بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި، ޑަބްލިޔު.ޑީ.ސީ. އަދި މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި އަޅުގަނޑާއެކީގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ އަޑުއައްސަވަމުން، ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އިރުއޮއްސުނު ވަގުތު އަޅުގަނޑަށް މި ރަށަށް އާދެވުނީ. ތިޔަބޭފުޅުން އެ ވަގުތު ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަރިސްކުރަން.

އާދެ، މިދިޔަ ދުވަސްތަކުގައި ދެވަނަފަހަރު މި އާދެވުނީ. ވަރަށް އުފާކުރަން. ހަމަ ކޮންމެ ފަހަރަކުވެސް ތިޔަބޭފުޅުންނާ މިގޮތަށް ބައްދަލުވާއިރުގައި، މި ރަށުގެ ތަރައްޤީގެ މަސައްކަތުގައި ޢަމަލީގޮތުން ގިނަގުނަ ކުރިއެރުންތަކެއް ހޯދައިދިނުމަކީ، އަޅުގަނޑުގެ ޢަޒުމަކީ އަދި އަޅުގަނޑުމެން ކަންތައްތައް ކުރާގޮތަކީ، ކުރަން ނިންމާފައިވާ ގޮތަކީވެސް. އިރާދަކުރެއްވިއްޔާ މި ފެށިގެން މިދާ އަހަރުގެ ތެރޭގައި، މި 2025 ވަނަ އަހަރުގެ ތެރޭގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ވެފައިވާ ވަޢުދުތަކުގެ ގިނަ ކަންތައްތަކަކީ، ޢަމަލީގޮތުން ފެށިގެންދާނެ އަދި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭނެ އަހަރެއް ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތައް އިރާދަކުރެއްވިއްޔާ ފުއްދުމުގައި ވަރަށް ސަމާލުކަން ދެން. ރައްޔިތުންނަށް އަޅުގަނޑު ވެފައި ހުރި ވަޢުދުތަކަކީ، ރައްޔިތުންގެ އުންމީދުތަކުގައި ކޮންމެހެންވެސް ކުލަ ޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމުގައި އަޅުގަނޑު ގަބޫލުކޮށްގެން ވެފައިހުރި ވަޢުދު.

އެހެންވީމާ، ސަރުކާރުގެ މަސައްކަތްތައް އަޅުގަނޑު ތަރުތީބުކޮށްފައި ވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެކަންކަން އެންމެ ބާރު ސްޕީޑްގައި ގެންދެވޭނެ ގޮތަކަށް ރާވައިގެން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަންވެސް، މި ދެންނެވި ބީދައިން ކުރިއަށްދާނެ.

އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ އެންމެ މުހިންމު އެއް ވަޢުދު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އެކި ރަށްރަށުގައި އަޅުގަނޑު އޭރުގައި ވީ ވަޢުދުތައް ފުއްދުމުގެ ގޮތުން، މި އަހަރުގެ ބަޖެޓުގައި އަޅުގަނޑު ކަނޑައަޅާފައިވާ 1500 މިލިއަން ރުފިޔާ ގެދޮރުވެރިކަމަށް ޚާއްޞަކޮށްފައިވާ، އެ ޢަދަދުގެ ތެރެއިން މި ދެންނެވި ވަޢުދު ފުއްދުމަށްޓަކައި އިއްޔެ ވާނީ އިޢުލާނުކޮށް ގެޒެޓްކޮށްފައި، މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދަން. އެއީ، އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން، ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު އަދި ބައިބޯވެފައިވާ ހުރިހާ ރަށެއްގައި އެންމެ މުހިންމު މައްސަލަ ޙައްލުކުރަންޖެހޭ. އެހެންވީމާ، މި އަހަރުގެ މި މަސް ނިމުމުގެ ކުރީގައި، އަޅުގަނޑު އޭރުގައިވެސް ދެންނެވިން، މި މަޝްރޫޢުތައް ހިންގަން، ފަރާތްތައް ހޯދަން އިޢުލާނު ކުރާނަމޭ. އެހެންވީމާ، އިއްޔެ އެވަނީ އިޢުލާނު ކުރެވިފައި.

އޭގެތެރޭގައި، ހޯރަފުށީގައިވެސް 200 ހައުސިންގ ޔުނިޓް އެޅުން ހިމަނައި އިޢުލާނުކޮށްފައި ވާނީ. އެއީ، ފުރަތަމަ ފިޔަވައްސެއް ގޮތުގައި. އެހެންވީމާ، މި ފުރަތަމަ ބުރުގައި ފުރަތަމަ ފިޔަވައްސެއް ގޮތުގައި 200 ޔުނިޓް އެޅުން ކަނޑައަޅާފައި އެވަނީ. އެހެންވީމާ، އެ މަޝްރޫޢުގެ ތެރެއިން އެކަން ކުރާނެ ފަރާތްތައް ކަނޑައެޅި، މަސައްކަތް ހަވާލުކުރެވި، މި އަހަރުގެ ތެރޭގައި ވަރަށް އިސްކަމެއް ދީގެން އެކަން ކުރަން އަޅުގަނޑުމެން ނިންމާފައިވާ ކަމެއް އެއީ.

އަޅުގަނޑު ވަޢުދުވެފައި ވާނެ، ބިން ހިއްކުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް. ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަކީ، އަޅުގަނޑު ވެފައިވާ ވަޢުދެއް. ހަމަ އެގޮތަށް، ރަނގަޅު ފެންވަރުގައި ކުނި ނައްތައިލުމުގެ ނިޒާމު، ނޫނީވިއްޔާ މަރުކަޒު ޤާއިމުކޮށްގެން އެކަން ފުރިހަމަކޮށްދޭނެ ކަމަށްވެސް އަޅުގަނޑު ވަޢުދުވިން. އަދި މިހާރު އެ ހިނގަމުންދާ ހޮސްޕިޓަލް މަސައްކަތް، އެގޮތަށް އޭރުގައި ނުކުރެވި، ނޫނީވިއްޔާ މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނެ ކަމަށްވެސް ވާނީ ވަޢުދުވެފައި.

ހަމަ އެއާއެކީގައި، އެކިކަހަލަ ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދޭނެ ކަމަށްވެސް ވަޢުދުވިން. އެގޮތުން، ފުޓްސަލް ކުޅުމަށްޓަކައި ކޮންމެހެންވެސް މިހާރު ދަނޑެއް އަޅަންޖެހިފައި މިވަނީ. އަދި ފުޓްސަލް ދަނޑުގެ އިތުރަށްވެސް، ހޭންޑްބޯލް ކުޅޭނެ ކޯޓެއްވެސް ހިމެނޭގޮތަށް، ކުޅިވަރުގެ ވަސީލަތްތައް އިރާދަކުރެއްވިއްޔާ މި ރަށުގައި ޤާއިމުކޮށްދޭނެ ވާހަކަ ދަންނަވަން.

ހަމަ އެއާއެކީގައި، އަޅުގަނޑު ވަޢުދުވިން، ބަނދަރުގެ ފެންވަރު ރަނގަޅުކޮށްދޭން، ބަނދަރުގެ މަޝްރޫޢެއް ފެށުމަށް. ބަނދަރަށް ދިމާވެފައިވާ ދަތިކަން ޙައްލުކޮށްދިނުމަށްވެސް އަޅުގަނޑު އޮންނާނީ ވަޢުދުވެފައި. އެހެންވީމާ، މި ހުރިހާ ކަންތައްތައް މިހިރީ މި އަހަރުގެ ތެރެއަށް ބަހާލައިގެން، އަޅުގަނޑުމެން އެކި މަސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައި. އަދި އެގޮތުން ފެށޭ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ފެށި، މި އަންނަ އަހަރު ތެރޭގައި ބައެއް މަޝްރޫޢުތައް ނިމިގެންދާނެ. މިކަންކަން މިގޮތަށް ހިނގާނެ ތަން ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިނުމަށްޓަކައި ޙަޤީޤަތުގައި އަޅުގަނޑު މިތަނަށް މިރޭ މިއައީ.

