އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލަންސީ ހިސެން ބްރާހިމް ޠާހާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޯ.އައި.ސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ތަޢުރީފު ކުރައްވައި، އެޖަމުޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތަޢުރީފު ކުރެއްވިއެވެ.

އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ދިވެހިރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އިސްލާމީ މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.