بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހުޅުދެލީ ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، އަދި ރަށުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލްގެ ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މި އަތޮޅަށް ފެށި ދަތުރުގައި، އެންމެފަހު މަންޒިލަކަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހުޅުދެލީގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، މިއަދު މި ދަތުރު ނިމިގެންދާއިރުގައި، އެހެން ކޮންމެ ރަށެއްގައިވެސް، މި އަތޮޅުގެ ކޮންމެ ރަށެއްގައިވެސް އަޅުގަނޑު ދެންނެވި ވާހަކަ، މި ރަށުގައިވެސް މައިގަނޑު ގޮތެއްގައި އޮތީ ދަންނަވަން. އެއީ، ރައްޔިތުން ގާތަށް އަޅުގަނޑު މި އަންނަނީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި މަޤްޞަދެއްގައިކަން. އެއީ، އަޅުގަނޑަށް މުހިންމީ، ތިޔަ ލޮބުވެތި ރައްޔިތުން ބޭނުންވާގޮތަށް، ކަންކަން ކުރަން ކަމުގައިވާތީ. ތިޔަބޭފުޅުން ބޭނުންވާގޮތް، ތިޔަބޭފުޅުން ގާތުން އޮޅުންފިލުވުމަށްކަން. މިއަދު މި ރަށުން ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވި ކަންކަމަކީ، ރިޔާސީ އިންތިޚާބުގައިވެސް މައިގަނޑު ގޮތެއްގައި ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވި ކަންކަން. އެކަންކަން ކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ތައްޔާރީތަކެއް، އެހެން ގޮތަކަށް ދަންނަވަންޏާ މިހާތަނަށް މިވެވުނީ. އެއީ، މުޅި ރާއްޖޭގައިވެސް މިދިޔަ އަހަރުދުވަހުގެ ތެރޭގައި، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުތައް ފުއްދުމުގައި، ދިމާވި ދަތިތަކުން އަރައިގަތުމަށްޓަކައި ވީ ތައްޔާރީ ކަމުގައި ދެންނެވިދާނެ. ތަފްޞީލަށް ކޮންމެހެން ނުދާނަން.
މިހާރު މިއޮތީ ޢަމަލީގޮތުން ވަޢުދުތައް ފުއްދުމުގެ މޫސުން އައިސްފައި އިރާދަކުރެއްވީތީ. ހަމަ އޭރުގައިވެސް ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވި ކަންކަން، މިހާރުވެސް މި ރަށުގައި ކުރަން މިހިރަ ކަންކަމަކީ.
އޭގެތެރެއިންވެސް، އެއް ވަޢުދު މިއަދު މި ރަށުގައި اَلْحَمْدُ للَّهِ، އަޅުގަނޑަށް މިއަދު މި ފުއްދުނީ. އޭ.ޓީ.އެމް.ގެ ޚިދުމަތް ފެށުން. އެއީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދެއް. މިއަދު މި ރަށުގައި އޭ.ޓީ.އެމް.، ނޫނީ ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ ނިޒާމު، އޭ.ޓީ.އެމް.ގެ ޚިދުމަތް ފެށިގެން ދިޔައީމާ، މި އަތޮޅު ވަދެގެން އެދިޔައީ ތާރީޚުގެ ތެރެއަށް. އެއީ، ވަކިވަކިން ހުންނަ ރަށްތައް ހުންނަ އަތޮޅުތަކުގެ ތެރެއިން، އެއް އަތޮޅެއްގެ ހުރިހާ ރަށެއްގައި، އޭ.ޓީ.އެމް.ގެ ޚިދުމަތް، ބޭންކިންގގެ ޚިދުމަތް، ޤާއިމުވެގެންދިޔަ ފުރަތަމަ އަތޮޅަށް ދ. އަތޮޅު ވެގެން މިދިޔައީ. އެކަމަށްޓަކައި، މި ރަށާއި، މި އަތޮޅުގެ ހުރިހާ ރަށްތަކުގެ ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން. އަދި މިކަމުގައި އަޅުގަނޑަށް އެއްބާރުލުން ދެއްވި ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިގޮތަށް ހުރި، ރައްޔިތުން ބޭނުންވާ އެހެން ކަންކަމަކީވެސް މި އަހަރު ތެރޭގައި، ގިނަ ކަންކަން ޢަމަލީގޮތުން ފެށިގެން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ އަހަރަކަށްވާނެ.
ޙަޤީޤަތުގައި، ވަރަށް ގިނަ ކަންކަން އެބަހުރި ކުރަން. މީގެތެރެއިންވެސް، އެންމެ މުހިންމު ކަމަކީ، އޭރުވެސް، ރިޔާސީ އިންތިޚާބުގައިވެސް، ތިޔަބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވި ކަންތައް. އެންމެ މުހިންމު ކަމެއްގެ ގޮތެއްގައި ވިދާޅުވި ކަންތައް. އެއީ، ބިމުގެ ދަތިކަން ޙައްލުކުރުން. ބިމުގެ ދަތިކަމަކީ، ހުޅުދެލީގެ ރައްޔިތުންނަށް ޙަޤީޤަތުގައިވެސް އެންމެ ބޮޑުވެފައި އޮތް މައްސަލަ. މި ރަށުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް އެންމެ ބޮޑުމިނެއްގައި ބިންހިއްކައި، އެ ބިން ހިމާޔަތްކޮށްދިނުމަކީ، އަޅުގަނޑުމެން މި ރަށުގައި ކުރިއަށް ގެންދަން، މި ސަރުކާރުން ކަނޑައަޅާފައި އޮތް އެންމެ މުހިންމު މަޝްރޫޢުކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އިރާދަކުރެއްވިއްޔާ، ކުރިއަށް މިއޮތް ހަފްތާތަކުގައި، މިކަމާ ބެހޭގޮތުން، ފައިނަލައިޒް ކުރަންޖެހޭ ކަންތައްތައް، އަޅުގަނޑުމެން ކުރިއަށް ގެންގޮސް ނިންމާނަން. އެމް.ޓީ.ސީ.ސީ.އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއާ އެކީގައި އެގްރިމަންޓަކާ ހަމައަށް ދިޔުމަށްޓަކައި ނިންމަންހުރި ބައެއް ކަންކަން އެބަހުރި. އެކަންކަން ނިންމައި، އިރާދަކުރެއްވިއްޔާ މި ފަޅުތެރެއިން ހިއްކޭނެ އެންމެ ބޮޑު ޖާގައެއް، އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓްގެ އޮންނަ މިންގަނޑުތަކަށް ފިޓްވާގޮތަށް، ހިއްކޭނެ އެންމެ ބޮޑުމިނަކަށް، އިރާދަކުރެއްވިއްޔާ ހިއްކައިދިނުމުގެ ޢަމަލީ މަސައްކަތް، މި އަހަރުގެ ތެރޭގައި އެންމެ ލަސްވެގެން، ޖުލައި މަހުގެ ތެރޭގައި އަޅުގަނޑު ފަށައިދޭނަން. ފަށައި، ހުއްޓާލާނީ އިރާދަކުރެއްވިއްޔާ ބާރު ސްޕީޑްގައި ގެންގޮސް ނިންމުމަށްފަހު. އެއްގޮތަކަށްވެސް އެކަމުގައި ދެން ތިޔަބޭފުޅުން އިންތިޒާރު ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ. އެހެންވީމާ، ޖުލައި މަހުގެ ތެރޭގައި، ނޫނީ އެއަށްވުރެވެސް އަވަހަށް ފެށޭ ކަމުގައިވަންޏާ ފަށައިދޭނަން. މި އަހަރުގެ މެދުތެރޭގައި ފެށިގެންގޮސް، ދާދި އަވަހަށް އެ މަޝްރޫޢު ނިންމޭނެ އެންމެ އަވަހަށް، ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދީ، ހިމާޔަތްކޮށްދިނުމުގެ މަސައްކަތާ އެކީގައި ނިންމައިދޭނަން. އާދެ، އެއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވެސް ތިޔަބޭފުޅުންނަށް ވީ އެންމެ މުހިންމު، އެންމެ ބޮޑު ވަޢުދަކީ.
އެއާއެކީގައި، އަޅުގަނޑު ވަޢުދުވެފައި އޮތް ކަމެއް، ކުނީގެ މައްސަލަ ޙައްލުކުރުމަކީވެސް. އިރާދަކުރެއްވީތީ، މިއަދު އަޅުގަނޑުމެން މި ހަވާލުކުރީ، ސަރުކާރުގެ ކަމާބެހޭ ކުންފުންޏާ، މި ރަށުގެ ކުނި މެނޭޖްކުރަން. އެކަމުގެ ޢަމަލީ މަސައްކަތް ފަށައި، ތަރުތީބު ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރެވިގެންގޮސް، ގިނަވެގެން ހަތަރުމަސް ދުވަހުގެ ތެރޭގައި، ނޫނީވިއްޔާ އެއަށްވުރެވެސް އަވަހަށް، އެންމެ ގިނަވެގެންވެސް ހަތަރުމަސް ދުވަހުގެ ތެރޭގައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ހުރިހާ ކަމެއް، ވަސީލަތްތަކާއި، މުވައްޒަފުންނާއެކީ ހަމަކުރެވި ޚިދުމަތް ފެށޭނެ. މިއަދު މި ހަވާލުކުރެވުނީ އެ މަސައްކަތް ފަށަން. އެހެންވީމާ، އެކަމަށްޓަކައިވެސް މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ވެފައި ހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެހެން ކަންތައްތައްވެސް އެބަހުރި. އޭގެތެރޭގައި، ސްކޫލްގެ ކަންތައްތައްވެސް އެބަހުރި. މި ރަށުގެ ސްކޫލަށް ޖާގަ ބޭނުންވޭ. މި ހޯލުގެ މައްސަލަވެސް އޭގައި ހިމެނޭ. އެހެންވީމާ، މި ރަށުގެ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހިމެނޭގޮތަށް، އަދި ކްލާސްރޫމްތައް އިތުރުކުރެވިގެންދާ ގޮތަށް، އަދި އޭގެއިތުރަށްވެސް، މަލްޓި ޔޫސް، އެކި ކަންކަމަށް ބޭނުންކުރެވޭ ޖާގަ ހިމެނޭގޮތަށް، ޖުމްލަކޮށް މި ރަށުގެ ސްކޫލަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ހަމަކޮށްދިނުމުގެ މަޝްރޫޢެއް މި އަހަރު، އާ މަޝްރޫޢެއް ގޮތުގައި ކުރިއަށްގެންދަން އަޅުގަނޑުމެން މިހާރު މިއޮތީ ނިންމާފައި. އެކަމުގެ ފަންނީ މަސައްކަތްތައް، އެންމެ ލަސްވެގެން، ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ. އެހެންވީމާ، އެންމެ ލަސްވެގެން މޭ މަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ފިޒިކަލް ވަރކް، ޢަމަލީ މަސައްކަތް މި ރަށުގައި ފަށާނަން.
ހަމައެއާއެކީގައި، ދެންހުރި ކަންކަމަށް ބަލައިލާއިރުގައިވެސް، ޞިއްޙީ ދާއިރާއަށް އަޅުގަނޑު ވާނެ ވަޢުދުތަކެއް ވެފައި. ޞިއްޙީ ދާއިރާ، ނޫނީ ޞީއްޙީ ޚިދުމަތް ވަރުގަދަކުރުމަށް މި ރަށުގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި، މަސައްކަތް ކުރާނެ ކަމަށް. މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި މިއޮތީ، އެއް ކަމަކަށް، ޞިއްޙީ ދާއިރާގެ މައްސަލަތައް ޙައްލުކޮށްދިނުން. މި އަހަރު އަޅުގަނޑުމެން ޖުމްލަކޮށް ހުރިހާ ރަށެއްގައިވެސް ޞިއްޙީ ދާއިރާއަށް ކުރަންހުރި، އިންފްރާސްޓްރަކްޗަރ ވައިސް ކުރަންހުރި ޢަމަލީ މަސައްކަތްތައް ފަށާގޮތަށް މިއޮތީ.
އެހެންވީމާ، މި ރަށުގައި އެބަހުރި މިގޮތުން ކުރަން ހުރި ކަންކަން. އިމާރާތާއި ވަސީލަތުގެ ގޮތުން ކުރަން ހުރި ބައެއް ކަންކަން. އެކަންކަން ފުރިހަމަކުރުމަށްޓަކައި، އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުން މަސައްކަތް ކުރާނަން. އަދި އެ މަސައްކަތް، މި އަންނަ އަހަރު ތެރޭގައި ނިމި، ޞިއްޙީ މަރުކަޒަށް ބޭނުންވާ، މި ރަށަށް ބޭނުންވާ ފެންވަރުގައި ޢަމަލީގޮތުން، އިމާރާތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން ޙަޤީޤަތުގައިވެސް ހަމަކުރެވިފައިވާ، ހުރިހާގޮތަކުންވެސް މި 16 ގަޑިއިރުގައި މިހާރު ހުއްދަދީފައި އޮތަސް، 8 ގަޑިއިރު ހިންގޭ މަރުކަޒު، އެ ހުންނަންވާ މިންގަނޑަށް ގެނެވި، ފުރިހަމަ ޞިއްޙީ މަރުކަޒަކަށް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.
މިއީ، ހައްތަހާވެސް އަޅުގަނޑު ވެފައި ހުރި ވަޢުދު. ދެން ވެފައި އޮތް ވަޢުދުތަކަށް ބަލާއިރުގައި، އައިސް ޕްލާންޓްގެ ވާހަކަ، އަޅުގަނޑު އޮންނާނެ ރިޔާސީ ބަޔާނުގައި ވަޢުދުވެފައި. އައިސް ޕްލާންޓް ޤާއިމުކުރުމަކީ، މި ސަރުކާރުގެ މަސްވެރިކަމުގެ ޞިނާޢަތުގައި އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަންތައް ކަމަށް. އެގޮތުން، މި އަތޮޅުގައި އެކި ރަށްތަކުގައި އައިސް ޕްލާންޓްތައް ޤާއިމުކުރުން މިހާރު އޮތީ ފެށިފައި. މި ރަށުގައިވެސް އޮތީ، އަޅުގަނޑު ވަޢުދުވީ ކަންތައް ކުރިއަށްގެންދާ ގޮތަށް. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ، މި އަހަރު ތެރޭގައި، ތިންވަނަ ކުއަރޓަރ ތެރޭގައި، އެހެންވީމާ، ސެޕްޓެންބަރު ހިސާބުގައި، އެންމެ ލަސްވެގެން އެ ހިސާބުގައި މި ރަށުގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ ކަންތައް ކުރެވޭނެ. ފިޝަރީޒް މިނިސްޓަރ ވިދާޅުވާގޮތުގައި، އެއަށްވުރެ މާ އަވަސްވެސް ކުރެވޭނެ. ތިން، ހަތަރު މަސްތެރޭގައިވެސް ފެށޭނެ. އެހެންވީމާ، ބައްލަވަންވީ، އެކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް. އެހެންވީމާ، ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދު އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފުއްދައިދޭނަން.
ހަމަ އެއާއެކީގައި، މި ސްޕޯޓްސް ފިޝިންގ ބޮއި އަޅައިދިނުމުގެ ކަންތައްވެސް ކުރިއަށްދާނެ. މި އަހަރު ތެރޭގައި ރާއްޖޭގެ 36 ރަށެއްގައި މި ބޮއި އަޅަން ހަމަޖެހިފައި މިހާރުވެސް އެބައޮތް. އެހެންވީމާ، މި އަހަރު މި ބޮއި ޤާއިމުކޮށްދޭ ރަށްތަކުގެ ލިސްޓުގައި، މި ރަށް އަޅުގަނޑު ހިމަނާފައި އޮންނާނެ. އެހެންވީމާ، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ، އެކަން ކޮށްދޭނަން.
އާދެ، އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު ވީ ގިނަ ވަޢުދުތައް އޭރުން އެ ފުދިގެންދަނީ. ދެން ވީ ވަޢުދުތައް ވެފައި ވާނީ، ކުޅިވަރުގެ ދާއިރާއިން. ކުޅިވަރުގެ ދާއިރާއިން، މިހާރު ވޮލީ ކޯޓުގެ މަސައްކަތް އެބަ ހިނގާ. އަދި އޭގެއިތުރަށް، ފިޓްނަސް ރިކްރިއޭޝަން ސެންޓަރ، ނޫނީވިއްޔާ ޒުވާނުންގެ މަރުކަޒު، ވަސީލަތްތައް ހަމަކުރެވިފައިވާ ޒުވާނުންގެ މަރުކަޒެއް ޤާއިމުކޮށްދިނުމަކީ، އަޅުގަނޑު ވީ ވަޢުދެއް. އެހެންވީމާ، އެ މަސައްކަތްވެސް އެއޮތީ ކުރިއަށް ގެންދަން. އަދި ޖުމްލަކޮށް ސްޕޯޓްސް ދާއިރާއިން ވަސީލަތްތައް ހަމަކޮށްދިނުމުގެ މަސައްކަތްވެސް އެބައޮތް ތާވަލުކުރެވިފައި. އެހެންވީމާ، މި އަހަރު ތެރޭގައި ކުރެވެން ހުރި ކަންކަން މި އަހަރު، މި އަންނަ އަހަރު ތެރޭގައި ކުރަންހުރި ކަންކަން މި އަންނަ އަހަރަށް، ދެ އަހަރަށް ބަހައިލެވިގެން، މި ދެންނެވި ކަންކަން، ސްޕޯޓްސް ދާއިރާއިން ކުރިއަށްދާނެ. ސްޕޯޓްސްގެ ދާއިރާއިން މި ރަށުގައި ކުރަން ބާކީހުރި ބައެއް ކަންތައްތައް ފެށިގެންދާނެ، މި އަންނަ އަހަރު ތެރޭގައި. އަޅުގަނޑުމެން މިވަނީ ތަރުތީބުކޮށްލާފައި. ރާއްޖޭގެ ހުރިހާ ކަންކޮޅެއްވެސް ކަވަރުކުރެވޭ ގޮތަށް.
އެހެންވީމާ، މި އަހަރު ކުރެވޭ ކަންކަން އަޅުގަނޑު ދަންނަވަމުން މިދަނީ. މި އަންނަ އަހަރަށް ހުރި ކަންކަން، މި އަންނަ އަހަރު ފެށޭނެއޭ. ކޮންމެ ގޮތެއްވިޔަސް، އަޅުގަނޑު ވީ ވަޢުދުތައް ޢަމަލީގޮތުން ފުއްދުމަށް، މި ދެ އަހަރުގެ ޕްލޭން މިއޮތީ ހަދާފައި. ބަޖެޓުގެ ޕްލޭން. 2025، 2026ގެ ބަޖެޓަކީ ވަޢުދު ފުއްދާ ބަޖެޓް. އެހެންވީމާ، މި ދެ އަހަރު ނިމޭއިރުގައި، އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ތެރެއިން، ޢަމަލީގޮތުން، ފިޒިކަލް ކޮންސްޓްރަކްޝަން ވަރކް އަދި ވަޢުދެއްވިއްޔާ އިރާދަކުރެއްވިއްޔާ ފުއްދައިދެވޭނެ ކަމަށް. އެހެންވީމާ، އެގޮތަށް މިއޮތީ ޕްލޭންކޮށްފައި. އާދެ، އިރާދަކުރެއްވިއްޔާ އެގޮތަށް މިކަންކަން ދާނެ.
