بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާއެނބޫދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި އެންމެހައި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ހެނދުނުގެ ވަގުތު މި ރަށަށް އާދެވުނު ގަޑީގައި، މާއެނބޫދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު މި ރަށަށް މިއައި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަރަށް ގިނަ ސަބަބުތައް އެބަހުރި. ރައްޔިތުންނާ ބައްދަލުކުރަން ބޭނުންވުން، އެންމެ މުހިންމު އެއް ސަބަބު. އެހެންނަމަވެސް، އެއަށްވުރެވެސް މުހިންމު ސަބަބަކީ، ރަށުގެ ތަރައްޤީއަށް ހިންގަން ހުރި މަޝްރޫޢުތަކުގެ ތެރެއިން، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ކަންކަމުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އެރުވުމަށް. އިރާދަކުރެއްވިއްޔާ މިހާރު އެ ކުރިއަށްދާ މަރުޙަލާ، އާދެ، އެއީ، އީ.އައި.އޭ. ނިންމުން. އީ.އައި.އޭ. ނިންމުމަށްޓަކައި ކުރާ މަސައްކަތްތައް، ކޮންސްޓްރަކްޝަން މިނިސްޓްރީއާއި، އީ.ޕީ.އޭ.އާ ދޭތެރޭގައި އެބަ ކުރިއަށްދޭ. އެކަން ހަމަ ނިމުނުހާ އަވަހަކަށް މަސައްކަތް ފެށޭނެ. މި ރަށުގައި މިހާރު އެމް.ޓީ.ސީ.ސީ. އެ މަސައްކަތަށް ތައްޔާރުކޮށްފައި އޮންނާނީ. އީ.އައި.އޭ. ފާސްވުމާ އެކީގައި، ބިން ހިއްކުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ފެށޭނެ. ފެށި، ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނަން. ގެންގޮސްދީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވަޢުދުވީގޮތަށް އިރާދަކުރެއްވިއްޔާ، 30 ހެކްޓަރު ހިއްކާފައި ނިންމާލާނެ ކަމުގެ ޔަޤީންކަން ދެން. ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް، އޭގެތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިކިގެންދާނެ.

އާދެ، އެހެންވީމާ، މި ޔަޤީންކަން ދިނުމަކީ، މި ރަށަށް އައުމުގައި، އަޅުގަނޑު ބޭނުންވި އެންމެ މައިގަނޑު ކަންތައް. ސަބަބަކީ، މާއެނބޫދޫގެ ތަރައްޤީއަށް ޒަމާންތަކެއް ވެފައިވާ އުންމީދެއް ހާސިލުވެގެންދާނެ ކަމަކަށްވާނީ މިކަން ވެގެންދިޔުން ކަމުގައިވާތީ. ބިމުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައި މިއޮތީ.

އެކި ރަށްރަށުގައި ރައްޔިތުން ބޭނުންވަނީ، އެންމެ އިސްކަމެއް ދޭން އެކި ކަންކަމަށް. މި ރަށުގެ ރައްޔިތުން އެންމެ އިސްކަންދޭ އެއްކަމަކަށް ވެފައި މިއޮތީ ބިމުގެ މައްސަލަ ޙައްލުކުރުން. އެހެންވީމާ، ސަރުކާރުންވެސް މި އިސްކަންދެނީ، ރަށުގެ ރައްޔިތުންނަށް އެންމެ އިސްކަންދޭ އެންމެ މުހިންމު ކަންކަން އެންމެ ފުރަތަމަ ކުރަން. ސަބަބަކީ، އަޅުގަނޑު ބޭނުންވަނީ، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރަން ކަމަށްވާތީ.

އެހެންވީމާ، މި ދެންނެވި މަސައްކަތް ޢަމަލީގޮތުން ދާދި އަވަހަށް ފެށޭނެ. އަޅުގަނޑަށް ސީދާ ތާރީޚެއް ނުދެންނެވުނަސް، އަޅުގަނޑު ހަމަ ގަބޫލުކުރަނީ، އީ.އައި.އޭ. ފާސްކުރަން ދެން މާގިނަ ހަފްތާތަކެއް ނުނަގާނެ ކަމަށް. ހަމަ ދެތިން ހަފްތާގެ ތެރޭގައިވެސް އެކަން ނިމިދާނެ. އެހެންވީމާ، މިހާރު ރެޑީ ޓު ސްޓާޓް ޙާލަތުގައި އެ ތިއްބެވީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ މަސައްކަތް ފެށޭނެ.

