ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދައުލަތުގެ ޢާންމު މަންފާއަކަށްޓަކައި ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވައިފައިވާ ނަންބަރު 6/2025 ޤަރާރު އަލުން އެކަށައަޅުއްވައި، އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވައިފައިވާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު، ސަތޭކަ މިލިއަން ޑޮލަރަށް ބޮޑުކުރައްވައިފިއެވެ. އެ ޤަރާރުގެ ޖަދުވަލު 13 ގައި ބަޔާންކުރާ މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ކަމަށް ކުރިން ކަނޑައަޅައިފައިވަނީ ފަނަރަ މިލިއަން ޑޮލަރެވެ.
މި ޤަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވައިފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވައިފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނެ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ.