بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އެންމެހައި ބޭފުޅުން، މާލޭގެ ލޮބުވެތި ރައްޔިތުން، އަދި މި ރަސްމިއްޔާތު ދުރާއިގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިރޭ މިތަނުގައި ހުޅުވިގެން މިދިޔަ ޢިއްޒުއްދީން ފާލަމަކީ، ޙަޤީޤަތުގައިވެސް މާލޭގެ މަލަމައްޗަށް ވަރަށްރީތިކަމެއް ގެނެސްދޭ ފާލަމެއް. މި ފާލަމުގެ ހިސްޓްރީ، ދެންމެ މިނިސްޓަރ މުއްޠަލިބް ކުރުގޮތަކަށް އެ ވިދާޅުވެލެއްވީ. ކުރިންހުރި ފާލަން ހަލާކުވެގެންދިޔައިމަ، މި ހެދިގެންދިޔަ ފާލަމަކީ، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިލާމެހޭގޮތަށް ފަރުމާކުރެވިފައިވާ ފާލަމެއް.

އަޅުގަނޑުމެން ތަރައްޤީ މާނަ މި ކުރަނީ، ވަށާޖެހޭ ތަރައްޤީއެއްގެ ގޮތަށް. ޢުމްރާނީ ބިނާކުރުންތަކާއެކު، ފިކުރީ ބިނާކުރުން ހިމެނޭ ވަށާޖެހޭ ތަރައްޤީއެއް. ފިކުރީ ބިނާކުރުމުގެ ތެރޭގައި، ތިމާގެ ސިކުނޑީގައި، ވިސްނުމުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރީ ބިނާކުރުން ހިމެނޭގޮތަށް. މި ފާލަމުން އަޅުގަނޑުމެންގެ ދިވެހިވަންތަކަން، ދިވެހިރާއްޖޭގެ ފަންނުވެރިކަން، ރާއްޖޭގެ މާޒީ އަދި މުސްތަޤްބަލްވެސް އިރާދަކުރެއްވީތީ ރަމްޒުކޮށްދޭ. އަޅުގަނޑުމެން ކުރިއަށްދާނީ، އަޅުގަނޑުމެންގެ ޤައުމު މިހާރުގެ ބަވަނަވެފައިވާ ދުނިޔޭގެ އެންމެފަހުގެ ޒަމާނީ ޓެކްނޯލޮޖީއާ އެކުގައި އަދި އެއާއެކު ކުރިއަށްދާއިރުވެސް އަޅުގަނޑުމެންގެ އައިޑެންޓިޓީ ނުގެއްލޭ ގޮތަށް، ސިކުނޑި ތަރައްޤީވެފައިވާ ވަށާޖެހޭ ޤައުމެއް ގޮތުގައި ތަރައްޤީގެ މަގުގައިކަން މި ފާލަމުން ރަމްޒުކޮށްދޭ.

އާދެ، އެހެންވީމާ، މިކަމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަކަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އެމް.ޓީ.ސީ.ސީ.އާއި، ޚާއްޞަކޮށް، ދެ މިނިސްޓްރީގެ ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ހިތުގެ ފުންމިނުން ވަރަށް ބޮޑަށް މަރުޙަބާއާއި ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު އެދެނީ، މިތަނަކީ ވީހާވެސް ގިނަ ރައްޔިތުން އެކަމަކަށްޓަކައި ފަޚުރުވެރިވާ ތަނަކަށްވާން. ބަރަކާތްތެރި ރަމަޟާން މަސް މިއޮތީ ފެށެން ގާތްވެފައި. އެހެންވީމާ، މާލޭގައި ހަވީރު ގަޑީގައި ޢާންމުކޮށް ދިވެހިން ނުކުމެލާ އުޅޭއިރުގައިވެސް ބޭނުންހިފޭ ތަނަކަށްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި ކައިރީގައި މިހިރަ ޖުމްހޫރީ މައިދާނުގައި ހުރި ފައުންޓަން މިއީވެސް ކުޑަކުދިންނަށް، ޚާއްޞަކޮށް ޢާއިލާތަކަށް ހިތްގައިމުކަން ގެނެސްދޭނެ ތަނަކަށްވާތީ، މި މަންޒިލަކީ، ތޮއްޖެހިފައި މިއޮތް މާލޭގައި މީހުން ނުކުމެ ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ތަނަކަށްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި ހަމަ މިތަނުން ހިނގާލާފައި މާދުރުނޫން ހިސާބެއްގައި މިވަނީ ސަލްޓަން ޕާކު.

އެތަނުގެ ޙާލަތުވެސް ހުރީ މި ޢިއްޒުއްދީން ފާލަން މި ހުޅުވުމާ ހަމަޔަށް، އޭގެކުރިން އެތަން ބަންދުކުރުމާ ހަމަޔަށް ހުރި ޙާލަތުގައި. މިދިޔަ ފަސްވަރަކަށް އަހަރު ދުވަހު، މިދިޔަ ދެތިން އަހަރު ދުވަހު ޚާއްޞަކޮށް އެއްވެސްވަރަކަށް އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައިވެސް ކަންތައްތައް ކުރަން ބޭނުންވިވަރަށް ނުކުރެވި އަދި އޭގެފަހުން މިދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަ އެއްގޮތަކަށްވެސް ނުބެލެހެއްޓިދިޔަ ތަނެއް. ސަރުކާރުން މިހާރު އެތަނާވެސް އެވަނީ އިރާދަކުރެއްވީތީ ހަވާލުވެފައި. ތަން ތަރައްޤީ ކުރުމަށް. އިރާދަކުރެއްވީތީ މި ޢިއްޒުއްދީން ފާލަމުގައި މި ދައްކައިދޭ ރަމްޒު، ނޫނީވިއްޔާ މިއިން މި ދޭހަކޮށްދޭ މެސެޖް، "ރަސްރަނި ބަގީޗާ" ކުރިން ކިޔާގޮތުން ނުވަތަ ސަލްޓަން ޕާކު އަލުން ތަރައްޤީވެގެން އަންނައިރުގައި ފެނިގެންދާނެ. އަޅުގަނޑުމެން އެތަން ތަރައްޤީކުރާނީވެސް ދިވެހިންގެ އައިޑެންޓިޓީ ދައްކައިދޭ ގޮތަށް. މިހާރުގެ ބަވަނަވެފައިވާ މި ދުނިޔޭގެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންނާއި، އެ ފަރާތްތައް ހިތްހަމަޖެހޭ ޝައުޤުވެރިކަމާ އެކީގައި ރާއްޖޭގެ ތާރީޚު އެތަނުން ދަސްވާނެގޮތަށް ބައްޓަންކުރެވިގެންދާ ގޮތަށް. އަދި ހަމައެއާއެކީގައި، ކުޑަކުދިންނާއި ޢާއިލާތަކުން ހިތްގައިމުކަމާ އެކީގައި ވަގުތު ހޭދަކޮށްލެވޭނެ ތަފާތު ފީޗަރސްތައް އިތުރުކުރެވިގެންދާނެ. އޭގެއިތުރަށްވެސް ބޯލިންގ އެލީފަދަ މާލޭގައި މިވަގުތު ނެތް ކުޅިވަރުތަކާއި ތަންތަންވެސް އިތުރުކުރެވިގެންދާނެ. އަދި އިތުރު ފީޗަރސްތައް ހިމެނޭނެ.

އެހެންވީމާ، ކުރިއަށް މިއޮތް ހައެއްކަމަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ސަލްޓަން ޕާކު އަޅުގަނޑުމެން ތަރައްޤީކުރާއިރުގައި، ތަރައްޤީވެގެންދާއިރު މުޅި މި ހިސާބަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލުމުގައި ބޭނުންހިފޭނެ އެންމެ ގިނަ ކަންކަން ހިމެނޭ، އެންމެބޮޑު ސަރަޙައްދަށް ވާނެ. އެއީ، އަޅުގަނޑުމެންގެ ވިސްނުމަކީ.

އާދެ، މި ސަރަޙައްދުގެ ވާހަކަ ދައްކާއިރު އަދި ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން، އަޅުގަނޑުމެން މިތިބި މަގު. މި މަގު ތަރައްޤީކުރުމުގެ މަސައްކަތް، ރަމަޟާން މަސް ނިމޭތަނުން އިރާދަކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ މި މަސައްކަތް ހަވާލުކުރަން މިހާރު ވާނީ ނިންމާފައި. އެމް.ޓީ.ސީ.ސީ. ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭ.ގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓު ބިނާކުރާނެ، މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމަޔަށް، މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.

އާދެ، މި މަސައްކަތް އެކަނި އެމް.ޓީ.ސީ.ސީ. އިން ވަކި ކަމެއްގެ ގޮތުގައި މި ކުރަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، މުޅި މާލޭގެ އަދި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރުމަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތް އަދި ޗައިނާ ސަރުކާރުން ހަމަޖައްސައިދީފައި އޮތް މަޝްރޫޢެއް. އެ މަޝްރޫޢުގައި މިބައި، މި މަގު ނުހިމެނޭ. މި މަސައްކަތް ވަކިން މިއޮތީ. އެހެންވީމާ، ސަރުކާރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން ކުރަން ނިންމާފައި.