އެހެންވީމާ، އެއީ އެންމެ މައިގަނޑު ވާހަކައަކީ، އަޅުގަނޑު ދަންނަވަން އޮތް. ދެން އެއާއެކީގައި ހަމަ ގިނަގުނަ މަސައްކަތްތަކެއް އެބަހުރި. ހުއްޓިފައި ހުރި ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔުން. ފެނާއި ނަރުދަމާ މަޝްރޫޢު، އެއް މަޝްރޫޢަކީ. މަލްޓި ޕަރޕަސް ހޯލު ތަންކޮޅެއް ސްލޯކޮށްދިޔަސް، އެހެންނަމަވެސް، އެކަމާ ގުޅޭ ހުރިހާ ކަންކަމެއް މިހާރު ޙައްލުވެފައި ވަނީ. އެކަން ކުރާ ކުންފުނީގެ ފަރާތުން މިއަދު އަޅުގަނޑަށް މިނިސްޓަރ މީޓިންގގައި އަޕްޑޭޓް ދެއްވި ގޮތަށް، ކުރިއަށް އޮތް ހަތްދިހަވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މޭ މަހުގެ ތެރޭގައި، މަލްޓި ޕަރޕަސް ހޯލުވެސް ނިމޭނެ. ދެން އަދި އެގޮތަށް ހިނގަމުންދާ އަދި މަޑުޖެހިފައި ހުރި މަޝްރޫޢުތައްވެސް ރީސްޓާޓް ވެގެންދާނެ، މި އަންނަ މާރިޗު މަސް ނިމެންވާއިރަށް.

ހަނދުމަފުޅު ހުންނާނެ ހުރިހާ ރައްޔިތުންވެސް. މިދިޔަ ރިޔާސީ ބަޔާނުގައި، ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު އިއްވި ރިޔާސީ ބަޔާނުގައި، ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވާފައި ވާނެ. ވަރަށް ސާފުކޮށް ދެންނެވިން، ހުރިހާ ރަށެއްގައިވެސް ހުއްޓިފައި ހުރި މަޝްރޫޢުތައް ރީސްޓާޓް ވެގެންދާނެއޭ، މި ދެމަސް ތެރޭގައި. ފެބުރުވަރީ، މާރިޗު ތެރޭގައި. އެ ވަޢުދު އިރާދަކުރެއްވިއްޔާ ފުދިގެންދާނެ. އެކަމަށް ކަންކަން އަޅުގަނޑުމެން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ވަރަށް ވަރުގަދަ ޓީމެއް ގޮތުގައި، ކުންފުނިތަކާއި، ސަރުކާރުގެ ވުޒާރާތަކާ އެކުގައި ވަރަށްގިނަ މަސައްކަތްތަކެއް މި ކުރަނީ.

އެހެންވީމާ، ހަމަ އެ ވަޢުދު އަނެއްކާވެސް ރިޕީޓް މި ކޮށްލަނީ. އެއްވެސް ޖެހިލުމެއް ނެތް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ވާހަކަ ދަންނަވާކަށް. މި ރަށުގައިވެސް ހުއްޓިފައި ހުރި މަޝްރޫޢުތައް، އަދި ހަމަ އެގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް މިދިޔަ ސަރުކާރުން އެކި ސަބަބުތަކާހެދި ފަށައި، ހުއްޓިފައި ހުރި މަޝްރޫޢުތައް، މި މަހުގެ މި އޮތް ކުޑަދުވަސްކޮޅާއި، މި އަންނަ މަސް ތެރޭގައި އެކީގައި ހަމަ ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އެހެންވީމާ، އެގޮތުން މި ރަށުގައިވެސް ހަމަ ފެށޭނެކަމުގެ ޔަޤީންކަން ދެން.

