ރިޔާސީ ނިޒާމް ފުރިހަމަކުރެއްވުމަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވައި އަލުން އިންތިޚާބަކަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަޙް މިހާރު އޮތް ގޮތުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ހިންގެވުމަށާއި، ތަޙްޤީޤުތައް ކުރިއަށް ގެންދެވުމަށް މިހާރު މިވަނީ ވަރަށް ބޮޑަށް ދަތިވެފައިކަން ބަޔާންކުރައްވަމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބައެއް ޤާނޫނުތަކުގެ ސަބަބުން ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޤާނޫނުތަކުގެ ބާރު ވަރަށް ބޮޑަށް ފޯރާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބާވަތުގެ ކިތަންމެ ކަމެއް ދިމާވެފައިވާއިރު، އެކަންކަމުގެ އަޞްލު ޙަޤީޤަތުގައި ގުޅިފައި އޮތީ، ޤާނޫނުއަސާސީގެ ސިފައާ ކަމުގައިވެސް ވިދާޅުވިއެވެ. އެހެންކަމުން، ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރުގައި މި ދިމާވާ ދަތިތައް ޙައްލުކުރަން މަސައްކަތްކުރަން އެބަޖެހޭ ކަމަށް ވިދާޅުވެ، އެއްގޮތަކީ، ބަރުލަމާނީ ނިޒާމަކަށް ޤާނޫނުއަސާސީ ބަދަލުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަކުން އެއްބަސްވުންކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި އެހެން އެކަން ހިނގާއިރު، ރައްޔިތުންގެ މަޖިލިސް އަލުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުވެސް އަލުން އިންތިޚާބުވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤާނޫނުއަސާސީ މިހާރު މިއޮތް ގޮތަށް އޮވެގެން ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީއެއް އަދި ރައްޔިތުންގެ އެދުންތަކެއްވެސް ފުރިހަމައެއް ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ދާން ނުފެންނަނަމަ، ދެން އޮތް ގޮތަކީ ރިޔާސީ ނިޒާމް ފުރިހަމަކުރުން ކަމަށާއި، ރިޔާސީ ނިޒާމުގައި ހުންނަންޖެހޭ ސިފަތައް ޤާނޫނުއަސާސީއަށް ގެނެސް ޤާނޫނުއަސާސީ އިޞްލާޙު ކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އިޞްލާޙު ގެނައުމުގެ މަސައްކަތަކީ ކުއްލިއަކަށް ހިންގޭނެ މަސައްކަތެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، އެހެންނަމަވެސް ހުރިހާ ފަރާތްތަކަކުން އެއްބަސްވާނަމަ، އެ މަސައްކަތަކީ މިހާރު އެއްގޮތަކަށްވެސް ފަށައިނުގަނެ ތިބެންވާނެ މަސައްކަތެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ހުރިހާ ޕާޓީތައް އިށީނދެ ތިބެ، ރިވެތި ގޮތުގައި ވާހަކަދައްކައިގެން ގޮތެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ރާޢްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ އެކި ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.