بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މޮޅަދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ މެންބަރުން، ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑުގެ ވަފުދުގެ މެންބަރުން، މި ޖަލްސާ ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މި އަތޮޅަށް ކުރަމުންދާ ދަތުރުގައި، މިއަދުގެ ހެނދުނުގެ ވަގުތުގައި އަޅުގަނޑަށް މި ރަށަށް އާދެވުމުން، މޮޅަދޫގެ ރައްޔިތުން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ފަށްފަށުން ޝުކުރު އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑަށް ފުރަތަމަ ފަހަރަށް މި ރަށަށް މި އާދެވުނީ. އަޅުގަނޑަށް އިޙްސާސް ވެގެންދަނީ، ވަރަށް އެކުވެރި ރައްޔިތެއް އުޅޭ، ވަރަށް ހިތްހެޔޮ ރައްޔިތެއް އުޅޭ، ވަރަށް ހިތްގައިމު ރަށެއްގެ ގޮތުގައި. ވަރަށް ހިތްފަސޭހަ މާޙައުލެއް ގޮތުގައި. އަދި ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތަރުޙީބަށް، އަޅުގަނޑު ހަމަ ވަރަށް އުފާކުރަން.
އާދެ، މި ރަށުގެ ތަރައްޤީގެ މަސައްކަތްތަކަކީ، ހަމަ އެންމެ ބޮޑު ރަށެއްގެ ތަރައްޤީއެކޭ އެއްގޮތަށް އަޅުގަނޑަށް މުހިންމު ކަންތައްތަކެއް. އަޅުގަނޑު އަބަދުވެސް ދަންނަވަމުންދާ ވާހަކައެއް އެއީ، އަޅުގަނޑަށް ޙަޤީޤަތުގައިވެސް ކޮންމެ ރައްޔިތެއް ހަމަހަމައޭ. އެއީ، މިގޮތަށް އާބާދީގެ ގޮތުން ކުޑަރަށެއް ކަމުގައިވިޔަސް، އަދި އެންމެ ބޮޑެތި އާބާދީތައް ކަމުގައިވިޔަސް، ދިވެހި ރައްޔިތުން އަޅުގަނޑަށް ވަނީ ހަމަ ދިވެހި ރައްޔިތުންނަށް. ހަމަހަމަ. ހުރިހާ ޙައްޤުތަކެއް، ޤާނޫނުއަސާސީގައި، ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ، ހުރިހާ ކަމެއް ކޮށްދޭންޖެހޭނެ. އަދި ރައްޔިތުންނަށް އެކަންކަން އަޅުގަނޑު ކޮށްދޭނަން.
އެހެންވީމާ، މި ރަށުގެ ރައްޔިތުންނާ އެކީގައި މިގޮތަށް މި ހޭދަކޮށްލެވޭ ވަގުތުކޮޅަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މޮޅަދޫގެ ރައްޔިތުންގެ މުހިންމު އަދި އުންމީދު ކުރަމުންދާ ކަންކަމުގައި، ހަމަ އެހެން ހުރިހާ ރަށްތަކެކޭވެސް އެއްގޮތަށް ވަރަށް އިސްކަންދީގެން ހަމަހަމަގޮތެއްގައި، އިންޞާފުވެރި ގޮތެއްގައި، ވަރަށް ބާރު ސްޕީޑުގައި ކަންތައްތައް ކޮށްދިނުމަކީ، އަޅުގަނޑުގެ ސިޔާސަތުކަމުގައި. ތިޔަބޭފުޅުން ބޭނުންފުޅުވާ ގޮތަށް، މި ރަށުގެ ކަންކަން އަޅުގަނޑު އިރާދަކުރެއްވިއްޔާ ކޮށްދޭނަން.
މިގޮތުން ބަލާއިރުގައި، ފެށިފައި ހުރި ބައެއް ކަންކަން އެބަހުރި. މިދިޔަ ސަރުކާރުގެ ތެރޭގައި ބައެއް މަޝްރޫޢުތައް ފެށި، ނުނިމި، ނޫނީވިއްޔާ ނިމުމަކާ ހަމައަށް ނުގޮސްހުރި ކަންކަން މި ރަށުގައިވެސް އެބަހުރި.
އެގޮތުން ބަލާއިރުގައި، ފެނާއި ނަރުދަމާއަކީ ތިޔަބޭފުޅުންނަށް މިހާރު އެންމެ މުހިންމުވެފައިވާ މައްސަލަ. މި މައްސަލައަށް ބަލާއިރުގައި، މި މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުންޏާ މިދިޔަ ސަރުކާރުގައި އެބަހުރި ވަރަށްގިނަ އެހެން ރަށްތައްވެސް ހަވާލުކޮށްފައި. ދެން ހަމަ ހުރިހާ ތަނެއްވެސް ހުރީ މިގޮތަށް ހުއްޓިފައި.
ދެން ހަމައެއާއެކީގައި، އެހެން މަޝްރޫޢަކަށް ދާނަން. ކުނީގެ މައްސަލަ. ކުނިކޮށި ޤާއިމުކުރުން. ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުންވެސް އެއީ، ހަމަ މިގޮތަށް އޮތް ކަމެއް. 21 ރަށެއްގެ އެ މަޝްރޫޢު، މިދިޔަ ސަރުކާރުން އެއް ކުންފުންޏާ ހަވާލުކޮށްފައި އެބައޮތް. މިކަހަލަ ގޮތަކަށް ހުރީ. އަދި ކުނީގެ ޕްރޮޖެކްޓް އެއީ، ބޭރުގެ ފަންޑު ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންނަމަވެސް، ފެނާއި ނަރުދަމާ ކަހަލަ މިހެން ހުރި ބައެއް ކަންކަމަކީ، ބަޖެޓުގެ ތެރެއިން ޚަރަދުކުރާ މަޝްރޫޢުތައް. މިހެންގޮސް ގިނަ މައްސަލަތަކެއް އެބަހުރި، މިކަންކަން މިގޮތަށް ހުރެގެން ހުއްޓިފައި ހުރި ކަންކަން އެބަހުރި. މި އަހަރުގެ ބަޖެޓް ފާސްވެގެން، ބަޖެޓުގެ ތަންފީޒުކުރުމުގެ މަރުޙަލާ މިހާރު ފެށިފައި މިއޮތީ. މި ދޭތެރެއިން އަޅުގަނޑުމެން މިކަހަލަ ހުރިހާ މައްސަލައަކަށް ޙައްލުތަކެއް ހޯދައިފިން.
އެހެންވީމާ، މި ހުރިހާ ވާހަކައެއް ކުރުކޮށްލާފައި، އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މިހާރު މި ހުއްޓިފައި އޮތް މަޝްރޫޢު އެއީ، މި ރަށުގައި މިހާރު ފެށިގެން ގާތްގަނޑަކަށް ބޮޑުބައެއް ނިމިފައި މިއޮތް ފެނާއި ނަރުދަމާގެ މަޝްރޫޢު، މިހާރު އަޅުގަނޑު މި ނިންމާފައިވާ ގޮތަށް، ވަރަށް އަވަހަށް މަސައްކަތްތައް އަލުން ފަށައިދީ، އެ މަޝްރޫޢު، ވަރަށް ބާރު ސްޕީޑުގައި ގެންގޮސް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން.
ދެން އެއާއެކީގައި، އިޤްތިޞާދީ ނަޒަރަކުން ބަލާއިރުގައި މި ރަށަކީ ވަރަށް ބޮޑު، ވަރަށް ހިތްގައިމު މާޙައުލެއް އޮތް ރަށެއް. ލޯކަލް ޓޫރިޒަމަށް ވަރަށް ހިތްފަސޭހަ މާޙައުލެއް އެބައޮތް. ވަރަށް ފީޒިބަލް ރަށެއްގެ ގޮތުގައި ފެނޭ. އެހެންވީމާ، ރަށުގެ ކައުންސިލުން ބައެއް ބިންތައް ކުއްޔަށް ދޭން ނިންމާފައި، ހުޅުވާލާފައި، ނޫނީވިއްޔާ ފުރުޞަތު ދީފައިވަނީ. އެ ސަރަޙައްދަކަށް އަދި ނެތް މި މަޝްރޫޢު އެކްސްޓެންޑް ކޮށްފައެއް. އެހެންވީމާ، އެއީ މިހާރު މި ނިންމަން މި މަސައްކަތް ކުރާ މަޝްރޫޢުގެ ތެރެއިން، ކުރެވޭނެ ކަމަކަށް ނުވާނެ ކޮންމެގޮތެއްވިޔަސް. ބޮޑު ވޭރިއޭޝަނެއް ގެނެވޭވަރަށްވުރެ ބޮޑު މަޝްރޫޢެއް އެއީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް ޙައްލުތަކެއް ގެނެސްދޭނަން. ކަރަންޓްލާންޖެހޭ، ފެން ގުޅަންޖެހޭ، ނަރުދަމާގެ މައްސަލަ ހައްލުވެސް ކުރަންޖެހޭނެ.
