޕްރީލް މަހުގެ 14 ވަނަ ދުވަހު، އެ ޢިމާރާތް އެޅުމަށްވެސް ސޮއިކޮށްފައި. އަދި އިތުރު ޚިދުމަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް. ޑައިލިސިސް ޚިދުމަތާއި، މުވައްޒަފުން ހޯދުމާއި، މިފަދަ ގިނަ ކަންތައްތަކުގައި ސަރުކާރުން ވަރަށް އިސްކަމެއް ދެން. ވަރަށްގިނަ ކަންތައްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް މިވަނީ ކުރެވިފައި. އަދި ކުރިއަށްވެސް އެބަދޭ.

އެހެން ދާއިރާއަކަށް ބަލައިލަންޏާ، އެންމެ މުހިންމު އެއް ދާއިރާއަކީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަން. އަޅުގަނޑުމެން ވާނީ އިޢުލާނުކޮށްފައި، މި މަހުގެ ތެރޭގައި. 13 ވަނަ ދުވަހު އިޢުލާނު ކުރިން، 57 ރަށުގައި އަޅުގަނޑު ވަޢުދުވެފައިވާ ހައުސިންގ މަޝްރޫޢުތައް ހިންގަން. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އޭގެތެރޭގައި، މި ރަށުގައި 300 ހައުސިންގ ޔުނިޓު އެޅުން ހިމަނާފައި އޮންނާނީ. އެހެންވީމާ، އެ ޓެންޑަރިންގ ޕްރޮސެސްގެ ތެރެއިން އަޅުގަނޑުމެން އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް ރަނގަޅު ފަރާތެއް ހަމަޖެހިގެން ގޮސް، އެ މަޝްރޫޢުވެސް ފެށޭނެ ކަމަށް. މި ރަށުގައި 300 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ވެގެންދާނެ، ހަމަ ޔަޤީނުންވެސް ތިޔަބޭފުޅުންގެ އުންމީދުތަކުގައި ވަރަށްގިނަ ކުލަތައް ޖެހޭނެ ކަމަކަށް. ޚާއްޞަކޮށް، ޒުވާނުންނާއި ގެދޮރުވެރިކަން ނެތް ފަރާތްތަކަށް. މި ރަށަށް އަންނަން ބޭނުންވާ ފަރާތްތައް ތިބި ކަމަށްވަންޏާ، އެ ފަރާތްތަކަށްވެސް އަޅުގަނޑު ހަމަ މަރުޙަބާ ކިޔަން.

މިގޮތަށް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވޭ، ޚާއްޞަކޮށް، އެއަރޕޯޓުތައް ހެދި، ބިން ހިއްކޭ ރަށްރަށަކީ، ސަރަޙައްދީ ގޮތުން ތަރައްޤީ ކުރުމުގެ ވިސްނުމުގައި، އެހެން ރައްޔިތުންވެސް ބައިވެރިވާ ރަށްތަކަކަށްވާންޖެހޭ. އެއީ، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާނެ ގޮތަކީ. ރަށްރަށަށް ހިޖުރަކުރުން، އާބާދީ އެއްފަސްކުރުން. އެއީ، އެއްބަޔަކު އަނެއްބަޔަކާ ވަރަށް ބޮޑަށް ގުޅިލާމެހިގެން ނޫނީ ނުވާނެ ކަމެއް. އެހެންވީމާ، ހައުސިންގ މަޝްރޫޢު އެވަނީ އިޢުލާނު ކުރެވިފައި. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު ހަމަ ކުރިއަށް ގެންދެވޭނެ.

ހަމައެއާއެކީގައި، އަޅުގަނޑު ވަޢުދުވިން، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢެއްވެސް ކުރިއަށް ގެންދަން. އެހެންވީމާ، މިގޮތަށް ނުފެށިހުރި މަޝްރޫޢުތަކަކީ، މި ދެންނެވި ގޮތަށް، މި އަންނަ އަހަރު ބަޖެޓްތެރޭގައި މަގުހެދުމުގެ މަޝްރޫޢު ހިމެނިފައި އޮތްގޮތަށް، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުވެސް އަޅުގަނޑުމެން ހަމަ މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، މި އަންނަ އަހަރު ކުރިއަށް ގެންދަން އަޅުގަނޑު ވާނީ ނިންމާފައި.

