بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ އަދި ވައިސް ޗާންސެލަރ، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ، ޔުނިވަރސިޓީގެ އިސްވެރިން، މަޖިލިސް މެންބަރުން، ޔުނިވަރސިޓީގެ އެންމެހައި މުދައްރިސުންނާއި، އެންމެހައި ހީވާގި މުވައްޒަފުން، މިރޭ އެ ބަޔަކަށް ޚާއްޞަ ކުރެވިގެންދާ ދަސްވެނިވި އެންމެހައި ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިން، އަދި މިރޭ ވަރަށް ޚާއްޞަ ތާރީޚީ އެވޯޑެއް އެރުވިގެންދިޔަ، އޮނަރަރީ ޑޮކްޓަރޭޓް އެރުވިގެންދިޔަ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އެންމެހައި ޖަލީސުން އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ވަރަށްވެސް އުފާވެރި، ވަރަށްވެސް ތާރީޚީ ރެއެއް. ތިޔައިން ކޮންމެ ދަސްވެނިއެއްގެ ޙަޔާތުގައި މިރެއަކީ ވަރަށްބޮޑު ކަމެއް ހާސިލުކުރެވިގެންދިޔަ މުހިންމު ރެއެއް. އެކިއެކި ޑިގްރީ ޕްރޮގްރާމްތައް، އެކިއެކި ސެޓްފިކެޓް ޕްރޮގްރާމްތައް ނިންމަވައި، އޭގެ އުފާވެރިކަން ލިބިގެންދިޔަ ރޭ.
އާދެ، އެގޮތުން އެންމެ ފުރަތަމަވެސް އޮނަރަރީ ޑޮކްޓަރޭޓްގެ ތާރީޚީ އެވޯޑް ލިބިވަޑައިގެންނެވި ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަން. ހަމައެއާއެކީގައި، މާސްޓަރޒް އަދި ޑިގްރީ އަދި އެކިއެކި ލެވެލްތަކުގެ ސެޓްފިކެޓްތައް ހޯއްދެވި، ހާސިލުކުރެއްވި ހުރިހާ ގްރެޖުއޭޓުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަން. އަދި އެކިއެކި ވަނަތައް، އެކްސެލެންސް އެވޯޑާއި، އެކިއެކި މަތީ ވަނަތައް ހޯއްދެވި ދަރިވަރުންނަށްވެސް، އެކަމުގެ އުފަލުގައި ބައިވެރިވެ ތަހުނިޔާ ދަންނަވަން.
އާދެ، މި ވަނަތަކާއި، މިކަންކަން ހާސިލުކުރުމުގައި ތިޔަބޭފުޅުން، ތިޔަ ދަރިވަރުން އަދި ދަރިވަރުންގެ ޓީޗަރުންނާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި، ބެލެނިވެރިން ވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައި. އެ މަސައްކަތްތަކުގެ ފޮނިމީރުކަން އިރާދަކުރެއްވީތީ މިރޭ ހާސިލުވެގެން، އިޙްސާސްވެގެން މިދަނީ.
އާދެ، އަޅުގަނޑު މިވަގުތު ބޭނުންވަނީ ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސުވާލެއް އުފެއްދުމަށް ދަންނަވަން. ސަބަބަކީ މިފަދަ މުހިންމު ކަމެއް ހާސިލުވެގެންދާއިރުގައި، އެކަމާ ބެހޭގޮތުން ވާހަކަ ދެކެވިގެންދާއިރުގައި، މިފަދަ މުހިންމު މަސައްކަތެއް ކުރެވި، ތަޢުލީމު ހާސިލުކުރެވި، ނަތީޖާ ލިބިގެންދާއިރު، އަޅުގަނޑުމެންގެ ސިކުނޑިން ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެތީ.
އެ ސުވާލަކީ ތިޔަ ލޮބުވެތި ދަރިވަރުން އެހާ ބުރަ މަސައްކަތެއް ކޮށްގެން، ތަޢުލީމު ހާސިލުކޮށްގެން، ޢިލްމު އުނގެނިގެން ނުކުތުމުން، ކޮބައިތޯ ތިޔައިން ކޮންމެ ލޮބުވެތި ދަރިވަރެއް، ދަސްވެނިއެއްގެ ޒިންމާއަކީ އަދި މަސްއޫލިއްޔަތަކީ؟ ޢިލްމަކީ اللهُ سُبْحَانَهُ وَتَعَالَى ދެއްވާ އެއްޗެއް. ހާސިލުކުރަނީ ބުރަ މަސައްކަތުން. އެ ޢިލްމު އެކި ދާއިރާތަކުން ހާސިލުކުރުމުން، ބޮލުގައި އެޅިގެން އެދަނީ ވަރަށްބޮޑު ޒިންމާއެއް. އެއީ، އަޅުގަނޑު ތިޔަބޭފުޅުން ގާތުގައި މި އެދޭ ކަމަކީ، އެކަމާ ހިތުގައި ސުވާލު ހިތުގައި އުފެއްދެވުމަށް.
