އާދެ، މި ދަތުރަކީ، މެލޭޝިޔާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށް އަޅުގަނޑު ކުރާ ރަސްމީ ދަތުރެއް. މި ދަތުރަކީ އިރާދަކުރެއްވިއްޔާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރެއްކަމަށް ވާނެކަމަށް އަޅުގަނޑު ޔަޤީންކުރަން. މިހާރުވެސް ހަމަ ވަރަށް ގާތް ދެ ޤައުމު. އިރާދަކުރެއްވިއްޔާ މި ދަތުރުގެ ސަބަބުން އަޅުގަނޑުމެންގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ.
ދެން އޭގެއިތުރަށް، މެލޭޝިޔާއަކީ ދިވެހިން އެންމެ ގިނައިން މިހާރު ދިރިއުޅެމުންދާ ޤައުމު ކަމަށްވާތީ، އަޅުގަނޑު ބޭނުން މި ދަތުރުގެ ސަބަބުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށްވެސް، ދިވެހި ސަރުކާރުގެ ފަރާތުން ކަންތައްތަކެއް އިތުރަށް ފަހިކުރެވިގެންދާން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދަތުރުގެ ތެރެއިން، އެ ކަންކަމަށްވެސް މަސައްކަތް ކުރެވިގެންދާނެ. އަދި، ދެ ޤައުމުގެ ރަސްމީ ޓޯކްސްއާއި، ރަސްމީ ބައްދަލުވުންތައްވެސް ކުރިޔަށްދާނެ. އަދި އެކަހަލަ މުހިންމު ކަންކަން އެބައޮތް މި ދަތުރުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މެލޭޝިއާގެ ސަރުކާރުން، ދިވެހި ސަރުކާރާ ދޭތެރޭގައި މި ބަހައްޓަވާ ގާތް ގުޅުމުގެ ނަތީޖާއެއްގެ ގޮތުން، މި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރަކަށް ވެގެންދާނެ.
އަޅުގަނޑުމެން އެބަ ބާއްވަން، މިސާލަކަށް ވިޔަފާރިވެރިންނަށް އޮންނަ ބިޒްނަސް ފޯރަމެއްވެސް. އިންވެސްޓްމަންޓް އޮޕޮޗުނިޓީޒްތައް ހުރިގޮތް، މި ދަތުރުގައި މި އޮންނަ ފޯރަމް ތެރެއިން ވަރަށް ބޮޑަށް ކިޔައިދެވިގެންދާނެ. އެހެންވީމާ، ވިޔަފާރީގެ ދާއިރާއިން، އިންވެސްޓްމަންޓްގެ ދާއިރާއިން އިރާދަކުރެއްވިއްޔާ، ވަރަށް ބޮޑު މަގުތަކެއް ހުޅުވިގެންދާނެ ދަތުރަކަށް މި ދަތުރު ވެގެންދާނެ.
އަޅުގަނޑު އިރާދަކުރެއްވިއްޔާ ދިވެހިންނާ ބައްދަލުވެސް ކުރާނަން. ދިވެހިންނަށް ދަތިވާ ކަންކަމުގައި، މެލޭޝިޔާ ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ކަންކަމާ ބެހޭގޮތުންވެސް ވާހަކަ ދެކެވިގެންދާނެ.
އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ދަތުރުގައި، ދިވެހި އައި.ޑީ.ކާޑު އަދި ޕާސްޕޯޓު އިޝޫކުރުންވެސް ފަށަން އުންމީދުކޮށްގެން މިއުޅެނީ، އިނގޭތޯ! ދެން ހަމަ އިތުރު ކަންކަންވެސް، ދިވެހި ކޮމިއުނިޓީއަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރެވޭ ކަންކަން އިރާދަކުރެއްވިއްޔާ ކުރިޔަށް ގެންދާނަން.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަޅުގަނޑުމެންނަކީ، އިރާދަކުރެއްވިއްޔާ މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންތައްތައް ކުރާ ސަރުކާރެއް. އިރާދަކުރެއްވިއްޔާ، އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނަން. މިއަދާ ހަމައަށް އައިއިރުގައިވެސް، އަދި ކުރިޔަށް އޮތްތާނގައިވެސް، އަޅުގަނޑުގެ ހަމައެއް ނޫން، އަޅުގަނޑުގެ އުސޫލެއްވެސް ނޫން ތަފާތުކުރުމަކީ، އަދި އެއްވެސް ރައްޔިތަކާ ދޭތެރޭގައި އަނިޔާވެރިވުމަކީ.
މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި ހާދިސާގައިވެސް، އަޅުގަނޑު ފުރަތަމަ ދުވަހުން ފެށިގެންވެސް އަދި މިއަދާ ހަމައަށްވެސް، އަޅުގަނޑުގެ އުސޫލަކީ، މިކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ގާއިމުކޮށްދިނުން. ޖަސްޓިސް ގާއިމުކޮށްދިނުން.
އެއްވެސް ފަރާތަކީ، އަޅުގަނޑަށް މުހިންމު ފަރާތެއް ނޫން. އެ މީހާ ފޮރުވުމަށްޓަކައި ނޫނީ އެމީހާއާ ދޭތެރޭގައި ތަފާތުކުރުމެއް ގެންގުޅެނީއޭ. މިހާރު މި އެލިގޭޝަން މިއޮތްގޮތަށް، ކަވަރއަޕް ކުރަނީއޭ. ހަމަ ސީރިއަސް ކޮންސަރންސްތަކެއް އެބަހުރި، ޚާއްޞަކޮށް ޒުވާން ކުދިންގެ ތެރޭގައި. ޖެނުއިން ކޮންސަރންސް. އަޅުގަނޑަށް ހަމަ ވަރަށް މުހިންމު އެ ކޮންސަރންސްތައް އަޑުއެހުން. އަޅުގަނޑު ގަބޫލުކުރަން ފުރަތަމަ މުޒާހަރާ ނޫނީވިއްޔާ، މި ޕްރޮޓެސްޓްތައް ފެށިގެން އައިއިރުގައި އެއީ ހަމަ ވަރަށް ސީރިއަސްލީ، ކަންބޮޑުވެގެން ފެށިގެން އައި ކަމެއް.
އަޅުގަނޑަށް ވަރަށް މުހިންމު، އަޅުގަނޑު އަބަދުވެސް ބޭނުންވަނީ، މިކަމުގައިވެސް އަދި ދިމާވާ ހުރިހާ ކަމެއްގައިވެސް އިންސާފު ގާއިމުކޮށްދޭން. ކުށްކުރި ފަރާތަކީ ކޮބައިތޯ ބަލައި، އެ ފަރާތަކީ ކޮންމެ ފަރާތެއްވިޔަސް، އެ ފަރާތަކަށް ޤާނޫނުއަސާސީ، ޤާނޫނުގެ މަތިން އޮންނަ އުސޫލުގެ ތެރެއިން އޮންނަ އަދަބެއް ދިނުން. ނޫނީވިއްޔާ، އޮންނަ ގޮތަކަށް އެކަމެއް ކުރުން. އެއްވެސް މީހެއް އަޅުގަނޑަކަށް މުހިންމެއް ނޫން، އެ އިންސާފު ގާއިމުކުރުމުގައެއް. ރޫލް އޮފް ލޯ އެސްޓެބްލިޝް ކުރުމުގައެއް. އެހެންވީމާ، އެގޮތަށް އަޅުގަނޑު ކުރިޔަށް މިގެންދަނީ.
އަޅުގަނޑު މިހާރު މިވަނީ، ޤާނޫނުއަސާސީގެ ހަމަތަކުގެމަތިން ކޮމިޝަނެއް، މިނިވަން ކޮމިޝަނެއް އުފައްދާފައި. މި ކޮމިޝަނަކީ އިރާދަކުރެއްވިއްޔާ، ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ ކޮމިޝަނެއް. ޤާނޫނުގައި އޮންނަ ގޮތަށް އަޅުގަނޑު ވަރަށް ގިނަ ބާރުތައް މި ކޮމިޝަނަށް ދީފައި އޮންނާނީ. އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ، އެއްވެސް ދިމާއަކުން ޙަޤީޤަތް ހޯދުމަށްޓަކައި، ނޫނީވިއްޔާ، ބަލަންޖެހޭ ކަމެއް ބެލުމުގައި ހުރަހެއް ކުރިމައްޗެއްވެސް ނުކުރެވޭނެ. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ޓަކިނުޖެހޭނެ ދޮރެއް ނުހުންނާނެ. ބޭރު ޤައުމަކުން އެހީ ހޯދަންވިޔަސް، އެކަން ކުރުމުގެ ބާރުވެސް ދީފައި މި ކޮމިޝަން މިއޮތީ އުފައްދާފައި. އެހެންވީމާ، ވަރަށް ބޮޑެތި ބާރުތަކާ އޮތޯރިޓީތަކާ އެކީގައި އަޅުގަނޑު މި ކޮމިޝަން މި އުފެއްދީ.
ދެން އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް އެ ފައިންޑިންގްސްތައް ލިބިގެންދާނެ. ޕޮލިހުން އެ ގެންދާ އިންވެސްޓިގޭޝަންވެސް ހަމަ ކުރިޔަށްދާނެ. އަޅުގަނޑު މި ބޭނުންވަނީ، ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ވަރަށް ޒިންމާދާރު ގޮތެއްގައި، މި މައްސަލަ ބަލައި ނިމެން. އަދި ބަލައި ނިމޭއިރުގައި، އެއްވެސް މީހަކީ ތަފާތުކުރެވިގެންވާނެ މީހަކަށް ވެގެންނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި މި އުފެދޭ ސުވާލުތަކަކީ، ޖަވާބު ލިބެންޖެހޭނެ ސުވާލުތަކެއް. ހަމަ ހުރިހާ ކަމެއް ސާފުވެގެންދާންޖެހޭނެ.
އެހެންވީމާ، އަޅުގަނޑަށް ވަރަށް މުހިންމު، އަޅުގަނޑުމެންގެ ޤައުމުގެ ހަމަޖެހުން. އަޅުގަނޑަށް ވަރަށް މުހިންމު، އަޅުގަނޑުމެންގެ ޤައުމުގައި އިންސާފާއި ޢަދާލަތު ގާއިމުވެފައި އޮތުން. ޢަދުލުވެރިކަން ވަރަށް މުހިންމު އަޅުގަނޑަށް ކޮންމެ ކަމެއްގައިވެސް. އެއީ، ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިޔައީމަ އެކަންޏެއްނޫން. ހުރިހާ ދާއިރާއެއްގައިވެސް. އެހެންވީމާ، އެ ޖަސްޓިސްއާއި، ރޫލް އޮފް ލޯއާއި، ޕީސްއާއި، ސްޓެބިލިޓީއާ، މި ހުރިހާ ކަމެއް، ހުރިހާ ވަގުތެއްގައިވެސް އޮންނަން އެއީ، އަޅުގަނޑު ބޭނުންވާ ގޮތް. އަދި އެކަންކަން ގާއިމުކުރުމުގައި، އެކަންކަން އެގޮތަށް ގެންދިޔުމުގައެއް އަޅުގަނޑަށް ހުރަހަކަށް ކުރިމަތިވާނެ އެކަކުވެސް ނުހުންނާނެ.
ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް އަދި ފަހުން ހޮވިގެން އެންމެ ފުރަތަމަ ރައްޔިތުންނާ ބައްދަލުކުރި ދުވަހުވެސް އަޅުގަނޑު އޮންނާނެ ދަންނަވާފައި، އަޅުގަނޑުގެ މައްޗަށް ބާރުފޯރުވޭނެ އެކަކުވެސް ނުހުންނާނޭ. އަޅުގަނޑަށް ނުފޫޒުފޯރުވޭނެ އެކަކުވެސް ނުހުންނާނޭ. އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށޭ. އަޅުގަނޑު މިއީ ރައްޔިތުންގެ ޚާދިމެކޭ. ރައްޔިތުންނޭ އަޅުގަނޑު އިންތިޚާބުކޮށްފައި ވޯޓުލީ، ހޮވާފައި މިހިރީ. އެހެންވީމާ، އަޅުގަނޑަކަށް މުހިންމެއް ނުވާނޭ އެއްވެސް މީހަކު ހިމާޔަތްކުރުމެއް. ނޫނީ އެއްވެސް މީހަކު ދެކެ ކަންބޮޑުވެގެން، ބިރުން، އިންސާފު ގާއިމުކުރުން، ނޫނީވިއްޔާ ޢަދުލުވެރިކަމާއެކު ކަންކަން ކުރުމުގައި އަޅުގަނޑަކަށް މުހިންމު މީހެއް ނުހުންނާނެ. މިއަދާ ހަމައަށް އައިއިރުގައިވެސް، ސަރުކާރުގެ ތެރޭގައި ކަންކަން ކުރިޔަށް ގެންދިޔުމުގައިވެސް، ކަންކަމުގައި އަޅުގަނޑު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ހުންނާނީ. އެކި ފަހަރު، އެކި ސަބަބުތަކާހުރެ އަޅަންޖެހުނު ފިޔަވަޅުތައްވެސް. އަދި ބޮޑެތި އެހެން ކަންކަންވެސް އެހެރީ، އަޅުގަނޑުމެން ޤައުމުގައި ކުރަންޖެހޭ ކަންކަމުގައިވެސް އެހެރީ ނިންމުންތައް ނިންމާފައި.
އެހެންވީމާ، ޤައުމުގެ ޙައްޤުގައި، ޤައުމުގެ ކުރިމަގަށްޓަކައި، ޤައުމުގެ ހަމަޖެހުމާއި، އަމާންކަމާއި، މުސްތަޤުބަލުގެ ކުރިއެރުމަށްޓަކައި ނަގަންޖެހޭ ކޮންމެ ޑިސިޝަނެއް އަޅުގަނޑު ނަގާނެ. އެއީ، އަޅުގަނޑަށް އެންމެ މުހިންމީ ރައްޔިތުން އަޅުގަނޑަށް ކުރި އިތުބާރު އަދި އަޅުގަނޑު ކޮށްފައި މިހުރި ހުވާމަތީގައި ކުރިޔަށް ދިޔުން.
މި ކޭސްގައިވެސް އެކަން އޮންނާނީ އެހެން. އެހެންވީމާ، ޒުވާން ކުދިންނަށްވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުގެ ވިސްނުމަކީ އަދި އަޅުގަނޑުގެ ފިލޯސަފީއަކީވެސް، އަޅުގަނޑު ކަންކަން ކުރާނެގޮތަކީވެސް މިއޭ އިނގޭތޯ!
ދެން ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާން ކުދިންނަށް ޚާއްޞަކޮށް، ތިޔަކުދިންގެ ތިޔަ ކަންބޮޑުވުމާއި، ތިޔަ ޖަޒުބާތާ، ތިޔަ ޖެނުއިން ކޮންސަރންގެ މިސްޔޫސް އެއްވެސް ފަރާތަކުން ކުރިޔަ ނުދޭށޭ، މިހާރު ފެނިގެން މިދަނީއޭ، އެބަދޭ ނޫންހެއްޔޭ ސިޔާސީ ފަރާތްތަކުން، ތިޔަ ކުދިންގެ ބޭނުންކޮށްގެން، ތިޔަ ޝުޢޫރުތަކުގެ ބޭނުންކޮށްގެން، ސިޔާސީގޮތުން ޤައުމުގައި ހަލަބޮލިކަން އުފައްދަން އުޅޭތަން. އަޅުގަނޑަށް މި ފެންނަނީ އެކަން ކުރަން މަސައްކަތް ކުރާ ބަޔަކު އުޅޭތަން. އެއީއެއް ނޫން، އަޅުގަނޑު ހިތުން އެ ކުދިންވެސް ބޭނުންވާނެ ގޮތަކީ. އަދި އިންސާފާއި ހަމައަށް ލޯބިކުރާ އެއްވެސް މީހަކު ބޭނުންވާނެ ގޮތަކީ.
