"ކިޑްސް އެތްލެޓިކްސް ޑޭ 2025" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ހަރަކާތް ކުރިއަށްދިޔައީ މިއަދު ހަވީރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

މި ހަރަކާތަކީ ކްލަބް ރޭސަރސްއިން، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަދި ޔުނިސެފް ގުޅިގެން ބޭއްވި އެއް ދުވަހުގެ ޚާއްޞަ ހަރަކާތެކެވެ.

"ކިޑްސް އެތްލެޓިކްސް 2025" ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަބްދުﷲ ނާޒިމް އިބްރާހިމް، ސްޕޯޓްސް ކޮމިޝަނަރ މުޙައްމަދު ތޮލާލް، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ އެޑްވާޑް އަޑާއީ އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު މުޞްތަފާއެވެ.

މި ހަރަކާތުގެ މަޤްޞަދަކީ ކުޑަކުދިންގެ މެދުގައި ދުޅަހެޔޮ އާދަތައް އާލާކުރުމަށް ހިތްވަރުދިނުމެވެ.