ދިވެހި ޤައުމު ބިނާކުރުމާއި ރައްކާތެރިކަމާއެކު މި ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ބުރައެއް އުފުއްލާފައިވާ އެއް ބަޔަކަށްވާނީ މި ޤައުމުގެ ޝަރަފުވެރި އިސްރަށްވެހީން ކަމަށާއި، އެހެންކަމުން އިސްރަށްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ކަށަވަރުކޮށްދިނުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ބޭއްވެވި، މި ހިނގާ 2025 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މި މޭރުމުން ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޢުދުވެވަޑައިގެންނެވި ގޮތަށް، ފުރަމާލޭގައި 'އިސްރަށްވެހިންގެ ނާދީ' ޤާއިމުކުރައްވައި، އިސްރަށްވެހިންނަށް ޚާއްޞަ 294 ހަރަކާތެއް ހިންގަވާފައި ވާ ކަމަށެވެ. ރާއްޖޭގެ އެހެންކަންކޮޅުތަކަށް ބައްލަވާލައްވަމުން، އައްޑޫސިޓީ ފޭދޫގައި ޤާއިމުކުރެއްވުމަށް ނިންމަވާފައިވާ "އިސްރަށްވެހިންގެ ހިޔާވަހި" ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިޔުމަށް މިހާރު އިޢުލާންކުރައްވާފައި އޮތްކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްރަށްވެހީން ކުރެ، އުމުރުން ދުވަސްވެ ޚާއްޞަ ބެލެހެއްޓުންތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ އުފާވެރިކަމާއި އަބުރުވެރިކަން ދަމަހައްޓަން ޖެހޭ ކަމަށާއި، އެކަމަށްޓަކައި އެފަދަ އިސްރަށްވެހީން ބަލަހައްޓާ ފަރާތްތަކަށް ޚާއްޞަ ޕްރޮގްރާމްތަކެއް ފަރުމާކުރެވިފައި ވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ 5 އަތޮޅެއްގައި މި ޕްރޮގްރާމުތައް މި އަހަރުތެރޭ ފެށޭނެ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އުމުރުން ދުވަސްވަމުންދާ މީހުންނަށް ޚާއްޞަ ޞިއްޙީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ވެސް އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި މުހިންމު ކަމެއް ދެއްވާފައި އޮތް ދާއިރާއެއްކަން ތަކުރާރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ތަންފީޒުކުރެއްވުމުގެ ގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއަރޓާއިން ފެށިގެން އިސްރަށްވެހީންނަށް ޚާއްޞަކޮށްގެން އެތެރެހަށީގެ ޑިޕާޓްމަންޓުގައި ހަފުތާއަކު 2 ދުވަހު އޯޕީޑީގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައި ވާ ކަމަށާ، 31 ޑިސެމްބަރ 2024ގެ ނިޔަލަށް 820 ފަރާތަކުން މި ޚިދުމަތް ލިބިގެންފައިވާކަމަށެވެ.

އަދި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުފެންވަރުގައި އެހީތެރިވާނެ އެހީތެރީން ތަމްރީނު ކުރުމަކީވެސް ވަޢުދުފުޅެއްކަން ތަކުރާރު ކުރައްވަމުން، ''އިބަމަ'' ޕްރޮގްރާމުގެ ދަށުން 5 އަތޮޅެއްގައި، 43 ރަށެއްގައި 226 އިޖްތިމާޢީ މަދަދުވެރިން މިހާރު ތަމްރީނުކުރެވިފައި ވާ ކަމާއި، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 5 އަތޮޅެއްގައި "އިބަމަ" ޕްރޮގްރާމް ހިންގުމަށް ރާއްވަވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގައި ތިބި 65 އަހަރުން މަތީގެ އެންމެހާ ފަރާތްތަކާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު އަދާހަމަކޮށް އެއްތަނަކުން ޓްރެކްކޮށް ބެހެއްޓޭނެ ނިޒާމެއް މިހާރު ޤާއިމު ކުރެވިފައި ވާކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އަޅައިލުމާއި އޯގާތެރިކަމުން ހޯދައިދެވޭ ރައްކާތެރިކަމަކީ ވެސް ޤައުމަކަށް ނިހާޔަތަށް މުހިންމު ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވެ ބަޔާން ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ ކުދީންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ނަމުގައި 2024 ވަނަ އަހަރު ޕްރޮގްރާމެއް ތަޢާރަފު ކުރައްވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައިތިބޭ މި ފަދަ ކުދީން ހެދިބޮޑުވުމަށް އެކަށޭނަ ރަނގަޅު ޢާއިލީ ވެށްޓެއްގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމުލަ 65 ކުއްޖަކަށް، ޢާއިލީވެށްޓެއް ހޯދައިދެވިފައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައިތިބި ކުދިންނަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތަކާއި މަސައްކަތުގެ ތަމްރީނު ފޯރުކޮށްދީ، އެކުދިންނަކީ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި މުޖްތަމަޢަށް ނެރެވޭ ބަޔަކަށް ހެދުމަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމެއް ވެސް، މި އަހަރު އަލަށް ތަޢާރަފު ކުރެވިފައި ވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.