އެހެންވީމާ، ޤައުމުގައި ހަމަނުޖެހުން އުފައްދަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭށޭ. އެއީ، އަޅުގަނޑުމެން އެއްވެސް ދިވެހި ފަރުދަކަށް މަޞްލަޙަތު އޮތްގޮތެއް ނޫނޭ. އަޅުގަނޑުމެންގެ ޤައުމުގައި ހަމަޖެހުން އޮތުމަކީ، އިންޑިވިޖުއަލީ ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވާނެ ގޮތޭ. އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް މުހިންމުވާނީ، ޤައުމުގައި ހަމަޖެހުން އޮވެގެން ކުރިޔަށް ދިޔުމޭ. އެއީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ރެސްޕޮންސިބިލިޓީއެކޭ. އެހެންވީމާ، އެވާހަކަ މި ދުވަސްކޮޅުގެ ކޮންޓެކްސްޓުގައި އަޅުގަނޑު ބުނެލަން ބޭނުންވަނީ. އެއީ ކޮންމެހެން ދަތުރާ ގުޅޭ ކަމެއްނޫން. ދިވެހި ރައްޔިތުން އެންމެ ގިނަ ތަން އެއީ. އެންމެ ބޮޑު ޑައެސްޕޯރާ އެއީ. އެހެންވީމާ، އެތަނުގައި ތިބި ދިވެހިންނަށް ކޮންސިއުލަރ ސަރވިސް ރަނގަޅުކުރުމާއި، އަދި ސަރުކާރުންދޭ ޚިދުމަތްތައް ރަނގަޅުކުރުމާއި، ކިޔަވަން ތިބި ދިވެހި ކުދިންނަށް ކަންކަން ރަނގަޅުކޮށްދިނުމާ މި ކަންކަން ކުރިޔަށްގެންދާނަން.
ދެން އަޅުގަނޑަށް އެބަ އަޑުއިވޭ މިހާރު މި ހިނގައިގެން އުޅޭ ކަންތަކުގައި އެތާނގައި ތިބި ބައެއް ކުދިންގެ ކަންބޮޑުވުން ހުރިކަމަށް. ހަމަ ފެއަރ އިނގޭތޯ، ވަރަށް ހަމަ ޖެނުއިން. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑު މިއީ ކަންކަން އަޑުއެހުމުގައި ފަހަތަށްޖެހޭނެ މީހެއް ނޫނޭ. އަޅުގަނޑަކަށް އުނދަގުލެއް ނުވާނެއޭ ކިތަންމެ ހިތްހަމަނުޖެހޭ އެއްޗެއްވެސް އަޑުއަހާކަށެއް. އަޅުގަނޑު ހަމަ ފޭސްކޮށްގެން ވާހަކަދައްކާނަމޭ. އަޅުގަނޑު ވާހަކަދައްކާނީ ސިވިލައިޒްކޮށޭ. އަޅުގަނޑު ޖަވާބު ދޭނީވެސް ހަމަ ސިވިލައިޒްކޮށޭ. އަޅުގަނޑު ކަންކަން ކުރާނީވެސް ހަމަ ސިވިލައިޒް މެނާއެއްގައޭ. ހަމަ ވަރަށް ރަނގަޅަށް ކަންތައްތައް ގެންދަން.
އެހެންވީމާ، ކޮންސަރނެއް އޮތަސް، ޝަކުވާއެއް އޮތަސް އަދި ދެކޮޅުކަމެއް އޮތަސް، ކަންކަން ރަނގަޅުކުރަން ބޭނުންވަންޏާ، ނޫނީވިއްޔާ ބޭނުންވާ ކަންކަން ހާސިލުކުރަން ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑު ގާތަށް އައިސް ވާހަކަ ދެއްކޭނޭ. އެހެންވީމާ، އެއީ އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ.