ސިންގަޕޫރުގެ އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޮޑުވަޒީރު ލޯރެންސް ވޮންގް އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ނިމިގެންދިޔަ އާންމު އިންތިޚާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ލޯރެންސް ވޮންގްއާއި، ޕީޕަލްސް އެކްޝަން ޕާޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ.

އަދި މި ކާމިޔާބީއަކީ ސިންގަޕޫރުގެ ރައްޔިތުން، ބޮޑުވަޒީރު ވޮންގްއަށް ކުރާ އިތުބާރުގެ ބޮޑުކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިންގަޕޫރަށް ޚިދުމަތްކުރެއްވުމުގައި ބޮޑުވަޒީރު ލޯރެންސް ވޮންގް، ދައްކަވަމުންގެންދަވާ ހިތްވަރާއި ސާބިތުކަމަށް ތަޢުރީފުކުރައްވައި، ސިންގަޕޫރުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގްގެ ކާމިޔާބީ ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެމަނިކުފާނުގެ ޕޯސްޓްގައި، ބޮޑުވަޒީރު ލޯރެންސްގެ ޒަޢާމަތުގައި، ރާއްޖެއާއި ސިންގަޕޫރުގެ ރައްޔިތުންނާ ދެމެދު އޮތް އެކުވެރިކަން ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.