ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި، އިޖްތިމާޢީ ދުޅަހެޔޮކަމާއި، ރައްޔިތުންގެ ޞިއްޙީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދެކުނު ސަރަޙައްދުގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދްމަތްތައް ޤާއިމުކޮށް، އެޚިދްމަތްތައް ދެމެހެއްޓެނިވި ގޮތަކަށް، ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑު" މިނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އުފައްދަވައިފިއެވެ. އަދި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، އައްޑުއަތޮޅު މީދޫ އަރާއިރު ޢަލީ ޝަހީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އައްޑުއަތޮޅު މީދޫ ނަރުގިސް ޙުސައިން ރަޝީދާއި، އައްޑުއަތޮޅު ފޭދޫ ޗަނބޭލީގޭ ނޫރުﷲ ސަޢީދާއި، މާފަންނު ލޭންވިލާ ޑޮކްޓަރ ޢަލީ މުޒްނީއާއި، ފުވައްމުލައް ބިއުޓީވިލާ ޢަލީ ޒައިދާއި، ފުވައްމުލައް އަބާރަނަ ފާޠިމަތު ނަރީމާ ޙަސަނާއި، އައްޑުއަތޮޅު ހިތަދޫ ބިންބިމާގޭ އިބްރާހީމް ޞަބްރީއެވެ.