السَّلامُ عَلَيْكُم
އާދެ، ވަރަށް އުފާކުރަން، މިކަހަލަ ގޮތަކަށްވެސް ބައްދަލުކޮށްލެވޭތީ ކިޔަވާކުދިންނާ. އަޅުގަނޑު ވަރަށް ބޭނުންވޭ ކޮންމެ ޤައުމަކަށްގޮސްވެސް އެ ޤައުމެއްގައި އުޅޭ ކިޔަވާކުދިންނާ ބައްދަލުކޮށްލަން. ދެން އިނގިރޭސިވިލާތަށް އައިސް މި ލިބުނު ފުރުޞަތުގައިވެސް، ލިވަރޕޫލްގައި ތިބި ކުދިންނާ ބައްދަލުކޮށްލެވުނު. އަދި މި ތަނުގައި، ލީޑްސްގައި، މި ތަނަށް މިއަދު އައިސް ތިބި ހުރިހާ ކުދިންނާ ބައްދަލުކޮށްލެވޭތީ ވަރަށް އުފާކުރަން.
އާދެ، ރޯޒްމަންޓާ ބެހޭގޮތުން އަޅުގަނޑު ކުޑަ އެއްޗެއް ދަންނަވާލާނަން. އަޅުގަނޑު ކިޔަވަންހުރިއިރުގައި، އަދި އޭގެ ކުރީގައި، އެތައް އަހަރެއް ކުރީއްސުރެން، ދިވެހި ކިޔަވާކުދިންނަށް އިނގިރޭސިވިލާތުގައި ހުންނަ ވަރަށް މުހިންމު މަރުކަޒެއް ގޮތުގައި ހިމެނޭ ތަނެއް، 9 ރޯޒްމަންޓް އެވެނިއު އަކީ. ލަންޑަންގެ ނޯރތް ވިންޗްލޭގައި ހުންނަ ގެއެއް.
އެ ގެއަކީ، ދިވެހި ސަރުކާރުގެ ޕްރޮޕަޓީއެއް. ދިވެހި ކިޔަވާ ކުދިންނާ އޭރުގައި ހަވާލުކޮށްފައި ހުރި ތަނެއް. ދެން އިނގިރޭސިވިލާތަށް އަންނަ ހުރިހާ ކިޔަވާކުދިން ލަންޑަނަށްގޮސް ބައްދަލުވާ ތަނެއް، ސޯޝަލައިޒްވާ ތަނެއް، ވަރަށް ގުޅުން ބަދަހިވެގެންދިޔަ ތަނެއް. ވަރަށް ގިނަ ކަންކަން މިތާ ކިޔަވަން ތިބޭއިރުގައި އަދި އެމް.އެސް.އޭ.އިން ރާވާ ކަންކަމުގައި، ރާއްޖޭގައި ޙަރަކާތްތައް ހިންގުމުގައިވެސް ވަރަށް ބޮޑު ފައިދާތަކެއް ރޯޒްމަންޓް އެވެނިއު ހުރީމާ ލިބުނު. އެއީ، ކިޔަވާކުދިންގެ މަރުކަޒެއް. ވަރަށް އަގުހެޔޮކޮށް ތިބެވޭގޮތަށް ސަރުކާރުން ހަމަޖައްސާފައި ހުރި ތަނެއް. އޭގެ ސަބަބުން، އަޅުގަނޑު އެމް.އެސް.އޭ.ގައި ޗެއަރއަކަށް ހުރި އަހަރު، 2007 ގައިވެސް، އަދި އޭގެފަހުންވެސް، ވަރަށް ބޭނުންތެރި ތަނަކަށްވީ ތަނެއް. އޭރުގައި ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރިން، އެ ތަން ރެނޮވޭޓްކޮށް، ވަރަށް ގިނަ ކަންކަންވެސް ކުދިން އަމިއްލައަށް ހަމަ ކުރާހިތުން ކުރީ. ވަރަށް ޖޯޝު އޭރު ހުރޭ، ފިޒިކަލީ ގޮސް އުޅޭނެ ތަނެއް ހުރީމަ.
