بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ސަރުކާރުގެ އިސްބޭފުޅުން، އަދި މި ޖަލްސާ، ދުރާއިގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ރައްޔިތުންނާ ބައްދަލުކޮށްލަން މި ރަށަށް މި އާދެވުނީ ދެވަނަފަހަރު. މީގެކުރިން ގާތްގަނޑަކަށް އެއްއަހަރު ކުރިން، މިދިޔަ އަހަރުގެ މާރިޗު މަހުގެ ފަސްވަނަ ދުވަހު، އަޅުގަނޑަށް ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނު. އޭރުގެ ހާލަތާއި މިހާރުގެ ޙާލަތާ އަޅައިބަލާއިރު އިރާދަކުރެއްވީތީ، ޤައުމުގެ ހާލަތު ވަރަށް ތަފާތު، ވަރަށް ރަނގަޅު. ވަރަށް ގިނަ ކަންކަން އިރާދަކުރެއްވީތީ ރަނގަޅު ކުރެވި، ރަނގަޅު މިޞްރާބުން ކަންކަން ހާސިލުކުރެވެމުން މިދަނީ.
އެ ދުވަހު ތިޔަބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރިއިރުގައި، ޤައުމުގެ އިޤްތިޞާދު އޮތް ހާލަތު މިހާރާ ވަރަށް ތަފާތު. އޭރު އަޅުގަނޑު ތަންފީޒުކުރަން ލިބިފައި އޮތް ބަޖެޓް އޮތީކީ، ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަން ކުރެވޭފަދަ ގޮތަކަށް ނޫން، އޭރުގައި އޮތް މަޖިލީހުން ފާސްކޮށްދީފައި. އެއީ، އޭގެ ކުރީގެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއް. އެހެންނަމަވެސް، ޤާނޫނީ ހަމަތައް އޮންނަގޮތުން، ވެރިކަމެއް ބަދަލުވިޔަސް، އެންމެފަހުން އޮންނަ ސަރުކާރެއްގެ ފަރާތުން ބަޖެޓް ހުށަހަޅާ އޭރު އޮންނަ މަޖިލީހަކުން. ކަންދިމާކުރިން ގޮތުން، އެ ސަރުކާރުގެ ސުޕަރ މެޖޯރިޓީ މަޖިލީހެއްވީމާ، އަޅުގަނޑުގެ އެއްވެސް ވަޢުދެއް ނުފުއްދޭ ގޮތަށް ބަޖެޓް ހެދީ.
މިއަދުގެ ހާލަތު ތަފާތު. ތިޔަބޭފުޅުންގެވެސް ފުރިހަމަ އެއްބާރުލުމާ އެކީގައި، މި ދާއިރާއަށްވެސް އަޅުގަނޑުމެންގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މަޖިލިސް މެންބަރަކާއި އަދި ޖުމްލަކޮށް، މުޅި ރާއްޖޭގެ ލޮބުވެތި ރައްޔިތުންވެސް، ކަންކަން ފަހިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ރައްޔިތުންނަށްޓަކައި އަޅުގަނޑު ވީ ވަޢުދުތައް ފުއްދޭނެ ގޮތަށް. އެހެންވީމާ، އޭރާއި މިއަދާ ހާލަތު އެގޮތުންވެސް ވަރަށް ތަފާތު.
މިދިޔަ އަހަރު ގިނަ ދުވަސްތައް ހޭދަކުރަން މިޖެހުނީ، ބޭރުގެ ދަރަނި ދެއްކުމަށް. އެތެރޭގެ އެކިއެކި ފަރާތްތަކަށް ދައްކަން ހުރި ލޯނުތައް ދެއްކުމަށް، އިޤްތިޞާދު ހަމައަކަށް އެޅުވުމުގައި. އިރާދަކުރެއްވީތީ، އެކަންކަމުގައި ރަނގަޅު ނަތީޖާތައް ލިބި، މިއަދު މިވަނީ ރައްޔިތުންނަށް އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ޢަމަލީގޮތުން ފުއްދޭގޮތަށް، ކަންތައްތައް ފަހިކުރެވިފައި. މިއަދާ ހަމައަށް މިކަންކަން ގެންދިޔުމުގައި، ކުޑަހުވަދޫގެ ލޮބުވެތި ރައްޔިތުން އަދި ޖުމްލަކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، އަޅުގަނޑަށާއި ސަރުކާރަށް ދެއްވާފައިވާ އެއްބާރުލެއްވުމަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.
އަޅުގަނޑު ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިއަދު އަޅުގަނޑު ހަވީރު މި ރަށަށް އައުމުން، ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައިވެސް ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ވާނީ ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް ރަސްމީކޮށް ކަނޑައަޅާފައި، ރާއްޖޭގެ ތަރައްޤީގެ މާސްޓަރ ޕްލޭނެއްގެ ތަޞައްވުރު. އޭގެތެރޭގައި، ވަކިން ޚާއްޞަ އިސްކަމެއްދީގެން، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ތަރައްޤީ ކުރާނެ އެންމެ މަތީ ފެންވަރުގެ 7 އަރބަން ސެންޓަރެއް ކަނޑައެޅި، އޭގެތެރޭގައި، މި ރަށް އަޅުގަނޑު ހިމެނިން. އެކަން އޭރުވާނީ އިޢުލާނު ކޮށްފައި. އެއީ، ނަމެއްގައި ކުރި ކަމެއް ނޫން. އަޅުގަނޑެއް ވަޢުދެއް ނުވާނަން، ނުވެސްވަން، އަދި ނުވެސްވާނަން ނަމެއްގައެއް. ހިތުގެ އެންމެ ފުންމިނުން އެކަމެއް ކުރުމުގެ ޢަޒުމުގައި، ނިޔަތުގައި އަދި ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކީގައި ނޫނީވިއްޔާ، ރައްޔިތުންނާ އަޅުގަނޑު މުޚާޠަބެއް ނުކުރާނަން.
އެހެންވީމާ، އަޅުގަނޑު ކަނޑައެޅީ، މި ރަށަކީ އަރބަން ސެންޓަރެއް ގޮތުގައި ތަރައްޤީ ކުރާނެ ތަނެއް ކަމަށް. ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައި މިވަނީ، އެގޮތަށް އެކަން ގެންދަން. މާނައަކީ، އެންމެ މަތީ ފެންވަރުގައި، ހުރިހާ ދާއިރާއެއްގެ ކަންކަން ފުރިހަމަވެގެންދާނެއޭ. އެއީ، ތަޞައްވުރަކީ. އޭގެ ބޭނުމަކީ، އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީކުރަން ބޭނުންވަންޏާ، އެއްފަސް ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައިވާތީ، އެކަމަށް މަގުފަހިކުރުން.