އެންމެ ފުރަތަމަ، ކޮންމެ ގޮތެއްވިޔަސް ކަރަންޓް އެއީ، ހަމަ ހުންނަންޖެހޭނެ އެއްޗެއް. ދެން ފެނާއި ނަރުދަމާވެސް ހުންނަންޖެހޭ. އެހެންވީމާ، ތަރުތީބެއްގެ ތެރެއިން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު، ކަމާބެހޭ ވަޒީރުންނާއި ކުންފުނިތަކާއެކު، ކައުންސިލާ ގުޅިގެން މަޝްވަރާތަކެއް ކުރާނަން މިކަމުގައި ކުރިއަށްދާނެ ގޮތްތަކެއް. އެހެންވީމާ، ވީހާވެސް އަވަސްގޮތެއްގައި މިކަމަށް ޙައްލެއް ގެނެވޭނެ ގޮތް ހޯދައިދޭނަން. މި ތިން ސަރވިސް، މި ތިން ޔުޓިލިޓީ ސަރވިސް ގުޅައިލުމުގެ ކަންތައް އެއީ، ފުދޭވަރެއްގެ ޑިސްޓެންސް ހުރީމާ ހަމަ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމަކަށްވާތީ، ވަގުތުތަކެއްވެސް ހަމަ ނެގުން ވަރަށް އެކަށީގެންވޭ. އެއީ، އަޅުގަނޑު އިސްކަންދޭނީ، ފެށިފައި އޮތް މަޝްރޫޢު ނިންމަން. ނިންމާފައި، ދެން ހަމަ އެ ސަރަޙައްދަށްވެސް ކަރަންޓާއި، ފެނާއި، ނަރުދަމާ އެކްސްޓެންޑް ކުރަން.
އެހެންވީމާ، މިގޮތަށް އަޅުގަނޑު މިކަމުގައި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް އަދި މި ތަންތަން ނަގައިގެން ޓޫރިޒަމް ކުރިއަށް ގެންދަން ބޭނުންވާ، އިންވެސްޓް ކުރާ ފަރާތްތަކަށް، އެ ކޮންފިޑެންސް ދިނުމުގެ ގޮތުންވެސް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، އެކަމަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން ހަމަ މަސައްކަތްކޮށް، އެކަމަށް ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމުގެ ޔަޤީންކަން.
އާދެ، މި ރަށުގައިވެސް ހަމަ ގިނަ ރަށްތަކުގައި ޙައްލުކުރަން ހުރި ކަންކަން މި ހުންނަނީ ޙައްލުކުރަން. ތަޢުލީމީ ދާއިރާ. އާބާދީ ކިތަންމެ ކުޑަވިޔަސް، ތަޢުލީމީ ދާއިރާއަށް ސަމާލުކަން ދިނުމުގައި އަޅުގަނޑު އެއްވެސް ތަފާތެއް ނުކުރާނަން. އެއީ، ކޮންމެ ކުއްޖަކުވެސް އެންމެ މޮޅަށް ކިޔަވައިގެން ނުކުތުމަކީ، އަޅުގަނޑު ބޭނުންވާ ގޮތް. ކޮންމެ ކުއްޖަކަށްވެސް ސަރުކާރުގެ ފަރާތުން، އެންމެ ރަނގަޅު ޚިދުމަތް، ތަޢުލީމީ ދާއިރާއިން ލިބެންހުރި ވަސީލަތްތައް ފޯރުކޮށްދިނުން، އަޅުގަނޑުގެ ސިޔާސަތަކީ. އެހެންވީމާ، އެކަން ކުރުމަށްޓަކައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ކަންތައްތައް ހަމަޖައްސައިދޭނަން.
އެހެންވީމާ، މި ރަށުގެ ސްކޫލްގައި ފެށިފައި ހުރި މަޝްރޫޢެއްވެސް އެބައޮތް. އަދި ސްކޫލްގައި ވަރަށް ގިނަ އެހެން ކަންކަންވެސް ފުރިހަމަކުރަންޖެހޭ. މި އަހަރުގެ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި މިހިރީ ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާ ހައްލުކުރުން. އެހެންވީމާ، އޭގެ ތެރެއިން ތަޢުލީމީ ދާއިރާގައި މި ރަށުގައި ކުރަންހުރި މަސައްކަތް، ފަށާފައި ހުރި މަޝްރޫޢުގެ މަސައްކަތާއި އަދިވެސް އެހެނިހެން ކަންކަން އެބަހުރި ސްކޫލްގައި ހަމަޖައްސަންޖެހޭ.
އެހެންވީމާ، އެކަންކަން ހަމަޖައްސައިދިނުމާ އެކުގައި، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް، އެއީ ވަސީލަތުގެ ގޮތުން ކަމުގައިވިޔަސް، އަދި މުވައްޒަފުން ހޯދައިދިނުން ކަމުގައިވިޔަސް، އަދި އިމާރާތުގެ ގޮތުން ކަމުގައިވިޔަސް، އިތުރު އިމާރާތެއް އަޅަންޖެހޭ ކަމަށްވަންޏާ، ކައުންސިލުން އަދި ޞިއްޙީ މަރުކަޒުން އެދިލައްވާފައިވާ ގޮތަށް، އެކަން ކުރުން ކަމުގައިވިޔަސް، އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު، އެކަން ބަލާނަން. އަދި ތިޔަބޭފުޅުން ކުރިން ދެއްވާފައި ހުރި މަޢުލޫމާތުގައިވެސް އެކަން އެބަހުރި. އަދި މީޓީންގގައިވެސް އެކަންކަން ޙިއްޞާކުރެއްވި.
އެހެންވީމާ، މި ދެ ދާއިރާއަށް، ތަޢުލީމީ ދާއިރާއަށް އުމްރާނީ ތަރައްޤީގެ ގޮތުން، ވަސީލަތުގެ ގޮތުން، އަދި ޞިއްޙީ ދާއިރާއަށްވެސް އިމާރާތުގެ ގޮތުންނާއި، އަދި ވަސީލަތުގެ ގޮތުން ކޮށްދޭންޖެހޭ ކަންތައްތައް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ބަޖެޓުގެ ތެރެއިން ކޮށްދީ، އަޅުގަނޑުމެން ނިންމައިދޭނަން.
ދެން ކުރިން އަޅުގަނޑު ދެންނެވިން، ކުނިކޮށީގެ މައްސަލަ އޮތްގޮތް. ބޭރުގެ ފަންޑު ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެޑްވާންސް ޕޭމަންޓްވެސް ދީފައި. 21 ރަށެއްގައި ކުރިއަށް ގެންދަން. ނުގޮސް އެއޮތީ. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން އެބަ ޙައްލުތަކެއް ގެންނަން. އެއީ، ބޭރު ފަންޑުގެ މަޝްރޫޢެއްވީމާ، ބޭރުގެ ފަންޑެއް، އެ ފަންޑުގެ ޕްރޮސީޖަރތަކެއް ހުރޭ. ޕްރޮކިއުމަންޓް ޕްރޮސީޖަރތަކެއް. އެހެންވީމާ، އަންޑޫ ކުރަންޏާ، ނޫނީވިއްޔާ ކެންސަލް ކޮށްފައި، އާ ބަޔަކު ހޮވަންޏާވެސް، ކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އެ މަސައްކަތްތައް ހިނގާ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ، އެ މަޝްރޫޢު ހިނގާނެ ގޮތް ހަދަން. އެހެން ނޫނީވިއްޔާ، ހުރިހާ ރަށެއްގައި މިއޮތީ މިކަން ހުއްޓިފައި. އެހެންވީމާ، އެގޮތަކަށް އެހެންވިޔަކަ އަޅުގަނޑުމެން ނުދޭނަން. މިހާރު އެކަމުގެ މަސައްކަތްތައް އެބަ ހިނގާ. އިރާދަކުރެއްވިއްޔާ ހަމަ ދާދި އަވަހަށް، މި ރަށް ހިމެނޭގޮތަށް، ދެން އަނެއް 20 ރަށުގައިވެސް މި ޕްރޮޖެކްޓްގެ ދަށުން އަޅަންޖެހޭ ޒަމާނީ ކުނިކޮށި އެޅުމުގެ މަސައްކަތް ދާނެ.
ދެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، ކުޅިވަރުގެ ދާއިރާ. ކުޅިވަރު އެއީ، އަޅުގަނޑުމެން ވަރަށް ސަމާލުކަންދޭ ކަމެއް. ފިޓްނަސް، ދުޅަހެޔޮކަން. ޒުވާނުން، އަންހެން ބޭފުޅުން، ފިރިހެން ބޭފުޅުން، ހުރިހާ ރައްޔިތުންގެވެސް ދުޅަހެޔޮކަމަކީ، ބަލިތަކުން ދުރުކޮށްދިނުމުގައިވެސް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި އެންމެ ގިނައިން މި ފެތުރެނީ، ލައިފް ސްޓައިލް ޑިޒީޒަސް. އަޅުގަނޑުމެންނަށް އެވޮއިޑް ކުރެވިދާނެ ބަލިތައް. ކުޅިވަރު ކުޅުމާއި، ކަސްރަތު ކުރުމާއި، މި ކަހަލަ ކަންކަން ނުކުރެވޭތީ ވާ ކަންކަން. ފެތުރޭ ބަލިތައް.
ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް، ކުޅިވަރު ކުޅެވޭނެ ފުރުޞަތުތަކާއި، ކަސްރަތު ކުރެވޭނެ ފުރުޞަތުތައް ފަހިކޮށްދިނުން. އެހެންވީމާ، ކަމާބެހޭ ވުޒާރާއިން، އެކަންކަމުގެ މަސައްކަތްތަކެއް މުޅި ރާއްޖޭގައި މިހާރު މި ކުރިއަށް ގެންދަނީ. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، ކުރީގައި ކިޔާގޮތުންވިއްޔާ، ޒުވާނުންގެ މަރުކަޒަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދިނުން. މި ރަށުގައިވެސް އެކަން ކުރިއަށް ގެންދެވޭނެ. ފުރިހަމަ ވަސީލަތްތައް ޤާއިމުކުރެވިފައިވާ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް، މި ރަށުގެ އާބާދީއަށް ބޭނުންވާ ފެންވަރުގައި ފުރިހަމަވާނެ. އަދި އޭގެއިތުރަށް، މުޅިން އަލަށް ފުޓްސަލް ދަނޑެއް، އިރާދަކުރެއްވިއްޔާ މި ރަށުގައި އަޅައިދީ، ވޮލީ ކޯޓެއްވެސް އެޅިގެންދާނެ.
