بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދައުލަތުގެ ވަޒީރުން، އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަޠީފް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ، އެތައް ޒަމާނެއް ވަންދެން އިސްލާމްދީނަށް، ޤައުމަށް ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ފަޟީލަތުއްޝައިޚް ޑޮކްޓަރ މުޙައްމަދު ރަޝީދު އިބްރާހީމް، މިރޭ އެ ބަޔަކަށް ޚާއްޞަ ކުރެވިގެން މި ޙަފްލާ ބޭއްވޭ، ދެންމެ ދަސްވެނިވި ޙާފިޡުން އަދި ޙާފިޡުންގެ ބެލެނިވެރިންނާއި ޓީޗަރުން، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ އިސް ވެރިންނާއި، އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި، ދެ މުއައްސަސާގެ މުވައްޒަފުން، ވަޑައިގެން ތިއްބެވި އެންމެހައި ހާޒިރީން އަދި މި ޙަފްލާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އަޅުގަނޑު އެންމެ ފުރަތަމަވެސް އަވަސްވެގަންނާނީ، ދެންމެ މިތަނުން ދަސްވެނިވި 24 ޙާފިޡުންނަށް މަރުޙަބާ ދަންނަވަން. ވަރަށް ބޮޑަށް މަރުޙަބާ.

އާދެ، ތިޔަ ޙާފިޡުން އެތައް މަސްތަކެއް ވަންދެން ކުރެއްވި ބުރަ މަސައްކަތުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވީތީ މިރޭ ހާސިލުވެގެން މިދިޔައީ.

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ރާއްޖޭގެ ކުރީގެ ޙާލަތު. އަޅުގަނޑުގެ ކުޑައިރުގެ ޙާލަތު ހަމަ ދަންނަވާލަން. އޭރުގައި މާގިނައެއް ނުވާނެ ޤުރްއާން ހިތުދަސް މީހުންނެއް. އަޅުގަނޑު ވަރަށް ކުޑައިރުގެ ހަނދާނެއް، އަޅުގަނޑުގެ ކާފަޔާ އެކީގައި، އޭރުގައި ހުރި މިސްކިތެއް، މިހާރު ނުވެސް ނެތް މިސްކިތެއް، މަސްޖިދުއްސަލާމް. ވިޔަފާރި މިސްކިތާ ޖެހިގެން އޮންނަ ބިމުގައި އެ މިސްކިތް އޭރު ހުންނާނީ. އެ ތަނަށް ކާފަޔާ އެކީގައި ދާއިރުގައި، އެތާ މުދިމަކަށް ހުންނާނީ އޭރުގައި އަދި މިހާރުވެސް ދިވެހިބަހުގެ ރަދީފުގައި އޮންނަ ނަމެއް، ޙާފިޡުންނަށް ކިޔާނީ "މުގުރި". މުގުރި. ނަމެއްވެސް ނޭނގެ ޙާފިޡުގެ. އަޅުގަނޑުމެން ކިޔަނީ މުގުރި. އޭރުގައި އަޅުގަނޑުމެންނަށް އެނގޭ ހަމައެކަނި މުގުރިއަކީ އެއީ.

ދަންނަވަން މިއުޅޭ ވާހަކައަކީ، އޭރުގައި ވަރަށްވެސް މަދޭ ޤުރްއާން ހިތުދަސް ޙާފިޡުން. ޒަމާންތައް ބަދަލުވެއްޖެ. ސަރުކާރުތަކުން އިސްލާމްދީނަށް، ޤުރްއާނަށް ދެމުންދިޔަ އިސްކަން ބަދަލުވެ، ޚާއްޞަކޮށް، ރައީސް މައުމޫންގެ ވެރިކަމުގައި، ކީރިތި ޤުރްއާނާބެހޭ ކަންކަމަށް އިސްކަންދެވެން ފެށްޓެވި ގޮތަށް ފެށިގެން އައިސް މިއަދާ ހަމަޔަށް އާދެވި، މިއަދުގެ މި ޙާލަތަށް ބަދަލުވެފައި މިވަނީ. މިރޭ 24 މުގުރިން، 24 ޙާފިޡުން ދަސްވެނިވެއްޖެ.

އާދެ، މިއީ އަޅުގަނޑުމެންގެ ޤައުމު ފަޚުރުވެރިވާންޖެހޭ ކަމެއް. އަޅުގަނޑުމެންގެ މި ޤައުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. اَلْحَمْدُ للَّهِ. ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި މި ހާސިލުކުރެވުނު ހާސިލުކުރެވުން ވަރަށްބޮޑު ކަމުގައިވިޔަސް، އަޞްލުގައި ޙަޤީޤަތުގައި އަޅުގަނޑުމެންގެ އުންމީދުތައް އަދި އަޅުގަނޑުމެންގެ ސްޓޭންޑަޑް ހުންނަންޖެހޭނީ މިއަށްވުރެ
މާ މަތީގައި. އަހަރަކު ދަސްވެނިވާންޖެހޭނީ މީގެ އެތައް ގުނައެއް ގިނަ އަދަދެއްގެ ޙާފިޡުން. އެއީ، ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް މި ޤައުމުވާތީ.

އެހެންވީމާ، މި ސަރުކާރުގެ ސިޔާސަތަކީ، އަޅުގަނޑުމެންގެ ވިސްނުމަކީ އަދި ޢަޒުމަކީވެސް ލޮބުވެތި ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި، މައިންބަފައިންގެ ޢަޒުމާއި، ޓީޗަރުންގެ ބުރަ މަސައްކަތާއި، އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން މި އަދަދު އެތައް ގުނައަކުން އިތުރުކުރުން. ދެންމެ މިނިސްޓަރވެސް އެ ފާހަގަކުރެއްވީ އެ ވާހަކަ. އަޅުގަނޑުމެންގެ ޤައުމުގައި ކީރިތި ޤުރްއާން ހިތުދަސް ކުދިން، ދެންމެ ދަސްވެނިވި ގާތްގަނޑަކަށް ހުރިހާ ޙާފިޡުންނަކީ ވަރަށް ޒުވާން ކުދިން. އަޅުގަނޑުމެންގެ އެތައް ކުދިންނެއް ޤުރްއާން ހިތުދަސް ކުދިންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރުމަށް އަޅުގަނޑު ހަމަ މިރޭ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަން. މިއިން ނުކުންނާނީ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ. އަޅުގަނޑުމެންގެ ޤައުމުގައި އިސްލާމްދީނަށް ނަޞްރު ދިނުމަށްޓަކައި ކުރެވޭ ކޮންމެ މަސައްކަތަކުން ނުކުންނާނީ އިރާދަކުރެއްވިއްޔާ ހެޔޮ ނަތީޖާ. މި ސަރުކާރުގެ އެންމެ ފަޚުރުވެރި، މަތިވެރި ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެނީ އަދި ޢަމަލީގޮތުންވެސް ކަންކަން ބައްޓަންވެފައި އޮންނާނީ އިސްލާމްދީނަށް ނަޞްރު ދިނުމުގައި. އެއަށްވުރެ އިސްކަންދޭނެ ސިޔާސަތެއް މި ސަރުކާރަކު ނޯންނާނެ.

އެހެންވީމާ، މި ޤައުމުގައި އިސްލާމީ ކަންކަން ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރުމަކީ މިފަދަ ރެއެއްގައި ވަރަށް ބޮޑަށް ޢަޒުމް އާކުރަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެގޮތުގައި ކުރިއަށް ދެވޭނެ. އަޅުގަނޑުގެ ދުޢާއަކީ، އެގޮތުގައި އަޅުގަނޑުމެން ބުރަ މަސައްކަތްތަކެއް ކޮށް، އޭގެ ނަތީޖާ ލިބިގެން ދިޔުން.

ހަމަ މި ނޭވާގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ކީރިތި ޤުރްއާނުގެ މި ފަންނުތައް ދަސްކޮށްދިނުމުގެ، ނޫނީވިއްޔާ އުނގަންނައިދިނުމުގެ ފަންނު ކުރިއަށް ގެންދިޔުމަށް، މިކަމަށް މަސައްކަތް ކުރުމަށް، ވަރަށްގިނަ މަސައްކަތްތަކެއް މިދިޔަ ދުވަސްތަކުގައިވެސް ވަނީ ކުރެވިފައި. އަދި ކުރިއަށް އޮތް ދުވަސްތަކަށްވެސް އަޅުގަނޑުމެން މިވަނީ ރާވާފައި. ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް ޤާއިމުކުރުމަށްޓަކައި ދެންމެގައި މިތަނުގައި ފާހަގަކުރެވުނު، ބިމެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ވާހަކަ. އިސްލާމިކް މިނިސްޓްރީން އެބައޮތް ފޮނުއްވާފައި، އެކަމަށް ސިޓީފުޅެއް. އަޅުގަނޑުމެން މިހާރު ވާނީ މި ފަހުދިހައިގެ ބަންދުތެރޭގައިވެސް އެކަމާބެހޭ މަސައްކަތްތައް ކޮށްފައި. އެކަމަށް މިހާރު ވާނީ މާލެއިން ބިމެއް ހަމަޖައްސާފައި. އަދި ހުޅުވޭ ތަނުން އެކަމާ ބެހޭ ސިޓީ އިސްލާމިކް މިނިސްޓަރަށް އަޅުގަނޑުމެން ފޮނުވާނަން.

ކީރިތި ޤުރްއާނާބެހޭ މި ވަޤުފް އިމާރާތް އެޅިގެންދިޔައިމަ، އިރާދަކުރެއްވިއްޔާ އެ ވެގެންދާނީ ވަރަށްބޮޑު އިންވެސްޓްމަންޓަކަށް. ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް. އިރާދަކުރެއްވިއްޔާ އޭގެ ފުރިހަމަ ނަތީޖާ، ކުރިއަށް އޮތް އަހަރުތަކުގައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ.

އާދެ، އަޅުގަނޑުމެން ހިނގާ މި ނޭވާގައި ތަންކޮޅެއް ފުޅާކޮށްވެސް ވިސްނާލަމާ، މިފަދަ ރެއެއްގައި. ކީރިތި ޤުރްއާން ހިތުދަސްކުރުމަކުން އަދި ޤުރްއާން ދަސްކުރުމަކުން، ރީތިކޮށް ތަޖުވީދު މަގުން ކިޔަވަން ދަސްވުމަކުންނެއް ނުފުދޭ. އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގެވެސް ޢަމަލީގޮތުން އަޅުގަނޑުމެންގެ ކަންކަން ބައްޓަންކުރުމުގައި ބޭނުންކުރާ އެއްޗަކީ ކީރިތި ޤުރްއާން ކަމުގައި ހެދުން އެއީ، އަޅުގަނޑުމެންގެ ޙަޤީޤީ ވިސްނުމަކަށް ވާންޖެހޭނީ. ދަސްކޮށްފައި، ހިތުދަސްކޮށްފައި، އެހިސާބުން ނިންމައެއްނުލެވޭނެ. ނޫނީވިއްޔާ ކީރިތި ޤުރްއާން ކިޔަވަން ދަސްކުރުން، އެވަރަކުން ނިންމައެއްނުލެވޭނެ. އަޅުގަނޑުމެންގެ ގައިޑް ބުކަކީ، އަޅުގަނޑުމެން ޢަމަލީގޮތުން ކަންކަން ކުރާއިރު، ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށްވާންވީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ޤުރްއާން. އެއީ، ޕްރެކްޓިކަލް ފޮތެއް، ޢަމަލީ ފޮތެއް. އެއީ، ހަމައެކަނި މިކަހަލަ ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ސެރެމޯނިއަލް ފޮތެއް ނޫން. ނޫނީވިއްޔާ ހަމައެކަނި ޙަފްލާތަކަށް ޚާއްޞަ އެއްޗެއް ނޫން. ޢަމަލީގޮތުން ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ކަންކަން، އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް ބައްޓަންކުރެވިގެން ދާންޖެހޭނީ، އެ ފޮތުގައިވާ ގޮތަށް. އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު ކަންކަން ހުރީ އެހެންތޯ؟ ވިސްނައިލައްވާ! މިއީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. އަޅުގަނޑުމެން ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ، މި ސުވާލު އެބަޖެހޭ ކުރަން. މާދުރަކުން ނޫން. އަޅުގަނޑުމެން ކޮންމެ މީހެއް ހިމެނިގެން މި ޤައުމު އުފެދިފައި މި އޮންނަނީ. ޤައުމު، ޤައުމަކަށް މިވަނީ. މި ޤައުމުގެ ކޮންމެ އަފްރާދެއް، މި ޤައުމުގެ ކަންކަމުގައި، ޤައުމު އޮތް ޙާލަތު ބުނެދިނުމުގައި، އެ ޤައުމެއްގެ ކޮންމެ އަފްރާދެއްގެ އުޅުމާއި ގުޅުން، އޭގައި
މި ބަލާ އެއްޗަކަށް އޮންނަން ޖެހޭނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ޢަމަލުތައް ހުރީ ކިހިނެއްތޯ؟ އެއީ، މިއަދު ވިސްނަންޖެހޭ ކަމެއް. އަދި މިފަދަ ރެއެއްގައި މި ވާހަކަ ދެކެވިގެންދާއިރުގައި، މިފަދަ ޙަފްލާއެއް ބޭއްވިގެންދާއިރުގައި، އަޅުގަނޑުމެން ވިސްނަންޖެހޭނެ ކަމެއް. ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އަދި އަމުދުން މި ވާހަކަ ދެކެވެންޖެހޭނެ. ކިހިނެއްތޯ ކަންތައްތައް ހުރީ؟ އަޅުގަނޑުމެންގެ އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ. ނެތިމޮށެނީ. ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ. މިހެންގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް. ގޯސް ހުރިހާ އާދައެއް. އިސްލާމްދީނުގައި މި ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ، އެކަންކަމާ ދުރަށްދާން އަންގަވާފައިވާ ހުރިހާ ކަމެއް، މި ސައްތައިންސައްތަ އިސްލާމީ ޤައުމުގައި އަޅުގަނޑުމެން ތެރޭގައި އަޅުގަނޑުމެން މި ކުރަނީ. މިއީ ދެކޮޅުޖެހޭ ކަމެއްތޯ؟ އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައި މިއޮތް ސިކުނޑިން ވިސްނައިލެއްވީމަ، މިއަށް ކޮން ޖަވާބެއްތޯ ދެނީ އަޅުގަނޑުމެން؟ އަޅުގަނޑުމެން ތެރޭގައި ސިޔާސީ ޚިޔާލުތަފާތުވުމާ އެކީގައި، އެ ވާދަވެރިކަމުގެ ތެރެއިންވެސް ގޮސް، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަބުރަށް މި އަރައިގަންނަނީ. އެނޫން ކަންކަމުގެ ތެރޭގައިވެސް، ޢާއިލީ މައްސަލަތަކުގެ ތެރޭގައިވެސް، އޮފީސްތެރޭގައިވެސް، ދެން މިހެންގޮސް ކޮންމެ ކުޑަކުޑަ ޖަމާޢަތެއްގެ ތެރޭގައިވެސް، އެކަކު އަނެކަކުގެ އިންސާނީ ކަރާމާތަށް މި އަރައިގަންނަނީ. އެއީއެއް ނޫން ދޮގެއްތޯ، ކީރިތި ޤުރްއާނުގައި އަޅުގަނޑުމެންނަށް މިކަންކަން ދަސްކޮށްދެއްވާފައިވާ ގޮތަކީ.

އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި ކީރިތި ޤުރްއާނަކީ، އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް ޢަމަލުކުރާ ފޮތަކަށް ހަދަން. ޢަމަލުކުރާ ފޮތަކަށް ހެދިގެން ނޫނީވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި މި ގެއްލިގެންދާ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ. އަޅުގަނޑުމެން ކޮންމެ މީހަކު މިއަދު މި ސުވާލު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ އަނެއް މުސްލިމާ، ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން ސަލާމަތްވެފައިތޯ ވަނީ؟ އެ ސުވާލު ކުރަން އެބަޖެހޭ. اللهُ سُبْحَانَهُ وَتَعَالَى ޢާލަމްތަކަށް ރަޙްމަތެއް ގޮތުގައި ފޮނުއްވި ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ޙަދީޘްފުޅުގައި އޮތީ އެހެން ނޫންތޯ. "މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއޭ." އަޅުގަނޑުމެން އެ ސުވާލު އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ މިއަދު ކުރަންޖެހޭ ނޫންތޯ؟ މިކަން އަޅުގަނޑުމެން ކޮށްފިއްޔާ އަދި ހެޔޮ ނިޔަތުގައި ކޮށްގެން، އެކަންކަން ރަނގަޅު ކުރުމަށް އަޅުގަނޑުމެން އުޅެފިއްޔާ، އިސާހިތަކު މި މުޖުތަމަޢު ރަނގަޅުވާނެ. އަޅުގަނޑުމެން ކޮންމެ މީހަކީ ކަރާމާތެއް ލިބިގެންވާ މީހެއް. ކީރިތި ޤުރްއާނުގައި މި އޮންނަނީ، الإسراء ސޫރަތުގައި ބަޔާންކޮށްފައި، "وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ" އާޔަތުގެ އެއްބައި. މާނަޔަކީ، "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدمގެ ދަރިން މާތްކުރެއްވީމެވެ." މާތްކުރެއްވީ آدمގެ ދަރިން. އަދި އިސްލާމަކަށް ކޮންމެހެންވީކީނޫން. آدمގެ ދަރިން މާތްކުރެއްވީ. އެހެން ހުރިހާ މަޚްލޫޤުންގެ މައްޗަށް. އޭގެ މަފްހޫމަކީ އަޅުގަނޑުމެން ކޮންމެ މީހަކީ އަނެއް އިންސާނާއަށް ރެސްޕެކްޓް ކުރަންޖެހޭ، އިޙްތިރާމު އަދާކުރަންޖެހޭ ބަޔަކަށްވާންޖެހެއޭ. ތިމަންނަ މަތިވެފައި، އަނެއްމީހާ ދަށްކޮށްލާފައި، ތިމަންނަ ބޭނުންހާ އެއްޗެއް އަނެއް މީހާއާ ދިމާއަށް ބުނުމުގެ ޙައްޤަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން. ޙައްޤުތަކާ އެކީގައި އޭގެ ޙުދޫދުތައްވެސް އޮވޭ. ރައިޓްސްއާ އެކީގައި ލިމިޓޭޝަންސް އޮވޭ. އެހެން ނޫނީވިއްޔާ، އިންސާނީ މުޖުތަމަޢެއް ހެޔޮގޮތުގައެއް ކުރިއަކަށް ނުދާނެ.

އެހެންވީމާ، އަނެއް އިންސާނާއަކީ ތިމަންނަ ފަދައިން ކަރާމާތްތެރިކަން ލިބިގެންވާ މީހެއްކަން ގަބޫލުކުރެވުނު ދުވަހަކުން މި މުޖުތަމަޢު ރަނގަޅުވާނީ. އެއީ، ކީރިތި ޤުރްއާނުގައި ވަރަށް ސާފުކޮށް އޮތް ކަމެއް. އަޅުގަނޑުމެން ޖެހޭ އެކަން ގަބޫލުކުރަން. އަދި އޭގެއިތުރަށް، މުސްލިމުންނަށްވީތީ، އަދި އެކަން އިތުރަށް އަޅުގަނޑުމެން ޖެހޭ ޔަޤީންކުރަން. ވަރަށްގިނަ ތަންތާނގައި، ކީރިތި ޤުރްއާނުގައި މުސްލިމުންގެ ސިފަތައް ބަޔާންކުރައްވާފައިވޭ. މި ރަޙުމްވެރިކަން، އޯގާވެރިކަން، މުސްލިމަކު، އެކަކު އަނެކަކަށް އޮންނަންޖެހޭވަރު ސިފަކޮށްދީފައިވޭ. ވަރަށް ދިގު އާޔަތެއްގެ ހަމަ އެންމެ ތަންކޮޅެއް އަޅުގަނޑު ފާހަގަކުރާނަން. الفتح ސޫރަތުގެ އެންމެފަހު އާޔަތުގައި މި އޮންނަނީ، "مُّحَمَّدٌۭ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ." " مُحَمَّدُ ގެފާނީ، ﷲގެ ރަސޫލާއޭ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކޭ. އަދި އެއުރެންގެ މެދުގައި އޯގާވެރި، ރަޙްމަތްތެރި ބައެކޭ." މުސްލިމުންގެ ތެރޭގައި ރަސޫލާ صـلّى الله علـيـه وسـلّم އަށް ތަބާވާ މީހުންނަކީ، އޯގާވެރި، އެކަކު އަނެކަކަށް އޯގާވެރި، އެކަކު އަނެކަކަށް ރަޙުމްކުރާ ބައެކޭ. اللهُ سُبْحَانَهُ وَتَعَالَى މުސްލިމުން ސިފަކުރައްވާފައި މި އޮތްގޮތް މިއޮތީ. ވިސްނައިލައްވާ! ކީރިތި ޤުރްއާނުގައި. އަޅުގަނޑުމެންގެ މި ސައްތައިންސައްތަ މުސްލިމް ޤައުމުގައި އެހެންތޯ ކަންތައްތައް އޮތީ؟ މި ކީރިތި ޤުރްއާނަކީ އަޅުގަނޑުމެން ކިޔަވާލާފައި، ނަމާދުކުރާއިރުގައި ކުރު ސޫރަތެއް ކިޔަވާލާފައި ހަމައެކަނި ނިންމާލަންޖެހޭ އެއްޗެއްތޯ؟ ނޫނީވިއްޔާ މިކަހަލަ ޙަފްލާއެއްގައި، ޖަލްސާ ފަށަން ކިޔާލާ އެއްޗަކަށްތޯ ވާންޖެހޭނީ؟ ނޫނީވިއްޔާ ހަމައެކަނި ޙާފިޡުންގެ ގޮތުގައި ބުރަ މަސައްކަތުން އަޅުގަނޑުމެންގެ ދަރިން ޤުރްއާން ހިތުދަސް ބަޔަކަށް ހަދާފައި ނިންމާލާ އެއްޗަކަށްތޯ ވާންޖެހޭނީ؟ ނޫން. މިގޮތަށް ކީރިތި ޤުރްއާނުގައި އައިސްފައި މިހިރަ ކަންކަމަށް އަޅުގަނޑުމެން އަމިއްލައަށް ޢަޒުމް ކަނޑައަޅައިގެން ޢަމަލުކުރަން ފަށަންޖެހޭ އެއްޗެއް ކީރިތި ޤުރްއާނަކީ. އެހެން ނޫނީވިއްޔާ ކާކަށްތޯ މި އޮޅުވައިލެވެނީ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް މި އޮޅުވައިލަނީ.

އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ޤައުމު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙު ނުކުރަންޏާ، އަޅުގަނޑުމެންނަކަށް މާދަންކަމެއް، މިއަދުކަމެއް ނޭނގެ އަޅުގަނޑުމެން މި ދުނިޔެ ދޫކުރަނީ. ސަލާމަތެއް ނޯންނާނެ. އަޅުގަނޑުމެން މި ޤައުމު ހަމަމަގަށް ގެންދަންޏާވެސް އަޅުގަނޑުމެންގެ ނަފްސު އިޞްލާޙު ކުރަން އެބަޖެހޭ ނޫންތޯ މިގޮތުން. އަޅުގަނޑުމެންގެ މުޖުތަމަޢު މި ދެންނެވި ގޮތަށް މިކަހަލަ ނުބައި ވަބާތަކާއި، ސިފަތަކުގެ ތެރޭގައި ޣަރަޤުވެގެން މިއޮއްދަނީ. ކިތަންމެ ގިނަ އިމާރާތެއްވެސް ސަރުކާރުން އެޅިދާނެ. ގެދޮރު ބިނާކުރެވިދާނެ ކިތަންމެ ގިނައިންވެސް. އިރާދަކުރެއްވިއްޔާ ބިނާވެސްކުރާނަން. ކިތަންމެ ގިނަ މަގެއްވެސް ހެދިދާނެ. ބަނދަރުތަކެއްވެސް ހެދިދާނެ. ކިތަންމެ ގިނަ އިންފްރާސްޓްރަކްޗަރ މަސައްކަތްވެސް ކުރެވިދާނެ. އެކަމަކު މި ހިތް، މި ސިކުނޑި، اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް ބައްޓަން ނުކުރާހާ ހިނދަކު، ޙަޤީޤީ ތަރެއްޤީއެއް ނާދޭ. ޙަޤީޤަތުގައި ތަރައްޤީއަކީ ދެން ދާންއޮތް ދުނިޔެއަށްޓަކައި އަޅުގަނޑުމެން މިތާނގައި ކުރާ މަސައްކަތެއް. އެ ފިކުރީ ތަރައްޤީ. އެއީ، އަޅުގަނޑު އަބަދުވެސް މި ދައްކާ ވާހަކައަކީ. ވަށާޖެހޭ ތަރައްޤީއަކީ، ޤައުމު ބިނާކުރުމާ އެކީގައި، ޤައުމުގައި އިންފްރާސްޓްރަކްޗަރ ބިނާކުރުމަށްވުރެވެސް ބޮޑަށް ސިކުނޑި ތަރައްޤީކުރުމޭ. އެހެންވީމާ، އެކަން ކުރުމަށްޓަކައި އޮތީ އަޅުގަނޑުމެން މިއަދު މިތާނގައި ކަނޑައަޅާ ޢަޒުމެއް. މާދަމައަށް މަޑުކޮށްގެނެއް ވާކަށް ނެތް. މާދަން ދުނިޔޭގައި ހުންނާނެ ކަމެއްނޭނގެ.

އެހެންވީމާ، ކީރިތި ޤުރްއާނުގެ ވާހަކަ ދައްކާއިރުގައި، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން އެބަޖެހޭ، އަޅުގަނޑުމެން ކޮންމެ މީހަކު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙު ކުރަން. މި ދެންނެވި މަގުން ކަންކަން ރަނގަޅުކުރަން. އެނޫންގޮތަކަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސަކަށްވެސް، މި މުޖުތަމަޢަކަށްވެސް ހެވެއް ނެތް. ކުރިއެރުމެއް ނެތް. އެހެނެއްނޫން، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙު ކުރަން ޢަޒުމް ކަނޑައަޅައިގެން މަސައްކަތް ފަށައިފިއްޔާ، އިސާހިތަކު މުޅި މުޖުތަމަޢުވެސް އިޞްލާޙުވާނެ. އެއީ، ކީރިތި ޤުރްއާނުގައިވެސް އެކަން އަންގަވާފައިވާ ގޮތަކީ. އެއީ، އަޅުގަނޑުމެން ވަރަށް ގިނައިން ބައިތެއް ގޮތުގައިވެސް ކިޔާ ބައިތެއް. ކީރިތި ޤުރްއާނުގައި އައިސްފައި އޮންނަ އާޔަތެއް އެއީ. الرّعد ސޫރަތުގެ 11 ވަނަ އާޔަތުގައި މި އޮންނަނީ. އޭގެ މާނައިގައި، "ހަމަކަށަވަރުން ބަޔަކު މީހުންގެ ޙާލަތު، އެ ބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ ޙާލަތު ބަދަލު ނުކުރައްވާނެތެވެ." އެ ބަޔަކު އަމިއްލައަށް ބަދަލުނުކުރާހާ ހިނދަކު. މިއީ ކީރިތި ޤުރްއާނުގައި އޮތްގޮތް. އެހެންވީމާ، އަޅުގަނޑުމެން ލޯމަރާލައިގެން ހަމަ ބިޒްނަސް އޭޒް ޔޫޝުއަލް އޭ މި ކިޔާހެން ކުރިއަށްދާންވީތޯ، ނޫނީވިއްޔާ އިޚްލާޞްތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އިޚްލާޞްތެރިވެ، اللهُ سُبْحَانَهُ وَتَعَالَى އަށް ޙަޤީޤީ މާނައިގައި އަޅުގަނޑުމެން އިޚްލާޞްތެރިވެ، ޙަޤީޤީ މުސްލިމުންގެ ގޮތުގައި ކުރިއަށްދާން ޢަޒުމް ކަނޑައަޅަންވީ ނޫންތޯ؟ އެއީ، އަޅުގަނޑު ތިޔަބޭފުޅުންނާ ކުރާ ސުވާލަކީ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެން އެންމެންނަށްޓަކައި އަޅުގަނޑު ކުރާ ސުވާލަކީ.

އަޅުގަނޑު އެދޭ ކަމަކީ އަދި އަޅުގަނޑު އިލްތިމާސް ކުރާ ކަމަކީވެސް އަޅުގަނޑުމެންނަކީ ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރާ ބައެއް ކަމުގައި ވެގެންދިޔުން. އަޅުގަނޑުމެން ކޮންމެ މީހަކީ، ތިމާގެ އަނެއް މުސްލިމާއާ ދޭތެރޭގައި ހެޔޮގޮތުގައި ދެކޭ، ކަރާމާތް ލިބިގެންވާ މީހެއް ކަމުގައި ގަބޫލުކޮށް، އެ ކަރާމާތްތެރިކަމާއި، އެ އޯގާވެރިކަމާއި، އެ ރަޙްމާއި، ކުލުނު، ތިމާގެ އަމިއްލަ ނަފްސަށް ތިމާ އެދޭ ފަދައިން، އަނެކަކަށްވެސް އެދިގެން، އޯގާވެރި، ރަޙުމްވެރި، ކުލުނުވެރި މުޖުތަމަޢެއް ގޮތުގައި މިތަން ބައްޓަންކުރަން އަޅުގަނޑުމެން މަސައްކަތް ކުރުން. އޭރުން އިސާހިތަކު އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމު، މި މީސްކޮޅު މަދު ޤައުމު ވެގެންދާނީ، މުޅި ދުނިޔެއަށްވެސް މިސާލެއް ފަދަ ތަނަކަށް. މިއީ ހާދަ ފަސޭހައިން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެކޭ. މިއީކީ މިލިއަނުން މިލިއަނުން މީހުން އުޅޭ ޤައުމެއް ނޫނޭ. އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަދައްކާ ބައެއް. އެއް މާޒީއެއް އޮތް، އެއްބައެއްވަންތަ ބައެއް. މިތާކު ނެތް ތަފާތުތަކެއް. ޙަޤީޤީ މާނައިގައިވެސް އެއްބައެއްވަންތަ ޤައުމެއް. އެހެންވީމާ، މިތަނުގައި ކަންކަން ރަނގަޅު ކުރުމަކީ އަޅުގަނޑުމެންނަށް އުނދަގޫ ކަމަކަށް ވެގެނެއް ނުވާނެ.

އެހެންވީމާ، އަޅުގަނޑު އެދޭ އެދުމަކީ، އަޅުގަނޑުމެން އެންމެން މިގޮތުގައި ޢަޒުމް ކަނޑައަޅައިގެން ކުރިއަށް ދިޔުމަށް ނިންމުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. ލައިލަތުލްޤަދުރީގެ މާތްކަން އަޅުގަނޑުމެން އެންމެންނަށް ދެއްވާށި! އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.