ނިއުޒީލަންޑްގެ ވައިޓެންގްއީ ޑޭ ނުވަތަ އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ވައިޓެންގްއީ ޑޭގެ ތަހުނިޔާ ވިދާޅުވީ، ގަވަނަރ ޖެނެރަލް އޮފް ނިއުޒީލަންޑް، ނިއުޒީލަންޑް އޯޑަރ އޮފް މެރިޓް (ޖީ.އެން.ޒީ.އެމް)، ކިންގްސް ސަރވިސް އޯޑަރ (ކޭ.އެސް.އޯ) ހަރ އެކްސަލަންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ނިއުޒީލަންޑްގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ކްރިސްޓޮފަރ ލަކްސޯންއަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައެވެ.

ނިއުޒީލަންޑްގެ ގަވަނަރ ޖެނެރަލާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ފާހަގަކުރައްވައި، މޫސުމީ ނޭދެވޭ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ކަންކަން ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުންދީ އެފަދަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮތް ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވަރުނަރު ޖެނެރަލާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި، ތަނަވަސްކަމާއި އަމާންކަން ދެމިއޮތުމަށް އެދިވަޑައިގެން ނިއުޒީލެންޑްގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ނިއުޒިލޭންޑްގެ ފައުންޑިންގް ޑޮކިއުމެންޓް، "ޓްރީޓީ އޮފް ވައިޓަންގްއީ" ގައި ސޮއިކުރި ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ވެސް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަސް، އެ ޤައުމުން ފާހަގަކުރަނީ ވައިޓަންގްއީ ޑޭގެ ގޮތުގައެވެ. ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 10 އޮކްޓޯބަރ 1974 ގައެވެ.

މީގެ އިތުރުން މިއަދު ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ވައިޓަންގްއީ ދުވަހާ ގުޅިގެން ޕޯސްޓެއް ވެސް ހިއްސާކުރައްވާފައެވެ.