އަތްމަތި ތިޔާގިކަމާއި، ދުޅަހެޔޮކަމާއި، ނަފުސާނީ ފުދުންތެރިކަމާއި، މި ފަދަ ހުރިހައި ކަމެއްގެ އިތުރަށް، ރޫޙާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، ޙަޤީޤީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަން ވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫޢަވެވޭކަމާއި، އެއީ ޤުދުރަތުން އެކަން ލައްވާފައިވާ ގޮތްކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އުފާވެރިކަމުގެ މައުޟޫޢަކީ ވަރަށް ޝައުޤުވެރި މައުޟޫޢެއް ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެ ކަމަނާ ވަނީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވާ ހިނދު، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ޙަޤީޤީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުންކަމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމުގައި ހަނދާންކޮށްދެއްވާފައެވެ. އަދި ރޫޙާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަޚްލާޤުގައި ކިޔަމަންތެރި އުޅުމެއް ހަރުލައިފައި ހުންނަން ޖެހޭ ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހިރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ލޯގޯ އިފްތިތާޙުކޮށްދެއްވާފައެވެ.
ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ރވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވަފައިވާ މަޝްރޫޢުގެ ރިސަރޗް ޕަރޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ޤައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫޢެއް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ރަސްމިއްޔާތުގައި، މުޖުތަމަޢުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރައްވާ ގޮތް ހިއްސާކޮށްދެއްވުން އޮތެވެ. އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުޢޫރު ހިއްސާކުރައްވާފައިވެއެވެ. "ހެޕިނަސް އިންޑެކްސް"އަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވައެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތަޢާރަފުކޮށްފައެވެ.
ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ "ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކަށްވެސް ރިޢާޔަތްކުރައްވައިގެންނެވެ.