ޝައްކެއްނެތް، ޢިލްމު ހާސިލުކޮށްގެން އަޅުގަނޑުމެންގެ ޙަޔާތް ބައްޓަންކުރަން ކޮންމެގޮތެއްވިޔަސް މަސައްކަތް ކުރާނީ. އެއީ، އޭގެ އެންމެބޮޑު އެއް ބޭނުމަކީ. އަދި ކުރިއަށް އޮތް މަރުޙަލާތަކުގައި އިތުރު މަތީ މަގާމުތަކާއި، އިތުރު މަތީ ހަރުފަތްތަކަށް ދިޔުމުގައިވެސް ތަޢުލީމު ހާސިލުކުރުމަކީ މުހިންމު ކަމެއް. އެއީ، ޓާގެޓަކަށް ވާސިލުވުމުގައި ބޭނުންކުރެވޭ ވަސީލަތަކަށްވެސްވޭ. އެހެންނަމަވެސް، އޭގެ ބޭރުން، ފަރުދަކަށްވީތީ، އަމިއްލަ ހައިސިއްޔަތުން ޒިންމާތަކެއް ހުންނާނެކަން ދަންނަންޖެހޭނެ. އެ ޒިންމާއަކީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ތިމާއަށް ޒިންމާތަކެއް އޮތްކަން ހިމެނޭގޮތުން އޮތް ޒިންމާއެއް.
ޢިލްމު ނުލިބޭ މީހަކާއި، ޢިލްމު ލިބިގެންވާ މީހަކާ ހާސްބައި ތަފާތުވާނެކަން ދަންނަންޖެހޭނެ. އެއީ، އެ ޢިލްމު اللهُ سُبْحَانَهُ وَتَعَالَى އެކިއެކި ޛަރީޢާތައް މެދުވެރިކޮށް، ސްކޫލްތަކުން ނިންމައިގެން، ޔުނިވަރސިޓީން ކިޔަވައިގެން، ނޫނީވިއްޔާ އެހެންގޮތަކުންވިޔަސް، އެ މީހަކަށް ވާސިލުވުމަށް އިރާދަކުރެއްވުމުން، އެކަން ހާސިލުވެގެން ދިޔުމުން އެއީ، އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި އަޅުގަނޑުމެންނަށް ދެއްވާ އިމްތިޙާނެއް.
އަޅުގަނޑުމެންގެ ޙަޔާތް ހެޔޮގޮތުގައި ބައްޓަންކުރަންޖެހޭނެ، އެ ޢިލްމުގެ ބޭނުންކޮށްގެން. އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ މުޖުތަމަޢަށް އެއިން ހެޔޮ ކަންތައްތަކެއް ކޮށްދިނުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ މުޖުތަމަޢު ހެޔޮގޮތުގައި ބައްޓަންކުރުމަކީވެސް، އެ މީހަކަށް ވީވަރަކުން އެ ޢިލްމުގެ ބޭނުންކޮށްގެން ޒިންމާއެއް ކަމުގައި ދެކެންޖެހޭނެ.
އެހެނީ ކުރިން ދެންނެވި ގޮތަށް، ޢިލްމު ނުލިބޭ މީހަކާއި، ޢިލްމު ލިބިފައިވާ މީހަކާ، މި ދެންނެވި ގޮތުން ހާސްބައި ތަފާތުވާނެ. މުސްލިމަކަށްވީތީ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ، އަޅުގަނޑުމެންގެ ވަރަށްބޮޑު ޒިންމާއެއް އޮތްކަން. ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީކުރުމުގެ ވަރުގަދަ ޒިންމާއަކީ، ކޮންމެ މުސްލިމެއްގެ ބޮލުގައިވެސް އެޅިފައި އޮތް ޒިންމާއެއްކަން. އެކަން ކުރުމުގައި ތަފާތުތަކެއް ހުންނާނެކަން، ޢިލްމު ލިބިގެންވާ މީހަކާއި ނުލިބޭ މީހަކާ.
