بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންގެ ދެކަނބަލުން، މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި މި ދަތުރުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ބޭފުޅުން، އެންމެހައި އަޚުންނާއި އުޚްތުން، އަދި މި ޙަފުލާ ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން، ޢާއިލާތައް، ކިޔަވާކުދިން މިތަނަށް ވަޑައިގެން ތިއްބެވި ކަމަށްޓަކައި. ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތައް އަޅުގަނޑާ ޙިއްޞާކުރުމަށް ވަޑައިގެންނެވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އެކަމަށްޓަކައި މެލޭޝިއާގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
މި ދަތުރަކީ، މި ޤައުމުގެ ސަރުކާރުން، ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށް ކުރާ ރަސްމީ ދަތުރެއް. މި ދަތުރުގައި މިއަދު ރަސްމީ ޕްރޮގްރާމުގެ ބައި ކުރިޔަށް ގެންދެވުނު. އިރާދަކުރެއްވީތީ، މިއަދުގެ ޕްރޮގްރާމުގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންތައްތަކުގައި ކުރިއެރުންތައް ލިބިފައި ވަނީ. އެއީ، ދެ ޤައުމަކީ، މިހާތަނަށްވެސް ވަރަށް ގާތް ދެ ޤައުމު. ވަރަށް ގިނަ ކަންކަމުގައި، ވަރަށް އަޚުވަންތަކަމާއެކީގައި ގުޅިފައިވާ ދެ ޤައުމު. އެ ގުޅުމަށް އިތުރު ވަރުގަދަކަން އިރާދަކުރެއްވީތީ މި ދަތުރުން ލިބިގެން ގޮސްފައިވޭ.
އޭގެތެރެއިން، ދިވެހި ކޮމިއުނިޓީއަށް މުހިންމު ކަންކަމުގައިވެސް ވަރަށް އުފާވެރި ކުރިއެރުންތަކެއް ލިބޭގޮތަށް ހަމަޖެހިފައި ވަނީ. ކުރިޔަށް އޮތް ދުވަސްތަކުގައި، ހައިކޮމިޝަންގެ ފަރާތުން ތިޔަބޭފުޅުންނަށް، މިސާލަކަށް ކިޔަވާ ކުދިންނަށް މުހިންމުވެފައި ހުރި ކަންކަން، ޢާއިލާތަކަށް މުހިންމު ކަންކަން އެބަހުރި. އެކަންކަމުގެ މަޢުލޫމާތު ދެމުން ގެންދާނަން.
އޭގެއިތުރުން، ދެ ޤައުމުގެ ގުޅުމުގެ ތެރެއިން ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއިންވެސް ވަރަށް އުފާވެރި ދުވަސްތަކެއް އޮތީ. މިއަދު އޮފިޝަލް ޓޯކްސްގެ ތެރޭގައި ދެކެވުނު ވާހަކަތަކުގެ އިތުރުން، ވަކިން ޚާއްޞަކޮށް ބޭއްވުނު ބިޒްނަސް ފޯރަމެއް. އެ ފޯރަމަށް ބޮޑުވަޒީރު ވަޑައިގެންނެވި. ޕްރައިމް މިނިސްޓަރ ވާހަކަފުޅު ދެއްކެވި. އަދި ވަރަށް ގިނަ ވިޔަފާރިވެރިން، މި ޤައުމުގެ އިންވެސްޓަރުން، ކުންފުނިތަކުގެ ބޭފުޅުންވެސް ތިއްބެވި.
އިރާދަކުރެއްވިއްޔާ، މި ޤައުމުގައި ދިރިއުޅޭ ދިވެހި ބޭފުޅުންގެ، ދިވެހިންގެ ތެރެއިންވެސް ވިޔަފާރީގެ ކަންކަމުގައި ކުރިޔަށްދާން ބޭނުންވާ ބޭފުޅުންނަށާއި، އަދި ރާއްޖޭގެ ކުންފުނިތަކަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތައް، ވަރަށް މުހިންމު ފައިދާތައް އޭގެ ސަބަބުން ވާނެ ކަމަށް ޔަޤީންކުރަން. އަދި މި ޤައުމުގެ އިންވެސްޓަރުން، ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކޮށް، ދެ ޤައުމު ދޭތެރޭގައި ޓްރޭޑް އިންވެސްޓްމަންޓް ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ހަމަ ޔަޤީންކުރަން.
އޭގެއިތުރަށްވެސް މުހިންމު ގިނަ ކަންކަމުގައި މަޝްވަރާ ކުރެވިގެންދިޔަ. އެހެންވީމާ، ޖުމްލަކޮށް އިރާދަކުރެއްވިއްޔާ މި ދަތުރުން، އަޅުގަނޑުމެންގެ ދެ ޤައުމަށް ފައިދާވާނެ. އަދި މި ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ހަމަ ޔަޤީނުންވެސް ފައިދާވާނެ.
އާދެ، އަޅުގަނޑު އާންމުކޮށް ހަމަ ކޮންމެ ދަތުރެއްގައިވެސް އެ ޤައުމެއްގައި ދިރިއުޅޭ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނާ ބައްދަލުކޮށްލަން ބޭނުންވޭ. އޭގެ ބޭނުމަކީ، ތިޔަބޭފުޅުން ޙިއްޞާކޮށްލަން ބޭނުންވާ ކަންކަން، ކަންބޮޑުވުންތައް، ޝަކުވާތައް، ހިތްހަމަނުޖެހުން، އުފާވާ ކަންތައް، ހުރިހާ ކަމެއްވެސް ޙިއްޞާކުރަން ފުރުޞަތު ދިނުމަށްޓަކައި. އަދި އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން، އެއިން އަޅުގަނޑަށްވެސް ޙަޤީޤަތުގައި، ދިވެހިން އުޅޭ ކޮންމެ ތަނަކަށް ގޮސް ދިވެއްސަކާ ދިމާވީމާ ލިބޭ އުފާ ބޮޑު. އަދި އެކަމުގެ ސަބަބުން، އަޅުގަނޑުގެ ފަރާތުން، ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ކަންކަމުގައި ކުރިއެރުންތައް އަވަސްމިނެއްގައި ހޯދުމުގައި ލިބޭ ފަސޭހަކަން އެބަ ލިބޭ. އެހެންވީމާ، ވަރަށް އުފާކުރަން މިވަގުތުކޮޅު ހަމަޖެހިގެންދިޔައީމަ. އަދި ހަމަ ކުރިން ދެންނެވި ގޮތަށް، ތިޔަބޭފުޅުން ވަޑައިގެންނެވި ކަމަށްޓަކައި ވަރަށް އުފާކުރަން. ވަރަށް ގިނަ ކުޑަކުދިންވެސް، ޢާއިލާތައްވެސް އެބަ ތިއްބެވި.
މި ޤައުމަކީ މިހާރު އެންމެ ގިނަ ދިވެހިން، ހަމަ ޔަޤީނުންވެސް ކިޔެވުމަށް އަދި ޖުމްލަކޮށްވެސް އައިސްތިބި ޤައުމު. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ހައިކޮމިޝަނުގެ ތެރެއިން، ހުރިހާ އެމްބަސީތަކުގެ ތެރެއިންވެސް ދިވެހިންނަށް ޓާގެޓުކޮށް އެންމެ ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހޭނެ ހައިކޮމިޝަން ހުރީ މިތަނުގައި. ކުރިޔަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަށް ބަޖެޓު ހެދިގެންދާއިރުގަޔާ އެކީގައި، ކޮންސިއުލަރ ޚިދުމަތްތަކާއި، އެހެނިހެން ކަންކަމުގައި އެކަމަށް ވިސްނައިގެން، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް، ރަނގަޅުކުރަން ބޭނުންވާ މަގުތައް ފަހިކޮށްދޭނަން. އަދި އެހެނިހެން ކުރިއެރުންތައްވެސް ހޯދައިދޭނަން.
ދެންމެގައި މިތަނުގައި، ދެ ޚިދުމަތެއް ތައާރުފު ކުރެވިއްޖެ. ހަމަ ޔަޤީނުންވެސް އެއިން ފައިދާތަކެއްވާނެ މިތާ ދިރިއުޅޭ ރައްޔިތުންނަށް. ޕާސްޕޯޓާއި، އައި.ޑީ. ކާޑު. އަދި އޭގެއިތުރުން، ކިޔަވާކުދިންގެ ޖަމުޢިއްޔާ ރަސްމީކޮށް އުފެދިގެން އެދިޔައީ. ކިޔަވާކުދިންގެ ޖަމުޢިއްޔާއަކީ، ވަރަށް މުހިންމު ޖަމުޢިއްޔާއެއް. ވަރަށް މުހިންމު ބޭނުމެއް ހިފޭ މުއައްސަސާއެއް އެއީ. އެއީ، އަޅުގަނޑުވެސް ކުރިން އިނގިރޭސިވިލާތުގައި ކިޔެވިއިރުގައި، އެކަމުގެ ތެރޭގައި ފުދޭވަރަކަށް ބޮޑަށް އުޅެވިފައި ހުރީމާ، އެނގޭ އޭގެ މުހިންމުކަން. ބޭރު ޤައުމަކަށް ގޮސް މި ތިބެނީ ކިޔަވަން. އެހެންވީމާ، އެ ޤައުމެއްގައި ތިބޭ ހުރިހާ ކިޔަވާކުދިން ރެޕްރެޒެންޓް ކުރާނެ ބޮޑީއެއް އޮތުމުން، ކިޔަވާކުދިންނަށް ވަރަށް ބޮޑެތި ފައިދާތައްވޭ.
މިތަނުގައި މިއަދު އުފެދިގެން މިދިޔަ ޖަމުޢިއްޔާ، ނޫނީވިއްޔާ ކިޔަވާކުދިންގެ ޖަމުޢިއްޔާއަށް އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ސަރުކާރު ބަޖެޓުގެ ތެރެއިން، 3000 ޑޮލަރަށް ވާވަރަށް ރިންގިޓް އަދަދު، 3000 ޑޮލަރު އެމައުންޓަކީ، އިޔަރލީ އަޅުގަނޑުމެން ޖަމާކުރަމުން ގެންދާނަން. އަޅުގަނޑުމެން އިނގިރޭސިވިލާތުގައި އުފެއްދި ޖަމުޢިއްޔާއަށްވެސް ހަމަ އިޔަރލީ އެމައުންޓެއް ޖަމާކުރަމުން ދަން. އެހެންވީމާ، އެއިން ލިބޭ ފައިދާތައް ހުންނާނެ. ސްޓޫޑެންޓް އެކްޓިވިޓީޒްތައް ހިންގަން. އަދި އެކި ކަންކަމުގައި ކިޔަވާކުދިންނަށް ޖަމުޢިއްޔާ ހިންގުމުގައި އެކި ކަންތައްތައް ކުރެވިގެންދާނެ. އެހެންވީމާ، ކިޔަވާކުދިންނަށް ބޭނުންވާ އެކި ކަންތައްތައް ފަހިކޮށްދިނުމަކީ، އަޅުގަނޑުގެ ޒިންމާއެއް. ސަރުކާރުގެ ޒިންމާއެއް. މިހާތަނަށް އެކި ކަންކަން ތިޔަބޭފުޅުން ހައިކޮމިޝަނަށް ހުށަހަޅުއްވާފައި އެބަހުރި. އެ ކަންތައްތައް ހައިކޮމިޝަނަރ އަޅުގަނޑާ ހިއްސާވެސް ކުރައްވައިފައިވޭ. އަދި ކަމާބެހޭ ވުޒާރާތަކާއި، މުއައްސަސާތަކުގެ ތެރެއިން، އެ ކަންކަމަށް ރަނގަޅު ކުރިއެރުންތައް ގެނައުމުގެ ކަންތައްވެސް ކުރިއަށް ގެންދާނަން. ވަރަށް ދަތިވާ ބައެއް ކަންތައްތައްވެސް ހަމަ ފާހަގަކޮށްފައި އެބަހުރި.
އެހެންވީމާ، ޖުމުލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބައްދަލުވުމުގައި، ފަހުން ހަމަ ބައްދަލުވުމުގެ ތެރެއިން ތިޔަބޭފުޅުންނަށް، ވަކިވަކިން އައިސް އަޅުގަނޑާ ހަމަ ވަން ޓު ވަންކޮށް، ބައްދަލުކުރަން ފުރުޞަތު ދޭނަމޭ، ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް. އޭގެ އިތުރަށްވެސް ޖުމުލަކޮށް، އަޅުގަނޑަށް ހައިކޮމިޝަން ތުރޫކޮށް އެނގިފައޭ އޮތީ، ޖުމުލަކޮށް ހުރި ދަތިތައް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް ފުރިހަމަ ފުރުޞަތު އޮންނާނެ އަޅުގަނޑާ އެކީގައި ބައްދަލުކޮށްލައި، ދައްކަން ބޭނުންވާ ވާހަކަތައް ދައްކަން.
