ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަތުމުގެ ބިންގަލަކީ އައު އަޒުމެއްގައި މަލްޓިލޭޓަރަލިޒަމް ކުރިއެރުވުން، ނުވަތަ ދޭދޭ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މާހައުލެއް އުފެއްދުން ކަމުގައި ވާއިރު، ޤައުމުތަކުގެ މެދުގައި އޮންނަ މިފަދަ ގުޅުންތައް ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މަލްޓިލެޓަރަލިޒަމް ކުރިއެރުވުމަކީ ކަނޑުގެ ސަރަޙައްދުތަކާ ގުޅިފައިވާ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ (ސިޑްސް) ގެ ޤައުމުތަކަށް ވަކީން މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައި މި ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރާ މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ޕީސް ދުވަހާ ގުޅިގެން ނެރުއްވި ޚާއްޞަ މެސެޖުގައެވެ. މަލްޓިލޭޓަރަލިޒަމަކީ އެއް އަމާޒެއް ހާސިލްކުރުމަށް އިއްތިހާދުވެފައިވާ ގިނަ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ހަމަހަމަކަން ގެއްލިދިއުން އިތުރުވެ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ޤައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުން ހަރުދަނާ ކުރުމަށް އަދަށްވުރެ މުނާސަބު ވަގުތެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްގެ ޙައިޞިއްޔަތުން، އަދި ވަކީން ޚާއްޞަކޮށް ތިމާވެށީގެ ނުރައްކާތަކާއި އިޤްތިޞާދީ ލޮޅުންތަކުގެ ސަބަބުން ޤައުމު ހުށަހެޅިފައި އޮތް ނާޒުކު ޙާލަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަލްޓިލޭޓަރަލް ފޯރަމްތަކުގެ ސަބަބުން، މިފަދަ ޤައުމުތަކުގެ އަޑަށް އިތުރު ބާރެއް ލިބި، އިސްތިޤްލާލު ހިމާޔަތްކުރުމަށާއި، ކްލައިމެޓް ޑިޕްލޮމަސީގެ ކާމިޔާބުކަން ދެމެހެއްޓުމަށް ބޭނުންވާ މަންސަތައް ފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވީ ނަމަވެސް، ޑިޕްލޮމެޓިކް މައިދާނުގައި ދިވެހިރާއްޖެއިން ކޮށްފައިވާ ޚިދުމަތްތަކާއި، އެ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން، އ.ދ.ގައި ބައިވެރިވި އެންމެ ކުދި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްގެ ޙައިޞިއްޔަތުން، 1989 ވަނަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގައި، ކުދި ޤައުމުތަކުގެ ނާޒުކުކަން ރަސްމީކޮށް ބަލައިގަތުމަށް މަގުފަހިކުރުވި "ޕްރޮޓެކްޝަން އެންޑް ސެކިއުރިޓީ އޮފް ސްމޯލް ސްޓޭޓްސް" ޤަރާރު ދިވެހިރާއްޖެއިން ކާމިޔާބުކަމާއެކު ތަޢާރަފްކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޢަދުލުއިންޞާފަކީ ބާރުގަދަ ޤައުމުތަކަށް އޮތް އިޚްތިޔާރެއް ނޫންކަމަށާއި، ހަމަހަމަކަމަކީ އަސާސީ ކަމެއްގެ ގޮތުގައި ބަލައި ނުގަންނަ އޮނިގަނޑުތައް އަލުން ބައްޓަންކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ގޮވާލައްވާފައެވެ. އަދި ޞުލްޙައަކީ ހަމައެކަނި ހަމަނުޖެހުންތައް ނުހިނގުން ނޫންކަމަށާއި، އޭގެ ބަދަލުގައި، އެއީ ވާހަކަ ދެކެވުމާއި، ޙިއްޞާކުރެވޭ މަޤްޞަދު ޙާޞިލުކުރުމާއި، އެއްބާރުލުން ދިނުމާއި، ލިބިގަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ޕީސް ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައިއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސްގެ ނަމުގައި ދުވަހެއް ފާހަގަކުރަނީ، ބައިނަލްއަޤްވާމީ ޤާނޫނުތައް ދަމަހައްޓައި، ސުލްހަވެރިކަމާއެކު ހަމަނުޖެހުންތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައެވެ. އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލޭޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސްގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހެވެ.