14 ޖުލައި 2010 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި [ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު] ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި އިޞްލާޙުގައިވާ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނަށް ކޮމިޝަނަށް މެންބަރުން ނުވަތަ މެންބަރެއް ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޢާންމުކޮށް އިޢުލާންކޮށް، އެކަމަށް އިޖާބަދޭ މީހުންގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީއިން ދިރާސާކުރައްވައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރުން ނުވަތަ މެންބަރެއް ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.