އާދެ، މި ރަށާ ކައިރީގައި މިއޮތް ނާލާފުށީގެ ވާހަކަވެސް ދަންނަވާލާނަން. އާދެ، ނާލާފުށްޓާއި މުއްޔާ ގުޅުވައިލުން. ކޯޒްވޭއަކުން ގުޅުވައިލުމަކީ، އެއީ އަޅުގަނޑު ދެ ރަށަށްވެސް ވީ ވަޢުދެއް. އިރާދަކުރެއްވިއްޔާ މި ދަތުރުގައި އެ މަސައްކަތް ޢަމަލީގޮތުން އަޅުގަނޑުމެން ފަށާނަން. ގާތްގަނޑަކަށް 650 އެއްހާ މީޓަރު ހުރީ މިދޭތެރޭގައި. މި ގުޅުވައިލުމަކީ އިޤްތިޞާދީ މަސައްކަތެއް. އިޤްތިޞާދީ ނަފާ އެއިން ލިބޭ މަސައްކަތެއް. އިންވެސްޓްމަންޓެއް މިއީ. މިގޮތަށް ގުޅުވައިލެވުނީމަ، އެއްފަސްކުރެވުނީމަ، ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި. ދެން ހަމަ ޔަޤީނުންވެސް ނާލާފުށީ ރައްޔިތުންނަށް މިހާރު ނުލިބޭ އެތައް ފަސޭހަކަމެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަހުރި.

އެހެންވީމާ، އެމް.ޓީ.ސީ.ސީ.އާ އެކީގައި މިހާރު ހަވާލުކުރެވިފައިވާ މި މަޝްރޫޢުގެ އީ.އައި.އޭވެސް އޮތީ ހަދައި ނިމިފައި. އެހެންވީމާ، މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެ ކަމަށް އަޅުގަނޑު ހަމަ ޔަޤީންކުރަން. މަޝްރޫޢުގެ މުއްދަތަކަށް އޮތީ 600 ދުވަސް ޖަހާފައި. އެކަމަކު އެއަށްވުރެ އަވަހަށް ނިންމާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންވީމާ، މި މަޝްރޫޢު މިއަދު ފެށިގެން ގޮސް ނިމޭއިރުގައި، އަޅުގަނޑު ހަމަ ޔަޤީންކުރަން، މިއިން ހަމަ މި ދެ ރަށަށް ވަރަށްގިނަ ފައިދާވާނެ.

މި ދަތުރުގައި ނާލާފުށްޓަކަށް އަޅުގަނޑު ނުއެއްދަން. އެހެންނަމަވެސް، ނާލާފުށީގެ ކޯޒްވޭގެ ވާހަކަ ދަންނަވާލެވޭތީ ދަންނަވާލަނީ. އަޅުގަނޑު އިތުރަށް ވަޢުދުވި ދެ ކަމެއްވެސް އޮންނާނެ ނާލާފުށްޓަށް. އެއީ، ބަނދަރު އިތުރަށް އަޕްގްރޭޑް ކޮށްދިނުން، ނޫނީވިއްޔާ ބޮޑުކޮށްދިނުމުގެ ވާހަކަ އަޅުގަނޑު ދެންނެވިން. އަދި ނާލާފުށްޓަށްވެސް މިހާރު އޮތްވަރަށްވުރެ ބިން އިތުރުކުރަން އަޅުގަނޑު ވަޢުދުވިން. އެއީ، ކޮންމެގޮތެއްވިޔަސް، ޖިއޮގްރަފިކަލީ މިހާރު އޮތްގޮތަށް ބަލާއިރުގައި، ހަމަ ބިން އިތުރުކުރުމަކީ ކުރަންޖެހޭނެ ކަމެއް. ގުޅުވައިލި ކަމުގައިވިޔަސް.

