ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން ޚާއްޞަ މެސެޖެއް ފޮނުއްވައިފިއެވެ.
އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުންވެސް ހިއްސާކުރައްވާފައިވާ މި މެސެޖުގައި، ސަރުކާރުން ރައްޔިތުންގެ ޞިއްޙަތު ރަނގަޅުކުރުމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން، މިއަހަރުގެ ތީމް "ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރޒް" ކަށަވަރުކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރައްވާނޭ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެރުއްވިއެވެ.
ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި ހުރިހާ ރައްޔިތުންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރުކުރުމަކީ މުހިންމުކަމެއްކަމާއި، އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ކޮންމެ މަޔަކީ، ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޚިދުމަތްތެރީންގެ ޚިދުމަތްލިބޭ މައެއްކަން ކަށަވަރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ޚިދުމަތްތައް ދިނުމުގައި ހެލްްތް ކެއަރ ވޯކަރުން އަދާކޮށްފައިވާ ދައުރަށް އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި، ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމުގައި ވިދާޅުވިއެވެ. އަދި، އޭގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ގެއްލުންވާ ޢަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ. އަދި، ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ ރައްޔިތަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވާފައިވެއެވެ.