بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ބަނޑިދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، އެންމެހައި މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަފުދުގައި ވަޑައިގެންނެވި އެންމެހައި ބައިވެރިން، އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު މެންދުރު ވަގުތު މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ ފުންމިނުން ބަނޑިދޫގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

އާދެ، އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު މެސެޖަކީ، ސަރުކާރުން އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ސަމާލުކަން ދޭ ވާހަކަ. ރަށުގެ އެކިއެކި ޞިނާޢަތްތައް، ޚާއްޞަކޮށް މަސްވެރިކަން ކުރިއެރުވުމުގައި، އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ. ލިބޭނެ ވާހަކަ.

މިއަދު އަޅުގަނޑުމެން މިވަނީ މިގޮތުން، އައިސްޕްލާންޓުގެ ޢަމަލީ މަސައްކަތް ފަށާފައި. އެއީވެސް ހަމަ މި ދެންނެވި ގޮތަށް މަސްވެރިކަމަށް ޚާއްޞަކޮށް، މި ރަށުގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެއިން ވަރަށް ބޮޑު ނަފައެއް ލިބޭނެ ކަމެއް. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގޮސް ނިމޭނެ.

ހަމަ އެއާއެކީގައި، މި ރަށުގައި ދެންވެސް ފެށިފައި، އެހެންނަމަވެސް، އެކި ސަބަބުތަކާ ހެދި، އެހާ ބާރަށް ނުހިނގާ ހުރި އެކިކަހަލަ މަސައްކަތްތައްވެސް އެބަހުރި. އެކަންކަންވެސް އަޅުގަނޑުމެން މިހާރު ފަށާފައި މިވާ މަސައްކަތްތަކުގެ ތެރެއިން، މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި، އެންމެ ލަސްވެގެން މިގޮތަށް ހުއްޓިފައި ހުރި ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ފަށާނަން. އެއީ، އަޅުގަނޑު މި ދޭތެރެއިން ރިޔާސީ ބަޔާނުގައިވެސް ދެންނެވި ވާހަކައެއް. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފެށި، އެހެންނަމަވެސް، މެދުކެނޑިފައި ހުރި، ނޫނީވިއްޔާ މަޑުޖެހިފައި ހުރި މަޝްރޫޢުތައް، އަލުން ފަށައިގެން ކުރިއަށް ގެންދާނަމޭ. ފެށިގެންދާނެއޭ މި ފެބުރުވަރީ މަހާއި، މާރިޗު މަހުގެ ތެރޭގައި. އެހެންވީމާ، އެގޮތުން މި ރަށުގައިވެސް ކުރިއަށް ގެންދެވޭނެ.

އާދެ، ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލް އަދި މުއައްސަސާތަކުން އަޅުގަނޑާ ބައްދަލުކުރެއްވި. އަދި އޭގެފަހުން، އިސްރަށްވެހިންގެ ބޭފުޅުންވެސް އަޅުގަނޑާ ބައްދަލުކުރެއްވި. ރައްޔިތުންގެ އުންމީދުތަކާއި، ރައްޔިތުން ބޭނުންވެލައްވާ ކަންކަމަކީ ކޮބައިކަން، ތިޔަބޭފުޅުން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި. އަޅުގަނޑު ރައްޔިތުން ގާތުގައި ޙަޤީޤަތުގައި މިގޮތަށް އައިސް ވަގުތު މި ހޭދަކުރަނީވެސް މިބޭނުމުގައި. ކޮބައިކަން ރައްޔިތުން ބޭނުންވާ ގޮތަކީ، ވަރަށް ގާތުން އޮޅުންފިލުވުމަށް. އަޅުގަނޑަށްވެސް މާލޭގައި މަޑުކޮށްލައިގެން ހުރެ، އެ އޮންނަ ނިޒާމުގެ ތެރެއިން، ސިޓީ ބިޓީ ފޮނުވި، ރަށުން ޓީމުތައް މާލެއައިސް، ކުރީ ޒަމާނުގައި ކަންކުރާގޮތަށް ކުރެވިދާނެ. އެއީ، އެކަމުގައި އަޅުގަނޑު ގަބޫލުކުރާ ހަމައަކަށްނުވޭ. އަޅުގަނޑު އެގޮތަކަށް ކަންކަން ކުރާކަށް ބޭނުމެއް ނޫން. އެހެންވެ، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ، ރައްޔިތުން ގާތަށް މިހެން އައިސް، ބައްދަލުކޮށް ކަންކަން އޮޅުންފިލުވުމުގައި. އަޅުގަނޑު ދޭ ޔަގީންކަމަކީ، އަޅުގަނޑުގެ ފަލްސަފާއަކީ، ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވައި، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކޮށްދިނުމުގެ ޔަޤީންކަން.

