ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ޑރ. ޖެފްރީ ޗެއާ އޭއޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސަންވޭ ގްރޫޕާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީފާ އަދާކުރަމުން އިތުރު ތަމްރީނު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން މިފަދަ ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި އެކިއެކި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޑރ. ޖެފްރީ ޗެއާ އޭއޯ ވަނީ ސަންވޭ ގްރޫޕްގެ އޮޕަރޭޝަންތަކާއި ތަޖުރިބާ ހުރި ދާއިރާތަކުގެ ތަފްސީލު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި ސަންވޭ ގްރޫޕުގެ ފަރާތުން ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް ހުރިގޮތާއި، ފޮރިން އިންވެސްޓަރުންނަށް ހުޅުވިފައިވާ ޚާއްޞަ ފުރުސަތުތަކާއި، ޓެކްސްގެ ސިޔާސަތާއި، ވިސާއާއިބެހޭ މަޢުލޫމާތާއި، ފައިސާގެ މުޢާމަލާތްތަކާއި އަދިވެސް އެހެނިހެން މިދާއިރާއާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ. މީގެއިތުރުންވެސް، ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުގުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވައި، ރަސްމާލޭ މަޝްރޫޢާއި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮރމޭޝަންގެ މަސައްކަތްތަކާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރާއި، މިހާރު ކުރިއަށްދާ އިރުގެ ހަކަތައިގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ވަޒީރުންގެ ވާހަކަފުޅުގައި، މިދިޔަ ޑިސެމްބަރ މަހު ވުޖޫދަށް ގެނެވުނު މޯލްޑިވްސް ފޮރިން އިންވެސްޓްމަންޓް ޤާނޫނާއެކު އިންވެސްޓަރުންނަށް، ދެމެހެއްޓެނިވި ފައިދާތައް ލިބެނިވި ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ފާގަތި ކުރިމަގަކަށް އުއްމީދު އައުކުރައްވަމުންނެވެ.