މި ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިޤްތިޞާދީ ކުރިއެރުމާއި، އިޖުތިމާޢީ ދުޅަހެޔޮކަމާއި، މި ހުރިހާ ކަމަކަށް ފުރިހަމަކަން ގެނެސްދިނުމާ އެކުގައި، މި ރަށަށް ހިޖުރަކުރަން އަދިވެސް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެން. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، އަޅުގަނޑު ވަރަށް އުފަލާއެކީގައި ފާހަގަކުރަން، ތިޔަބޭފުޅުންނަކީ ވަރަށް ވެލްކަމިންގ، ވަރަށް މެހެމާންދާރީ ރަނގަޅު ރައްޔިތެއް. މިހާތަނަށްވެސް އާބާދީ އެއްފަސްކުރުމުގައި ލާމަސީލު ކުރިއެރުމެއް ހޯއްދަވާފައިވާ ރައްޔިތެއް. ކުރިޔަށް އޮތް ތާނގައިވެސް އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގެ ތެރެއިން، އެކަން އެގޮތުގައި ކުރިއަށް ގެންދިޔުމުގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން ފުރިހަމައަށް އެއްބާރުލުން ތިޔަބޭފުޅުންނަށް ދެމުން ގެންދާނަން.
އާދެ، މިގޮތުން ބަލާއިރު، ވަރަށް ގިނަ ކަންކަން އަޅުގަނޑު ކުރަން ވާނީ ނިންމާފައި. އެންމެ މުހިންމު އެއްކަމަކީ، ގެދޮރުވެރިކަން. އެންމެ މުހިންމު އެއްކަމަކީ، ގެދޮރުވެރިކަން ޙައްލުކުރުން. ހައުސިންގ. މިއީ ހަމައެކަނި މި ރަށަކަށް ނޫން. ރާއްޖޭގެ ހަމަ ކޮންމެ ކަންކޮޅެއްގައިވެސް، އަދި އަމުދުން އާބާދީ ބައިބޯވެފައިވާ، ނޫނީވިއްޔާ ތަރައްޤީގެ ގޮތުން، ގިނަ ކަންކަމެއް ކުރެވެމުންދާ، އާބާދީ ބޮޑެތި ސަރަޙައްދުތަކުގެ ރަށްރަށުގައި އެންމެ މުހިންމު މައްސަލަ. އެހެންވީމާ، އަޅުގަނޑު ކަނޑައެޅީ ސިޔާސަތެއްގެ ގޮތުގައި، އެންމެ މުހިންމު ގޮތެއްގައި ހައްލުކުރާނެ ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން.
މި ރަށުގައި ބިމެއް ހިއްކިފައި އެބައޮތް. އެހެންނަމަވެސް، މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އެއޮތީ، ޙަޤީގަތުގައި އެއްވެސް ކަމެއް ނުކުރެވި، ބިން ހިއްކުނުގޮތަށް. ތިޔަބޭފުޅުންގެ ތެރެއިން އެތައް ބަޔަކަށް ގޯތި ދެވިއްޖެ ކަމަށް، ކައުންސިލް ރައީސް، މަޖިލިސް މެންބަރު އެ ފާހަގަކުރެއްވީ. އެހެންނަމަވެސް، އެތަނުގައި ދިރިއުޅެވޭނެ ގޮތެއް ނެތް. ކަރަންޓް، ފެން، ނަރުދަމާ، މަގެއް، އެކައްޗެއްވެސް ނެތް. އަޅުގަނޑުމެންގެ ވިސްނުމަކީ، އެކަން ބަދަލުކުރުން. އެކަން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދިނުން. މިތާ މިރޭ ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ، ހިއްކި ބިމަށް ބޭނުންވާ ހުރިހާ ޔޫޓިލިޓީޒާ ގުޅޭ އެއްބަސްވުން. މި ރޭގެ އެގްރީމަންޓްގައި އޮންނާނީ، ފެނާއި ނަރުދަމާ އެކަނި ލައިދިނުން. އެހެންނަމަވެސް، ހަމަ އެއާއެކީގައި، ކަރަންޓުގެ ޚިދުމަތާއި، މަގުތައް ހެދުމާ އެކީގައި، އަދި މި ރަށުގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫޢު ފުޅާކުރެވި، ރަށުގެ ހުރިހާ މަގެއް ހެދުމާއެކީގައި، ހިއްކި ތަނުގެ މަގުތަކާ އެކީގައި ހެދިގެންދާނެ މަޝްރޫޢެއް މިއީ.
އެއީ، އަރބަން ސެންޓަރެއްގެ މަފްހޫމަކީ. މި ރަށުގެ ހުރިހާ މަގެއް އިރާދަކުރެއްވިއްޔާ ހަދާފައި، މަގުހެދުމުގެ މަޝްރޫޢު އަޅުގަނޑުމެން ނިންމާލާނީ. އެހެންވީމާ، ހިއްކި ބިމުގައިވެސް އެކަން ކުރެވިގެންދާނެ. އޭރުން އެތަނުގެ އިކޮނޮމިކް ވެލިއު ޙަޤީގަތުގައި އެ ރިއަލައިޒް ވަނީ. ޙަޤީޤަތަކަށް ވަނީ. މިހާރު ޕްރައިވެޓް ފާމަކުން ޝައުޤުވެރިކަން ފާޅުކޮށްފައި އެވަނީ، އަމިއްލައަށް ގެދޮރު ބިނާކޮށްދޭން. ރާއްޖޭގެ ރަށެއްގައި އެ ސްކޭލްގައި ބަޔަކު ޝައުޤުވެރިކަން ފާޅުކުރީ އަލަށް. އަދި ކިހިނެއްތޯ ވާނީ، އެ ބިމުގައި މި ރަށުގެ ތަރައްޤީއަށް އަދި އިތުރަށް މިހިރަ އިންފްރާސްޓްރަކްޗަރ ކަންތައް ފުރިހަމަވެގެން ހިނގައްޖިއްޔާ. އިތުރު ފަރާތްތައްވެސް ޝައުޤުވެރިކަން ފާޅުކުރާނެ.
އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން މިހިރީ އިރާދަކުރެއްވީތީ، ތިޔަބޭފުޅުންގެ ވިސްނުމާ އެއްގޮތަށް. މިހާރު އަޅުގަނޑުމެން އިޢުލާނުކޮށްފައި މިއޮތް 500 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުގެ ވިސްނުމަކީ، ކައުންސިލާއި، ރައްޔިތުންނާ ގުޅިގެން މިކަން ގެންދިޔުން ތިޔަބޭފުޅުން ބޭނުންވެލައްވާނަމަ. ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި ހުރި ވަރަށް ގިނަ ގޯތި ރަށުގައި މިހިރީ. ހިއްކި ބިމުގައާއި، ރަށުގެ އެކި ތަންތާނގައި. އެ ގޯތިތަކުގައި ގެދޮރު އެޅުމުގައި، ދަތިތައް ހުރުމާ އެކީގައި، އާމްދަނީގެ ގޮތުން ދަތިކަން ހުރުމާ އެކީގައި، މި 500 ހައުސިންގ ޔުނިޓް މަޝްރޫޢުގެ ތެރެއިން، ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި، ތިން ކޮޓަރީގެ ގެއެއްއަޅަން ބޭނުންވާ ފަރާތްތައްވާނަމަ، އެކަން ފާހަގަކޮށްދިނީމަ، އަޅުގަނޑުމެން މި 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ، ތިޔަބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން. އެ އަޅައިދޭން ކަނޑައަޅާ އަދަދު ކަނޑައަޅާފައި، ބާކީވާ އަދަދެއް އަޅުގަނޑުމެން ފްލެޓް އަޅާ މަޝްރޫޢެއްގެ ގޮތުގައި އަޅާނީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކަނޑައަޅާނީ. އޭރުން އަމިއްލަ ގޯތީގައި އިރާދަކުރެއްވިއްޔާ، ގެއެއް ބިނާވީ. އެހެންނަމަވެސް، މި ޕްރޮޖެކްޓަކީ ތްރީ ބެޑްރޫމް ފްލެޓްތަކެއް އަޅައި، ނޫނީ ތްރީ ބެޑްރޫމް ހައުސިންގ ޔުނިޓުތަކެއް އެޅުމުގެ މަޝްރޫޢެއް ވީމާ، އަޅުގަނޑުމެންނަށް އަޅައިދެވޭނީ، ކޮންމެގޮތެއްވިޔަސް މި ޕްރެޖްކްޓްގެ ތެރެއިން ތިން ކޮޓަރީގެ ގެއެއް. އެހެންނަމަވެސް، އެއީ، ކޮންމެގޮތެއްވިޔަސް އެންމެ ފުރަތަމަ ގެ ބޭނުންވާ މީހާއަށް ހަމަ ރީޒަނަބަލް ސައިޒެއް.
ދެން އޭގެ އިތުރަށްވެސް، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، މި ރަށަށް އިތުރު ރަށެއްގެ ބަޔަކު ގެނެވޭ ކަމަށްވަންޏާ، އިތުރު ހައުސިންގ މަޝްރޫޢުތައް ހިންގާނަން. އަދި އޭގެ އިތުރަށްވެސް، މި ރަށަށް ބޭނުންވާ ހައުސިންގ މަޝްރޫޢުތައް ގެންދެވޭނެ، ކުރިއަށް އޮތްތާނގައި. އެހެންވީމާ، ތިޔަބޭފުޅުންގެ ޔަގީންކަމަކަށްޓަކައި އަޅުގަނޑު މި ދަންނަވަނީ، މި ރަށުގެ ތަރައްޤީގައި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، އަޅުގަނޑުގެ ސިޔާސަތުގައި މިއޮތީ ގެދޮރުވެރިކަމަށް އެކަށީގެންވާ ރަނގަޅު ކުރިއެރުމެއް ގެނެސްދިނުމޭ. އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީއަށްޓަކައި، އެކަމުގައި އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް ތިޔަބޭފުޅުންނާ އެކީގައި ކުރިއަށްގޮސް ނަތީޖާ ނެރެދޭނަމޭ.
މީގެއިތުރަށް، މުޅި ރާއްޖެއަށް ހުޅުވާލާފައި އޮތް ސްކީމްވެސް އެބައޮތް އިނގޭތޯ. ތިޔަބޭފުޅުންނަށްވެސް ހަމަ ކުރިމަތިލެވޭ ސްކީމެއް އެއީ. ހައުސިންގ މިނިސްޓްރީން ބޭންކްތަކާ ގުޅިގެން، ޚާއްޞަކޮށް، ބީ.އެމް.އެލް.އާ ގުޅިގެން އިޢުލާނުކޮށްފައި މިއޮތް، އަޅުގަނޑުގެ މެނިފެސްޓޯގައި އޮތް ވަރަށް މުހިންމު ސްކީމެއް އެއީ. އިސްލާމިކް މޮޑެލްގެ ދަށުން ފަސް ޕަސެންޓުގެ ލޯނު ސްކީމެއް އެއީ. ވަރަށް ލުއިގޮތެއްގައި ނެގޭ ލޯނެއް. މި ރަށަށް ވެއްޖިއްޔާ، ތިން މިލިއަނާ ހަމައަށް އެ ލޯނު ނެގޭނެ. ނަގައިގެން، އަމިއްލަ ގޯތީގައި ގެދޮރުއެޅޭނެ. އެއީ، ސަރުކާރުގެ ލޯނު ސްކީމެއް. އެ ލޯނު ސްކީމު ހިންގުމަށް، މުޅި ރާއްޖޭގައި މި އަހަރު ހިންގުމަށް އަޅުގަނޑުމެންގެ ބަޖެޓުގެ އެއް ބިލިއަން ރުފިޔާ އެއޮތީ ކަނޑައަޅާފައި. ދެން މިހާރު ކަމާގުޅޭ އެގްރީމަންޓުތައް ބޭންކާ އެކީގައި ހެދުމުގެ މަސައްކަތް ހިނގަނީ. އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ބަޔާންކޮށްފައި އޮންނާނެ، މިއަހަރުގެ މެދު ތެރޭގައި ލޯނުތައް ދޭން ފެށޭނެއޭ، މާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ލޯނަށް އެދޭ ފަރާތްތަކަށް. އެހެންވީމާ، އެ ސްކީމްވެސް އެބައޮތް، އެ ފުރުޞަތުވެސް އެބައޮތް. އެހެންވީމާ، އެ ފުރުޞަތުގެ ބޭނުން ހިއްޕެވުމަކީވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާ ކަމެއް.
އާދެ، މީގެއިތުރަށް، ދެންހުރި ކަންކަމަށް ބަލާއިރުގައި، އަޅުގަނޑުމެން މި ސޮއިކުރި އެއްބަސްވުމަކީ، ކޮމާޝަލް ޕޯޓު، ނޫނީވިއްޔާ ވިޔަފާރި ބަނދަރު ހެދުމުގެ މަޝްރޫޢު. މިއީ، އަބަދުވެސް ދެކެވޭ ވާހަކައެއް. އަދި ކުރަންޖެހޭ ކަމެއްގޮތުގައި އަބަދުވެސް ފާހަގަކުރާ ކަމެއް. އެހެންނަމަވެސް، އެއްވެސްއިރަކު ޙަޤީޤަތަކަށް ހަދާކަށް އެއްވެސް ބަޔަކު އުޅޭ ކަމެއްނޫން. މި ސަރަޙައްދަށް ބަލާއިރުގައި، ވަރަށް ވައަބަލް ޕްރޮޖެކްޓެއް މިއީ. ވަރަށް ވަރަށް ބޮޑަށް ފީޒިބަލް ވާނެ މަޝްރޫޢެއް މިއީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުގެ މަސައްކަތްތައް، މިއަދު މި ސޮއިކުރެވުނު ސޮއިކުރުމާ އެކީގައި، ދެން ކުރަންހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭ ޔަގީންކަމަކީ، މި ވިޔަފާރި ބަނދަރު، ތިޔަބޭފުޅުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހިނގާ އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއް ގޮތުގައި، މި ދައުރު ތެރޭގައި ހަދައި، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދައްކައިދޭނަމޭ.
އާދެ، ހަމަ އެއާއެކީގައި، ވިޔަފާރީގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ބޭންކުގެ ވާހަކަ ފާހަގަކޮށްލާފައި ކުރިއަށްދާނީ. މި ރަށުގައި ހުރި ބޭންކް ބްރާންޗުގެ އާ އިމާރާތެއް އެޅުމަށްވެސް މިއަދު މިވަނީ ބިންގާ އެޅިފައި. ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ސަރުކާރުގެ، ރައްޔިތުންނާ ގާތަށް ބޭންކިންގ ޚިދުމަތް ގެންދިޔުމުގެ ސިޔާސަތު ޙަޤީޤަތަށް ހެދުމަށް އެބަ ދެއްވާ. ބޭންކް ބްރާންޗްގެ އާ އިމާރާތް އެޅިގެން ދިޔައިމާ، އިތުރަށް ޚިދުމަތް އެބަ ރަނގަޅުވެގެންދޭ. އިތުރު އޭ.ޓީ.އެމް. ސަރވިސްތައް އެބަ ލިބިގެންދޭ. މިހާރު ލިބެނީ ރުފިޔާގެ ޚިދުމަތް. ތިޔަބޭފުޅުން ވަރަށް ބޮޑަށް ބޭނުންވެލައްވާ، އަދި ވަރަށް ޖަސްޓިފައިޑް، މި ރަށުގައި ޑޮލަރު، އޭ.ޓީ.އެމް. އިން ނެގޭ ޚިދުމަތް. ޑޮލަރުގެ ޚިދުމަތް ލިބޭގޮތްވުން. އެއަރޕޯޓެއް އޮތުމާއި، ރިޒޯޓުތައް ހުރުމާއި، މިހެންގޮސް މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، ވަރަށް ވަރަށް މުހިންމު ކަމެއް ގޮތުގައި ފާހަގަކުރަން. އަދި އަރބަން ސެންޓަރަކަށް ވާއިރުގައިވެސް.
އެހެންވީމާ، ރައްޔިތުންގެ އުންމީދުތަކާ ގުޅޭގޮތަށް ތިޔަބޭފުޅުން ބޭނުންވެލައްވާ ގޮތަށް އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން، މި އަހަރު ނިމުމުގެ ކުރީގައި، މި ރަށުގައި ޑޮލަރުގެ އޭ.ޓީ.އެމް.ގެ ޚިދުމަތް ލިބިގެންދާނެ. އެކަމަށްޓަކައިވެސް ބޭންކް އޮފް މޯލްޑިވްސްއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އާދެ، ވިޔަފާރީގެ ފުރުޞަތުތައް މިގޮތަށް އިތުރުވެގެން ދިޔައިމަ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ލިބޭނީ، އޭގެ އިޤްތިޞާދީ ނަފާ، އިޤްތިޞާދީ ކުރިއެރުން.
އާދެ، މިކަންކަމުގެ އިތުރަށް، އުމްރާނީ ތަރައްޤީގެ ދެންހުރި ކަންކަމަށް ބަލައިލާއިރުގައި، މިސާލަކަށް، ބަނދަރު. ބަނދަރުގެ މަޝްރޫޢަކީ، މި ރަށުގައި ހަމަ އެންމެ މުހިންމު ކަމެއް ދޭންޖެހޭ އެއް ކަންތައް. ބަނދަރުގެ ޖާގަ ބޮޑުވެގެންދިޔުމަކީ މަސްވެރިންނަށާއި، ޖުމްލަކޮށް ވިޔަފާރިވެރިންނަށް އަދި އާންމުކޮށް މި ރަށުގެ ރައްޔިތުންނަށް އަދި މި ރަށަށް ޚިދުމަތް ހޯދަން އަންނަ އެންމެންނަށާއި، ޖުމްލަކޮށް، މި ސަރަޙައްދަށް މުހިންމު، ދެކޮޅުޖެހޭ ޕްރޮޖެކްޓެއް. އެހެންވީމާ، މިހާރު އަޅުގަނޑުމެން އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްފައި އޮތް މަޝްރޫޢު، ސްކޭލް ބޮޑުކުރެވި، ރައްޔިތުންގެ އުންމީދުތަކާ ގުޅޭގޮތަށް އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާ ބޮޑު ސްކޭލްގައި، އިރާދަކުރެއްވިއްޔާ އެ ބަނދަރުގެ މަސައްކަތް ދާދި އަވަހަށް ފެށި، އަޅުގަނޑުމެން ނިންމާލައިދޭނީ ރައްޔިތުންގެ އުންމީދުތައް ހާސިލުވާ ފެންވަރުގައި.
އާދެ، ހަމަ އޭގެއިތުރަށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ކުނި މެނޭޖް ކުރުމުގެ ކަންތައްތަކުގައިވެސް، އަޅުގަނޑުމެން ސަރުކާރުން ކަނޑައަޅާފައި އޮންނަ ސިޔާސަތު. ކުނި މެނޭޖް ކުރުމުގައި އެއް ކަމަކަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި، މި އަހަރު ނިމެންވާއިރަށް، އެ ރަށެއްގެ ނިސްބަތުން ކުނި މެނޭޖް ކުރެވޭނެ މަރުކަޒުތައް ޤާއިމުވެގެންދާނެ. މި ރަށުގައި އެކަން ޤާއިމުވެފައި ވަނީ. އެހެންނަމަވެސް، އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، ހުރިހާ ސިޓީތަކެއްގައާއި، ހުރިހާ އަރބަން ސެންޓަރުތަކެއްގައި، ވެރިކަން ކުރާ ހުރިހާ ރަށްތަކެއްގައި ޚިދުމަތް ދޭނީ ވެމްކޯއިން ކަމުގައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން، މި ރަށުގައި ވެމްކޯގެ ޚިދުމަތް ދޭން ފަށާނަން.
އާދެ، މިކަންކަމުގެ އިތުރަށްވެސް، ވަރަށް މުހިންމު ކަންކަން މި ރަށުގެ ތަރައްޤީއަށްޓަކައި، ތަޢުލީމީ ދާއިރާއިންވެސް ކުރަން އެބަހުރި. ކުޅިވަރުގެ ދާއިރާއިންވެސް، އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއްގެ ވާހަކަ. މިއަދު އޮތް ބައްދަލުވުމުގައިވެސް އަޅުގަނޑު ޔަޤީންކަން ދިނިން. އަދި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށްވެސް މި ޔަޤީންކަން ދެނީ. އަޅުގަނޑު ވަޢުދުވެފައިވާ މަޝްރޫޢު، ދެންމެގައި މިތަނުގައި ދެއްކެވި ޕްރެޒެންޓޭޝަންގައިވެސް، ތިޔަބޭފުޅުންގެ އުންމީދުތައް އެވަނީ ފާހަގަކޮށްދެއްވާފައި. އެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް، މި އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށައިދޭނަން. އެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން.