އެގޮތުން ބަލާއިރު، މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަކަށް މިއޮތީ، ފަޅުތެރެއިން ޖާގަ ލިބެން އޮތް އެންމެ ފުޅާމިނެއްގައި، މި ރަށުގެ ތެރޭގައި ހުރި ފައިބަރު މަސައްކަތް ކުރުން ފަދަ، ކުނިކޮށި ކަހަލަ، ރައްޔިތުންގެ ތެރޭގައި ހުރުމުގެ ސަބަބުން ދަތި، އުނދަގޫވާ ކަންކަން، ބަދަލުކުރެވޭނެ ކަހަލަ ބިމެއް ހިކިގެން ދިޔުން. އިސްރަށްވެހިން ވިދާޅުވަނީ، މިސްކިތުގައި ތިބޭއިރުގައި ވަރަށް އުނދަގޫވާ ކަމަށް، ކުނީގެ ވަސްދުވާތީ. އަދި ފައިބަރު މަސައްކަތަކީ، ކޮންމެގޮތެއްވިޔަސް މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ކޮށްގެން ވާނެ ކަމެއް ނޫން. ކެންސަރު ބަލި، އެކި ކަހަލަ ބަލިތަކަށް ވާސިލުވާ، ކުނޑި އުފެދޭ މަސައްކަތަކަށްވާތީ.

އެހެންވީމާ، މިހެން ހުރި ގިނަ ކަންތައްތަކެއް، މި ރަށުގައި މިވަގުތުގެ ބިން އޮތްގޮތުން، މީހުން ދިރިނޫޅޭ ސަރަޙައްދަކަށް، މާ ދުރަކަށް ގެންދެވޭކަށް ނެތް ވާހަކަ ވިދާޅުވި. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، ދެންމެ މި ދެންނެވި ފަދައިން، ރައްޔިތުން ގާތަށް އައިސް، އަޅުގަނޑު ކަންކަން މި އޮޅުންފިލުވަނީ، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންގޮސްދިނުމަށް ކަމުގައިވާތީ. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، ސަރުކާރުން އެކަމަށް ފުރިހަމަ އިޖާބައެއް ދޭނެ ވާހަކަ. އެކަން ކޮށްދޭނެކަމުގެ ޔަގީންކަން ދޭ ވާހަކަ.