އާދެ، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފެނިގެންދާނީ، މާލޭސިޓީގެ މަގުތައް، ދެންމެ މި ދެންނެވި ފަދައިން ހެދުމުގެ މަސައްކަތްވެސް ޢަމަލީ މަރުޙަލާއަށްދާ ތަން. މިހާރު އޭގެ ފީޒިބިލިޓީއާ އެކީގައި، ދެންހުރި މަރުޙަލާތައް، އެ އޮންނަ އުޞޫލުގެ ތެރެއިން އެބަ ކުރިއަށްދޭ. އެކަންކަން ނިމި ބަޔަކު ހޯދައި، ޢަމަލީ މަސައްކަތް ފެށުމާ ހަމަޔަށް ދާނެ. އެހެންވީމާ، އެއީ ފައިނޭންސްކޮށް ހުރިހާ ކަމެއް ކޮންފަރމްޑްވެ، ހަމަޖެހިފައި އޮތް މަޝްރޫޢެއްވީމާ، މިހާރު ހަމައެކަނި ޢަމަލީ މަސައްކަތަށް ދިޔުމަށްޓަކައި ހުންނަ ކަންކަން އެ ކުރިއަށްދަނީ.

އާދެ، އަޅުގަނޑު މާލޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ޚާއްޞަކޮށް، މާލެއަށް އަދި ތޮއްޖެހިފައި ހުރި ރަށްރަށުގައި އެންމެބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނައުމަކީ، މިގޮތަށް ޢުމްރާނީ ތަރައްޤީގެ މަގުހެދުމާ، މިފަދަ ކަންކަމާ އެކުގައި އަދި އެއަށްވުރެ އިސްކަންދީގެން އަޅުގަނޑުމެން ކުރިއަށްގެންދާ ކަމެކޭ. މި މާލެއަށް ޚާއްޞަކޮށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުވުން. އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް. އެހެންވީމާ، އެކަމަށް އަޅުގަނޑު އެންމެ ބޮޑަށް ވަޢުދުވީ. ދެވަނައަށް މާލެއަށް އެންމެ މުހިންމީ މަގުތަކުގައި ހުރި އެކި މައްސަލަތައް ޙައްލުވުން.

އާދެ، ބޯހިޔާވަހިކަމުގެ ވާހަކައަށް އަޅުގަނޑު އަލިއަޅުވާލާއިރުގައި، އަޅުގަނޑު ދެންނެވިން، މި ދައުރު ނިމޭއިރުގައި އަޅުގަނޑުގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަން އެއްގޮތަކަށްވެސް ނުލިބޭ ރައްޔިތަކު ނުބެހެއްޓުމޭ. ފަސްޓް ހައުސް، ނޫނީވިއްޔާ އެންމެ ފުރަތަމަ ގެ، އެ މީހާގެ ބޯހިޔާވަހިކަމަށް މަގުފަހިކޮށްދެވިފައި ނެތް ރައްޔިތަކު ނުހުންނަ ހިސާބަށް ކަންކަން ތަރުތީބު ކުރުމޭ. އެ މަސައްކަތް ހަމަ އެގޮތުގައި އިރާދަކުރެއްވީތީ އެބަ ކުރިއަށް ގެންދަން.