އާދެ، މިކަންކަން ފެށިގެން ދިޔައީމަ، މި ރަށަށް އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުދިގެންދިޔައީ. އަޅުގަނޑު ލިސްޓު ބަލައިލައިފިން. އެކަމަކު ވަޢުދުތައް އެކަންޏެއް ނޫން، އަޅުގަނޑު ކުރިއަށް ގެންދާނީ. އޭގެ އިތުރަށްވެސް، މި ރަށުގައި އަރބަން ސެންޓަރެއް ފުރިހަމަގޮތުގައި ތަރައްޤީކުރުމުގައި ކުރަންހުރި ކަންކަން އެބަހުރި. މިއަދު ފެށުނު ހޮސްޕިޓަލް މަޝްރޫޢަކީ، އޭގެ އެންމެ މުހިންމު އެއް ކަންތައް. ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައި، އަޅުގަނޑުމެން އެ މަޝްރޫޢު ނިންމާނަން. އަދި އޭގެއިތުރަށްވެސް، އެކި ދާއިރާތަކުން ކުރިއަށް ގެންދާނެ ކަންކަން ހުންނާނެ.
އެހެންވީމާ، ޖުމްލަކޮށް އަޅުގަނޑު މިދޭ ޔަޤީންކަމަކީ އެއީ. މި ރަށުގައި ގެދޮރުވެރިކަމަށް ބަލާއިރުގައި، އާބާދީ އެއްފަސްކުރުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ހިންގިފައި އޮތްއިރުގައިވެސް، އަދިވެސް ހައްލުނުވާ ކުދިކުދި ކަންކަންވެސް އެބަހުރި. ވާނީގެ ރައްޔިތުން މި ރަށަށް ބަދަލުކުރުމުގައި، އޭރު އަޅުގަނޑު އެކަމުގައި އުޅެން ފުރުޞަތު ލިބިގެންދިޔަ ކަމެއް އެއީ. އޭރު ހުރި މަގާމުގެ ގޮތުން. ނަމަވެސް، މިއަދު މި އެނގިގެން މިދިޔައީ، އެ މައްސަލައަށްވެސް އެކީގައި އަދި ހައްލު ނާންނަކަން. ތޭރަވަރަކަށް ޢާއިލާއަށް މައްސަލަ ޙައްލެއް ނުވޭ.
އެހެންވީމާ، މި މައްސަލަ ޙައްލުނުވާ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމުގައި، އަޅުގަނޑުމެން މި ސަރުކާރުން ވަރަށް ސަމާލުކަންދީގެން، އެކަމަށް އަވަސް ދާއިމީ ޙައްލެއް އަޅުގަނޑުމެން ގެނެސްދޭނެކަމުގެ ޔަޤީންކަން އެ ބޭފުޅުންނަށް ދެން.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަމެއްގައި، އަޅުގަނޑުމެން ފުރިހަމަ ސަމާލުކަންދީ، އިސްކަންދީގެން ކުރިއަށް ގެންދާނަމޭ. އިރާދަކުރެއްވިއްޔާ، މި އަހަރު ވެގެންދާނީ، ޢަމަލީގޮތުން ކުޑަހުވަދޫގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ވެފައިހުރި ވަޢުދުތަކާއި އަދި އޭގެއިތުރަށްވެސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި، ސަރުކާރުގެ ތެރެއިން މި އަހަރު އަޅުގަނޑުމެންނަށް ބަޖެޓް ސްޕޭސް ލިބެންއޮތް އެންމެ ފުޅާމިނެއްގައި، ތަރައްޤީގެ މަސައްކަތްތައް ފެނިގެންދާނެ އަހަރަށޭ. އަދި އޭގެ ދެންހުރި ކަންކަން މި އަންނަ އަހަރު ތެރޭގައި ހިނގަމުންދާނެއޭ. މީގެ އިތުރަށްވެސް، ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަމުގައި، އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ކަންކަން ޙައްލުކުރަމުން ދާނަމޭ.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއާ ގުޅޭ މިކަންކަން ބަޔާންކޮށްލާފައި، އަޅުގަނޑު ހިތަށްއަރަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް މުހިންމުވާނެ ކަންކަމުގައި، އަޅުގަނޑު ކޮންމެވެސްވަރަކަށް ބައެއް ކަންކަން ދަންނަވާލަންވާނެއޭ. ތިޔަބޭފުޅުންނަށްވެސް ހަމަ ޝާމިލުވާ ކަންކަމަށް ވާނެތީވެ.
އާދެ، ގެދޮރުވެރިކަމުގެ ވާހަކަ މި ދައްކަނީ، އެއް ކަމަކަށް. ގެދޮރުވެރިކަމުގެ ވާހަކަ ދައްކާއިރުގައި، ސަރުކާރުން އެންމެ އިސްކަން މިދެނީ، މިދިޔަ ސަރުކާރުން ފަށާފައި ހުރި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކާއި، ދޭން ނިންމާފައި ހުރި ގޯތިތަކާއި، ފުލެޓްތައްވެސް ދިނުމާ އެކީގައި، އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަން.
އެގޮތުން ބަލާއިރުގައި، އަޅުގަނޑު ރިޔާސީ ބަޔާނުގައިވެސް ދެންނެވިން، ހުޅުމާލޭގައި އަޅަން ފަށާފައި ހުރި 4000 ފުލެޓަށް ހޮވޭ ފަރާތްތައް ކަނޑައަޅައި، އަޅުގަނޑުމެން މި ރޯދަމަސް އައުމުގެ ކުރިން އިޢުލާނުކުރާނަމޭ. އެ މަސައްކަތް ދަނީ ހަމަ އެގޮތަށް ބާރަށް. މި ހަފްތާ ތެރޭގައި، މި ހަފްތާ ނިމުމުގެ ކުރީގައި، އަޅުގަނޑު ރިޔާސީ ބަޔާނުގައި ޔަޤީންކަން ދިންގޮތަށް، އެ 4000 ޔުނިޓުގެ، އޭރުގައި އިޢުލާނު ކުރެވުނު 4000 މީހުންގެ ލިސްޓު، އަޅުގަނޑުމެން ބަލަންޖެހޭ މައްސަލަތައް، އޭ.ސީ.ސީ.އިން ފާހަގަކުރި ކަންކަން ބަލާފައި، އަޅުގަނޑުމެން އެ ލިސްޓު އިޢުލާނު ކުރާނެކަމުގެ ޔަޤީންކަން، އަޅުގަނޑު ރިޔާސީ ބަޔާން އިއްވި ދުވަހު ދެންނެވި ގޮތަށް، އެ ޔަޤީންކަން މިރޭވެސް އަޅުގަނޑު ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަން. އެކަން އެގޮތުގައި ކުރިއަށްދާނެ.