ދެން، އަޅުގަނޑަށް ފާހަގަވީ، ކޮންމެވެސް ސަބަބަކާހުރެ، މިދިޔަ އަހަރުތަކުގައި އެތަނެއް ނެތް. ކުދިންނަކަށް ނުލިބޭ. ދެން އަޅުގަނޑަށް މިކަން އެނގުނީ ވަރަށް ފަހުން. ދެން ސަރުކާރާ ހަވާލުވެ، އަޅުގަނޑު ބޭނުންވީ، އަނބުރާ އަނެއްކާވެސް ކުރީގެ ގޮތަށް އިޢާދަކޮށްދޭން.
އެހެންވީމާ، މިހާރު މިއަދު އިރާދަކުރެއްވިއްޔާ، އެކަން ހަމަޖެހިގެން މިދިޔައީމާ، އަޅުގަނޑު އުންމީދުކުރަނީ، ހުރިހާ ކިޔަވާކުދިންނަށް ބޭނުންތެރި ގެއަކަށް ވާނެކަމަށް. އެ ގޭގައި ހުންނަ ރޫމްތަކުގައި، ކިޔަވަން ތިބޭ ކުދިން، އަގުހެޔޮކޮށް ތިބެވުމުގެ އިތުރަށް، އަދި ގޮސް މަޑުކޮށްލާއިރުގައިވެސް ހަމަ ވަރަށް ފަސޭހަކަމާއެކީގައި، އެތަނުގައި ތިބެވޭ ތަނެއްގެ ގޮތުގައި މާޙައުލު އޮތީ. އެއީ، ތިޔަކުދިންނަށް ވަރަށް ފައިދާވާނޭ ކަމެއް ބައްދަލުވީމާ. އަދި ބައްދަލުވެ، އެމް.އެސް.އޭ. ހިންގުމާއި އަދި އޭގެ ސަބަބުން، އެކި ކަހަލަ ފައިދާ ހުރި ކަންކަން ކުރުމަށް. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، މި ރޯޒްމަންޓް އެވެނިއުއަކީ އަނެއްކާވެސް، ދިވެހި ކިޔަވާކުދިންނަށް މުހިންމު ތަނަކަށް، ބޭނުންތެރި ތަނަކަށް ވާނެ ކަމަށް. އެހެންވީމާ، މިހާރު އެގްރިމަންޓްގައި ސޮއިކުރެވިފައި މިއޮތީ. ވާރޑަންއެއްވެސް ލިބިގެންދާނެ. ތަން ބެލެހެއްޓުމާ ހުރިހާ ކަމެއްވެސް ހަމަޖެހިގެންދާނެ.
ދެވަނަ ކަމަކަށް އަޅުގަނޑު މި ހަމަޖެއްސީ، އެމް.އެސް.އޭ.ގެ ނަމުގައި ބޭންކް އެކައުންޓް މިހާރު މާލޭގައި، ބޭންކް އޮފް މޯލްޑިވްސްގައި ބޭންކް އެކައުންޓެއް ވަނީ، މިހާރު އެއޮތީ ހުޅުވިފައި. ރުފިޔާ އެކައުންޓަކާއި، ޑޮލަރު އެކައުންޓެއް. ކޮންމެ އަހަރަކަށް ސަރުކާރުގެ ފަރާތުން 2000 ޕައުންޑަށް ވާވަރަށް ޑޮލަރު ޖަމާކޮށްދޭނެ. އެހެންވީމާ، މިހާރު އެވަނީ، މި އަހަރުގެ ފައިސާ ޖަމާކޮށްދީފައި، މިދިޔަ ހަފްތާ ތެރޭގައި. 2000 ޕައުންޑަށް ވާވަރަށް ޑޮލަރު ހުންނާނީ މިހާރު އެމް.އެސް.އޭ.ގެ ޑޮލަރ އެކައުންޓަށް ޖަމާކޮށްދީފައި. އެހެންވީމާ، އެމް.އެސް.އޭ.ގެ ހަރަކާތްތައް ހިންގުމުގައި އޭގެ ބޭނުންކުރެވޭނެ.