އެއްކަމަކަށް، އެންމެ މުހިންމު ވަސީލަތެއްގެ ގޮތުގައި އަޅުގަނޑުމެން މި ހުޅުވާލީ، ފަސް ޕަރސެންޓުގެ ލޯނު ސްކީމް. އިސްލާމިކް ފައިނޭންސް ލޯން ސްކީމް. މިހާރުވެސް މާލޭގެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ރައްޔިތުންނެއް އެއަށް އެޕްލައި ކުރަމުން އެބަދޭ. މި އަހަރުގެ މެދުތެރޭގައި، އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، ލޯނު ދޫކުރަން ފެށޭނެ. މާލޭގެ ރައްޔިތުންނަށް އެންމެ ގިނަ ރައްޔިތުންނަށް ގޯތިއޮތް ރައްޔިތަކަށް ވިއްޔާ، އެންމެބޮޑު އެހީތެރިކަމެއް، ގެދޮރުވެރިކަމެއް ދެވޭނީ އެ ލޯނު ސްކީމުން. އެއީ، އެ މީހާގެ ގޯތީގައި ގެއެއް އެޅުމަށް، ނޫނީވިއްޔާ އަޅަން ފަށައި ނުނިމިހުރި ގެ ނިންމުމަށް، އެ ލޯނު ސްކީމްގެ ބޭނުންހިފޭނެތީ. ލުއި ލޯން ސްކީމެއް އެއީ. އިމާރާތް ކުރާ ތަން ރަޙުނުކޮށް އަދި އިކުއިޓީ ނުބަހައްޓައި، ވަރަށްލުއި ޓަރމްސްތަކެއްގެ އިސްލާމިކް ލޯން ސްކީމެއް އެއީ. ބެހެނިވެރިން އެކުވެގެން ދިހަ މިލިއަން ރުފިޔާއާ ހަމަޔަށް މާލޭގައި ވިއްޔާ ލޯނު ނެގޭނެ. އަދި ޖުމްލަކޮށް ހަ މިލިއަން ރުފިޔާ، ނޯމަލީ މާލޭ ސަރަޙައްދުގައި ލޯނު ނެގޭނެ، އެކަކު ވެއްޖިއްޔާ.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މި އަހަރަށް މި ކަމަށް މި ކަނޑައަޅާފައި މިއޮތް އެއް ބިލިއަން ރުފިޔާ، އޭގެތެރެއިން ވަރަށް ގިނަ ރައްޔިތުން މި އަހަރު ލޯނު ނަންގަވައިގެން އަމިއްލަ ގެ ހައްދަވަން ފަށްޓަވާނެ ކަމަށް. އެހެންވީމާ، އެއީ، ދެވޭ އެންމެބޮޑު އެއް ފުރުޞަތު.

ދެވަނައަށް ޢަމަލީގޮތުން އިމާރާތްތަކެއް ކުރުން. ގެދޮރުގެ އިމާރާތްތަކެއް ކުރުން. އެކަން ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ތަރުތީބު އެބަ ކުރެވޭ. ސީދާ މާލޭގައިވެސް ހައުސިންގ މަޝްރޫޢުތަކެއް ހިންގަން ވަނީ ނިންމާފައި. އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ފާހަގަކުރިން، މާލޭގައި، ވިލިމާލޭގައި، ގުޅީފަޅުގައި މި އަހަރު ތެރޭގައި ޢަމަލީގޮތުން ގެދޮރުވެރިކަމުގެ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ ކަމަށް. އެ މަޝްރޫޢުތައް ފެށިގެންދާއިރުގައި، މާލެއިން ހައުސިންގ ޔުނިޓް، ސޯޝަލް ހައުސިންގ ޔުނިޓް ފޯރުކޮށްދިނުމުގައިވެސް އެބަ މަގުފަހިވޭ. އަދި ވިލިމާލެއިންވެސް. އަދި ހުޅުމާލޭގައިވެސް އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތްތައް ފެށޭނެ.

މިހާރު ފަށާފައި ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުން މިހާރު އެވަނީ މިއަދު އިޢުލާނުކޮށްފައި. މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭ.ސީ.ސީ.އިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރުކާރުން އިޢުލާނުކުރި ޝަރުޠުތަކަށް ޕޮއިންޓް ދޭނެ އުޞޫލާއި، މި ހުރިހާ ކަމަކަށް އަލިއަޅުވާލައިގެން، އޭގައި ހުރި ގޮތަށް ބަލައި ލިސްޓު ނެރެފައި. އަޅުގަނޑު ވަޢުދުވިން، އެ މީހަކަށް، އެ ރައްޔިތަކަށް ލިބިފައ އޮތް ގޯއްޗެއް، ފްލެޓެއް އަތުނުލާނެ ކަމަށް. އެ ވަޢުދުގެ މަތީގައި އެ ދުވަހުވެސް، މިއަދުވެސް އަދި މާދަންވެސް އަޅުގަނޑު ހުންނާނީ. ލިސްޓު ނުކުތްއިރުގައި، ކުރީ ސަރުކާރުން ނެރުނު ލިސްޓުން މަދުވެއްޖެ ބަޔަކު. އޭގެ ސަބަބުތައް އެ ލިސްޓު އިޢުލާނު ކުރެވިފައިވާއިރުގައި، އެއިން އުނިވި، ނޫނީވިއްޔާ ނުހޮވުނު ކޮންމެ މީހެއްގެ މަޢުލޫމާތުތެރޭގައި ހިމެނިފައިވާނެ.

އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ އިރާދަކުރެއްވިއްޔާ ދޭ ޔަޤީންކަމެއް މިއީ، އެންމެ ބޮޑު ޔަޤީންކަމަކީ، މި ލިސްޓު ހެދުމުގައި ޒައްރެއްގެ މިންވަރުގެ ނުފޫޒެއްވެސް ފޯރުވާފައި، އެއްވެސް ފަރާތަކުން ނުވާނެކަން. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން އަޅުގަނޑަށް ހަމަ ޔަޤީނުންވެސް ގެދޮރުވެރިކަމުގެ ދާއިރާގެ އެކި ކަންތައްތަކުގެ މަޢުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއަރ ލެވެލްއިން ފެށިގެން ސަރުކާރުގެ މި ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ބެއްޔަސް، ނުފޫޒެއް ނުފޯރުވައި، ހައުސިންގ، ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު. ނުފޫޒެއް ނޯންނާނެ މި ލިސްޓަކު.

އެހެންވީމާ، އެ ޔަޤީންކަން އަޅުގަނޑު ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް، މި ލިސްޓާ ގުޅިފައިވާ ރައްޔިތުންނަށް ދެން. އެކި ސަބަބުތަކާ ހެދި ލިސްޓަށްނޭރި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެއްވެސް ސަބަބަކާހުރެ ލިސްޓުގައި ނުހިމެނެންޏާ، އެކަން އޮޅުންފިލުއްވުމަށް، ނޫނީވިއްޔާ ޝަކުވާއެއްވިޔަސް، މައްސަލައެއް ގޮތުގައިވިޔަސް ހުށަހެޅުމުގެ ފުރުޞަތު، 30 ދުވަހުގެ ފުރުޞަތު އެވަނީ މިހާރު ހުޅުވާލެވިފައި. ރަމަޟާން މަސް ނިމެންދެން އެ ފުރުޞަތު އޮންނާނެ. ކަމާބެހޭ ވުޒާރާއިން އެކަން އިވެލުއޭޓް ކުރުމުގެ ތެރެއިން، ބެލުމުގެ ތެރެއިން އެއްވެސް ކަމެއް އުނިވެފައިވާނަމަ، ނޫނީވިއްޔާ ބެލުމުގައި ކިރިޔާވެސް ކަމެއް ނުބެލިވާ ކަމަށް ގަބޫލުކުރެއްވޭނަމަ، އެ ބޭފުޅަކަށް ގަބޫލުކުރެއްވޭނަމަ، މައްސަލަ ހުށަހަޅުއްވައި ދެއްވާށޭ. ހަމަ ޔަޤީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓަކުން އުނިކޮށްފައެއް ނުވާނެ. މި ސަރުކާރަކީ ދިވެހި ހުރިހާ ރައްޔިތުންނަށް، އެ ރައްޔިތެއްގެ ޙައްޤުތައް އަދި އޭގެއިތުރަށްވެސް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުޤުވެރިކަން ހުރި، ލޯތްބާއި ކުލުނާއެކު ހަމަހަމަކަމާއި، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކޮންމެ ރައްޔިތަކަށް ޚިދުމަތް ކުރަން އައި ސަރުކާރެއް. އެހެންވީމާ، މީހަކަށް ލިބިފައި އޮތް އެއްޗެއް އަދި އަމުދުން އަތުލާނެ ސަރުކާރެއް ނޫން. އެކަމުގެ ޝައުޤުވެރިކަން އޮތް ސަރުކާރެއް ނޫން. އެހެންވީމާ، ގަސްދުގައެއް ނޯންނާނެ، އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައެއް. އަދި އަމުދުން ނުފޫޒެއް ފޯރުވާފައެއް ނޯންނާނެ.