އާދެ، ދެން ކޮންމެ މަޝްރޫޢެއް ވަކިން އަޅުގަނޑު ދަންނަވާލުމުގެ ބަދަލުގައި ޖުމްލަކޮށް ހަމަ މި ދަންނަވާލީ. ހުރިހާ މަޝްރޫޢަކަށް އަޅުގަނޑުމެން ސަމާލުކަން ދޭނަމޭ. ރިޔާސީ އިންތިޚާބުގައި މި ރަށުގައި މައިގަނޑު ގޮތެއްގައި އަޅުގަނޑު ވީ ދެ ވަޢުދެއް. ބިން ހިއްކުމުގެ ވަޢުދާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ވަޢުދު. އަދި ވަރަށް ގިނަ ކަންކަން އެބަހުރި. ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ. މިއަދު ހެލްތު ސެންޓަރ އެކްސްޓެންޝަންގެ މަސައްކަތް ފެށުނަސް އެއީ، އަދި އެއްބައި އެ ކުރެވުނީ. އެއީ، އިދާރީ ބައި. އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން އަދި އެބައޮތް. ޞިއްޙީ ޚިދުމަތް ދިނުމުގެ ބައިގައި އަދި ޖާގަ އިތުރުކުރަން، ވަސީލަތް އިތުރުކުރަންޖެހޭ. އެހެންވީމާ، އެއްގޮތަކަށްވެސް ނުބައްލަވާތި، މިއަދު އަޅުގަނޑުމެން މި ހުރިހާ ކަމެއް ޙައްލުކުރީކަމަކަށް. އެއީ، އަދި މަސައްކަތުގެ އެއްބައި އެ ނިމުނީ. ޞިއްޙީ މަރުކަޒަށް ބޭނުންވާ ޖާގައާއި ވަސީލަތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރިހަމަކޮށްދޭނަން. އެ ޔަޤީންކަންވެސް ދެން.

ސްކޫލްގެ މަލްޓި ޕަރޕަސް ހޯލު ނިމިގެންދިޔައިމަ، އެ ލިބޭ ފަސޭހަކަންވެސް އެބަ ލިބިގެންދޭ. އަދި ސްކޫލްގެ އެހެނިހެން ކަންކަންވެސް، މިނިސްޓްރީން ސްކޫލާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރާނެ. ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުން، ފުޓްބޯޅަ ދަނޑުގެ މައްސަލަ. ދެންމެ މި ދެންނެވި ގޮތަށް، ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން، ނޫނީވިއްޔާ ރަނގަޅަށް ނުހިނގާ މަޝްރޫޢުތައް ރީސްޓާޓްވުމުގެ ތެރެއިން މިކަންވެސް ހިނގާނެ. ފުޓްބޯޅަ ދަނޑަށް ބޭނުންވާ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރިހަމަކުރާނަން. އަޅުގަނޑުމެންގެ ކޮންސެޕްޓަކީ، ކުރީގައި ހިނގާގޮތަށް ގެންދިޔުމެއް ނޫން. ކުރީގައި ފެށިފައި ހުރި މަޝްރޫޢުތައް ފެށިފައި ހުރި ގޮތަށް ބަލާއިރު، ސަބް ބޭސް އަޅާނީ ވަކި ކުންފުންޏަކުން. ޓާރފް އަޅާނީ ވަކި ކުންފުންޏަކުން. ލައިޓް ޖަހާނީ އެހެން ބަޔަކު. ރޮސްޓްރަމް ހަދަންޏާ ހަދަނީ އެހެން ބަޔަކު. އެގޮތަކަށް އަޅުގަނޑުމެންނެއް ނުކުރާނެ. އަޅުގަނޑުމެން އެކަން ކުރެވޭނެ އެންމެ ރަނގަޅު ގޮތަށް ރާވާފައި، ސަރުކާރުގެ ކުންފުނިތަކުން އަދި ބަލްކްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް ދަނޑުތަކާއި، ނެޓްބޯލް ދަނޑުތަކާ، މި ހުރިހާ ތާކަށް ބޭނުންވާ ފެންސް، ލައިޓް، މި ހުރިހާ އެއްޗެހި ގެނައުމުގެ ކަންތައްވެސް، އެންމެ ޚަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް އެއޮތީ މިހާރު ރާވާފައި.

އެހެންވީމާ، ވަރަށް ކޮމްފަރޓަބަލީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިތިބީ މިކަންކަން ކުރުމުގައި. ފުރިހަމަގޮތުގައި އިރާދަކުރެއްވިއްޔާ ޔަޤީންކަން މިދެނީ. އެހެންވީމާ، މި ރަށުގައި ފުޓްބޯޅަ ދަނޑު ނިންމުން، އެންމެ އިސްކަމެއްދޭ ކުޅިވަރުގެ ކަމަކަށް މިއޮތީ. އިރާދަކުރެއްވިއްޔާ އެކަން ހަމަ ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމައިދޭނަން. އަދި އޭގެއިތުރަށް، ވޮލީކޯޓެއް އެޅުމަކީވެސް ރައްޔިތުންނަށް، ޚާއްޞަކޮށް، އަންހެން ބޭފުޅުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. އެކަމުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ރަށުގައި ހަމަ ޓާރފް އެޅިގެން، ރަނގަޅު ފެންވަރުގެ ވޮލީކޯޓެއްވެސް ހަދައިދޭނަން.

އަދި ހަމައެއާއެކީގައި، ފިޓްނަސް ރިކްރިއޭޝަން ސެންޓަރ ހެދުން. ރިޔާސީ ބަޔާނުގައި އަޅުގަނޑު ވަޢުދުވިން، ވަރަށްސާފުކޮށް އަޅުގަނޑު ދެންނެވިން، ދެ އަހަރުގެ ޕްރޮޖެކްޓް އެބަ ހިންގަމޭ. މި އަހަރާއި، މި އަންނަ އަހަރު ތެރޭގައި. އޭގެތެރޭގައި މި ރަށްވެސް ހިމެނޭ. ފިޓްނަސް ރިކްރިއޭޝަން ސެންޓަރ. ކުރީގޮތުންވިއްޔާ ޒުވާނުންގެ މަރުކަޒު. ވަސީލަތް ހަމަ، ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި، ދެ އަހަރު ތެރެއަށް ބަހާލައިގެން އަޅުގަނޑުމެން ހަދާނަމޭ. ހަމަ އެގޮތަށް، ދެ އަހަރު ތެރެއަށް ބަހާލައިގެން، އައުޓްޑޯ ޖިމް ޤާއިމުކުރުންވެސް ކުރިއަށް ގެންދާނަމޭ. ހަމަ އެގޮތަށް، ކުޑަކުދިންގެ ޕާކު ނެތް ރަށްރަށުގައި، އަދި ކުޑަކުދިންގެ ޕާކު ހުރި ރަށްރަށަށް، ވަސީލަތް މަދިއްޔާ، ދެ އަހަރު ތެރެއަށް ބަހާލައިގެން، ވަސީލަތްތައް ހަމަކޮށްދިނުން ހިމެނޭގޮތަށް، ކުޑަކުދިންގެ ޕާކު ހަދައިދިނުންވެސް ކުރިއަށް ގެންދާނަމޭ. އެއީ މި ރަށަށްވެސް ޝާމިލް ކަމެއް އިނގޭތޯ. އެހެންވީމާ، މި ރަށުގެ ޙާލަތު، މި ރަށަށް އެޕްލައި ވާނީ.

އެހެންވީމާ، ޖުމްލަކޮށް މުޅި ރާއްޖޭގެ ކުޅިވަރުގެ މި ދެންނެވި ކަންކަމުގެ ތަރައްޤީގެ ޕޮލިސީ މިއީ. ވަސީލަތް ހަމަކޮށް، ކުޑަކުދިންގެ ޕާކު ހަދައިދިނުމާއި، ފިޓްނަސް ރިކްރިއޭޝަން ސެންޓަރު، ހަމަ އެގޮތަށް ފުރިހަމަކޮށް ހަދައި ހުޅުވައިދިނުމާއި، އައުޓްޑޯ ޖިމް ޤާއިމުކޮށްދިނުން. މި އަހަރާއި މި އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ނިންމާނަން. އެގޮތުގެ ތެރެއިން މި ރަށްވެސް ހަމަ ނިމިގެންދާނެ ކަމުގެ ޔަޤީންކަން ދެން. މި ރަށުގައި ނެތް ކަންކަން ފުރިހަމަކޮށްދޭނަން.