އަޅުގަނޑު ދޭ ޔަޤީންކަމަކީ، ކޮންމެ ޤައުމެއްގައި ވިޔަސް، ދިވެހިން އުޅޭ ތަނެއްގައި، ދިވެހި ސަރުކާރުގެ ފުރިހަމަ ޒިންމާއެކޭ، ހުރިހާ ކަމެއްގައި ހަމަހަމަކަމާއެކީގައި ޚިދުމަތް ދިނުން. އެހެންވީމާ، އެ ޒިންމާ އަދާކޮށްދޭނަމޭ ފޮރިން މިނިސްޓްރީ ތުރޫކޮށް. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ، އަޅުގަނޑު ކުރިން ހަމަ ވަރަށް ސާފުކޮށް މެނިފެސްޓޯގައި ލިޔެފައި އިޢުލާނުކޮށްފައި އޮންނާނެ، ދިވެއްސަކު ހުރި ކޮންމެ ތަނެއްގައި އެއީ، ރާއްޖޭގައި ހުރި މީހަކާ އެއްވަރަށް، އެއް ހައިސިއްޔަތެއް ލިބޭ، އެއް ޙައްޤުތަކެއް ލިބޭ ރައްޔިތެއްގެ ގޮތުގައި ދެން އަޅުގަނޑު ދެކޭ ކަމަށް. އަދި އެކަން އޮންނަންވެސް ޖެހޭނީ އެހެން. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކަށް ވަނީ، އެ ފެންވަރަށް ހުރިހާ ކަމެއް ހަމަޖައްސައިދޭން މަސައްކަތް ކުރުން. އެހެންވީމާ، އެގޮތުގައި އިރާދަކުރެއްވިއްޔާ ކަންކަން ކުރިޔަށް ގެންދާނަން.
އަދި ހަމަ އަޅުގަނޑު ތިޔަބޭފުޅުންނާ މިހެން ބައްދަލުކޮށްލެވޭ ވަގުތު، ވަރަށް ގިނަ ކިޔަވާކުދިންވެސް ތިބީމައާ އެކީގައި ދަންނަވާލަން ބޭނުންވަނީ، ކިޔަވާކުދިންނަށް ޚާއްޞަކޮށް، އަޅުގަނޑުމެން ބޭރު ޤައުމަކަށް އައިސްތިބޭއިރު، އަބަދުވެސް ހަނދާން ބަހައްޓަންވާނެއޭ، އަޅުގަނޑުމެންގެ އަސްލު. އަޅުގަނޑުމެންގެ އައިޑެންޓިޓީ. އެއީ ކޯއްޗެއް؟ އެއީ، އަޅުގަނޑުމެންނަކީ މުސްލިމުން، އިސްލާމުން. ހަމަ ވަރަށް ގިނަ ފަހަރު ވާގޮތެއް، ވަރަށް ފަސޭހައިން އެ އޮންނަ ސޮސައިޓީއެއްގެ ތެރޭގައި، އެ އޮންނަ ޓްރެންޑަކާ އެކީގައި ކޮންމެވެސްވަރަކަށް، އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިންނަށް އެބަ ޑީވިއޭޓްވާގޮތެއްވޭ. ކުޑަކޮށް ފަސޭހަކޮށްލެވޭ. ދީނުގައި އޮންނަ ހަމަތައް ކުޑަކޮށް ދޫކޮށްލެވޭގޮތް އާދޭ. އެހެންވިޔަ ނުދެއްވާށޭ. އަބަދުވެސް ހަނދާން ބަހައްޓަވައްޗޭ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަން. އެކަން ފުރިހަމައަށް ހަނދާނުގައި ބަހައްޓަވައިގެން ޢަމަލުކުރައްވަމުން ގެންދަވާށޭ. އޭރުން ދެންހުރި ހުރިހާ ކަމެއްވެސް ދާނީ އިރާދަކުރެއްވިއްޔާ ރަނގަޅަށް. ބަރާބަރަށް ނަމާދުކުރުމާއި، ދެން ހުންނަ ހުރިހާ ކަމެއްވެސް ކުރައްވަމުން ގެންދަވާށޭ. އެހެން ދިމާއަކުން ލިބޭނެ މޮޅެއް ނޯންނާނެ، ހަމަ ޔަޤީނުންވެސް. އިސްލާމްދީނުގައި އޮންނާނީ މޮޅު. ހުރިހާ މޮޅެއްވެސް، ހުރިހާ ކާމިޔާބެއްވެސް، ހުރިހާ ފަލާޙެއްވެސް އޮތީ، އިސްލާމްދީނުގައި. އެހެން ދިމާއަކުން ލިބޭނެ އުފަލެއް ނޯންނާނެ. އެހެން ބަޔަކު އުޅޭގޮތަކަށް އުޅެގެން ލިބޭނެ އުފަލެއްވެސް ނޯންނާނެ.