މިދިޔަ ސަރުކާރުން އެ އިޢުލާނުކުރި ޝަރުޠުތަކާއި، ޕޮއިންޓްދޭ ގޮތާއި، އުސޫލުތަކާ އެކަނި އަޅުގަނޑުމެން ބެލީ. އަދި އޭ.ސީ.ސީ.އިން އެ ކަނޑައެޅި ކަންކަމާ. އެހެންވީމާ، އެއިން އުނިވެފައިވާ ފަރާތްތައް، މި ދެންނެވި ގޮތަށް ހުށަހެޅީމާ، އަލުން ބަލައި، އެއްވެސް ސަބަބަކާ ހެދި އުނިވެފައިވާ ކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭނަމަ، ނޫނީވިއްޔާ ސާބިތުވާނަމަ ހަމަޖެހިގެންދާނެ. އެހެންވީމާ، 30 ދުވަސް އެބައޮތް. މި ސްކީމަށް ކުރިމަތިލީ މީހުންގެ ތެރެއިން، އަދިވެސް ސޯޅަވަރަކަށް ހާސް މީހުން މި ލިސްޓުގައި އެބައުޅޭ، ކުރިމަތިލީ މީހުންގެ ތެރެއިން ނުހޮވި. މިދިޔަ ސަރުކާރުން އެ އިޢުލާނުކުރި ޝަރުޠުތަކާއި ޕޮއިންޓްދޭ ގޮތާއި، މި ހުރިހާ އެއްޗަކަށް ބަލައިގެން ޕޮއިންޓް ދީގެން، އެންމެ މަތިން ޕޮއިންޓް ލިބޭ މީހުންގެ ތެރެއިން އެ ލިސްޓުން، އެ 4000 ފުލެޓުގެ ތެރެއިން ބާކީވާ ފުލެޓެއް ހުރެއްޖިއްޔާ އެ ތަރުތީބުން ހަމަޖެހިގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެން މީގެ އެއްވެސް ކަމެއްގެ ތެރެއަކަށް އާކަމެއް ނުގެންނާނަން. ވަރަށް ދެފުށް ފެންނަ، ވަރަށް ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއެކު ގެންދާނީ. ހަމައެއާއެކީގައި، މި ލިސްޓަށް ނޭރިޔަސް، އެއްގޮތަކަށްވެސް މާލޭގެ ރައްޔިތުން ކަންބޮޑުވެލައްވާކަށް ނުޖެހޭނެ. އެއީ، މި ދެންނެވި ފަދައިން، މި އަހަރު ތެރޭގައި މާލޭގައި، ހުޅުމާލޭގައި، އެތައްހާސް ހައުސިންގ ޔުނިޓުތަކެއްގެ މަސައްކަތް ފަށަން މިއޮތީ ނިންމާފައި. އަދި ވިލިމާލޭގައި، ގުޅީފަޅުގައި އެތައްހާސް ހައުސިންގ ޔުނިޓެއްގެ މަސައްކަތް ފެށިގެންދާނެ. އަދި އިރާދަކުރެއްވިއްޔާ ގިރާވަރުފަޅު ހިކިގެންދިޔައިމާ، އެ ތަނުގައިވެސް ހައުސިންގ މަޝްރޫޢުތައް ކުރިއަށްދާނެ. އަދި މިއަހަރު އަޅުގަނޑުމެން ފަށާ އުތުރުތިލަފަޅުގެ ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންގޮސް، އެ ތަނުގައިވެސް ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ. އަދި ރަސްމާލޭގެ މަޝްރޫޢު ނިމިގެންދާއިރު، އެތަނުގައިވެސް ހައުސިންގ ޔުނިޓް އެޅިގެންދާނެ. އަދި ގޯތިވެސް ލިބިގެންދާނެ.

މި ހުރިހާ ކަމެއް ފުރިހަމަވެގެންދާއިރުގައި، މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހުރިހާ ރައްޔިތުންނަށް، 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަން ހަމަޖެހިގެންދާނެ. އެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އެހެންވީމާ، އަޅުގަނޑު ވީ ވަޢުދުމަތީގައި މި ސަރުކާރު ކުރިއަށްދާނީ. އެއީ، ދިވެހި ކޮންމެ ރައްޔިތަކަށް، އެމީހާގެ ފުރަތަމަ ބޯހިޔާވަހިކަމަށް އެކްސެސް، ނޫނީވިއްޔާ ފުރުޞަތު ހޯދައިދިނުން. އެއީ، އަޅައިދީފައި ހުންނަ ހައުސިންގ ޔުނިޓަކުން ކަމުގައިވިޔަސް، ނޫނީވިއްޔާ ހައުސިންގ ލޯނު، ނޫނީވިއްޔާ ފައިނޭންސިންގ ފުރުޞަތުގެ ތެރެއިން ކަމުގައިވިޔަސް، އެކަން ފަހިކޮށްދީގެން. އާދެ، މިގޮތުގެ މަތިން، އަޅުގަނޑުމެން މިކަންކަން އިރާދަކުރެއްވިއްޔާ ފަހިކޮށްދެމުން ގެންދާނަން.

އާދެ، އަޅުގަނޑު މި ވާހަކައާ އެކީގައި ގަސްދުކުރަނީ ކުރުކޮށްލަން. ޙަޤީޤަތުގައި މާލެއާ ގުޅޭގޮތުން ޚާއްޞަކޮށް ދައްކަން ވަރަށް ގިނަ ވާހަކަ ހުންނާނެ. ނަމަވެސް، މިވަގުތަށް އެންމެ މުހިންމު ކަންތައް އަޅުގަނޑު މި ފާހަގަކޮށްލީ. މިއަދާވެސް ގުޅިގެންދާތީ.

ނިންމާލުމުގެ ކުރިން، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ މިވަނީ ކުރިމަތިވެފައި ކަމުގައިވާތީ، މި މަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަން. އަޅުގަނޑު އެދެނީ، މި މަހަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ރަނުގެ ފުރުޞަތަކަށްވުން. ޙަޤީޤަތުގައިވެސް ރަނުގެ ފުރުޞަތެއްވީމާ، އެކަން އަޅުގަނޑުމެން ހިތުގެ އަޑިން ގަބޫލުކޮށް، ބަލައިގަނެ، އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކުރަން. އަޅުގަނޑުމެންގެ ނަފްސުތައް، ޠާހިރުކުރަން. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ، މުސްލިމެއް ކަމުގެ ފަޚުރު، ހިތާއި ރޫޙުން ލިބިގަންނަން. އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙު ކުރަން. އަޅުގަނޑުމެންގެ މައިންބަފައިންނާއި، ޢާއިލާގެ މެންބަރުންގެ ތެރޭގައި، ގާތްތިމާގެ މީހުންގެ ތެރޭގައި، ޖެހިފައިވާ މައްސަލައެއް ވިއްޔާ، ފިލުވައިލަން ޢަޒުމް ކަނޑައަޅަން. އަޅުގަނޑުމެންގެ އޮފީސްތަކުގެ މާޙައުލުގައި، މަސައްކަތުގެ މާޙައުލުގައި، އެކަކު އަނެކަކާ ކުރިމަތިވެފައިވާ ހިތްނުތަނަވަސް ކަމެއް އޮތަސް، އެކަމަކުން އަރައިގަންނަން ޢަޒުމް ކަނޑައަޅަން.

އަޅުގަނޑުމެންގެ ސިޔާސީ މާހައުލުގައިވިޔަސް، އަދި ޤައުމީ އެކިއެކި ކަންކަމުގައިވިޔަސް ދިމާވެފައިވާ، ނޫނީވިއްޔާ ހުރި ޚިޔާލުތަފާތުވުމަކުން ވިޔަސް އަރައިގަނެ، އަޅުގަނޑުމެންގެ ޤައުމާއި ދީން އިސްކޮށްގެން ކުރިއަށްދާން ޢަޒުމް ކަނޑައަޅަންވީ. ސަބަބަކީ، އެއީ، މި މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ގޮތަކީ. އަބަދު މާޒީގައި ހިފަހައްޓައިގެން ތިބެގެންނެއް، އަޅުގަނޑުމެންނަށް ލިބޭނެ ކުރިއެރުމެއް ނެތް. މާޒީ ޖެހޭނީ ދޫކޮށްލަން. ކުރިއަށްދިޔުމުގެ ޢަޒުމް ކަނޑައަޅަން ޖެހޭނީ. ތިމާގެ އަމިއްލަ ޙަޔާތުގައި، ތިމާގެ ޢާއިލާގެ ތެރޭގައި، ރަޙްމަތްތެރިޔާއާ މެދުގައި، އޮފީސްތެރޭގައި، މަސައްކަތުގެ މާޙައުލުގައި، ސިޔާސީ މައިދާނުގައި، ކުރިން ދިމާވި ކަމެއްގައި ހިފަހައްޓައިގެން ހުރެގެންނެއް ކުރިއަކަށެއް ނުދެވޭނެ. އަބަދުވެސް ބެލޭނީ ފަހަތް. އިސްލާމްދީން ދަސްކޮށްދެނީ ކުރިއަށްދާން، މާފުކުރަން، އެކުވެރިކަން އާލާކުރަން. ހިތްސާފުކޮށް، ޠާހިރުކުރަން. ތިމަންނަގެ އަތުން އަނެއް މުސްލިމް އަޚާއަށް، އެއްވެސް އުނދަގުލެއް، ދައްޗެއް ކުރިމަތިވިޔަ ނުދޭން، އަޅުގަނޑުމެންނަށް ދަސްކޮށްދެނީ. ތިމަންނަގެ ދުލުން އަނެއް މުސްލިމް އަޚާއަށް، އުޚްތާއަށް އެއްވެސް ދައްޗެއް އުނދަގުލެއް ކުރިމަތިވިޔަ ނުދޭން، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ދަސްކޮށްދެނީ. އެއީ، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ ސުންނަތުންވެސް، ޙަދީޘްފުޅުތަކުންވެސް ސާފުކޮށް ސީދާކޮށް ފެންނަން އޮތްގޮތް. ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން އަނެއް މުސްލިމް އަޚާއާއި އުޚްތާ ސަލާމަތްވެގެންވާކަން ޔަޤީންކުރުމަކީ، ތިމަންނަ މުސްލިމަކަށްވީތީ، ތިމަންނަގެ ޒިންމާއެއްކަން. އެކަން ޔަޤީންނުވާހާ ހިނދަކު، ތިމާގެ މުސްލިމްކަން ފުރިހަމައެއްނުވާކަން.

