ކުޑަކުދިންނަށް ރަނގަޅު ތަރްބިއްޔަތެއް ދެއްވައި، އެކުދިންގެ ކިބައިގައި ރަނގަޅު އަޚްލާޤެއް އަށަގަންނުވައި، ރަނގަޅު މިސާލެއް ދެއްކެވުމަކީ، ބޮޑެތި މީހުންގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޤައުމީ ވާޖިބެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، އަމީނިއްޔާ ސްކޫލްގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި، ރޭ ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރަނގަޅު އަޚްލާޤެއްގެ މަތީގައި ކުދިން ބޮޑެތި ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ޚާއްޞަ ގޮތެއްގައި ބައްލަވައިލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ބޮޑެތި މީހުން އަދި ޤައުމުގެ ލީޑަރޝިޕްގައި ތިބި މީސްމީހުން ކަންތައްތައް ކުރާގޮތް، އަޅުގަނޑުމެންގެ ޅަދަރިންނަށް ފެންނަމުންދާ ކަމަށާއި، އަޅުގަނޑުމެން ދައްކާ ނަމޫނާއިން، ފަހުން އަންނަން އޮތް ޖީލުތަކަށް، އޭގެ އަސަރު ކުރުވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ޅަދަރިންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށްވާއިރު، އެކުދިންނަށް ރަނގަޅު އަޚްލާޤެއް ދައްކައިދިނުމަކީ ހުރިހާ ފަރާތްތަކަކުންވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކިތަންމެ ރަނގަޅަށް ކިޔެވި ކަމުގައިވިޔަސް، އަޚްލާޤީ ސިފަތައް ނެތިއްޖެނަމަ، އެމީހަކީ މުޖްތަމަޢަށް ފައިދާހުރި މީހަކަށްނުވެ ހިނގައިދާނެ ކަމަށާއި، އަޅުގަނޑުމެންގެ ޅަދަރިންނަށް ނަމޫނާ ދައްކަން ތިބި އެންމެ މުހިންމު ބަޔަކީ، ބެލެނިވެރިންނާއި، ތިމާގެ މީހުންނާއި އަދި ބޮޑެތި މީހުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދޭދޭ މީހުންނާ ދޭތެރޭގައި އަޅުގަނޑުމެން މުޢާމަލާތު ކުރާއިރުވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، ރުޅި އިސްނުކޮށް، ވިސްނުންތެރިކަމާއި މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރުމަކީ، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭނެ ކަންތައްތައް ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ރޭ ދެއްކެވި ވާހަކަފުޅުގައި، ތިމާގެ ނަފްސާ ދޭތެރޭގައި އޯގާތެރިކަމާއެކު އަބަދުވެސް ވިސްނައި، ތިމާގެ ހަށިގަނޑާއި ސިކުނޑި އަބަދުވެސް ސާފުކޮށް ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ދީނީ ވާޖިބުތައް އަދާކޮށް، ނަމާދުކޮށް ރޯދަ ހިފުމަކީވެސް ނަފްސުގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައެއް ޒުވާނުން ސްކޫލް ނިންމުމަށްފަހު، ވަޒީފާއަށް ނުގޮސްތިބެ، ދުވާލު ގިނަވަގުތު ނިދާފައި، ރޭގަނޑު ހޭލާ އުޅޭތަން އެބަ ފެންނަ ކަމަށާއި، މިއީ ކުއްޖާގެ ދިރިއުޅުމުގެ އަޚްލާޤަށް ވަރަށްބޮޑު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރު އަމީނިއްޔާ ސްކޫލުން އެކިވަނަތައް ހޯދި ކުދިންނަށް، ޚާއްޞަކޮށް، ކެމްބްރިޖް އިމްތިޙާނުގައި ފަޚްރުވެރި ކާމިޔާބީތަކެއް ހޯދި ހުރިހާ ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތިންއަހަރަށް ބައްލަވައިލައްވަމުން، އަމީނިއްޔާ ސްކޫލްގެ ފެންވަރު ރަނގަޅުވަމުން އައިސްފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމީނިއްޔާ ސްކޫލަކީ އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި ވަރަށްބޮޑު ލޯތްބެއް އުފެދިފައިވާ ސްކޫލެއް ކަމުގައިވެސް ވިދާޅުވިއެވެ.

އަމީނިއްޔާ ސްކޫލުން ވޭތުވެދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވުނު ގްރޭޑް 10ގެ ދަރިވަރު ފާޠިމަތު ހުލްވާ ޚަލީލަށް ތަށްޓާއި އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އެހެނިހެން އިނާމުތައް ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ކެމްބްރިޖް އިމްތިޙާނުގައި އަމީނިއްޔާ ސްކޫލުން ބްރިލިއަންސް އެވޯޑް ހޯދި ކުދިންނަށާއި، އެހެން ބައެއް ވަނަތަކަށް އިނާމު ދެއްވީވެސް ނައިބު ރައީސެވެ. އަދި އެހެން ބައެއް ވަނަތަކަށް، ނައިބު ރައީސްގެ އަނބިކަނބަލުން އިލްހާމް ޙުސައިންވެސް އިނާމު ދެއްވިއެވެ.