އެހެންވީމާ، ވަރަށްބުރަ މަސައްކަތުން، އެތައް އަހަރަކު، ރެޔާއިދުވާލު ނުނިދާ، ޢާއިލާގެ އެތައް ބައެއްގެ އެހީތެރިކަމާއި، ޓީޗަރުންގެ ބުރަ މަސައްކަތާ އެކީގައި ހާސިލުކުރި ޢިލްމުން ކުރިއަށްދިޔުމުގައި، ތިމާއަކީ ވަރަށްބޮޑު ޒިންމާއެއް، މަސްއޫލިއްޔަތެއް އެޅިފައިވާ މީހެއްކަން ދަނެގެން ކުރިއަށްދިޔައިމާ، އިރާދަކުރެއްވީތީ ލިބޭނީ އުފާވެރިކަން. އަމިއްލަ ޙަޔާތުގައިވެސް އުފާވެރިކަން. މުޖުތަމަޢަށްވެސް އެއިން ލިބޭނީ އުފާވެރިކަން.
އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލައިލާއިރުގައި، އަޅުގަނޑުމެންގެ ވަށައިގެން ފެންނަ ހުންނަ ކޮންމެ ކަމަކަށް ވިސްނާލީމަ، ކިޔަވައިގެން ތިބި މީހުންނަށް އަދާކުރެވޭނެ ވަރަށް ގިނަ ޒިންމާތައް، އަދާކުރެވިދާނެ ދައުރު ވަރަށްވެސް ފުޅާ.
އެހެންވީމާ، އެ ދައުރު އަދާކުރުމުގައި، އަޅުގަނޑުމެން ފަރުވާކުޑަކޮށްގެން ނުވާނެ. ފަރުވާކުޑަކޮށްފިއްޔާ، ދެން މުޖުތަމަޢު ދާނީ ފަހަތަށް. ދުވަހަކަށްވުރެ ދުވަހެއް ދާނީ ފަހަތަށް. މި މުޖުތަމަޢުގައި ހުރި އެކިކަހަލަ ނޭދެވޭ ބަލިތައް، މި ދަންނަވަނީ މެޑިކަލީ ޖެހޭ ބަލިތަކުގެ ވާހަކައެއް ނޫން. އިޖުތިމާޢީ ބަލިތައް. އެ ބަލިތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތްކުރުމަކީ، ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް. އެއީ، ކޮންމެ ދާއިރާއަކުން ކިޔަވައިގެން ތިއްބަސް، އެ މީހެއްގެ ޒިންމާއެއް.
އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އިޞްލާޙުކުރުމުގައި، ހެޔޮމަގުން ގެންދިޔުމުގައި ވިސްނުން ނެތިއްޔާ، ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އިޞްލާޙުވާނީ؟ އެއީ، ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް ދައްކަވައިދެއްވާފައިވާ މަގު. އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެންގެ ކަންކަން އިޞްލާޙުކުރުމުގެ ޚިޔާލާއި، އެ ވިސްނުން އަޅުގަނޑުމެންގެ ނެތިއްޔާ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އިޞްލާޙެއް ނުވާނެ. އެހެން ބަޔަކު ބޭރުންއައިސް ކުރާނެ ކަމެއް ނޫން އެއީކީ.
އެހެންވީމާ، އަޅުގަނޑުމެން އެންމެންގެ ޢަޒުމަކަށްވާންވާނީ މި ޢަޒުމް. މައިންބަފައިންގެ ޢަޒުމަކަށްވާންވާނީ، މައިންބަފައިން ތިޔަ ކުރެއްވި ބުރަ މަސައްކަތުން، ތިޔަ މައިންބަފައިންގެ ލޮބުވެތި ކުދިން އެ ހޯދި ކާމިޔާބީއާ އެކީގައި، އެ މަގު ދައްކަވައިދެއްވުން. އަދި މި މަތިވެރި، މި މުއައްސަސާގެ ޒިންމާއަކަށްވެސް ވާންވާނީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދަރިވަރުން އުފެއްދުމުގައި، އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްތައް ކުރުން. އަޅުގަނޑުމެން އެންމެންވެގެން އަޅުގަނޑުމެންގެ މި ޤައުމު، އަޅުގަނޑުމެން ބޭނުންވާ ރީތިގޮތުގައި، ރިވެތި އަޚްލާޤުން ޖަރީވެފައިވާ މުޖުތަމަޢަކަށް ހެދުމުގައި މަސައްކަތްތަކެއް ކޮށްފިއްޔާ، ހަމަ ޔަޤީނުންވެސް މި ކުޑަކުޑަ ޤައުމުގެ މި ކުޑަކުޑަ މުޖުތަމަޢު އިޞްލާޙު ކުރެވޭނެ. މިއީ އެހެން ހަމަ ގާތްގަނޑަކަށް ހުރިހާ ޤައުމަކަށް ބަލާއިރުގައި، މަދު ޤައުމެއް ފިޔަވައި ނިސްބަތުން ވަރަށް އާބާދީ ކުޑަ ޤައުމެއް. އެތައް ރަށަކަށް އާބާދީ ބެހިފައި އޮތް ނަމަވެސް، ބައި މިލިއަނެއްހާ މީހުންވެސް ހަމަނުވާ ޤައުމެއް.
