އަންނަ ހޯމަދުވަހަކީ ރާއްޖޭގެ މިނިވަންދުވަސް ކަމަށްވުމާއެކު، ރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގެ މައްޗަށާއި، އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ރާއްޖެދިޔަގޮތާއި، އަދި 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުގޮތާއި، އެކަމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްލަވާލައްވައިފިއެވެ. އެކަންކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިވަންކަމަކީ ކޮބައިކަމާއި، އެމިނިވަންކަން ރައްކާތެރި ކުރުމާ، މިކަންކަމާ ގުޅޭގޮތުން މުޅި މިހަފްތާގައިވެސް ޚިޔާލުކޮށް ފިކުރުކޮށް ހިންގާ ހެދުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމީ މިނިވަންކަމަކީ އިސްތިޢުމާރީ ބާރުން ނުވަތަ އެހެން ބައެއްގެ ބާރުން ނުވަތަ ނުފޫޒުން އެހެން ބައެއްގެ ވެރިކަމުގެ ތެރޭގައި ނެތި އަމިއްލަ ވެރިކަމެއް ހިންގާ އަމިއްލަ ޤައުމަކަށްވުމެވެ.

ރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށްދިޔައީ، 1887 ވަނަ އަހަރުކަން ފާހަގަކުރައްވަމުން، ރާއްޖެއަކީ އެއްވެސް އިރެއްގައި އިނގިރޭސިންގެ އިސްތިޢުމާރީ ބާރުގައި ކޮލޮނީއެއްގެ ގޮތުގައި އިނގިރޭސިން ދެކެމުން އައި ތަނެއް ނޫން ކަމަށާއި، ރާއްޖެއަކީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮތް ތަނެއްގެ ގޮތުގައި، އެމީހުން ދެކެމުން އައި ތަނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި ރާއްޖެ ވަނިކޮށް، ރާއްޖެ އަލުން އަނބުރާ ދިވެހިންގެ ސީދާ މިނިވަންކަމަށް ބަދަލުވީ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގައިކަން ބަޔާންކުރައްވަމުން، އެމަސައްކަތް ކުރެވިގެންދިޔަގޮތާއި، އެކަންކަމާގުޅޭ ވަރަށްގިނަ ޙަޤީޤަތްތައް މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް މަރްޙޫމް އިބްރާހީމް ނާޞިރާއި، އެމަނިކުފާނާ އެކުގައި އޭރުގައި ދައުލަތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުތައް މިއަދާ ހަމައަށްވެސް ފެންނާން އެބަހުރި ކަމަށާއި، އެކަމަށްޓަކައި އެބޭފުޅުންނަށް އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން ހިންގަވަން ނިންމަވާފައިވާ ވަރަށްގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، އަންނަ މިނިވަންދުވަހު ފެށޭކަން ހާމަކުރައްވައި، އެމަޝްރޫޢުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެގޮތުން ސަރުކާރުން ފޯރުކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް، ގދ. ތިނަދޫގަޔާއި، ގއ. ކޮލަމާފުށީގައި އެދުވަހު ފެށޭނެކަން ހާމަކުރެއްވިއެވެ. އަދި އެއަށްފަހު، ދާދި އަވަހަށް އެމަސައްކަތް ކުޅުދުއްފުށީގަޔާއި، މަނަދޫގަޔާއި، ނައިފަރުގަޔާއި، އައްޑުއަތޮޅު ފޭދޫގައިވެސް ފެށިގެންދާނެ ކަމަށާއި، ރާއްޖޭގެ އެހެން ކިތަންމެ ރަށެއްގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަގު ހެދުމުގެ ޕްރޮގްރާމެއްވެސް އިރާދަކުރެއްވިއްޔާ ޖުލައި 26 ވަނަ ދުވަހު ފެށޭނެ ކަމަށާއި، އެންމެ ފުރަތަމަ އެޕްރޮގްރާމް މިފެށެނީ ކުޅުދުއްފުށީގައި ކަމަށް ވިދާޅުވިއެވެ. އަދި ދާދި އަވަހަށް ގދ. ތިނަދޫގަޔާއި، އައްޑުއަތޮޅު ހިތަދޫގަޔާއި، އައްޑުއަތޮޅުގެ އެހެން ރަށްރަށުގަޔާއި، ފުވައްމުލަކުގަޔާއި، ލ. އަތޮޅު ގަމުގައިވެސް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެދުވަހު ކިތަންމެ ބަނދަރެއްގެ ޢަމަލީ މަސައްކަތް ފެށޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.