މިކަން ކުރެވޭނެ ގޮތަކީ، މި ރަށުގެ ކައުންސިލުން، ރައްޔިތުންނާ މަޝްވަރާ ކުރައްވައި، އޮޅުންފިލުއްވައިގެން، މަޝްވަރާ ހޯއްދަވައިގެން، މިހާރު ހެދިފައި އޮތް ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން، ނޫނީވިއްޔާ ލޭންޑް ޔޫސް ޕްލޭން، ތިޔަ ވިދާޅުވާ ކަންކަން ތަރުތީބު ކުރެވޭނެ ގޮތަށް ބައްލަވައިގެން، އަލުން މުރާޖަޢާ ކޮށްލައްވަންވީ. ލޭންޑް ޔޫސް ޕްލޭން އެމެންޑް ކުރައްވާފައި، ކަމާބެހޭ ވުޒާރާއިން ފާސްކުރެއްވީމަ، ކުރިއަށްދާންވީ މަގު އެއޮތީ ސާފުކޮށް ފެންނަން. ޓޫރިޒަމް މަސައްކަތަށް ބޭނުންކުރުމަށް، ނޫނީވިއްޔާ ކަނޑައަޅާފައި އޮތް ސަރަޙައްދު އެގޮތުގައި ބޭއްވުމަށް، ބޭނުންވާ ގޮތަށް، މޫދަށް އެރޭ ސަރަޙައްދު ޙިމާޔަތްވެފައި ރީތިކޮށް އޮންނަން ބޭނުންވާ ގޮތަށް. މި ކަންކަން ހިމެނޭ ގޮތަށް މި ރަށުގެ ފަޅުތެރެއިން ހިއްކެން އޮތީ ކިހާވަރެއްގެ ޖާގައެއްކަން، މި ލޭންޑް ޔޫސް ޕްލޭންގައި ފާހަގަކޮށްދެއްވުން. ކޮށްދެއްވީމާ، ދެން ވަރަށް ސާފު، ކިހިނެއްކަން މަސައްކަތް ކުރިއަށް ގެންދަންވީ.

އެހެންވީމާ، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމަވައިލެއްވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު، ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މި ޕްލޭނާ އެއްގޮތަށް، މި ޕްލޭންގައި ކުލަޖައްސައިދިނުމަށްޓަކައި، ޙަޤީޤަތުގައި އެކަން ވެގެންދާ ގޮތަށް، ސަރުކާރުގެ ތެރެއިން ކަންކަން ބައްޓަން ކޮށްދިނުމުގެ މަސައްކަތް ފަށާނަން.

އިރާދަކުރެއްވިއްޔާ، މީގެ ނަތީޖާއަކަށްވާނީ، ޢަމަލީގޮތުން ބިން ހިކިގެން، މި ރަށުގެ މި ދެންނެވި ހުރިހާ މަޤްޞަދެއް ހާސިލުވާގޮތަށް، ޖާގަ ބާއްވައިގެން، މި ރަށަށް މި ދެންނެވި މަސައްކަތްތައް ކުރާ ތަންތަން ބަދަލުކުރެވޭވަރުގެ ބިން ހިއްކުމުގެ މަޝްރޫޢެއް ހިންގުން. މި އަހަރުގެ ބަޖެޓް މިއޮތީ ކުރީބައިގައި މަޝްރޫޢުތަކަކަށް ކަނޑައެޅިފައި. މި އަހަރުގެ ބަޖެޓުން ޖާގަ ނުއުފެއްދޭ ކަމަށްވަންޏާ، މި އަހަރު ނުހިއްކޭނަމަ، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ތެރޭގައި، މި މަޝްރޫޢު ޢަމަލީގޮތުން ކުރިއަށް ގެންގޮސްދޭނަން. ގެންގޮސްދީ އެކަން ނިންމައިދޭނަން. އެ ޔަގީންކަން އަޅުގަނޑު އަރުވަން.

އެހެންވީމާ، މި އަންނަ އަހަރުގެ ތެރޭގައި 2026ގެ ތެރޭގައި، ޢަމަލީގޮތުން ބިންހިއްކައި، ރަށްގިރާ ސަރަޙައްދުތައް، މި މަޝްރޫޢުގެ ތެރެއިން ހިމާޔަތްކުރުމުގެ ކަންތައްތައް އިރާދަކުރެއްވިއްޔާ އެންމެ ލަސްކޮށް ކަމަށް ބަލާނަމަވެސް ނިމިގެންދާނެ. ދެން ހަމައެއާއެކީގައި، އެތަނަށް ބަދަލުކުރަންޖެހޭ މަސައްކަތްތައް ބަދަލުކުރުން ކުރިއަށް ގެންދެވޭނެ.

ދެން ރަށުގެ މަސްވެރިންނަށް، ޚާއްޞަކޮށް އޮޑިވެރިންނަށް، ކުދި ދޯނިތައް ބޭނުންކުރާ ފަރާތްތަކަށް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި، ރައްޔިތުން ފާހަގަކުރައްވަނީ، ކައުންސިލް ބައްދަލުވުމުގައިވެސް ފާހަގަކުރެއްވީ، އަދި އިސްރަށްވެހިންވެސް ފާހަގަކުރެއްވީ، ބޭރުތޮށި ބަދަލުކޮށްދިނުމަށް، ޖާގަ އިތުރުކުރުމަށް. މިއީ މިހާރު ހެދިފައި ހުރި ބަނދަރުތައް ހެދިފައި ހުރި ރަށްރަށުގައި، ޚާއްޞަކޮށް މަސްވެރިކަންކުރާ ރަށްރަށުގައި ވަރަށް ބޮޑަށް އެދޭ ކަމެއް. އަޅުގަނޑުމެން ބައެއް އެހެން ރަށްރަށުގައިވެސް އެގޮތަށް އެ މަސައްކަތްތައް އެބަ ކުރަން. އެހެންވީމާ، އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ، އޭގެ މުހިންމުކަން. ބޭރުތޮށި ބަދަލުކުރެވުނީމާ، އެ ލިބެނީ އިތުރު ޖާގަ. އޭގެ ފައިދާ ވަރަށްބޮޑުވާނެ. އެހެންވީމާ، އެއީ ބޭކާރު ޚަރަދެއް ނޫން. އެއީ، ދެމެހެއްޓެނިވި ގޮތެއްގައި، ދިގުރާސްތާއަށް ބަލާއިރުގައިވެސް، މި ރަށަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވާނެ.

އެހެންވީމާ، އަޅުގަނޑު ދޭ ޔަގީންކަމަކީ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، އެ މަޝްރޫޢު ތިޔަބޭފުޅުންނަށް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން. މިހެން މި ދެންނެވީ އެއީ، ފުދޭވަރެއްގެ ޚަރަދެއް ދާނެ ކަމެއް ކަމަށްވާތީ. މި އަހަރު ބަޖެޓް ކޮށްފައެއް ނެތް އެކަމަކަށް. އެހެންވީމާ، އަޅުގަނޑުމެން މި އަންނަ އަހަރަށް ޓޭބަލް ކުރަންޖެހޭނީ. އެކަމަކު ޢަމަލީ މަސައްކަތް، އަޅުގަނޑުމެންގެ ކަމާބެހޭ ވުޒާރާތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން، މޮބިލައިޒް ކުރެވޭނަމަ، ނުފެށޭނެ ވާހަކައެއް ނޫން. އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ތެރޭގައި ކޮށްދޭނެ ވާހަކަ. އެއީ، އެންމެ ލަސް ޑޭޓް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ތެރޭގައި، މި މައިގަނޑު ދެ މަޝްރޫޢު ކުރިއަށްދާނެ. ބިން ހިއްކުމުގެ މަޝްރޫޢު، އެއާ ގުޅިގެން ރަށްގިރުން ހައްލުކުރުމާއި، ބަނދަރުގެ ބޭރު ތޮއްޓަށް ގެންނަންވާ ބަދަލުތައް ގެނެސްދިނުން. އެހެންވީމާ، ބައްލަވާ އެގޮތަށް. މި އަހަރުގެ ތެރޭގައި ވާންއޮތްވަރެއް ކޮށްދޭނަން. ނުކުރެވޭ ކަމަށްވަންޏާ، ހަމަ އެންމެ ލަސްވެގެން، މި އަންނަ އަހަރު މި ދެ މަޝްރޫޢު ކުރިއަށް ގެންދާނަން.

އާދެ، މި އަހަރު އެކަމަކު ގިނަ ކަންކަން ހިނގާނެ. މިސާލަކަށް، މިއަދު ފެށިގެން މިދިޔަ އައިސްޕްލާންޓް މަޝްރޫޢު. އަދި އެއާއެކީގައި އެބަހުރި ވަރަށް މުހިންމު މަސައްކަތްތައް ކުރަން. މިސާލަކަށް ދަންނަވަންޏާ، އަޅުގަނޑުމެން މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް މިދޭ، ދެ ދާއިރާއަކީ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާގެ ކަންތައްތައް ހައްލުކުރުން. މި ރަށުގެ ތަޢުލީމީ ދާއިރާއަށް ބަލާއިރުގައިވެސް، ހައްލުކުރަންޖެހޭ ކަންކަން އެބަހުރި. އެގޮތުން، ކުލާސްރޫމްތައް އިތުރުކުރުން، މަލްޓިޕަރޕަސް ހޯލު، ސައިންސް ލެބް، މި ތަންތަން ހެދުމަކީ، މި ރަށުގެ ސްކޫލަށް ބޭނުންވާ ޖާގަ. އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ އެއީ، މި އަހަރު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެ މަޝްރޫޢެއް.

ސްކޫލް މަޝްރޫޢުގެ އިތުރަށް، ޞިއްޙީ މަރުކަޒަށްވެސް އަޅުގަނޑުމެން މި އަހަރުގެ ތެރޭގައި ކަންތައްތައް ކޮށްދޭނަން. ޖާގައާއި ވަސީލަތްތަކުގެ ގޮތުން ޞިއްޙީ މަރުކަޒުވެސް އިރާދަކުރެއްވިއްޔާ ރަނގަޅުކޮށްދޭނަން. އެހެންވީމާ، މި ދެ މަޝްރޫޢު މި އަހަރު އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނެކަމުގެ ޔަގީންކަން ދެން.

އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި މިއީ އެންމެ ބޮޑަށް ވާހަކަދެކެވިގެންދިޔަ ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން. ދެން މިއާއެކީގައި އެބަހުރި، ކުޅިވަރާ ގުޅޭ ކަންކަންވެސް. ޒުވާނުންގެ މަރުކަޒު، ނޫނީވިއްޔާ ފިޓްނަސް ރިކްރިއޭޝަން ސެންޓަރަކީ، ހުއްޓިފައި އޮތް މަޝްރޫޢެއް. ކުރިއަށްނުދާ މަޝްރޫޢެއް. އަޅުގަނޑު ކުރިން ދެންނެވިން، މިގޮތަށް ހުއްޓިފައި ހުރި ކޮންމެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް، މި އަންނަ މަސް ނިމުމުގެ ކުރިން، މާރިޗުމަސް ނިމުމުގެ ކުރީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާނެ ވާހަކަ. މި ރަށުގައި މިގޮތަށް ހުއްޓިފައި އޮތް މަޝްރޫޢެއްވިއްޔާ، ކައުންސިލް މެދުވެރިކޮށް ފެށިފައި އޮތް މަޝްރޫޢެއްވިޔަސް، އެއަށް ގެންނަންވާ ބަދަލުތައް، އެކަން ކުރަމުންދިޔަ މީހުން އަތުން ޓަރމިނޭޓް ކޮށްފައި، ސަރުކާރުގެ ކަމާބެހޭ ވުޒާރާ މެދުވެރިކޮށް، ކައުންސިލުން އެކަން ކުރިއަށް ގެންދަން މިހާރު އެއޮތީ ހަމަޖެހިފައި. އެ ގެންދަންވާ ގޮތް ކަނޑައެޅިފައި. އެހެންވީމާ، ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢުތަކެއްވެސް މި އަހަރުގެ ތެރޭގައި، ކުރިއަށް މިއޮތް މަސްތެރޭގައި ފެށިގެންދާނެ.

އެހެންވީމާ، ޖުމުލަކޮށް ބަނޑިދޫގެ ތަރައްޤީއަށްޓަކައި، ކުރަން މިހިރަ ގިނަ މަސައްކަތްތަކުގެ ތެރެއިން، މި އަހަރު ކުރިއަށް ގެންދެވެން ހުރި ހުރިހާ މަޝްރޫޢުތަކެއް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އަދި އޭގެއިތުރަށް، މި ދެންނެވި ފަދައިން، އެންމެ މުހިންމު މަޝްރޫޢުތައް، ދެ މަޝްރޫޢު މައިގަނޑު ގޮތެއްގައި މިއޮތީ. އެ ދެ މަޝްރޫޢުގެ ކަންތައް، ކުރިން މި ދެންނެވި ގޮތަށް ކުރާނަން.

އެހެންވީމާ، ޖުމްލަކޮށް އެއީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭން ބޭނުންވާ އެންމެބޮޑު މެސެޖަކީ މި ދަތުރުގައި. ތިޔަބޭފުޅުން ތިޔަ ދެއްވާ އެއްބާރުލުމާއި، ތާއީދަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ހޯލުތެރެއިންވެސް އަޅުގަނޑަށް ފެނިގެންދޭ، މި ހޯލުވެސް ޒީނަތްތެރި ކުރުމަށް ގިނަ އެހެން ރަށްތަކާ ޚިލާފަށް، ތިޔަބޭފުޅުން ވަރަށް ޝައުޤުވެރިކަން ދެއްވައިގެން، ދިވެހިވަންތަކަށް ދައްކައިދޭ ގޮތަށް، ވަރަށް ގިނަ ވަގުތު ހޭދަކުރައްވައިގެން މަސައްކަތް ކުރައްވާފައި އެބަހުރި. މިއީ އަޅުގަނޑުމެން ގުޅިގެން އެކީގައި މަސައްކަތް ކުރެއްވުމުގައި ތިޔަބޭފުޅުންގެ ހުރި ޝައުޤުވެރިކަން.

ޤައުމިއްޔަތު ކުރިއެރުވުމުގައި ދިވެހިވަންތަކަމަކީ، ވަރަށް މުހިންމު ކަމެއް. ސްކޫލް ކުދިންގެ ހިތްތަކުގައި ޚާއްޞަކޮށް. ޖުމްލަކޮށް ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ދިވެހިވަންތަކަން، ދިވެހި ޤައުމު ދެކެ ލޯބިވުން، ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުމުގައި، ޝައުޤުވެރިކަން އުފެއްދުމަކީ، ފިކުރީ ތަރައްޤީގައި ވަރަށް މުހިންމު ދައުރެއް. ވަރަށް މުހިންމު ބައެއް.

އަޅުގަނޑު އަބަދުވެސް އެ ވާހަކަ މި ދައްކަނީ. ލިސްޓުކޮށްފައި ޢުމްރާނީ ތަރައްޤީގެ ކިތަންމެ ކަމެއްވެސް ފެށިދާނެއޭ. ކުރެވިދާނެއޭ. އެކަމަކު ސިކުނޑި ތަރައްޤީވާންޖެހެއޭ. އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވާންޖެހެއޭ. ވިސްނުން ތަރައްޤީކުރުމުގައި، އަޅުގަނޑުމެންގެ އައިޑެންޓިޓީއަށް އަނބުރާ ދާންޖެހެއޭ. އެއީ، އަޅުގަނޑުމެންގެ ދިވެހިވަންތަކަމާއި، އަޅުގަނޑުމެންގެ އިސްލާމްދީން. މި ދެ ކަންތައް އަޅުގަނޑުމެންގެ ހިތުގައި ވަރުގަދައަށް ބިންވަޅުނެގި، ތަރައްޤީކޮށް، އަޅުގަނޑުމެންގެ ވިސްނުން ބައްޓަންކުރަންޖެހޭ. އޭރުން ވަށައިޖެހިގެންދާ ޙަޤީޤީ ތަރައްޤީ ހާސިލުވެގެން އެ ދަނީ.

ރަމަޟާން މަހުގެ ހެޔޮދުޢާއާއި ތަހުނިޔާ، ބަނޑިދޫގެ ލޮބުވެތި ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރައްވައި، އަޅުގަނޑުމެންގެ މި ޤައުމަށް އުފާފާގަތިކަން މިންވަރުކުރެއްވެވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.