ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ" އާއި "މިނިސްޓްރީ އޮފް ޓޫރިޒަމް" އެއްކޮށްލައްވައި، "މިނިސްޓްރީ އޮފް ޓޫރިޒަމް" ގެ ނަން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް" ގެ ނަމަށް ބަދަލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދިޔަ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަކީ، މިއަދުން ފެށިގެން "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް" ގެ ދަށުން ހިންގަމުންދާ ތަންތަނުގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރައްވަމުން ގެންދެވި، ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާބެހޭ ކަންކަމާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ކަންކަމާއި، ހަކަތައާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖްކުރުމާބެހޭ ކަންކަމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާބެހޭ ކަންކަމާއި މީޓިއޮރޮލޮޖީގެ ދާއިރާއާބެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރައްވަމުން ގެންދަވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހަމަޖައްސަވައިފައި އޮތް ނަންބަރު 88 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.