ދެން ފާހަގަކުރެއްވީ ފެރީ ޓަރމިނަލް. އާރު.ޓީ.އެލް. ގާތްގަނޑަކަށް ސާޅީހަކަށް ރަށުގައި ފެރީ ޓަރމިނަލް ހަދައި، އެމް.ޓީ.ސީ.ސީ.އިން އަދި އެއާ ޙަވާލުނުވެ، ނޫނީވިއްޔާ ހިންގަން ނުފަށާ ޓަރމިނަލް އެބަހުރި. ކައުންސިލްތަކާ ޙަވާލުނުކުރެވި ހުރި ފެރީ ޓަރމިނަލްތަކެއް. އަޅުގަނޑު މިހާރު ވާނީ، އެމް.ޓީ.ސީ.ސީ. ގައި ދަންނަވާފައި. އިއްޔެ ދެންނެވީ. މި ހުރިހާ ރަށެއްގައި، މި ދެންނެވި 40 ޕްލަސް، އަޅުގަނޑަށް ހީވަނީ 46 ރަށް ކަންނޭނގެ، ސާޅީހަކަށް ރަށުގައި، ސާޅީހަށްވުރެ ގިނަ ރަށުގައި، މިހިރަ ފެރީ ޓަރމިނަލްތައް، އެގޮތަށްހުރެ ވީރާނާވެގެން ދިޔުމުގެ ބަދަލުގައި، އެ ތަންތަން ކައުންސިލްތަކާ އެގްރީމަންޓްކޮށް، ޙަވާލުކުރުމަކީ، އެމް.ޓީ.ސީ.ސީ.އިން ކުރިއަށް ގެންދަންވާނެ ކަމެއް ކަމުގައި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑު އުންމީދުކުރަން، އެމް.ޓީ.ސީ.ސީ.އިން މި އަންނަ މަސް، ފެބުރުވަރީ މަސް ނިމެންވާއިރަށް، މި ރަށްވެސް ހިމެނޭގޮތަށް، ހުރިހާ ރަށަކަށް މި ފެރީ ޓަރމިނަލްތައް ޙަވާލުކޮށްދޭނެ ކަމަށް. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ، ކައުންސިލްތަކަށް އެ ތަންތަން ހިންގޭނެ، ބެލެހެއްޓޭނެ. އެހެންވީމާ، އެކަންވެސް އެގޮތަށް ކުރިއަށްދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.
އާދެ، އެހެންވީމާ، ޖުމްލަކޮށް މިކަންކަން އަޅުގަނޑު މި ދަންނަވާލީ. ހަމަ މި ރަށުގައި، ލޭންޑް ޔޫސް ޕްލޭން އެބައޮތް ހެދިފައި. ޖާގަ އެބައޮތް. އެހެންވީމާ، އަޅުގަނޑު އެދެން، ހަމަ ކައުންސިލުން އެ އޮންނަ އުޞޫލުން އިޢުލާނުކޮށްގެން، މި ރަށުގެ ރައްޔިތުންގެ ތެރެއިން ގޯތި ބޭނުންވާ ހުރިހާ ފަރާތްތަކަށް އެކަން ހަމަޖައްސައިދިނުމަށް. އެއީ، ސަބަބަކީ، ބިންއޮވެ، ގޯތި، ނޫނީވިއްޔާ ހައުސިންގގެ ފުރުޞަތު ރައްޔިތުންނަށް ނުދިނުމަކީ، އަޅުގަނޑުގެ ސިޔާސަތެއް ނޫން. އަޅުގަނޑު ބޭނުންވަނީ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ޙައްލުކޮށްދޭން. އެ ފުރުޞަތު ހޯދައިދޭން. އެކްސެސް ޓު ހައުސިންގ ނުލިބޭ އެއްވެސް ރައްޔިތަކު ނުބެހެއްޓުން އެއީ، އަޅުގަނޑުގެ ސިޔާސަތު، މި ފަސް އަހަރުގެ މި ދައުރުގައި.
އެހެންވީމާ، މި ރަށުގައި ގޯތީގެ މައްސަލައަކީ، ވަރަށް ފަސޭހައިން ޙައްލުކުރެވެން އޮތް މައްސަލައެއް. ދެން އަޅުގަނޑުމެން މުޅި ރާއްޖެއަށް، މި ރަށްވެސް ހިމެނޭގޮތަށް، މިހާރު މި ހުޅުވާލި ފުރުޞަތަކީ، އެ ގޯތިތަކުގައި ގެ އަޅަން ލުއިލޯނު ނެގޭނެގޮތް ހަމަޖައްސައިދިނުމުގެ ފުރުޞަތު. ފަސް ޕަސެންޓް އިންޓްރެސްޓް ރޭޓުގައި، އިސްލާމިކް ފައިނޭންސް ސްކީމެއް މިހާރު އެއޮތީ ހުޅުވާލާފައި. މިފަދަ ރަށްތަކަށް، އެއް މިލިއަން ރުފިޔާއާ ހަމައަށް، އެއް މިލިއަން ރުފިޔާގެ ލޯނު ނެގޭނެ، އަމިއްލަ ގޯތީގައި ގެއެއް އަޅަން. އެ ލޯނު ނަގާކަށް އިކުއިޓީއެއް ބަހައްޓާކަށް ނުޖެހޭނެ. ވަރަށް ލުއިވާނެ. ޓާރމްތައްވެސް ހަމަ ވަރަށް އަތްފޯރާ ފަށުގައި ހުންނާނީ.