އެހެންވީމާ، މި ސައްތައިންސައްތަ އިސްލާމީ ޤައުމުގައި، އަޅުގަނޑުމެންނަށް އިސްލާމްދީނުގައި ރިވެތި ގޮތްތައް ހާމަކަން ބޮޑުގޮތެއްގައި ފެންނަން އޮތްއިރުގައި، އިސްލާމުންނަށްވާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާ ރީތި އާދަތައް އަށަގެންނެވުމާއި، ދިރުވުމާއި، ކުރިއަށް ގެންދިޔުމަކީ، ޢިލްމު އުނގެނިގެންވާ މީހުން، ލިބިގެންވާ މީހުންގެ ޒިންމާއެއް.
އެ ޒިންމާ އަޅުގަނޑުމެން އަދާކުރުމުގައި ފަރުވާކުޑަކޮށްފިއްޔާ، އެކަމުގެ ސުވާލު އަޅުގަނޑުމެންނާ ކުރެވޭނެ. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ޢިލްމު ދެއްވީ، އެ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް. އެ ހެޔޮގޮތުގައި ހިފުމަކީ އަޅުގަނޑުމެންނަށް އޮތް ޗޮއިސްއެއް ނޫން. ހިފަންޖެހޭނެ. ނުހިފައިފިއްޔާ، އެކަމުގެ ސުވާލުކުރެވޭ ދުވަހު، ސުވާލަށް ޖަވާބުދެވެންޖެހޭނެ. ދެވޭނެ ޖަވާބެއް ނޯންނާނެ.
އެހެންވީމާ، އަޅުގަނޑުމެން އެންމެން ކިޔެވި ކޮންމެ ދާއިރާއަކުން ކުރިއަށްދާއިރުގައި، އަޅުގަނޑުމެންގެ މުޖުތަމަޢު ހެޔޮގޮތުގައި ބައްޓަންކުރުމާއި، އެންމެ ކައިރިން ޢާއިލާވެސް ރަނގަޅު ގޮތުގައި ބައްޓަންކުރުމާއި، އޮފީހުގެ މާޙައުލު ކަމަށްވަންޏާ، އޮފީސްތެރޭގެ ކަންކަންވެސް، އިސްލާމީ ރިވެހި އާދަތަކާ އެއްގޮތަށް ހުރިތޯ، އެގޮތަށް ބައްޓަންކުރުމާއި، ހުރިތޯ ބެލުމާ، މިކަންކަމަކީ އަޅުގަނޑުމެންނަށް ލޯމަރާލެވޭނެ ކަމެއްނޫން.
މި ފިކުރު މިގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުނު ދުވަހަކުން ނޫނިއްޔާ އަޅުގަނޑުމެންގެ ތެރޭގައި މުންކަރާތްތަކަކަށް ނޫނެކޭ ނުބުނެވޭނެ. ނުބުނެވޭނެ. އެއީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން މިރޭ ބޭނުންވާ ހުރިހާވެސް ވާހަކައަކީ.
އިރާދަކުރެއްވިއްޔާ، މި އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު، ސަރުކާރުން ވަރަށް އިސްކަންދީގެން ހެޔޮގޮތުގައި ބައްޓަން ކުރާނަން.
އަޅުގަނޑު މެނިފެސްޓޯގައި ވަރަށްގިނަ ކަންތައްތަކެއް ހިމެނިން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕަސްތައް ހެދުމާއެކު، މި މުއައްސަސާ ވަރުގަދަކުރުމަށްޓަކައި، މި މުހިންމު މުއައްސަސާ ވަރުގަދަކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ ވަރަށްގިނަ ކަންކަން ކުރާނަން.
