ރާއްޖޭގައި ނިމިގެންދިޔަ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައްދަލުވުމުގައި، ތަރައްޤީވަމުން އަންނަ ހަ ޤައުމަކުން، ޖައްވަށް ދޫކުރާ ކާރބަން މަދުކުރުމަށް، ދުނިޔޭގެ ޤައުމުތަކުން މިހާތަނަށް ކަނޑައަޅާފައިވާ އެންމެ ބޮޑެތި ލަނޑުދަނޑިތައް ކަނޑައަޅައިފިއެވެ.
މި ޖުލައި މަހުގެ 17 އިން 18އަށް ބަނޑޮސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ބޭއްވުނު، ކާޓެހެއިނާ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައި، ބައިވެރިވި ޤައުމުތަކުގެ ތެރެއިން އެންޓީގުއާ އެންޑް ބާބިއުޑާއާއި، ކޮސްޓަރީކާއާއި، އިތިއޯޕިއާއާއި، ދިވެހިރާއްޖެއާއި، މާޝަލް އައިލެންޑްސް އަދި ސަމޯއާއިން ވަނީ ޖައްވަށް ދޫކުރާ ގްރީންހައުސް ގޭހުގެ މިންވަރު ދަށްކޮށް، ތިމާވެށްޓާ ރައްޓެހި ގޮތުގައި ތަރައްޤީ ހާސިލް ކުރުމަށް ވަޢުދުވެފައެވެ.
ކާޓެހެއިނާ ގްރޫޕަކީ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުން ހަރުދަނާ ނަތީޖާއެއް ނެރުމަށް ބޭނުންވާ އަދި އެޤައުމުތަކުން ކާރބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް އިސްކަންދޭ ހުރިހާ ޤައުމުތަކަށް މިކަންކަމާމެދު ބަޙުޘް ކުރުމަށް ހުޅުވާލެވިފައިވާ ނުރަސްމީ ގްރޫޕެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަމޯއާގެ މިނިސްޓަރ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓް ފައުމުއިނާ ޓިއާޓިއާ ވަނީ އެޤައުމަކީ 2020ވަނަ އަހަރުގެ ކުރިން ކާރބަން ނިއުޓްރަލް ޤައުމަކަށްވުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެޤައުމުން ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަކީ، އެކަމުގެ ސަބަބުން ތިމާވެށްޓަށާއި، އެޤައުމުގެ އިޤްތިޞާދަށް އެކަމުގެ ފައިދާ ލިބޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އިޢާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުން ކަރަންޓް އުފެއްދުމަކީ އަގުހެޔޮ ގޮތެއްކަމަށްވާނެ ކަމުގައި ވިދާޅުވިއެވެ.
މާޝަލް އައިލެންޑްސްއިން ވަނީ އެޤައުމުން ކާބަން ބޭރުކުރާ މިންވަރު، 2009ވަނަ އަހަރު ހުރި މިންވަރުން 40 ޕަސެންޓް 2020ވަނަ އަހަރު އަންނަންވާއިރަށް ދަށްކުރުމަށް ވަޢުދުވެފައެވެ. "2008ވަނަ އަހަރު ތެލުގެ އަގު އުފުލިގެންގޮސް، ތެޔޮ އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހުސްވުމުގެ ސަބަބުން މާޝަލް އައިލެންޑްސްއިން ވަނީ ސްޓޭޓް އޮފް އިމަރޖެންސީ އިޢުލާން ކޮށްފައި. އަޅުގަނޑުމެން އިމްޕޯޓް ކުރާ ތެލާ ދުރަށް މިދަނީ ހަކަތައިގެ ރައްކާތެރިކަން ބޮޑުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅުގަނޑުމެން އަދާ ކުރަންޖެހޭ ދައުރު އަދާކުރުމަށް" އެޤައުމުން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ފިލިޕް މުލާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި އެންޓީގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު ބޯލްޑްވިން ސްޕެންސަރ ދެއްކެވި ވާހަކަފުޅުގައި، އެޤައުމުން ކާރބަން ބޭރުކުރާ ވަރު، 1990 ވަނަ އަހަރު ހުރި މިންވަރުން ހަތަރު ބައިކުޅަ އެއްބައި 2020އަހަރު އައުމުގެ ކުރިން މަދު ކުރުމަށް ނިންމަވާފައިވާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، 2020ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް އެކަށައަޅާފައިވާ ލަނޑުދަނޑިއާއި، ކޮސްޓަރީކާއިން އެޤައުމަކީ 2021ވަނަ އަހަރުގެ ކުރިން ކާރބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ.
މި ބައްދަލުވުމުގެ އެންމެފަހު ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ތިމާވެށްޓާ ރައްޓެހި ތަރައްޤީގެ މަގު ޚިޔާރު ކުރުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ދުނިޔެއަށް ދައްކައިދެމުންދާ ނަމޫނާ ފާހަގަކުރައްވައި އެޤައުމުތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި އެ ޤައުމުތަކުން ކާރބަން މަދުކޮށް ތިމާވެށްޓާ ރައްޓެހި ގޮތުގައި ތަރައްޤީވުމުގެ މަގު ޚިޔާރުކުރީ، އެކަމަކީ އެޤައުމުތަކުގެ އިޤްތިޞާދާއި ސަލާމަތާ ސީދާކޮށް ގުޅިފައިވާ ކަމަކަށްވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ނިމުނު ކާޓެހެއިނާ ގްރޫޕް / ޑައިލޮގް ފޮރ ޕްރޮގްރެސިވް އެކްޝަންގައި ބައިވެރިވެފައިވަނީ އެންޓީގުއާ އެންޑް ބާބިއުޑާ، އޮސްޓްރޭލިއާ، ބަންގްލަދޭޝް، ބެލްޖިއަމް، ކޮލަމްބިޔާ، ކޮސްޓަރީކާ، އިތިއޯޕިއާ، ފްރާންސް، ޖަރމަނީ، ގާނާ، އިންޑޮނޭޝިޔާ، މަލާވީ، ދިވެހިރާއްޖެ، މާރޝަލް އައިލެންޑްސް، މެކްސިކޯ، ނެދަރލެންޑްސް، ނިއުޒީލެންޑް، ނޯވޭ، ޕެރޫ، ސަމޯއާ، ސްޕެއިން، ޓެންޒޭނިއާ، ތައިލެންޑް، ޓީމޯރ-ލެސްތޭ، އުރުގުއޭ، އިނގިރޭސިވިލާތުގެ އިތުރުން، ޔޫރަޕިއަން ކޮމިޝަނުންނެވެ.