އެހެންވީމާ، މި ދެމަޝްރޫޢު، ބިންހިއްކުމާ އެކުގައި، ބަނދަރު ބޮޑުކުރުން، ނޫނީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢާ އެކުގައި ބިން ހިއްކުމުގެ މަޝްރޫޢެއް، ދެ މަޝްރޫޢު އެކީގައި މި އަންނަ އަހަރުގެ ބަޖެޓުގައި ޖަހައިގެން، މި އަންނަ އަހަރު ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާލަން. އާދެ، ދެ ދާއިރާއެއްގެ މަސައްކަތް. ދެ ދާއިރާއެއްގައި ހިމެނޭ ދެ ރަށް.

އާދެ، އަޅުގަނޑު މި ވާހަކަތައް މި ދަންނަވާލީ، ދެންހުރި ރަށްރަށުގެ ވާހަކަ، މ. އަތޮޅުގެ އެހެން ރަށްތަކުގެ ވާހަކަ މިތާ ނުދެންނެވުނު ނަމަވެސް، އަޅުގަނޑު އެދެން، އެކަމާ ކަންބޮޑުވެނުލެއްވުމަށް. މި އަތޮޅުގެ ހުރިހާ ރަށެއްގައި އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާނަން. ކުރިއަށް އެބަ ގެންދެވޭ. ޢަމަލީގޮތުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވެސް ވަނީ. އެއްވެސް ވަޢުދެއް ހަނދާނެއް ނުނެތޭ. ކޮންމެ ވަޢުދެއްވެސް ޑޮކިއުމަންޓް ކުރެވިގެން، އެ ވަޢުދުގެ މަސައްކަތްތަކެއް ހިނގާނެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ކަންކޮޅެއްގައިވެސް.

އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އެކި ސަބަބުތަކާ ހެދި ހުއްޓިފައި ހުރި، ގިނަ މަސައްކަތްތަކެއް ހުރި. މިހާރު އޭގެތެރެއިން ވަރަށް ގިނަ މަސައްކަތްތައް ރީ-ސްޓާޓް ކުރުމަށްޓަކައި، އަލުން ފެށުމަށްޓަކައި އެވަނީ ހަމަ ހުރިހާ ކަމެއް ނިންމިފައި. އޭގެތެރެއިން އަލަށް ފެށުމަށާއި އަދި ހުއްޓިފައި ހުރި ގިނަ މަސައްކަތްތަކެއް ފެށުމަށް އަޅުގަނޑުމެން މިހާރުވެސް ވާނެ، މިގޮތަށް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، 390 މަޝްރޫޢެއް ފަށަން އެކި ކުންފުނިތަކާ ސޮއިކޮށްފައި. އަޅުގަނޑުމެން މި ސަރުކާރުން މި އަހަރުގެ ތެރޭގައި ސޮއިކޮށްފައި ވާނެ. އެއީ، ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ ތެރެއިން ކުރާ މަސައްކަތް. އެއީ، ސަރުކާރު ޙިއްޞާވާ ކުންފުނިތައް. ކުންފުނިތަކުގެ ވެރިންވެސް މިތާ އެބަ ތިއްބެވި. އެ ކުންފުންޏެއް މޮބިލައިޒް ވެފައި، ނޫނީވިއްޔާ މިހާރުވެސް މަސައްކަތަކަށް ގޮސްފައިވާ ރަށެއްގައި، ދެންހުރި އެހެން މަސައްކަތްތައް މި ހަވާލުކުރީ. އެވެސް ހަމަ ކޮސްޓް އިފެކްޓިވްކޮށް މަސައްކަތް ކުރުމަށްޓަކައި.

