އަންހެނުންގެ ދުޅަހެޔޮ ޞިއްޙަތަކީ ކުރިއަރަމުން އަންނަ މުޖުތަމަޢުތަކާއި، ޤައުމުތަކުގެ ވިލުންތެރިކަމާއި، އާއިލީ ގުޅުން ވަރުގަދަކޮށްދިނުމުގެ އަސާސް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާއެޅުވީ "ހިޔަލަ 2025" ސަރޖިކަލް ވޯރކްޝޮޕް، ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، "އެމްޕަވަރިންގ ވިމެންސް ހެލްތު: ތްރޫ ސްޓޭޓް އޮފް ދި އާޓް މިނިމަލީ އިންވޭސިވް ސަރޖަރީ" ގެ ނަމުގައި ކުރިއަށް ގެންދިއަ މި ވޯކްޝޮޕް ޚާއްޞަކުރެވިފައިވަނީ ބޭސްފަރުވާގެ މުހިންމު ދާއިރާތައް ކުރިއެރުވުމާއި ދިވެހިންނަށް އެންމެ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމުގެ މަޝްވަރާތަކުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި މި ވޯކްޝޮޕްގައި ޙިއްޞާކުރެވުނު ޢިލްމުގެ ސަބަބުން އަންހެނުންނަށް ރައްކާތެރި، މިހާރަށްވުރެ ހަރުދަނާ ފަރުވާތަކެއް ލިބި، މުސްތަޤްބަލުގައި އަންހެން ކަނބަލުންގެ ޞިއްޙީ ދުޅަ ހެޔޮކަމާއި، ދިރިއުޅުމުގެ ފެންވަރު، އިތުރަށް ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ޚިދުމަތްތެރިންނާ ޙަވާލުކުރެވިފައިވަނީ ހަމައެކަނި ބަލިމީހުންގެ ޖިސްމާނީ ބަލިތަކަށް ފަރުވާ ދިނުން ނޫންކަމަށާއި، އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަންވެސް ދެނެގަންނަން ޖެހޭކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާ ވިދާޅުވީ، ޞިއްޙީގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ މާނައަކީ އަންހެނުންގެ ތަފާތު ތަޖުރިބާތަކާއި ގޮންޖެހުންތަކަށް އިހުތިރާމްކުރުމާއެކު އެކަންކަމަށް ފަރުވާކޮށްދިނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގާތްގަނޑަކަށް ކޮންމެ އަންހެނަކަށްވެސް، އެމީހެއްގެ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި، "ގައިނެކޮލޮޖިކަލް" ނުވަތަ އަންހެނުންނަށް ޚާއްޞަ ޞިއްޙީ މައްސަލައެއް ދިމާވެ، އާންމު ދިރިއުޅުމަށް އަސަރު ކުރާކަން ފާހަގަ ކުރެއްވިއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، "ގައިނެކޮލޮޖިކަލް ސާޖަރީސް" ނުވަތަ އަންހެނުންގެ ޚާއްޞަ ސާޖަރީތަކަކީ، ރާއްޖޭގައި އެންމެ ގިނައިން ކުރާ އެއް ބާވަތުގެ ސާޖަރީއެވެ. އަދި އަންހެނުންގެ ބޭނުންތަކަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ސާޖިކަލް ޓެކްނިކްތައް، ފުރިހަމަ ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ގިނަ ފަހަރަށް ބަލިން ރަނގަޅުވުމަށް ގިނަ ވަގުތު ނަގާ، އިތުރު ވޭންތައް ތަޙައްމަލުކޮށް، އަދި އުނދަގޫތައް ކުރިމަތިވެ، "އިންވޭސިވް ޕްރޮސީޖަރތައް" ތަހައްމަލުކުރަމުންދާ އަންހެނުންގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެކަމަނާ އިތުރަށް ވިދާޅުވީ އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކުޓަރުންގެ ކިބައިން، އަންހެނުން ބޭސްފަރުވާ ހޯދަނީ، އަވަހަށް ފަރުވާ ލިބި، ބަލިން އަވަހަށް ރަނގަޅުވެ، އެމީހުންގެ އާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިއުމުގެ އުންމީދުގައި ކަމަށެވެ. މި މަސައްކަތަށް ތަޢުރީފު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، އަންހެނުންނަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކޮށް، އެކަނބަލުންގެ ހަށިގަނޑަށާއި ދިރިއުޅުމަށް އެންމެ ކުޑަ މިންވަރެއްގެ ނުތަނަވަސްކަމެއް ލިބޭނެ، އަދި އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެފަދަ ސާޖަރީތައް ކުރިއެރުވުމަށް އިސްކަންދެއްވުމަށް ބާރުއެޅުއްވިއެވެ.
ހިޔަލަ 2025 ގެ ސާޖިކަލް ވޯކްޝޮޕްގައި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އަދި ހުޅުމާލެ ހޮސްޕިޓަލުގެ ޞިއްޙީދާއިރާގެ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.