އަޅުގަނޑުމެންގެ އެކުވެރިން، އަޅުގަނޑުމެންގެ ޢާއިލާތައް، އުފާވެރިކަމާ އެކީގައި ވަގުތުތައްވެސް ހޭދަކުރަންޖެހޭނެ. އެކަމަކު އެ ކަންކަންވެސް ކުރަންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ އިންތަކުގެ ތެރެއިން. އޮންނަ މިންގަނޑުގެ ތެރެއިން. އެހެންވީމާ، މިކަން ޚާއްޞަކޮށް، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިންނަށް، އަދި އާންމުކޮށް ރައްޔިތުންނަށް، އަޅުގަނޑު ހަނދާންކޮށްދޭން ބޭނުން. އެއީ ވަރަށް ގިނަ ފަހަރު، އެ ޤައުމެއްގައި އޮންނަ ކަލްޗަރ ތެރެއަށް ދެވޭ. ދެން اَلحَمْـدُ لِلّـهِ، މިއީ މުސްލިމް ޤައުމެއް. އެހެންވީމާ، މި ތަނުގައި ބައެއް އެހެން ދިމަދިމައިގައި މެޖޯރިޓީ އަދި ބޮޑަށް ނޮންމުސްލިމް ޤައުމުތަކާ ބަލާއިރުގައި، އެ ނުފޫޒު ހަމަ ކުޑަވެސްވާނެކަން އެނގޭ.
އެހެންވިޔަސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަން މިގޮތަށް ގެންދަވާށޭ. އެއީ، އަޅުގަނޑުމެން މި ކިޔަވަނީ، އަޅުގަނޑުމެންގެ އަމިއްލަ ލައިފް، ޙަޔާތް، އުފާވެރިކުރަން. އުޖާލާކުރަން ކުރާ މަސައްކަތެއް. އަދި ދެން އޮންނަ ދުނިޔެއަށް ދާއިރުގައި، އަޅުގަނޑުމެން މި ދުނިޔޭގައި އެންމެ ރަނގަޅު ގޮތުގައި އުޅުމަށްޓަކައި މި ކިޔަވަނީ. އެހެންވީމާ، އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެއޭ އެ ކަންތައްތައް. އެއީ، ހަމަ ނަމްބަރ ވަން. ދެން އެއާއެކީގައި، މި ތަނަށް އައީ ކިޔަވަން ކަމުގައިވާތީ، ކިޔަވަންވާނެ. ކިޔެވުމަށްފަހު ދެން އެހެން ކަމަކާ އުޅެންވާނީ. ކިޔަވައިގެން ރީތި ނަން ހޯދުމަކީ، އަމިއްލަ ނަފްސަށްވެސް ދެވޭ ހިތްހަމަޖެހުމެއް. އަދި އެ ޙައްޤު އަމިއްލަ ނަފްސަށް ދޭންޖެހޭ. މައިންބަފައިންނަށް ދޭން އެބަޖެހޭ. އަޅުގަނޑުމެންގެ ޤައުމަށް ދޭން އެބަޖެހޭ. އެހެންވީމާ، އައީ ކިޔަވަންވެގެން. އެއާ އެކީގައި ދެން އެހެން ކަމެއް ކުރަންޏާވެސް ކުރަންވާނީ.