ވަރަށްގާތުން ސަރުކާރުގެ ހުރިހާ އިދާރާއާއެކު ގުޅިގެން މި މަސައްކަތްތައް މި ތަރުތީބު ކުރަނީ އަވަހަށް ފެށުމަށްޓަކައި. ކޮންމެ ހަފްތާއަކުހެން އަޅުގަނޑުވެސް ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައި، ހަމަ ހުރިހާ ބޭފުޅުން އެކުގައި މިކަންކަން ބާރަށް ގެންދިޔުމުގައި މަސައްކަތްތަކެއް އެބަ ކުރަން. ފިނޭންސް މިނިސްޓްރީގެ ތެރޭގައި ކޮންމެ ދުވަހަކުހެން މަސައްކަތް ހިނގާ. އެހެންވީމާ، ޓީމެއް ގޮތުގައި، ވަރުގަދަ ޓީމެއް ގޮތުގައި ހުރިހާ ވަޒީރުންނާއި އެމް.ޑީޒް ގުޅިގެން އެކަންކަން އެދަނީ.

އެހެންވީމާ، މި ދަންނަވަން އުޅޭ ވާހަކައަކީ، މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދޭ ޔަޤީންކަމަކީ، މިގޮތަށް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެފައި ހުރި ހުރިހާ ވަޢުދެއް ފުއްދުމުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަން އެބަދެމޭ. މިގޮތަށް މި ކަންތައްތަކުގެ ތެރެއިން ފަށަންހުރި ކަންކަން މި އަހަރުގެ ތެރޭގައި ފަށާނެ ވާހަކައާއި އަދި މި އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި ކަންކަން ދާނީ އެގޮތަށްކަން.

ހަނދުމަފުޅު ހުންނާނެ، މިދޭތެރެއިން އަޅުގަނޑު ޕްރެސް ކޮންފަރެންސެއް ބޭއްވިން. އެ ދުވަހު ދެއްކިން ޕްރެޒެންޓޭޝަނެއް. އޭގައި ދެއްކިން ހުރިހާ މަޝްރޫޢުތަކެއް މިހާރު ފަށަން ތާވަލުކުރެވިފައި، ނޫނީވިއްޔާ ތަރުތީބު ކުރެވިފައި ހުރިގޮތް. އޭގައި މި ދަންނަވާލީ ހަމައެކަނި ވިސްނާފައި އޮތް ގޮތެއް ނޫން. ހަމަ ކަނޑައެޅިފައި ހުރި، ހިނގަމުންދާ ސަރުކާރުގެ ސިޔާސަތު.

އެހެންވީމާ، މި ދެންނެވި 390 މަޝްރޫޢު އަދި އިތުރު ވިއްސަކަށް މަޝްރޫޢުގައި ވަރަށް އަވަހަށް ސޮއިކުރާނެ. އަދި މި ހަފްތާ ތެރޭގައި އަދި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައްޔާ އެކީގައި އަދި އިތުރު ގާތްގަނޑަކަށް 300 އެއްހާ މަޝްރޫޢުގައި ސޮއިކުރެވޭނެ. އޭގެތެރޭގައި، ޕްރައިވެޓް ސެކްޓަރއަށް ހުޅުވާލާ މަޝްރޫޢުތައްވެސް ހިމެނޭ.

އެހެންވީމާ، 700 ނޫނީ 800 އެއްހާ މަޝްރޫޢު، މިދިޔަ ފެބުރުވަރީން ފެށިގެން ކުރިއަށް މި އޮތް ދެ މަހާ އެއްކޮށްލައިފިއްޔާ، ގާތްގަނޑަކަށް ހަތަރު ފަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި ހަވާލުކުރަނީ އެކި ކުންފުނިތަކާ. ބާރު ސްޕީޑްގައި މަސައްކަތްތައް ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމުމަށްޓަކައި.

