ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރައްވައިފިއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން،  އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާންގެ ކުރިފުޅުމަތީގައި ޠާރިޤު އިބްރާހީމް ވަނީ ހުވައި ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް ޢައްޔަނުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.