އާދެ، ހަމަ އެއާއެކީގައި، އާރު.ޓީ.އެލް. ޚިދުމަތް އަޅުގަނޑު އޮންނާނީ ދަންނަވާފައި. މި އަހަރުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ އަތޮޅެއް ކަވަރކުރާނެ. އެހެންވީމާ، މި އަތޮޅުގައިވެސް، އާރު.ޓީ.އެލް.ގެ މިހާރު މި ހިނގާ ހައި ސްޕީޑް ސަރވިސްއެއް ނޫން ހިނގަނީކީއެއް. މި އަތޮޅުވެސް އޭގެތެރޭގައި ހިމެނިގެންދާނެ. ކުރިއަށް އޮތް ޕްލޭންގައި، މިހާރު ދެން އަޅުގަނޑު އޮންނާނީ އިޢުލާނުވެސް ކޮށްފައި، ފުރަތަމަ ރ. އަތޮޅު، ދެން ބ. އަތޮޅު. ދެން އެއަށްފަހު، ދެން ބާކީހުރި އަތޮޅުތައް ބެހިގެންދާނެ. އެހެންވީމާ، އެގޮތަށް ދާއިރުގައި މާގިނަ ދުވަހެއް ނެތް ދޮގެއްތޯ. އެހެންވީމާ، މި އަހަރު ނިމެންވާއިރުގައި، އިރާދަކުރެއްވިއްޔާ އާރު.ޓީ.އެލް.ގެ ޚިދުމަތް، މިހާރުގެ މި ކޮންސެޕްޓްގައި ހުރިހާ އަތޮޅެއްގައި ކަވަރުވާއިރުގައި، މިހާރު މި އަތޮޅަށްވެސް، މި ރަށަށްވެސް ޚާއްޞަކޮށް މި ދިމާވާ ގިނަ ވަގުތު ނެގުމާއި، މިހުރި އިޝޫސްތައް ޙައްލުވާނެ. އެހެންވީމާ، އެ ޔަޤީންކަންވެސް އަޅުގަނޑު ދެން ތިޔަބޭފުޅުންނަށް.

އާދެ، އެހެންވީމާ، ޖުމްލަކޮށް މިކަހަލަ ކަންތައްތަކެއް މިހިރީ. ހަމަ އެގޮތަށް، އިންޖީނުގޭގެ މައްސަލަ، ނޫނީވިއްޔާ ފެނަކައިގެ ޚިދުމަތް ފުރިހަމަކުރަންޖެހޭ ރަށްރަށްވެސް އެބަހުރި. މި ރަށް މިއީ އެކަހަލަ ރަށެއް. ޖެނެރޭޓަރުގެ އިޝޫ ވަރަށްބޮޑު. ޖާގައިގެ އިޝޫ ވަރަށްބޮޑު. އިންޖީނުގެ ހުރި ތަނުގެ މައްސަލަ އެހާބޮޑު. ދެން ބަދަލުކުރުމުގެ މަސައްކަތް އެބަ ހިނގާ. އެހެންވީމާ، މިއީ ހޮލިސްޓިކްކޮށް، ވަށާޖެހޭގޮތަށް އަޅުގަނޑުމެން ޙައްލުކުރާ ކަންކަން.

އެހެންވީމާ، ހަމައެކަނި މި ރަށަކު ނޫން. މިގޮތަށް މިކަން ޙައްލުކުރަންޖެހޭ ގިނަ ރަށްތަކެއް އެބަހުރި. މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ރަށްރަށުގައި އެހެން ދިމާއަކަށް، އަޑުގެ ގޮތުން އުނދަގޫނުވާ ދިމާއަކަށް އިންޖީނުގެ ބަދަލުކުރުމުގެ ޕްރޮޖެކްޓެއް ހިންގަން ފަށާފައި މިއޮތީ. އެ އަދި ވަސީލަތް ހަމަކޮށްދިނުން. ޖެންސެޓްތައް އަޕްގްރޭޑް ކުރުން، ނޫނީވިއްޔާ އާ ޖެންސެޓްތައް ގެނައުން. މި ރަމަޟާން މަސް ފެށެންވާއިރަށް ކޮންމެހެން އެންމެ އިސްކަމެއް ދީގެން ހަމަކުރަންޖެހޭ ރަށްރަށަށް، އާ ޖެންސެޓް ގެނައުމުގެ މަސައްކަތްތަކެއް މިހާރު އެބަ ހިނގާ. އަދި ކޮންމެހެން އާކުރަން ނުޖެހުނަސް، މާލަސްތަކެއްނުވެ ރިޕްލޭސް ކުރަންޖެހޭނެ ޖެންސެޓްތައް ހުރި ރަށްރަށް އެބަހުރި. ހަމަ އެންމެ އިސްކަމެއްދީގެން، ފުރަތަމަ ބުރު، ނޫނީ ދެވަނަ ބުރުގެ ތެރޭގައި، ކުރިއަށް މިއޮތް ދެ ރައުންޑަކަށް އަޅުގަނޑުމެން ޖެންސެޓްތައް އެބަ ގެންނަން. މި ރަށުގެ މައްސަލަވެސް ޙައްލުކުރާގޮތަށް އޭގައި އޮންނާނެ. އެހެންވީމާ، މި ރަށުގެ އިންޖީނުގޭ މައްސަލަވެސް އަޅުގަނޑުމެން މިގޮތަށް އިރާދަކުރެއްވިއްޔާ ޙައްލުކުރާނަން.

އާދެ، ޖުމްލަކޮށް އަޅުގަނޑު މި ދަންނަވާލީ، މާއެނބޫދޫގެ ރައްޔިތުންގެ ތަރައްޤީއަށް ހުރި އެކިކަހަލަ ދަތިތަކުގެ ވާހަކަ. ޙައްލުކުރަން ހުރި އެކިކަހަލަ ކަންކަމުގައި، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ސަރުކާރުގެ ފަރާތުން ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ކަންކަން ޙައްލު ކޮށްދޭނަމޭ ދަންނަވާލަން. އެންމެ އިސްކަމެއްދޭ، އެންމެ މުހިންމު، އެންމެ ބޮޑު ކަމަކަށް، ބިން ހިއްކުމުގެ ވާހަކަ، ނިންމާލަމުންވެސް ދަންނަވާލާނީ. އިރާދަކުރެއްވިއްޔާ ދެން މާލަސްތަކެއް ނުވާނެ. އީ.އައި.އޭ. ފާސްކޮށްލަން ނަގާ ދެތިން ހަފްތާ، ނޫނީވިއްޔާ އެ ނަގާ ވަގުތުކޮޅު އެކަނި ނަގާނީ. އެކަން ނިމުނުހާ އަވަހަކަށް، ބަންޑްވޯލް ޖަހަން ފަށައި، ބަންޑްވޯލް ޖަހައި ނިމެންވާއިރަށް، ޢަމަލީގޮތުން ރިކްލެމޭޝަން ފެށޭނެ. އިރާދަކުރެއްވިއްޔާ އެ ޔަޤީންކަން ދެމުން، އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލަން.

ދެން އަޅުގަނޑު ޙަޤީޤަތުގައިވެސް އުންމީދު ކުރަނީ، ބިން ހިއްކައި ނިމި، އެތަން ހުޅުވުމަށް ތިޔަބޭފުޅުންގެ އަރިހަށް އައުމަށް. އެކަމުގެ އެ އުންމީދާ އެކީގައި ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮދުޢާއާއި ތަހުނިޔާ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން. އިރާދަކުރެއްވިއްޔާ މި ބަރަކާތްތެރި ރަމަޟާން މަހަކީ، އަޅުގަނޑުމެންގެ ނަފްސުތައް ތަރައްޤީކުރާ ރަމަޟާން މަހެއް ގޮތުގައި ހެދުމަށް އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަން.

އާދެ، އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.