އެހެންވީމާ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަޅުގަނޑު ވީ ވަޢުދުތައް، އެކި ދާއިރާތަކުން، އެއީ، މަގުހެދުން ކަމުގައިވިޔަސް، ބިން ހިއްކުން ކަމުގައިވިޔަސް، ބަނދަރު ހެދުން ކަމުގައިވިޔަސް އަދި ސްކޫލްތަކާ ބެހޭ އެކިކަހަލަ އިންފްރާސްޓްރަކްޗަރ މަޝްރޫޢު ކަމަށްވިޔަސް، ޞިއްޙީ ދާއިރާ ކަމުގައިވިޔަސް، ކުޅިވަރުގެ އެކިކަހަލަ މަޝްރޫޢުތައް ކަމަށްވިޔަސް، ކުނި މެނޭޖް ކުރުން. މިހެންގޮސް ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ވަރަށް ސަމާލުކަންދީގެން، އެކަންކަން ކުރެވޭނެގޮތް މިދަނީ ހަމަޖައްސަމުން. އަދި ފަށައިގެން ކުރިއަށް އެދަނީ.

އަޅުގަނޑުމެންނަށް ފުރިހަމަ ޔަޤީންކަން އެބައޮތް، އަޅުގަނޑުމެންގެ މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. އަޅުގަނޑުމެންނަށް މިކަންކަން ކުރެވޭނެގޮތް އެނގޭ. ކުރެވޭނެ ގޮތަށް ރާވައިގެން މި ގެންދަނީ. އެހެންވީމާ، އެއްވެސް ކަންބޮޑުވުމެއްނެތި އިރާދަކުރެއްވިއްޔާ މިކަންކަން ދާނެ. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތްތައް މިގޮތަށް ފެނިގެން އެދަނީ.

މިސާލަކަށް، ބޭންކިންގ ދާއިރާއަށް ބެލިޔަސް، ބީ.އެމް.އެލް.ގެ ފުރިހަމަ އެހީތެރިކަމާ އެކީގައި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އަޅުގަނޑުމެން ވަޢުދުވީގޮތަށް، އޭ.ޓީ.އެމް.ތައްވެސް އެދަނީ ހުޅުވަމުން. ބުރާންޗްތައް ހުޅުވަން އަޅުގަނޑު ވަޢުދުވީ ބާރަވަރަކަށް ރަށުގައި. އެ ރަށްރަށުގައި ބުރާންޗްތައްވެސް ހުޅުވުމުގެ މަސައްކަތް އެދަނީ ކުރިއަށް.

އަޅުގަނޑަށް ހީވަނީ މިމަސް ތެރޭގައި، މި އަތޮޅުގައި އޭ.ޓީ.އެމް. ނެތް ރަށްރަށުގައި އޭ.ޓީ.އެމް.ތައް ހުޅުވޭނެހެން. ހުޅުވަން އޮތީ ހަމަޖެހިފައި. އަދި އެގޮތަށް ހަމަ ކޮންމެ ހަފްތާއެއްގައި، ނޫނީވިއްޔާ ކޮންމެ މަހެއްގެ ތެރޭގައި ހުރިހާ އަތޮޅެއްގައި، ބާކީހުރި ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ހުޅުވަމުންދާނެ. އަދި ބުރާންޗްތައް ހުޅުވުމުގެ ތަންތާނގައި ހަމަ ތަރުތީބުން ދާނެ.

އެހެންވީމާ، ވަރަށް ބާރަށް ހަމަ ހުރިހާ ސެކްޓަރއެއްގެ މަސައްކަތްތައް މި ހިނގަނީ. ހުރިހާ ސެކްޓަރއެއްގެ މަސައްކަތްތައް. ހުރިހާ ދިމާއަކަށް ރައްޔިތުންނަށް ހަމަހަމަ ޚިދުމަތް ދިނުމަށްޓަކައި. އެއްވެސް ދިމާއެއް، އެއްވެސް ރަށެއް، އެއްވެސް އަތޮޅެއް ބާކީނުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެންގެ މަސައްކަތްތައް މި ކުރަނީ.