ދެން އޭގެއިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުން. ކައުންސިލްގެ ބައްދަލުވުމުގައި، ކައުންސިލުންވެސް ފާހަގަކުރި އެއް ކަންތައް، އަދި އަޅުގަނޑުމެން ކަނޑައަޅާފައިވެސް އޮތް އެއް ކަންތައް މިއީ، ކައުންސިލް އިމާރާތް އެޅުން. ކައުންސިލް އިމާރާތް އަޅަން އަޅުގަނޑުމެން މައިގަނޑު ދެ މަޝްރޫޢެއް އެބަ ހިންގަން. އެއް މަޝްރޫޢަކީ، ޗައިނާގެ ހިލޭ އެހީގައި އަޅާ 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫޢު. ދެން މިއޮތީ، އަޅުގަނޑުމެން ސަރުކާރުގެ ބަޖެޓުގެ ތެރެއިން، ބޭރު ކޮންޓްރެކްޓަރަކާ އެގްރީމަންޓް ހަދައިގެން ހިންގާ 55 ރަށެއްގެ މަޝްރޫޢު. އެހެންވީމާ، 105 ކައުންސިލް އެޅިގެންދާނެ މި ޕްރޮޖެކްޓްގެ ތެރެއިން. ޗައިނާގެ ގްރާންޓް އެއިޑްގެ ދަށުން އަޅާ 50 ކައުންސިލް ބިލްޑިންގގެ ޕްރޮސީޖަރއަކީ، އެ ބޭފުޅުންގެ އޮންނަ ގްރާންޓް އެއިޑް ޕްރޮސީޖަރގެ ތެރެއިންދާ ކަމެއް. އެ ބޭފުޅުންގެ ފީޒިބިލިޓީ ސްޓޭޖް މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ. އަޅުގަނޑު އުންމީދު ކުރަނީ، މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެ ކަމަށް. މި ރަށް ހިމެނޭ އިނގޭތޯ އޭގެތެރޭގައި. މި 50 ކައުންސިލް ބިލްޑިންގ ޕްރޮޖެކްޓްގެ ތެރޭގައި. އެހެންވީމާ، މި ރަށް ހިމެނޭހެން، މީގައި ހިމެނޭ ދެންހުރި 49 ރަށުގެވެސް މަސައްކަތްތައް މީގެތެރެއިން ދާނެ.
އަޅުގަނޑު ވަރަށް އިސްކަމެއް ދެން، ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަން ހޯދައިދިނުމަށް. ލާމަރުކަޒީ ނިޒާމަކީ، އަޅުގަނޑު ވަރަށް ގަބޫލުކުރާ ނިޒާމެއް. އަޅުގަނޑު އެ ނިޒާމުގެ ތެރޭގައި، ރައްޔިތުންނަށް ޚިދުމަތްކުރި ނިޒާމެއް. އަޅުގަނޑު ގަބޫލުކުރަނީ، ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދިނުމަކީ، ރައްޔިތުންނަށް ކޮށްދެވޭ ކަމެއް ގޮތުގައި. ކައުންސިލަށް ޖާގަ ހަމަކޮށްދިނުން، ފުރިހަމަކޮށްދިނުން، ވަސީލަތް ހޯދައިދިނުން، މުވައްޒަފުންނަށް ކަންތައްތައް ކޮށްދިނުން، މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން، މިކަހަލަ ހުރިހާ ކަމެއްވެސް. ހަމަ އެއާއެކީގައި، ޑަބްލިޔު.ޑީ.ސީ.ތަކަށްވެސް ކަންތައްތައް ކޮށްދިނުން. ފިނޭންސް މިނިސްޓްރީގައި އަޅުގަނޑު ރޭގައި ދެންނެވިން. ފިނޭންސް މިނިސްޓްރީން މިހާރުވަނީ ހުރިހާ ކައުންސިލްތަކަށް އަންގާފައި. މިއަދުގެ ނިޔަލަށް ހުރިހާ ޑަބްލިޔު.ޑީ.ސީ.ތަކަށް ރޯދަ ޢިނާޔަތް ޖަމާކޮށްދީ ނިންމަން. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރަނީ، މި ރަށުގެ ޑަބްލިޔު.ޑީ.ސީ.އަށްވެސް މިއަދު އެންމެ ލަސްވެގެން، ރޯދަ ޢިނާޔަތް ލިބޭނެ ކަމަށް. މިއީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، ޤާނޫނުން ހަމަޖެހިގެން، އަދި އެނޫންގޮތަކަށްވިޔަސް، ފުރަތަމަ ފަހަރަށް ރޯދަ ޢިނާޔަތް ލިބޭ ފަހަރު. އެކަމަށްޓަކައި އަޅުގަނޑު ޑަބްލިޔު.ޑީ.ސީ. މެންބަރުންނަށްވެސް މަރުޙަބާ ދަންނަވަން. އެވެސް އަޅުގަނޑު ވީ ވަޢުދެއް.
އެހެންވީމާ، އަޅުގަނޑު މި ބަލަނީ، އަޅުގަނޑު ވީ ވަޢުދުތައް ފުއްދަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑު ރައްޔިތުން ގާތަށް އައިސް، މައިކެއްގެ ކުރިމައްޗަށް ހުއްޓި، އަދި އެނޫންގޮތަކުންވިޔަސް، ވާ ވަޢުދަކީ، އަޅުގަނޑު ފުއްދަން ވާ ވަޢުދެކޭ. އަޅުގަނޑުވެސް އުންމީދުކުރާ ގޮތަށް ބައެއްފަހަރު، ބައެއް ކަންކަން ނުދޭ، އެކިކަހަލަ ދަތިތައް ދިމާވެގެން. ދެން މަސައްކަތް ކޮށްގެން އިރާދަކުރެއްވީތީ، އެ ދައްޗަކުން އަރައިގަންނަނީ. އަރައިގަނެވިގެން، ހަމަ ވަޢުދު ފުއްދުމައިގެން ކުރިއަށްދަނީ. އެހެންވީމާ، އެގޮތުން ކުރިއަށްދާނެ ހުރިހާ ކަމެއްވެސް.
އެހެންވީމާ، މި ރަށުގައި ކުރަންހުރި މިހިރަ ގިނަ ކަންކަމަކީ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް ދާނެ ކަންކަން. އެންމެ ބޮޑު މަޝްރޫޢު، އަޅުގަނޑު މި ދެންނެވީ، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާން އޮތްގޮތް. އަދި ދެންހުރި ކަންކަންވެސް މި ދަންނަވާލީ. އަދި އޭގެ އިތުރަށްވެސް އެބަހުރި، ވަރަށް ގިނަ މަޝްރޫޢު މި ރަށުގައި ހިންގަން. މަގުހެދުމުގެ މަޝްރޫޢާއި، މިކަހަލަ ގިނަ ކަންކަންވެސް އެބަހުރި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ބައްލަވާ، ކުރިއަށް އޮތް ދުވަސްތަކަކީ، ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަމުގައި، އެހެން ރަށްތަކެކޭ ހަމަ އެއްހަމައެއްގައި، ހަމަހަމަގޮތުގައި ސަރުކާރުން ސަމާލުކަންދީގެން ކަންކަން ކުރާނެ ދުވަސްތަކެއް ކަމަށް.
އަޅުގަނޑު މި ދަތުރު ނިންމާލަމުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ތިޔައިން ކޮންމެ ލޮބުވެތި ރައްޔިތަކީވެސް ހަމަހަމަގޮތުގައި ސަރުކާރުން ދެކޭނެ ރައްޔިތެކޭ. އެންމެ ކުޑަ ރަށުގައި ހުންނަ ރައްޔިތަކީވެސް، އެންމެ ބޮޑު ސިޓީގައި ހުންނަ ރައްޔިތެކޭ އެއްހަމަ ރައްޔިތެކޭ، އަޅުގަނޑު ކުރިމަތީގައި. އަޅުގަނޑު ޚިދުމަތް ދިނުމުގައި ބޭނުންވަނީ، މި ޢަދުލުވެރިކަން، އިންޞާފުވެރިކަން ޤާއިމުކުރާށޭ. އަދި ބާރު ސްޕީޑްގައި އެކަން ކޮށްދޭށޭ. އެހެންވީމައޭ މިކަންކަން މިގޮތަށް ތަރުތީބުކޮށްގެން، ރައްޔިތުންނާ ގާތުން މި ވެރިކަން ކުރެވޭތޯ މި ބަލަނީ. ރައްޔިތުންގެ ގާތަށް އައިސް އަޑުއަހައިލީމާ، އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުން އަޅުގަނޑަށް އެނގޭނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމެއްވިއްޔާ.
އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ، މިގޮތަށް ގުޅިފައި އޮންނަ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ގާތުން ޚިދުމަތްކޮށް، ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްކުރަންކަން އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ދަންނަވާލަން. ކުރިމަތީގައި މިއޮތީ ރަމަޟާންމަސް. އެހެންވީމާ، އަޅުގަނޑު ރަމަޟާން މަހަށް ދަތުރުތައް މެދުކަނޑާލާނަން. މެދުކަނޑާލާފައި ޢީދު ބަންދަށްފަހު އަނެއްކާވެސް ދެންހުރި އަތޮޅުތަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާން ފަށާނަން. މިސާލަކަށް، ރާއްޖެއިން ބޭރުގެ މުހިންމު ދަތުރެއް އޮވެދާނެ. އެހެން ކޮމިޓްމަންޓްސް ނެތް ކޮންމެ ހަފްތާއަކުވެސް، އަޅުގަނޑު ބަލާނީ ރައްޔިތުންގެ ގާތަށް އިރާދަކުރެއްވިއްޔާ ދެވޭތޯ. ވީހާވެސް އަވަހަކަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ރައްޔިތުންގެ ގާތަށްގޮސް ބައްދަލުކުރުން، އެ ވެސް އަޅުގަނޑުވީ ވަޢުދެއް ރިޔާސީ އިންތިޚާބުގައި. އެހެންވީމާ، އެ ވަޢުދު ފުއްދުމަށާ އެކީގައިވެސް އަދި ރައްޔިތުންގެ ގާތަށް ދިޔުމަށް އަޅުގަނޑުގެ ވިސްނުން މިހިރަގޮތާ އެކީގައި، އެ ހުރިހާ އަތޮޅުތަކަކަށް ދިޔުމަށް. މިގޮތަށް ކޮންމެ ރަށަކަށްގޮސް އަޅުގަނޑު ރައްޔިތުންނާ ބައްދަލުކުރާނަން، ޢީދު ބަންދަށްފަހު ފަށާ ދަތުރުތަކުގައި.
އެއް ކަންތައް ހަމަ ދަންނަވާލަން ބޭނުން. މިއީ މި ދަތުރުގައި އަޅުގަނޑު ވަރަށް ގިނައިން ކޮމަންކޮށް ދެއްކި ވާހަކައެއް. މާލޭގައި ޚާއްޞަކޮށް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް، ގެދޮރުގެ މައްސަލައިގައި، މި 4000 ފުލެޓުގެ ވާހަކަ. އަޅުގަނޑު ކޮންމެ ދުވަހަކު ތަކުރާރު މި ކުރަނީ. ކުރާއިރަށްވެސް ބައެއް މީހުން އެއީ، ދޮގެކޭވެސް އެބަ ބުނޭ. ބާކީ މި ހަފްތާގައި މި އޮތީ ދެ ދުވަސް. އެހެންވީމާ، އަޅުގަނޑު ދެންނެވިން ރިޔާސީ ބަޔާނުގައި، ރޯދައިގެ ކުރިން، އެ 4000 ފުލެޓުގެ ލިސްޓު އިޢުލާނުކުރާނަމޭ. ބުރާސްފަތި ދުވަހު، ހައުސިންގ މިނިސްޓްރީން، ހައުސިންގ މިނިސްޓަރ ބާއްވާ ޕްރެސް ކޮންފަރެންސަކަށްފަހު، އެ ލިސްޓު އަޅުގަނޑުމެން އިޢުލާނުކުރާގޮތަށް އޮތީ ހަމަޖެހިފައި. އެހެންވީމާ، މި 4000 ފުލެޓަށް ކުރިމަތިލައިފައިވާ ރައްޔިތުންގެ ތެރެއިން، އެ ލިސްޓު ނުކުންނައިރުގައި އެނގޭނެ، ހަމަ ހުރިހާ ތަފްޞީލެއް. އެ ލިބޭ ފަރާތްތަކާއި، ނުލިބޭ ބަޔަކު ތިބިއްޔާ، އެ ނުލިބުނީ ކީއްވެކަމާއި، ވަރަށް ޓްރާންސްޕޭރަންޓްކޮށް އެނގޭނެ. އަދި އެއާއެކީގައި މިނިސްޓަރ ތަފްޞީލު ދެއްވާނެ، އެ ދުވަހު އޮންނަ ޕްރެސްގައި. ނުލިބޭ ފަރާތެއްވާނަމަ، ދެން އެ ކުރިއަށް ގެންދިޔުމަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮތްގޮތާއި، އެ ހުރިހާ ތަފްޞީލެއް ދޭނަން. މި ރަށުގައި މައިގަނޑު ގޮތެއްގައި ބިން ހިއްކަނީވެސް ބޯހިޔާވަހިކަމަށް. އަޅުގަނޑު ކަނޑައެޅި އެންމެ މުހިންމު ވަޢުދު، ބޯހިޔާވަހިކަމުގެ ވަޢުދު، އިރާދަކުރެއްވިއްޔާ އަޅުގަނޑު ފުއްދާނަން. މާލޭގައިވެސް، އަތޮޅުތެރޭގައިވެސް.
އެހެންވީމާ، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަދި މި ރަށުގެ ރައްޔިތުންނަށްވެސް، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ދަންނަވާލަން އޮތީ، އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދޭނަމޭ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާ އެކީގައި. މި ދައުރު ނިމޭއިރުގައި، އެކިއެކި ވަސީލަތްތައް މެދުވެރިކޮށްގެން، ކޮށްދޭ ކަންކަމުގެ ތެރެއިން ބޯހިޔާވަހިކަމުގެ އެކްސެސް، ނޫނީވިއްޔާ ބޯހިޔާވަހިކަމަށް ފުރުޞަތު ފަހިނުވާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަން އެއީ، އަޅުގަނޑު އަދިވެސް ރިޔާސީ އިންތިޚާބުގައިވީ ވަޢުދު ތަކުރާރުކޮށް ދަންނަވާ ވާހަކައެއް. ހަމަ އެކަން ހާސިލުކުރާނަން. އިރާދަކުރެއްވިއްޔާ އެކަން ވާނެ.
މިސާލަކަށް، އަޅުގަނޑުމެން އިޢުލާނުކޮށްފައި މިއޮތް، ލޯނު ސްކީމް، އިސްލާމިކް ފައިނޭންސް ފަސް ޕަސެންޓުގެ ލޯނު ސްކީމް މިއީ ޙަޤީޤަތުގައި ބޯހިޔާވަހިކަން ޙައްލުކުރުމުގެ އެންމެ ބޮޑު ވަސީލަތަކީ. މި ރަށުގެ ރައްޔިތުންނަށްވެސް އެއަށް އެޕްލައި ކުރެވޭނެ. މިސާލަކަށް، ތިޔަބޭފުޅުންގެ މި ރަށުގެ ގޯތިއޮތީ ނެހެދި. އެ ގޯތީގައި، ގެ އެޅުމަށް މި ލޯނަށް މިހާރުވެސް އެޕްލައި ކުރެވޭނެ. މި އަހަރު މެދުތެރޭގައި އަޅުގަނޑުމެން ލޯނު ދޫކުރަން ފަށަން. އެކަމަށް ޕޯޓަލްއެއް އެއޮތީ ހަދާފައި. އެއަށް އެޕްލައި ކުރީމާ، އެ ލިބޭ ލޯނު، ވަރަށް ލުއި ލޯނެއް އެއީ. އިސްލާމިކް ފައިނޭންސް ލޯނެއް. އެހެންވީމާ، އެކަންވެސް އެއޮތީ ޙައްލުވެފައި. އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭ. ރަހުނުކުރާ އެއްޗެއް ދައްކާކަށް ނުޖެހޭ. ވަރަށް ލުއި ލޯނު ސްކީމެއް. މި ރަށުގެ ރައްޔިތުންނަށް، އެއް މިލިއަން ރުފިޔާއާ ހަމައަށް އެ ލޯނު ނެގޭނެ. ނަގައިގެން އަމިއްލަ ގޯތީގައި ގެދޮރުއެޅޭނެ. އެ ފުރުޞަތު އެބައޮތް ހުރިހާ ރައްޔިތުންނަށް. މިއީ އެންމެ ބޮޑު އެއް ފުރުޞަތު، ގެދޮރުގެ މައްސަލަ ޙައްލުކުރަން.