އެހެންވީމާ، ހުރިހާ ގޮތަކުން ފަސޭހަ އިސްލާމިކް ފައިނޭންސް މޮޑެލްގެ ލޯނު ސްކީމެއް މިއީ. އެއީ، މުޅި ރާއްޖޭގެ ހަމަ ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް ނެގޭނެ ލޯނެއް. މި އަހަރުގެ ބަޖެޓުގައި، މި ފަންޑަށް އަޅުގަނޑުމެން އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާނެ. 1000 މިލިއަން ރުފިޔާ. އެއް ބިލިއަން ރުފިޔާގެ ފަންޑެއް. ހަމަ ކޮންމެ އަހަރަކު އިތުރުކުރާނަން. އެހެންވީމާ، މި ފުރުޞަތު އެބައޮތް، މި ރަށުގެ ރައްޔިތުންނަށްވެސް. ރަށުގައި އަމިއްލަ ގޯތީގައި ގެއަޅަން. އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ. މިހާރު އެއޮތީ ފުރުޞަތު ހުޅުވާލާފައި. ދެން އަޅުގަނޑުމެންގެ އުންމީދަކީ، މީގެ ހުރިހާ ޕްރޮސީޖަރތަކެއް ހަމަޖެހި، މި އަހަރުގެ މެދުތެރެއަށް ދާންވާއިރަށް، ޖޫން، ޖުލައި ހިސާބުގައި އެކްޗުއަލް ލޯނުތައް ދޫކުރެވެން ފެށުން. އެހެންވީމާ، ގެތައް ހަދަން ފުރުޞަތު ހަމަ ލިބިގެންދާނެ އެ ހިސާބުގައި. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށްވެސް މި ފުރުޞަތު އެބައޮތް.
އަޅުގަނޑުގެ މި މައިގަނޑު ސިޔާސަތު، އެންމެ މުހިންމު ސިޔާސަތު، ގެދޮރުގެ މައްސަލަ ޙައްލުކޮށްދިނުން. އެއީ، އަމިއްލަ ގޯތީގައި ގެ އެޅުން ކަމުގައިވިޔަސް، ސަރުކާރުން ހިންގާ ހައުސިންގ ޕްރޮޖެކްޓްތަކުން ފްލެޓް، ރޯހައުސް ފަދަ ތަންތަން ލިބުން ކަމުގައިވިޔަސް، އެ މައްސަލަ ޙައްލުކޮށްދިނުން. އެހެންވީމާ، އެކަން ހަމަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން. ތިޔަބޭފުޅުންވެސް އެ ފުރުޞަތުގެ ބޭނުން ހިއްޕަވަންވީ.
އާދެ، ޖުމްލަކޮށް މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމަކީ، އަޅުގަނޑު ވަރަށް އިސްކަންދޭނެ ކަންތައްތައް ކަން، ތަކުރާރުކޮށް ތިޔަބޭފުޅުންނަށް ދަންނަވާލަދެން. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، އަދި އެހެން މަޝްރޫޢުތައްވެސް އެބަހުރި މައްސަލަތައް ޙައްލުކުރަންޖެހޭ. ޖުމްލަކޮށް، ހަމަ ހުރިހާ ކަމެއް ހިމެނޭގޮތަށް މި ވާހަކަ މި ދަންނަވާލީ.
ފުރަތަމަ ފަހަރު މި ރަށަށް އާދެވުނީ. އެކަމަކު އަޅުގަނޑު ވަރަށް އުންމީދު ކުރަން، މާލަސްތަކެއް ނުވެ، ދެވަނަފަހަރަކަށް ތިޔަބޭފުޅުންނާ ބައްދަލުވާނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.