އެހެންވީމާ، އަޅުގަނޑު އެދެން، ތިޔަބޭފުޅުން އެކަން ޔަޤީންކުރެއްވުމަށް. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުރިހަމަގޮތުގައި ތިޔަބޭފުޅުންނަށް މި އަހަރު ތެރޭގައި، މި ދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންގޮސްދޭނެކަން އަނެއްކާވެސް ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކޮށްދިނުމުގެ ގޮތުން ދަންނަވަން.

އާދެ، މީގެއިތުރަށްވެސް، އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޖުމްލަ ގޮތެއްގައިވެސް އިޤްތިޞާދީ ގޮތުން ފުރުޞަތުތައް ހޯދައިދިނުން. އެއީ، ވަޒީފާގެ ފުރުޞަތުތައް ކަމުގައިވިޔަސް، ހޯދައިދިނުމަށްޓަކައި ފަހި ފުރުޞަތުތައް ހޯދައިދިނުމަކީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ގޮތް.

އަޅުގަނޑުމެން މި ސަރަޙައްދަށް ވަރަށް މުހިންމު މަޝްރޫޢެއް ކަނޑައަޅާފައި މިއޮތީ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި. އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް މިވަނީ ފެށިފައި. އިކޮނޮމިކް މިނިސްޓްރީން އެކަމާ ގުޅޭ ވަރަށްގިނަ ކަންތައް، ކެބިނެޓުގެ ނިންމުމާއި މަޝްވަރާތަކާ އެކީގައި އެދަނީ ކުރިއަށް. އަޅުގަނޑުމެންގެ އަންދާޒާއަކީ، މި އަހަރުގެ މެދަކާ ހަމައަށްދާއިރުގައި، ޢަމަލީގޮތުން މަސައްކަތްތައް ފެށިގެންދިޔުން. މީގެކުރީގައި އެހެން ނަމެއް ކިޔާފައިވެސް، އެ މަޝްރޫޢެއް ގެންދަން އުޅުނު މަޝްރޫޢެއް މިއީ. އެހެންދާ ކަމަކަށް ނުވާނެ. އަޅުގަނޑުމެން ކަންކަން ކުރާނީ އިރާދަކުރެއްވިއްޔާ ހަމަ ޙަޤީޤީ މާނައިގައި އެކަންކަން ޑެލިވަރ ކުރުމަށް. ނަތީޖާ ނެރެދިނުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ސަރަޙައްދަށް، މި ރަށަށް، މި އަތޮޅަށް އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ އިޤްތިޞާދަށް ވަރަށްބޮޑު ފައިދާއެއް ކުރާނެ މަޝްރޫޢަކަށް އެ މަޝްރޫޢުވާނެކަމީ އަޅުގަނޑަށް ހަމަ ޔަޤީންވާ ކަމެއް. އެހެންވީމާ، އެކަން ވަރަށްބާރު ސްޕީޑްގައި އަޅުގަނޑުމެން ކުރިއަށް ގެންދާކަން އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، މިގޮތަށް ހުރި ގިނަ ކަންތައްތަކެއް، މިދިޔަ ސާދަވަރަކަށް މަސްދުވަހުގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން އަޅުގަނޑުމެން ވާނީ ކުރިއަށް ގެންދަން ފަށާފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި މި ދެންނެވިހެން ކަނޑައަޅާފައި ހުރި ވަރަށް ގިނަ ކަންތައްތައް ވާނީ ކުރިއަށް ގެންދަން ފަށާފައި.