އެހެންވީމާ، ބަރަކާތްތެރި ރަމަޟާން މަސް މިއޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި. އިޞްލާޙުކުރަންވީ އަމިއްލަ ނަފްސު. އަމިއްލަ ނަފްސު އިޞްލާޙުކުރުމުގެ ޢަޒުމް ކަނޑައަޅައިގެން، އެ ނިޔަތްގަނެގެން ﷲއަށް ދުޢާ ދަންނަވައި، އެކަމަށް ވާތްގަށް އެދި، އަޅުގަނޑުމެން މި ބަރަކާތްތެރި ރަމަޟާންމަސް ފަށަންވީ. އޭރުން އިޞްލާޙު ވެގެންދާނީ، ތަރައްޤީ ވެގެންދާނީ، ފުރިހަމަގޮތުގައި އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢު. މިކަހަލަ ކިތަންމެ ފާލަމެއް، ކިތަންމެ މަގެއް ހެދިދާނެ. ނަމަވެސް، ބޭނުމެއް ނެތް، ނިމިގެންދާން އޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ކާމިޔާބެއް، ފަލާޙެއް ނެތިއްޔާ. މިއީ އެވަގުތަކީ. މާދަންވެސް ދުނިޔޭގައި ހުންނާނެ ކަމެއް ނޭނގެ އަޅުގަނޑުމެންނަކަށް. މިތަނުން ފައިބައިގެން ގެޔަށްދެވޭނެ ކަމެއްވެސް ނޭނގެއެއްނޫންތޯ؟ މި ވަގުތު އިޞްލާޙުވާން ޢަޒުމް ކަނޑަނާޅައި، މާދަން އިޞްލާޙުވާން ކަނޑައަޅަން ހުރުމުގެ ވިސްނުން ދެކޮޅުޖެހޭތޯ؟ މިއީ، އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫނޭ. ތިމާގެ އަމިއްލަ ނަފްސަށް ކޮށްދޭކަމެކޭ. އެކަން ތިމާ އަމިއްލަ ނަފްސަށްޓަކައި ކުރަން ނުނިންމާހާ ހިނދަކު، މި ޤައުމަކަށް ނެތޭ ކުރިއެރުމެއް. ޤައުމަކީ ކިހިނެއް އުފެއްދޭ އެއްޗެއްތޯ؟ އިންޑިވިޖުއަލް މީހުން، އަފުރާދުން އެކުވެގެން އުފެދޭ އެއްޗެއް ޤައުމަކީ. ކޮންމެ މީހަކު މިގޮތަށް އިޞްލާޙުވާން ޢަޒުމް ކަނޑަނާޅަންޏާ، ޤައުމު އިޞްލާޙެއް ނުވާނެ. ކޮންމެ މީހަކު އަމިއްލައަށް، އެމީހާގެ ނަފްސު އިޞްލާޙުކޮށް، ހިތް ސާފުކޮށް، މާޒީ ދޫކޮށްލައި، ކުރިއަށްދާން ނިންމައި، އެކުވެރިކަމާއި، ވަރުގަދަ ޢަޒުމެއްގައި ކުރިއަށްދާން ޢަޒުމް ކަނޑަނާޅާހާ ހިނދަކު، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، ތިމަންނާގެ އުޅުންތައް ބައްޓަންކުރަން ނުނިންމާހާ ހިނދަކު، ޤައުމަކު ނެތް ކުރިމަގެއް. ޤައުމު ކީއްކުރަންތޯ، ތިމަންނާގެ ކުރިމަގެއްވެސް ނެތް، ދެން ދާންއޮތް ދުނިޔެއަކު.

އެހެންވީމާ، މިގޮތުގެ މަތިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް ޢަޒުމް ކަނޑައަޅަން މިއީ ރަނުގެ ފުރުޞަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ﷲގެ ހެޔޮ ރުއްސެވުމާއި، ދަރުމައާއި، ޘަވާބު އެގޮތުން ލިބިގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރުކުރެއްވުން. އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލެއްވެވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.