ވަރަށް ގިނަ ޢާއިލާތައް އެބައުޅޭ. އަޅުގަނޑު ހަމަ ވަރަށް އުފާކުރަން. އެކި ބޭނުންތަކުގައި މި ތަނަށް އައިސް. މިތަނުގައި ދިރިއުޅުމުގައި ހުރި އެކިއެކި ފަސޭހަތައް ހުރީމާ. އަދި މާލޭގައި، ނޫނީ ރާއްޖޭގައި އުޅުމުގައި ހުރި ދަތިތައް ހުރީމާ، ކޮމްޕެރެޓިވްލީ ފަސޭހަވީމާ އައިސްވެސް އެބައުޅޭ ވަރަށް ގިނަ ޢާއިލާތައް މި ތަނުގައި. އެހެންވީމާ، މި ޢާއިލާތައް މިހެން އުޅޭއިރުގައިވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއީ އެއްބައެއްވަންތަ ބައެއްކަން، އަޅުގަނޑުމެންނަކީ ދިވެހިންނަށްވީތީ، އެ އޮންނަންވާ އެއްބައެއްވަންތަކަން، އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް އެ ޔުނިޓީ އަބަދުވެސް ބާއްވައިދޭންވާނެ.
އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ލިބިފައި އޮތް މަޢުލޫމާތަށް ބަލާއިރު، މިއީ މިހާރު އެންމެ ގިނަ ދިވެހިން އުޅޭ ޤައުމު. ކުރީގައި އަޅުގަނޑުމެންނާ އަވަށްޓެރި ބައެއް ޤައުމުތަކުގައި ގިނައީ. އެހެންވީމާ، މި ބޮޑު ކޮމިއުނިޓީ އެބަޖެހޭ މި ގޮތުގައި ޔުނިފައިޑްކޮށް، ޔުނައިޓެޑްކޮށް، އެކުވެރިކަމާ އެކީގައި އުޅެން. އެހެންނޫނީވިއްޔާ އަޅުގަނޑުމެންގެ ތެރޭގައި އެ އޮންނަންވާ އެކުވެރިކަމާއި، އެއްބައިވަންތަކަން ނެތުނީމާ، އޭގެ ސަބަބުން، އަޅުގަނޑުމެންނަށް ވަރަށް ނިކަމެތިކަން ކުރިމަތިވާނެ. އެ އެކުވެރިކަމަކީ، ހަމަ ޔަގީނުންވެސް ގަދަފަދަ ބާރެއް.
އެހެންވީމާ، މި މައިގަނޑު ކަންތައްތައް އަޅުގަނޑު ފާހަގަކޮށްލާނީ. ޖުމްލަކޮށް އަޅުގަނޑު ހަމަ މި ދަންނަވާލަނީ، ތިޔަބޭފުޅުންނަށް ދަތިވެފައި ހުރި ކަންކަމުގެ ތެރެއިން، އަޅުގަނޑަށް އެނގިފައި ހުރި ކަންކަމުގައި، މިހާރުވެސް އެކްޝަން ނަގަން ހަވާލުކޮށްފައި ވާނީ. އެކިއެކި ދާއިރާތަކުން ހުރި ދަތިތައް. އެއީ، ހަމަ މުހިންމު ކަންކަން. އަޅުގަނޑަށް ހަމަ އެނގިފައި އެބަހުރި. އެހެންވީމާ، އެ ކަންކަމާ އެކީގައި މަސައްކަތް ކުރަމުން ދާއިރުވެސް، ތިޔަބޭފުޅުން އަޅުގަނޑާ ހިއްސާކޮށްލައްވަން އޮތް ކަމެއް އޮތިއްޔާ މިރޭ ހަމަ ވިދާޅުވީމާ އަޅުގަނޑު އެކަމާ މަސައްކަތް ކުރަމުންދާނަން. އަދި އަޅުގަނޑު ދިޔުމަށްފަހުވެސް، ނިޒާމުގެ ތެރެއިން ހައިކޮމިޝަން ތުރޫކޮށް އަޅުގަނޑު ސަރުކާރުގެ އެކި ދިމަދިމާއިން އެ ކަންކަމުގައި ފަހިކޮށްދެމުން ދާނަން.
އެހެންވީމާ، އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، މި ގޮތަށް ބައްދަލުވީތީ އުފާކުރާ ވާހަކަ ދަންނަވާލުމާ އެކީގައި، އަޅުގަނޑު ވަކިވެލާނަން. އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައި، ތިޔަބޭފުޅުންގެ ކަންކަމުގައި، ސަރުކާރުން ހަމަ އެންމެ އިސްކަންދީގެން ކަންކަން ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެމުން ވަކިވެލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.