ދެން އަޅުގަނޑުމެން އިޢުލާނުކޮށްފައި އޮންނާނީ މިހާރު ކޮންޓްރެކްޓަރުން ހޯދަން. ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކޮންޓްރެކްޓަރުން ހޯދަން އިޢުލާނުކޮށްފައި އޮންނާނެ މައިގަނޑު ގޮތެއްގައި. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދުތައް، އެއީ، ހައުސިންގ ޔުނިޓް އަޅައިދިނުމަށް ވީ ވަޢުދު. އެ ވަޢުދު ފުއްދަން އިޢުލާނުކޮށްފައި އޮންނާނެ. އެ ވަޢުދުގެ ތެރެއިންވެސް، އެ ވަޢުދު ފުއްދުމަށް ގެ އަޅަން އަޅުގަނޑު ވަޢުދުވީ ރަށްރަށުގައި، ކޮންމެހެން އަޅުގަނޑު ވަކި ތަނެއްގައި ގެ އަޅަނީކީނޫން. ރޭގައި އަޅުގަނޑު އޭގެ ތަފްޞީލު ދިނިން. އަދި ކުޑަހުވަދޫގައިވެސް އެ ވާހަކަ ދެންނެވިން. ވަކި ތަނެއްގައި ފުލެޓްތަކެއް އަޅާކަށްނޫން، އެ ޕްރޮޖެކްޓް އިޢުލާނުކޮށްފައި މިއޮތީ. އޭގެތެރެއިން އެ ރަށެއްގައި، އެމީހާގެ އަމިއްލަ ގޯތީގައި، ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވެއްޖިއްޔާ، އެ ފުރުޞަތުވެސް ލިބޭނެ.
އެހެންވީމާ، ކައުންސިލްތަކަށް ރޭގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި، ރޯދަމަސް ނިމުމުގެ ކުރީގައި، ހައުސިންގ މިނިސްޓްރީއަށް، މި ޕްރޮޖެކްޓްގެ ދަށުން ގެ އަޅަން ކަނޑައަޅާފައިވާ ރަށްތަކުގެ ކައުންސިލްތަކުން، އެ ރަށުގެ ރައްޔިތުންގެ ކިބައިން އޮޅުންފިލުއްވައިދެއްވާށޭ، އެ ރައްޔިތެއްގެ ގޯތީގައި މިއިން ޔުނިޓެއް އަޅަން ބޭނުންވާ ފަރާތްތަކުގެ ލިސްޓް ހައްދަވައިދެއްވާށޭ. އެ ލިސްޓް ދިނީމާ، އެ ޕްރޮޖެކްޓުން އެބައި، އެމީހުންގެ ގޯތީގައި އަޅައިދޭނަމޭ. އަޅައިފައި ބާކީވާ ފުލެޓެއް، ނޫނީވިއްޔާ ހައުސިންގ ޔުނިޓެއް އޮތިއްޔާއޭ، ވަކި ތަނެއްގައި ޢިމާރާތެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނީ. އެހެންވީމާ، އެއީވެސް ވަރަށް ބޮޑު ފުރުޞަތެއް، ބޯހިޔާވަހިކަމުގެ މައްސަލަ، މި ދައުރުގައި ޙައްލުކުރަން އަޅުގަނޑު ޕްލޭންކޮށްފައި މިއޮތް. އަދި އޭގެ އިތުރަށްވެސް، ގިނަ މަޝްރޫޢުތައްވެސް ކުރިއަށް އެބައޮތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ސަރުކާރުން އަޅުގަނޑު ވީ ވަޢުދު، އެންމެ ބޮޑު ވަޢުދު، ބޯހިޔާވަހިކަމުގެ މައްސަލަ. ޔަޤީންކަމާ އެކީގައި އަދިވެސް ދަންނަވާނަން އިރާދަކުރެއްވިއްޔާ އެކްސެސް ޓު ހައުސިންގ އެއީ، އަޅުގަނޑުމެން ފުއްދައިދޭނެ ކަމެއް، މި ދައުރުގެ ތެރޭގައި. އެ ވާހަކައާ އެކީގައި އަޅުގަނޑު ހަމަ ނިންމާލާނީ.
ހުޅުދެލީގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ ބިން ހިއްކުމުގެ މަޝްރޫޢު، އަޅުގަނޑު މި ދެންނެވި ގޮތަށް ފަށައިދޭނަން. އަދި ބާރު ސްޕީޑްގައި ނިންމައިދޭނަން. އަދި ދެން މި ދެންނެވި މަޝްރޫޢުތައްވެސް، އަޅުގަނޑު ދެންނެވި ގޮތަށް ކުރިއަށްގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ދެން.
ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާއާއި ތަހުނިޔާ، ތިޔަ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކުރުމުގައި، އަޅުގަނޑުމެން މި އެދޭގޮތަށް، އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި ހެޔޮ ތައުފީޤު މިންވަރުކުރައްވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.