އެހެންވީމާ، އަޅުގަނޑު ކުރިންވެސް ހަމަ ދަންނަވާފައި އޮތްގޮތަށް މި އަހަރާއި މި އަންނަ އަހަރާ ދެ އަހަރު ދުވަސް ވެގެންދާނީ، އިރާދަކުރެއްވިއްޔާ ޢަމަލީ ނަތީޖާ ނެރެދިނުމުގެ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރުތަކަށޭ. ހުރިހާ ރަށެއްގައި ކުޅިވަރު ކުޅޭ ހުރިހާ ވަސީލަތްތައް މި ދެ އަހަރަށް ބަހާލައިގެން ޤާއިމުކޮށް ނިންމުމާއި، ކުނި މެނޭޖް ކުރުމުގެ ވަސީލަތްތައް، މި އަހަރުގެ ނިޔަލަށް ނިންމުމާ، މިހެންގޮސް ވަޢުދުވެފައި ހުރި ހުރިހާ ކަމެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނީ، ފަށަންހުރި މަސައްކަތްތައް ފެށޭ ތަނާއި، ފަށާފައި ހުރި މަސައްކަތްތައް ނިންމާފައި، އެކަންކަން ރައްޔިތުންނަށް ހަވާލުކުރެވިގެންދާ ތަން.

ކުރިއަށް އޮތް ތާނގައި، އަޅުގަނޑު ހަމަ ވަގުތު ލިބޭވަރަކުން ވަރަށް އިސްކަންދީގެން ހަމަ މިގޮތަށް ރަށްރަށަށް ދާނަން. ރާއްޖޭގެ ހުރިހާ ރަށެއް ކަވަރ ކުރުމަށްޓަކައި، ދިޔުމަށްޓަކައި އަޅުގަނޑު ވާނީ ނިންމާފައި. އެހެންވީމާ، ލަސްނުވެ މިގޮތަށް ހަމަ ހުރިހާ ރަށަކަށްވެސް ދާން އަޅުގަނޑު ޤަޞްދުކުރަން.

އާދެ، އަދިވެސް އެއްފަހަރު ހަމަ މުލީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. މިއަދު މި ހުޅުވިގެން މިދިޔަ ދޮރޯށީގެ ނަތީޖާ އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ހަމަ ދަންނަވަން. ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމަކީ، އަޅުގަނޑަށް ލިބޭ އުފާ. އަޅުގަނޑަކީ ތިޔަ ލޮބުވެތި ރައްޔިތުންގެ ޚާދިމު. ރައްޔިތުން ހޮވާފައި ހުރި މީހެއް. ރައްޔިތުންނަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންކަން ކުރުންނޫން އެއްވެސް ވިސްނުމެއް ނެތް. އަދި އަޅުގަނޑުގެ އެނޫން ޒިންމާއެއްވެސް ނެތް. އަޅުގަނޑު އެދެނީ، ރައްޔިތުން އެދޭގޮތަށް ކަންކަން ކުރިއަށް ގެންދަން. ރައްޔިތުންނާ ގާތަށް އަންނަނީވެސް އެހެންވެގެން. އަޑުއަހަން. ރައްޔިތުންގެ ގާތަށް އައިމަ، އެ ލިބޭ ހިތްހަމަޖެހުން އެއީ، ވަރަށް ތަފާތު އެއްޗެއް. މާލޭގައި ހުރެފައި، ކައުންސިލްތަކާއި މުއައްސަސާތައް މާލެ ގެންގޮސްގެން، ބައްދަލުކޮށްގެން ކަންކަން ކުރާ ސްޓައިލް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ގާތަށް އައިސްގެން ކަންކަން ބަލައި ކަންކަން ކުރަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިގޮތުގެ މަތިން، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ މަސައްކަތްތައްވެސް އަޅުގަނޑު ހަމަ ވަޢުދުވެފައި ހުރި ކަންތައްތައް، ވަޢުދުތައް ފުއްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މި ރަށާއި މި އަތޮޅާއި، އަދި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެމުން އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.