އިހަކަށްދުވަހު ބިންގާއެޅިގެންދިޔަ، ސުކޫކް ވިއްކައިގެން، ބީ.އެމް.އެލް.އާ އެކީގައި އިސްލާމީ ޔުނިވަރސިޓީން އެ ފެށި އިމާރާތަކީވެސް އަޅުގަނޑުމެންގެ ސިޔާސަތު އެގޮތަށް ބައްޓަންކޮށްފައި އޮތުމުން، މަގުފަހިވެގެންދިޔަ ކަމެއް. ކުރީގައި ކުރަން އުޅެއުޅެ، އެހެންނަމަވެސް، ނުވެފައި އޮތް ކަމެއް. އެކަން ކުރައްވަން އުޅުއްވި ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑު ވަރަށް އުފާކުރަން. މި ޔުނިވަރސިޓީއަށް އެއިން ލިބޭނެ ވަރަށްބޮޑު ކުރިއެރުންތައްވެސް އެބަހުރި. އަދި އިރާދަކުރެއްވިއްޔާ މާލެއިން ބޮޑު ބިމެއް ހަމަޖައްސައިދީ، އެތަނުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރިމަގު ފުރިހަމަގޮތުގައި ބައްޓަންކޮށްދިނުމަކީ އަޅުގަނޑުގެ ޢަޒުމް، އެ ބިމުގެ ކަންތައްތައް މިހާރު އެވަނީ ހަމަޖެހިގެން ގޮސްފައި.
އެހެންވީމާ، މި ޔުނިވަރސިޓީގެ، މި މުއައްސަސާގެ ކުރިމަގަށްޓަކައި ޖާގައިގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން، އަޅުގަނޑުމެން އުފަލާ އެކީގައި ކޮށްދޭނަން.
އެހެންވީމާ، އަޅުގަނޑުމެން ކުރަން އޮތް ކަމަކީ، މި ދެންނެވި ކަންތައް ކުރުން. ހެޔޮ ކަންކަމަށް ގޮވާލައި، އަމުރުކުރުން. ނުބައި ކަންކަން ނަހީކުރާނެ މުޖުތަމަޢެއް ބިނާކުރުން. އެހެން ބަޔަކަށް އެނބުރި ބަލާލައި، ތި މީހުން ކުރަންޖެހޭ ކަމެކޭ ބުނެވޭނެ ކަމެއް ނޫން މިއީ. ނިންމާލަމުންވެސް ދަންނަވަން އޮތީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެކޭ މިއީ.
އެއީކީ އެހާ އުނދަގޫ ކަމެއްވެސް ނޫން. ހިތަށް ގެންނަވާ، ބޮޑު ހޯލެއް. އަނދިރި ހޯލެއް، އެއްވެސް އަލިކަމެއް ނެތް. އެކަކު އަނެކަކަށް ތިމަންނައެއް ނޫނޭ، ކަލޭ މިކަން ކުރާށޭ. މި ތަން ދިއްލާށޭ ކިޔާފައި، ޒިންމާއިން ރެކުނީ. ކާކުތޯ އެ ތަން ދިއްލާނީ؟ އެހެންނަމަވެސް، މި ޒަމާނުގެ މިސާލު ބޭނުންކުރަންޏާ، ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮވޭ. އެ ފޯނުގައި ލައިޓެއް ހުންނާނެ. ޖައްސާލައިފިއްޔާ، ކޮންމެ މީހަކު އެ އަލިކަން ގެނެސްދީފީވިއްޔާ، މުޅިތަން އިސާހިތަކު އަލިވޭ.
އަމިއްލަ ޒިންމާއެއް އެބައޮތް، ޤައުމުގެ ކަންކަން އިޞްލާޙުކުރުމުގައި. ތިމާއަށް ކުރެވެންހުރި ކަންކަން ކުރޭ! ޢިލްމު ލިބިގެންވާ މީހާއަށް، އެކަން ކުރެވޭވަރު ހާސްބައި ރަނގަޅުވާނެ، ޢިލްމު ނެތް މީހުންނަށްވުރެ.
އެހެންވީމާ، މި ވާހަކައާ އެކީގައި އަޅުގަނޑު ވަކިވެލާނަން. މި އުފާވެރި މުނާސަބަތުގައި، މި ތަނުގައި ތަޢުލީމު ހާސިލުކޮށް، މިރޭ އެކިއެކި ސެޓްފިކެޓްތައް ހޯއްދެވި ބޭފުޅުންނަށް ވަރަށްހޫނު މަރުޙަބާއެއް ދަންނަވައި، އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.