އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު، އެ މަނިކުފާނުގެ ވެރިކަމުގެ މި ދައުރު ތެރޭގައި ހައްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިފަދައިން ޔަޤީންކަން ދެއްވާފައި ވަނީ، ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

ދ. ކުޑަހުވަދޫގައި ކޮމާޝަލް ޕޯޓެއް ނުވަތަ ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މިރޭގެ ރަސްމިއްޔާތުގައި ވަނީ ސޮއި ވެސް ކުރައްވާފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީ.އީ.އޯ) އަދި މެނޭޖިންގް ޑައިރެކްޓަރ، މުޙައްމަދު ރިޝްވާންއެވެ.

މި މަޝްރޫޢަށް އިޝާރާތް ކުރައްވާ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ސަރަޙައްދީ ގޮތުން ބަލާއިރު ވަރަށް އެކަށޭނަ، މަޢުޤޫލު މަޝްރޫޢެއް ކަމުގައި ސިފަ ކުރައްވާފައިއެވެ. ސޮއި ކުރެވުނު އެއްބަސްވުމާއެކު ދެންވެސް ހުރި ހުރިހާ ކަމެއް ކުރިއަށް ގެންދެވި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިނގާ، އޮޕަރޭޝަނަލް ބަނދަރެއްގެ ގޮތުގައި މި ވިޔަފާރި ބަނދަރު، މާތް ﷲ ގެ އިރާދަފުޅާއެކު މި ދައުރުގެ ތެރޭގައި ހައްދަވައި، ރައްޔިތުންނަށް ދައްކަވައި ދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުން ވެސް ދ. ކުޑަހުވަދޫގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. ރައްޔިތުންނާ ގާތަށް ބޭންކުގެ ޚިދުމަތްތައް ގެންދެވުމުގެ ސިޔާސަތު ޙަޤީޤަތަކަށް ހެއްދެވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ސަރުކާރަށް ލިބެމުން ދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ދ. ކުޑަހުވަދޫގައި ހިންގާ ބީ.އެމް.އެލް ބްރާންޗްގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅާފައި ވާ އިރު، އެކަމުގެ ސަބަބުން ޚިދުމަތް އިތުރަށް ރަނގަޅުވާނެ ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ފަދައިން، މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ދ. ކުޑަހުވަދޫއިން ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ދ. ކުޑަހުވަދޫގެ ޢުމްރާނީ ތަރައްޤީއަށް އަލިއަޅުވައިލައްވާ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރުގެ މަޝްރޫޢަކީ އެންމެ މުހިންމު އެއް މަޝްރޫޢު ކަމުގައެވެ. ބަނދަރުގެ ޖާގަ ބޮޑުވެގެން ދިއުމަކީ މަސްވެރިންނާއި ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މުހިންމު، ދެކޮޅުޖެހެނިވި މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަސައްކަތްތައް ދާދި އަވަހަށް ފައްޓަވައި، މަޝްރޫޢު ނިންމަވައިދެއްވާނީ ރައްޔިތުން އުންމީދުކުރައްވާ ފެންވަރުގައި ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫއަކީ ރާއްޖޭގެ 7 ސަރަޙައްދެއްގައި ތަރައްޤީކުރާ އަރބަން ސެންޓަރުތަކުގެ ތެރެއިން އެއް މަރުކަޒަށް ވާ ހިނދު، ރަށުގެ ކުނި މެނޭޖު ކުރުމުގެ ޚިދުމަތްތައް، މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން، ވެމްކޯއިން ދެއްވަން ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި ކުޅިވަރުގެ ރޮނގުންވެސް ދ. ކުޑަހުވަދޫގެ ތަރައްޤީއަށްޓަކައި ކުރަން ހުރި ގިނަ ކަންތައްތަކެއް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މިކަންކަން ފެށިގެން ދިއުމާއެކު، ދ. ކުޑަހުވަދޫއަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަން ފުރިހަމަވެގެން ދިޔައީ ކަމަށާ، ނަމަވެސް ވަޢުދުފުޅުތަކުގެ އިތުރުންވެސް، އަރބަން ސެންޓަރެއްގެ ގޮތުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެން ކަންކަންވެސް ކޮށްދެއްވާނެ ކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ހޮސްޕިޓަލު މަޝްރޫޢަކީވެސް އެފަދަ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ދ. ކުޑަހުވަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުގެ މައްސަލައަށްވެސް އުންމީދީ ޙައްލުތަކެއް ގެނެސްދެއްވާނެ ކަމުގައި އިޝާރާތްކުރައްވާފައެވެ. އެގޮތުން ރަށުގެ އެކި ހިސާބުތަކުން އާންމުންނަށް ލިބިފައިވާ ގޯތިތަކުގައި ގެދޮރު އެޅުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައި ވާ އިރު، ދ. ކުޑަހުވަދޫގައި ހިންގަން ކަނޑައަޅުއްވާފައިވާ 500 ހައުސިންގް ޔުނިޓް މަޝްރޫޢުގެ ތެރެއިން، ރައްޔިތުންގެ އަމިއްލަ ގޯތީގައި 3 ކޮޓަރީގެ ގެއެއް އަޅައިދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާނެ ކަމަށާ، ފްލެޓް އެޅިގެންދާނީ އަމިއްލަ ގޯތީގައި ގެ އަޅާން އެދޭ ވަކި މިންވަރެއް ހަމަވުމަށް ފަހު ބާކީ އޮތް ޢަދަދަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދ. ކުޑަހުވަދޫއަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި ލާމަސީލު، ކާމިޔާބީތަކެއް ހޯދާފައިވާ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައި ކުދިކުދި މައްސަލަތަކެއް ފާހަގަކުރެއްވޭ ކަމަށާ، އެކަންކަމަށްވެސް ދާއިމީ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރަޙައްދީ ތަރައްޤީގެ ވިސްނުންފުޅުގައި އެންމެ މަތީ ފެންވަރަށް، އަރބަން ސެންޓަރުތަކެއްގެ ގޮތުގައި ދ. ކުޑަހުވަދޫވެސް ހިމެނޭނެހެން 7 ރަށެއް ތަރައްޤީ ކުރައްވާން ވެވަޑައިގެންނެވި ވަޢުދުފުޅަށް އިޝާރާތްކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެއީ ނަމެއްގައި ކުރެއްވި ކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ. ހިތްޕުޅުގެ އެންމެ ފުން މިނުން، އެ ކަމެއް ކުރެއްވުމުގެ ޢަޒުމާއި، ނިޔަތާއި، އެކަމެއް ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކުގައި ނޫނީ ރައްޔިތުންނާ މުޚާޠަބު ނުކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޢުމްރާނީ އަދި މާއްދީ ތަރައްޤީއާއެކު ފިކުރީ ތަރައްޤީ ޙާޞިލު ކުރުމަށް މުހިންމު އިލްތިމާސެެއް ކުރައްވަމުންނެވެ.