އޭގެއިތުރަށް ދެންހުރި ކަންކަންވެސް، ގުޅީފަޅުން، ހުޅުމާލެއިން، ފޭސް 3ން، ގިރާވަރުފަޅުން ދީފައި ހުރި ގޯތިތައް، އެކަމަށްވެސް ދާއިމީ ޙައްލެއް ގެނައުމުގެ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން އެބަ ކުރިއަށްގެންދަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، މި ގޯތިތައް ލިބިފައި ހުރި މީހުންގެ ރަޖިސްޓަރީ ހަދައިދިނުމާއި، އެކަމުގައި ކުރަންހުރި ހުރިހާ ކަމަކަށް ވަރަށް އިސްކަންދީގެން، އެކަން ޙައްލުކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދާ ކަމުގެ ޔަޤީންކަން. މި ކަންކަމުގައި ޙަޤީޤަތް އޮޅުވައިލުމަށްޓަކައި، ބައެއް މީހުން އެކި ވާހަކަ ދައްކާ. އެކަމަކު ޙަޤީޤަތް އަޅުގަނޑު މި ދަންނަވާލީ. ކަންކަން އޮޅުވައިލުމުގައި، ވަރަށް ހިތާމަހުރި ގޮތެއްގައި އަޅުގަނޑުމެންގެ ތެރޭގައި ޙަޤީޤަތާ ޚިލާފަށް ވާހަކަދެއްކުން މި އޮންނަނީ.
އަޅުގަނޑު އެދެން، ލޮބުވެތި ރައްޔިތުންގެ ކިބައިން، މިކަމުގައި ވަރަށް ސީރިއަސްކޮށް ވިސްނަން. މިސާލެއްގެ ގޮތުން ދަންނަވަންޏާ، މި ރަމަޟާން މަހަށް މިފަހަރު އަޅުގަނޑުމެން ނިންމީ، މަސްދަޅުކޭސް ބަހަން. އަޅުގަނޑު އެކަން އިޢުލާނުކޮށް، އެކަން އެގޮތުގައި ފަށައިގަތިން. ފުރަތަމަ ކޮން ވާހަކައެއްތޯ ދެކެވުނީ؟ މަސްދަޅު ކޭހުން ވަކިވަރަކަށް މަސް މަދުކޮށްފައޭ އަޅުގަނޑުމެން ދެނީ. އެކަން ދެން ޙަޤީޤަތަކަށް ނުވި. އެ ދޮގު ފަޅާއަރައިފި. ދެން މަސްދަޅުގެ މަތިގަނޑު ނެއްޓޭގޮތަކަށް ނޫނޭ ހުރީކީ ފަސޭހައިން. އެކަންވެސް، އެ ދޮގުވެސް، ދޮގެއްކަން ރައްޔިތުންނަށް އެނގިއްޖެ. ދެން މަސްދަޅުކޭސްތައް މާލޭގައި މީހުންނަށް ބެހުމުގައި، ފުރަތަމަ ފެށިއިރުގައި، ދަތިތަކެއް ދިމާވި. އެކަމުގައިވެސް ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދަން މަސައްކަތްކުރި. އެކަންވެސް މިހާރު އެއޮތީ ޙައްލުވެފައި. މިހާރު ދައްކާ ވާހަކައަކީ، ރައްޔިތުންނަށް ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހެއް ދީގެން، ސަރުކާރުން މި ކުރި ޚަރަދު ފޫބައްދަންވެގެން މިފަހަރު ރަމަޟާންމަހު، ފެން ބިލާއި، ކަރަންޓް ބިލުންނޭ އެބައި އަތުލާނީ. މި ބިރު އުފައްދަނީ މިހާރު.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މި ވާހަކަ ކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ ޑިސެންބަރު 8 ގައި އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރަމުން، އެ ޖަލްސާގައި އަޅުގަނޑު ދެންނެވިން، ކުރީ ރަމަޟާން މަހުގައި ދިންގޮތަށް، މިފަހަރުވެސް ރަމަޟާންމަހު ކަރަންޓް ބިލުންނާއި، ފެން ބިލުން ޑިސްކައުންޓް އަޅުގަނޑުމެން ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށްގެންދާނަމޭ.
އެހެންވީމާ، ކިހިނެއްތޯ ދޮގުހަދައިގެން އޮޅުވައިލެވޭނީ. ދޮގުހެދީމާ، އެއީ ދޮގެއްކަން ދެނެގަތުމަކީ، އެ އަޑުއަހާ މީހެއްގެ ޒިންމާއެއް. މީހަކު ހަމަ ދައްކާހާ ވާހަކައެއް، ފޭސް ވެލިއުގައި، ނޫނީވިއްޔާ ބަލައިލުމެއްނެތި، ގަބޫލުކުރުމަކީ ދީނީގޮތުންވެސް އަޅުގަނޑުމެންނަށް ހުއްދަ ކަމަކަށްނުވޭ. އެހެންވީމާ، އަޅުގަނޑުމެން ވާންޖެހޭނީ، އަޅުގަނޑުމެންނަށް އިވޭ ވާހަކަތައް، ކަނުލައި ނިކަން އަޑުއަހައި، އެކަމުގެ ތެދުދޮގު ބަލާ ބަޔަކަށް. ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރަމަޟާން މަސް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުން އުޅެންވާގޮތް، اللهُ سُبْحَانَهُ وَتَعَالَى ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައި ވަނީ. ރަސޫލާ صـلّى الله علـيـه وسـلّمގެ ސުންނަތުން ސާބިތުކޮށްދެއްވާފައި ވަނީ. އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައި ވަނީ، ޚަބަރެއް އިވިގެންދިޔައިމާ، ގެނައިމާ، އެކަމެއްގެ ތެދު ދޮގު ބަލަންޖެހޭނެއޭ. މި ކަހަލަ އެތައް ވާހަކައެއް އަޅުގަނޑުމެންގެ ތެރޭގައި އެބަ ދެކެވޭ. އަބަދުވެސް ދެކެވޭ. ކޮންމެހެން ސިޔާސީ މައިދާނަކު ނޫން. ޢާއިލީ ގުޅުންތަކުގެ ތެރޭގައިވެސް. ވިޔަފާރީގެ ތެރޭގައިވެސް. އޮފީސްތަކުގައިވެސް. ދޭދޭ އަފުރާދުންގެ ދެމެދުގައިވެސް. ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުމާއި، މިފަދަ ވިހަ އާދަތައް، މި އިސްލާމީ މުޖުތަމަޢުގައި ފެތުރިފައި މިއޮތީ. އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަމާތޯ، މި ބަރަކާތްތެރި ރަމަޟާން މަސް އަންނައިރުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު މިކަންކަމުން ޠާހިރުކުރަން. އެއީ، ފިކުރީ ތަރައްޤީއަކީ.
އަޅުގަނޑު ދަންނަވަމުން މި އަންނަނީ، ޤައުމެއް ތަރައްޤީކުރުމަކީ، ދެންމެގައި މިތާ ސޮއިކުރެވުނު ކަހަލަ މަޝްރޫޢުތައް އެކަނި ހިންގުމެއް ނޫނޭ. ސިކުނޑި، ހިތް ތަރައްޤީވާންޖެހޭނެ. ނަފްސު ތަރައްޤީވާންޖެހޭނެ. ފިކުރީ ތަރައްޤީ. ތިމާގެ ވިސްނުން ތަރައްޤީވާންޖެހޭނެ. އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ. އެއީ، އަމާނާތެއް. އެ އަމާނާތަށް އަޅުގަނޑުމެން އަމިއްލައަށް ޚިޔާނާތްތެރިވީމާ، ޖަވާބުދާރީވާންޖެހޭ ދުވަހު، ނޯންނާނެ އިތުރުގޮތެއް. ޖަވާބުދާރީ ކުރައްވާނެ.
އެހެންވީމާ، ކޮންމެހެން ސިޔާސީ މައިދާނަކު ނޫން. ދޮގުވާހަކަ ދެއްކުމާއި، ދޮގުފެތުރުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މިފަދަ ހުރިހާ ޢަމަލުތަކެއް އެކި މައިދާންތަކުގައި ހުރިހާ ދިމާއެއްގައިވެސް ހިންގާ ފަރާތްތަކުން އެބަޖެހޭ، އެކަން ހުއްޓާލަން ޢަޒުމް ކަނޑައަޅަން. ދޫ ރައްކާތެރިކުރަން. ތިމަންނާއަށް ﷲ ދެއްވާފައިވާ އެންމެ ބޮޑު އެއް ބާރަކީ، އަމާނާތަކީ ދޫ. އެ ދޫ ރައްކާތެރި ކުރެވިއްޖިއްޔާ، ވަރަށް ގިނަ ނުބައި ޢަމަލުތަކުން އެމީހާ އެބަ ސަލާމަތްވޭ. ވަރަށް ގިނަ ފިތުނަތަކުން މުޖުތަމަޢު ސަލާމަތްވެގެން އެބަދޭ. އެއީ، މާބޮޑު ކަމެއް ނޫން. އެކަން ނުކުރަންވީ ސަބަބެއްވެސް ނެތް. ކުރަންވެސްޖެހޭ. ނުކޮށް ދައްކާނެ ވާހަކައެއްވެސް ނެތް. އެއީ، އަޅުގަނޑުމެންނަށް ކުރުން މަޖުބޫރު ކަމެއް. މިއީކީއެއް އިސްލާމަކަށްވީތީ، މުސްލިމަކަށްވީތީ، އަޅުގަނޑުމެންނަށް ދެވަނަ އޮޕްޝަނެއް އޮތް ކަމެއްނޫން.
އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާއިރުގައި، އަޅުގަނޑު ކުރިންވެސް ދެންނެވި ގޮތަށް، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިވަނީ މަގުދައްކަވާފައި. ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم މެދުވެރިކުރައްވައި. އެންމެ މާތް އަޚްލާޤުގެ ވެރިޔާ، އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުގައި، އެކަން މިއޮތީ، ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައި. ހަމަ އެންމެ ޙަދީޘެއް އަޅުގަނޑު މިތާގައި ކިޔާލާނަން. "الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ." "މުސްލިމުންނަކީ ތިމާގެ އަތާއި، ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހުންނޭ." ބުޚާރީގައި ރިވާކޮށްފައިވާ ޙަދީޘެއް. މުސްލިމަކީ ތިމާގެ އަތާއި، ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއޭ.
ކީކޭތޯ މި ބުނަނީ؟ ތިމަންނަގެ ދުލުން ބުނާ އެއްޗަކުން، އަނެއް މީހާއަށް ދެރައެއްދީ، އޭނާގެ އަގުވައްޓާލައި، އޭނާގެ އަބުރު ކަތިލައި، އޭނާގެ ޢާއިލާއަށް ދެރައެއްދީ، އޭނާގެ ދިރިއުޅުން ހަލާކުކޮށްލައި، މިކަހަލަ ކަމެއް، ނޫނީވިއްޔާ މިކަހަލަ އެއްވެސް ނުރައްކަލެއް، ތިމަންނަގެ ދުލުން، ތިމަންނަގެ އަނެއް މުސްލިމާއަށް ކުރިމަތިނުކުރުން. ތިމަންނަގެ އަތުން ކުރިކަމަކުން، އަނެއް މުސްލިމާއަށް ތިމަންނަގެ ސަބަބުން އެއްވެސްކަހަލަ ނުރައްކަލެއް ކުރިމަތިވެފައި ނުވާނެކަން ޔަޤީންކުރުން. މިކަން، އަތާއި ދުލުގެ ނުރައްކަލުން އަނެއް މުސްލިމާ، އަނެއް މުސްލިމް އަޚް، އުޚްތު، ސަލާމަތްވެގެންވާކަން ތިމަންނައަށް ޔަޤީންކަން ނެތިއްޔާ، އެ ކްރައިޓީރިއާއިން އެމީހާ ފެއިލްވީ ނޫންތޯ؟ ބަރަކާތްތެރި ރަމަޟާންމަސް މި އަންނަނީ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށްޓަކައި، އެބަޖެހޭ މި ޙަދީޘުން އެކަނިވެސް ހިތްވަރު ލިބިގަންނަން. ޢިބްރަތް ހާސިލުކުރަން ޢަޒުމް ކަނޑައަޅަން.
މީގެ އަނެއްކޮޅަށް ބަލައިލަމާ. ދޮގު ވާހަކަތައް މުޅި މުޖުތަމަޢުގައި ފެތުރިފައި. މީހުންގެ އަގުވައްޓާލުން، މުޅި މުޖުތަމަޢުގައި އެކިގޮތަށް ފެތުރިފައި. އެކިކަހަލަ މީޑިއަމްތަކުގައި ފެތުރިފައި. މިކަމުގައި އެ ރައްދުވާ މީހުން ކިހިނެއްތޯ ހަދަންވީ؟ އޭނާވެސް ހަމަ އޭނައަށް މީހަކު ދޮގުހަދައި އެޓޭކްކުރީމާ، ތެދުވެ ހަމަ އެގޮތުގައި އެޓޭކް ކުރަންވީތޯ؟ އޭނައަށް އެ ނުރައްކާ، ނޫނީވިއްޔާ އެ ބަދުބަސް ރައްދުކުރި މީހާގެ ލެވެލްއަށް ވެއްޓެންވީތޯ؟ މިއީ އަޅުގަނޑުމެން ކީރިތި ޤުރްއާނުން، ނޫނީ ރަސޫލާ صـلّى الله علـيـه وسـلّم ގެ ހަދީޘްގައި އޮތްގޮތް ބަލައިގެން ޢަމަލުކުރަންޖެހޭ ގޮތް. އެހެންނޫނީވިއްޔާ، މުޅި މުޖުތަމަޢު ދާނީ، އަނދަވަޅަކަށްފަހު އަނދަވަޅަކަށް ވެއްޓެމުން. ކިތަންމެ އުސްކޮށް ޢިމާރާތެއް ހެދިޔަސް، ކިތަންމެ ގިނަ މަގުތައް ހެދިޔަސް، ކިތަންމެ ގިނަ ގެދޮރެއް އެޅިޔަސް، ކިތަންމެ ގިނަ ބުރިޖެއް އެޅިޔަސް، ބޭނުމެއް ނެތް. ދާންއޮތީ ދާއިމީ ބިމަށް. އެތަނުގައި ސަލާމަތެއް ނެތް. ވަގުތީ ބިމުގައި ކިތަންމެ ޢިމާރާތެއްވެސް ކުރެވިދާނެ. އެކަމަކު ޙަޤީޤީ ތަރައްޤީ ހާސިލުނުކޮށް، އެމީހާ ވާނީ ބޭންކްރަޕްޓް ވެފައި ހުރި މީހަކަށް. ނަފްސާނީގޮތުން، ރޫހާނީގޮތުން.
ކީރިތި ޤުރްއާނުގައި އޮންނަނީ ކިހިނެއްތޯ؟ އެ މީހެއްގެ އަގުވައްޓާލައި، އެ މީހަކާ ދޭތެރޭގައި ދޮގު ވާހަކަ ދައްކައި، އެ މީހާއަށް ދެރަދިނީމާ، ކަން ކުރަންވީ ކިހިނެއްތޯ؟ ހަމަ އެންމެ އާޔަތެއް އަޅުގަނޑު ހަމަ ކިޔާލާނީ. "وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا."(سُورَةُ المُزَّمِّل 10)" އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ!" ތިމަންނާއާ ދޭތެރޭގައި، އަނެކާ ދޮގުހެދީމާ، ބީ ޕޭޝަންޓޭ. ކެތްތެރިވާށޭ. އޭނާއަށް ހަމަ އެގޮތަށް އަނބުރައި ރައްދު އެޓޭކްކޮށް، ހަމަ އެ ފެންވަރަށް ތިމަންނަ ނުވެއްޓޭށޭ. ކެތްތެރިވާށޭ. ރިވެތިވެގެންވާ ވަކިވުމަކުން އެއުރެންނާ ވަކިވާށޭ. އެ ޒުވާބުގެ ތެރެއަށް ނުވަންނާށޭ. ރީތިބަހުން މުޢާމަލާތްކޮށް ދުރަށްދާށޭ. ފުރަތަމަވެސް ﷲ އަށް ޙަމްދުކުރަންވީ. ތިމަންނާއާ ބެހޭގޮތުން ދޮގު ވާހަކައެއް ބަޔަކު ދެއްކީމާ، ފުރަތަމަވެސް ﷲ އަށް ޙަމްދުކުރަންވީ.
އެއީ ކީއްވެތޯ؟ އެއީ، ރަސޫލާ صـلّى الله علـيـه وسـلّم އަކީ، އެތައް ދޮގަކާއި، އެތައް ބަދުނާމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަލޭގެފާނެއް. އެކަމަކު އެކަލޭގެފާނަށް اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައި ވަނީ ކެތްތެރިވާން. ކެތްތެރިކަމުން ޘަވާބު ލިބޭނެކަމަށްވާތީ. އެކަލޭގެފާނު ނަކަލުކުރަންޖެހޭ ބައެއް، މުސްލިމުންނަކީ. އެހެންވީމާ، އެ މީހަކަށް ދޮގުވެރިކަން ކުރިމަތިވެގެން އައިމާ، ކެތްތެރިވާން ﷲ އަށް ޙަމްދުކުރަންޖެހޭނެ. ކޮށްފައި، ދުރަށްދާންވީ. އަޅުގަނޑުމެން ނުޖެހޭ، އެ މީހާގެ ފެންވަރަށް، އެ މީހާއަށް އެއްޗެހި ކީ، ދޮގުހެދި މީހާ، އަބުރުކަތިލި މީހާގެ ފެންވަރަށް ވެއްޓިގަންނާކަށެއް.
އެހެންވީމާ، މި ދެ އޭންގަލުން އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ނަފްސުތައް އިޞްލާޙުކުރަން، ތަރައްޤީކުރަން، އަޅުގަނޑުމެންގެ ސިކުނޑިތައް ތަރައްޤީކުރަން. ފިކުރީ ތަރައްޤީ ހާސިލުކުރަން. އެހެންނޫނީވިއްޔާ، އަޅުގަނޑުމެންގެ ޤައުމުގައި، އަޅުގަނޑުމެންނަކަށް ޙަޤީޤަތުގައި ތަރައްޤީއެއް ހާސިލުކުރެވުނު ކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ ދަރީންނަށް މިއަދު، މައިންބަފައިން ދަސްކޮށްދޭންވީ، މި އަޚްލާޤު. އަޅުގަނޑުމެންގެ ޓީޗަރުން، ސްކޫލްތަކުގައި ދަސްކޮށްދޭންވީ، މިގޮތް، މިއުޅުން. އަޅުގަނޑުމެންގެ ބޮޑެތި މީހުން، އަޅުގަނޑުމެންގެ ކުޑަކުދިންނަށް މިސާލު ދައްކަންވީ މިގޮތުން. އެކަކު އަނެކަކު އެހީތެރިކަން ދޭންވީ، އަޅުގަނޑުމެންގެ މުޖުތަމަޢު އިޞްލާޙުކުރަން. އެއީ، ދާއިމީ ކާމިޔާބީއަކަށް ވާނީ. އަޅުގަނޑުމެންގެ ޢަޒުމް މިގޮތަށް ވަރުގަދަނުކޮށްފިއްޔާ، ދެން އަޅުގަނޑުމެން ކުރިމަތިލާން އޮތް ދުނިޔޭގައި، ކޮން ކާމިޔާބީއެއްތޯ އޮތީ؟ ހަމަ ނޯންނާނެ އެއްވެސް ކާމިޔާބީއެއް.
އެހެންވީމާ، ކުރިއަށް އޮތީ، ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާތީ، އަޅުގަނޑު އިލްތިމާސް ކުރަނީ، ލޮބުވެތި ދިވެހި ރައްޔިތުންނަށް، އަޅުގަނޑުމެންނަކީ މިކަމުގައި ޢަޒުމް ކަނޑައަޅާ ބަޔަކަށްވާން. ދޮގުހެދުމާއި، ނެތިމޮށުމާއި، ޣީބަ ބުނުމާއި، މިފަދަ ދުލުގެ ހުރިހާ ނުބައި ކަމަކާއި، އަތުން ކުރާ ހުރިހާ ނުބައި ކަމަކުން، އަނެއް މުސްލިމް އަޚާއި، އުޚްތާއި، ތިމަންނަގެ ކިބައިން ސަލާމަތްވެގެންވާ ބަޔަކަށްވުން. މާނައަކީ، ތިމަންނައަކީ އެކަންކަން ނުކުރާ މީހަކަށް ވުމަށާއި، އެފަދަ ކަންކަން ކުރާމީހާ ކުރީމާ، އެ މީހާގެ ފެންވަރަށް ތިމަންނަ ނުވެއްޓުމަށް. މި ދެ ކަންތަކަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ. އެކަން ކުރީމާ މާނަވީ ތަރައްޤީ، ޙަޤީޤީ ތަރައްޤީ ލިބޭނީ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި، އަޅުގަނޑުމެންނަށް ކާމިޔާބީ މިގޮތުގައި މިންވަރުކުރައްވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.