ދެން ކޮންމެ އަހަރަކުވެސް އިރާދަކުރެއްވިއްޔާ، ކޮންމެ އަހަރެއް ފެށޭއިރުގައި، ޖަނަވަރީގެ ކުރީކޮޅު، މި ދެންނެވި އަދަދަށް ފައިސާ ޖަމާކޮށްދޭނެ. މިއީ، ކުރީގައި އަޅުގަނޑުމެން އެމް.އެސް.އޭ.ގައި އުޅުނުއިރުގައިވެސް އޭރުގައި އޮތް ސަރުކާރުތަކުން، އޭގެ ކުރީގައި އެމް.އެސް.އޭ. ހިންގި ކުދިންނަށްވެސް އެނގޭނެ، ކޮންމެވެސް އެއްޗެއް ފައިސާއިން ދެއްވާނެ ސަރުކާރުން. އޭރުގައި ދެނީ 1000 ޑޮލަރު. އެކަމަކު ފަންޑް ރައިޒްކޮށްގެން އެ ކަންކަން ކުރަމުން ދިޔައީ.
އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، މި ފައިސާއިން ކިޔަވާކުދިންނަށް، އިނގިރޭސިވިލާތުގެ އެކި ތަންތާނގައި ތިބޭ ކިޔަވާކުދިންނަށް އެމް.އެސް.އޭ. މެދުވެރިކޮށް، ކަންތައްތަކެއް ކުރުމުގައި ކޮންމެވެސް ކަހަލަ އެހީއަކަށް މި ފައިސާ ވާނެ ކަމަށް. ދެން ހަމަ އެހެން ހުރިހާ ކަމެއްގައިވެސް، ފައިދާއަކަށް ވާނެ ކަމަށް. އެމް.އެސް.އޭ. މިގޮތަށް ހިންގަން ސަރުކާރުން މި އެކައުންޓް ހުޅުވައިދިނީމަ، ފަންޑް ރައިޒްކުރަން ފައިސާ ޖަމާކޮށް، ފައިސާ މެނޭޖްކުރަން ފަސޭހަތަކެއް ވާނެ ކަމަށްވެސް. އެހެންވީމާ، އެ ދެ ކަންތައް އަޅުގަނޑު ފާހަގަކޮށްލީ.
އޭގެއިތުރަށް، މިކޮޅުގައި ކިޔަވަން ތިބޭއިރުގައި ދިމާވާ އެކިކަހަލަ ދަތިތަކުގައި، ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އިސްކަންދީގެން ކޮށްދޭނަން. ކޮންމެ ޤައުމެއްގައި ކިޔެވިޔަސް، އެ ޤައުމެއްގައި ކިޔަވާ ދިވެހި ކޮންމެ ކުއްޖަކަށް ސަރުކާރުން ސަމާލުކަން ދޭންޖެހޭނެ. އިސްކަންދޭންޖެހޭނެ.
އެހެންވީމާ، އިރާދަކުރެއްވިއްޔާ، އިނގިރޭސިވިލާތުގައި ކިޔަވާކުދިންނަށްވެސް، ސަރުކާރުގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން. މިސާލަކަށް، ސްކޮލަރޝިޕްގައި އައިސް ތިބި ކުދިން، އަދި ލޯނު ނަގައިގެން އައިސް ތިބި ކުދިން، އަދި އަމިއްލަ ޚަރަދުގައި އައިސް ތިއްބަސް، އެއްވެސް ކަމެއްގައި ސަރުކާރުގެ ތެރެއިން ކަމެއް ކޮށްދިނުމުގައި އެހީތެރިކަމެއް ބޭނުންވަންޏާ އަދި ނުވެއޮތް ކަމެއްގައިވިޔަސް، އިރާދަކުރެއްވިއްޔާ އެކަމެއް އަޅުގަނޑު ކޮށްދޭނަން، ސަރުކާރުގެ ނިޒާމުގެ ތެރެއިން އަވަސްކޮށްދިނުމާއި، ފަހިކޮށްދިނުމުގައި. އެހެންވީމާ، އެ ކަންކަން އިރާދަކުރެއްވިއްޔާ ވަރަށް ސަމާލުކަންދީގެން ކުރިއަށްގެންދާނަން.
ފައިސާ ދޫކުރުމުގައި މިދިޔަ ދުވަސްތަކުގައި ދިޔަ ހުރިހާ ކަމެއް ހައްލުކުރުމަށް ވަރަށް ގިނަ ކަންތައް ކޮށްފިން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި އެއީ، ސްޓައިޕެންޑް ކަމަށްވިޔަސް، ޓިއުޝަން ފީ ޖަމާކޮށްދިނުމުގައިވެސް، ސަރުކާރުގެ ނިޒާމުގެ ތެރޭގައި ހުންނަ އިން-އެފިޝަންސީޒްތައް، މިސާލަކަށް، އަޅުގަނޑަށް އެންމެ ގިނައިން އައިސްފައިހުރި ވަރަށް ޖެނުއިން ކޮންސަރނެއް. ސަރުކާރުގެ ކަމާބެހޭ އިދާރާގެ ރެސްޕޮންސް ދަށްވުމާއި، މިކަހަލަ ކަންތައްތައް. އީ-މެއިލަށް ޖަވާބުދިނުން ލަސްވުން ކަހަލަ ކަންތައް. އެ ކަންކަމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެޑްރެސްކުރާނަން. މި ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް މިއީ. އެ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް، އެފިޝަންޓް ކޮށްދީ، އިރާދަކުރެއްވިއްޔާ ފަސޭހަތައް ގެނެސްދޭނަން. އަވަހަށް ޖަވާބު ދިނުމާއި، އޮންޓައިމް އެ ލިބެންޖެހޭ ފައިސާ އަވަހަށް ޖަމާކޮށްދިނުމުގެވެސް ކަންކަންވުން. މި ކަންކަން ރަނގަޅުކޮށްދިނުމުގެ ކަންތައް ކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެއީ، އަޅުގަނޑަށް އެނގޭ އޭގެ މުހިންމުކަން. ކިޔަވަން ތިބޭ ކުދިންނަށް އެއިން ދިމާވާނެ ދަތި އަޅުގަނޑަށް އިހުސާސްކުރެވޭ. ތިޔަކުދިންގެ ޝޫޒްގައި އަޅުގަނޑު މީގެ އެތައް އަހަރެއް ކުރިން އުޅުނިން، ހުރިން. އެހެންވީމާ، އެނގޭ. އިރާދަކުރެއްވިއްޔާ އެ ކަންކަން ކޮށްދޭނަން. މިއީ ވަކި އިނގިރޭސިވިލާތް ވެގެނެއް ނޫން. ހުރިހާ ޤައުމެއްގައި ކިޔަވާ ހުރިހާ ކިޔަވާކުދިންނަށްވެސް އިރާދަކުރެއްވިއްޔާ މިގޮތަށް، މި ކަންކަމުގައި އެއްހަމައަކުން ސަމާލުކަން ދީގެން މި ކަންކަން ކޮށްދޭނަން.
އެހެންވީމާ، ވަރަށް އުފާވޭ. ކުރުކޮށްލަމުން އަދިވެސް އެއްފަހަރު ދަންނަވާލާނީ، މިގޮތަށް ބައްދަލުވީމާ އުންމީދަކީ، ކުރިއަށް އޮތް ތާނގައިވެސް އަނެއްކާވެސް ކޮންމެވެސް އެހެން ފަހަރަކުން ތިޔަބޭފުޅުންނާއި ތިޔަކުދިންނާ ބައްދަލުވެ، ކަންކަމުގައި ވާހަކަދައްކާލަން ފުރުޞަތު ލިބުން. އެއްވެސް ކަމެއް ޙިއްސާކޮށްލަން ބޭނުންވަންޏާވެސް އަޅުގަނޑު ހަވީރު ފުރަންދާންވަންދެން މިކޮޅުގައި އުޅޭނަން އިރާދަކުރެއްވިއްޔާ، އިނގޭތޯ!
ވަރަށް ބޮޑަށް ޝުކުރިއްޔާ!