އެންމެ ބޮޑަށް ޙައްލުކުރަން މަސައްކަތް ކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ޑޮލަރުގެ ތާށިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން އަޅަންފެށި ފިޔަވަޅު. މިހާރު އެވަނީ ބޭރު ފައިސާއާބެހޭ ޤާނޫނެއް ހަދާފައި، ގެޒެޓްކޮށްފައި، ޢަމަލުކުރަން ފަށާފައި. އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ޙައްޤުގައި މިކަން ކުރާނަމޭ. އަޅުގަނޑު އެ ދެންނެވި ގޮތަށް މިހާރު އެވަނީ ތަންފީޛު ކުރަން ފަށާފައި. މިހާރު މި ޖަނަވަރީ މަހު، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އެ ފުރަތަމަ ބެޗުގެ ޑޮލަރު މާރުކުރުމުގެ ކަންތައް، ހަމަ ޖުމްލަކޮށް ވަރަށްމަދު ރިޒޯޓުތަކެއް ފިޔަވައި، ޖުމްލަކޮށް މުޅި ރާއްޖޭގައި އޮޕަރޭޓްކުރާ ހަމަ ގިނަ ރިޒޯޓުތަކުން އެކަމަށް ތަބާވެ، ޑޮލަރު މާރުކުރަމުން ދަނީ. މިހާތަނަށްވެސް، އެމް.އެމް.އޭ.ގެ ގަވަރނަރ އެންމެފަހުން އަޅުގަނޑަށް ދެއްވި މަޢުލޫމާތު އެއީ، މިދިޔަ ހޯމަ ދުވަހު ދެއްވި އަޕްޑޭޓްގައިވެސް 25 މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފައި. އެއީ، އެއްމަހުގެ ތެރޭގައި. މިގޮތަށް ރަނގަޅަށް މިކަން ކުރިއަށްދާނަމަ، އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެން ޤާނޫނު ފުރިހަމައަށް ތަންފީޛު ކުރާނަން. އެއްވެސް ވިޔަފާރިވެރިއަކަށް، މި ދެންނެވީ، އެ ޤާނޫނަށް ފޯލްވާ، އެ ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ހަމަ އެއްވެސް ވިޔަފާރިވެރިއަކަށް އެއިން އަޅުގަނޑުމެން އިސްތިސްނާއެއް ނުދޭނަން. ކޮންމެ ރިޒޯޓެއް ކަމުގައިވިޔަސް، އަދި އެ ޤާނޫނުގެ ދަށުން ޑޮލަރު މާރުކުރަންޖެހޭ ކޮންމެ ފަރާތެއްވިޔަސް ޖެހޭނީ ހަމަ އެކަން ކުރައްވަން. ޤާނޫނާ އެއްގޮތަށް.

އެހެންވީމާ، އެކަން ރަނގަޅަށް ތަންފީޛު ކުރެވިގެންދިޔައިމަ، އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށްބޮޑު ފަސޭހަތަކެއް، ވިޔަފާރިވެރިންނަށްވެސް ފަސޭހަތަކެއް ލިބޭނެ. އަޅުގަނޑުމެން މި ރާވާފައި އޮތްގޮތަށް، ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރު ތެރޭގައި އަދި ވަރަށްބޮޑުތަނުން އެކި ކަންކަން ފަހިކުރެވި، ޢާންމު ރައްޔިތުންނަށްވެސް އެއިން އެތައް ފައިދާތަކެއް، ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް، ކިޔަވާ ކުދިންނަށް، ޖުމްލަކޮށް ހަމަ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ. އެހެންވީމާ، އިޤްތިޞާދަށް މި ރަނގަޅު ބަދަލުތައް އަޅުގަނޑުމެން މިގެންދަނީ ގެންނަމުން.

ހަނދުމަފުޅު ހުންނާނެ، އަޅުގަނޑުމެން މިއޮތްހާ ދުވަހު މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 14 މަސް ދުވަހުގެ ތެރޭގައި، މި ދަތި އުނދަގުލުގެ ތެރެއިން މިއަދާ ހަމަޔަށް މިއައީ. އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، އެއްވެސްވަރަކަށް ފައިސާވެސް ޗާޕްނުކޮށް. އަޅުގަނޑުމެން ހަމަ އެއްގޮތަކަށްވެސް ބޭނުމެއްނުވޭ، އަޅުގަނޑުމެންގެ އިޤްތިޞާދު އިތުރަށް ހަލާކުކުރާކަށް. އެހެންވީމާ، ވަޢުދުތަކާ އެއްގޮތަށް، އަޅުގަނޑުމެންގެ އިޤްތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް މިގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ މިގޮތަށް ކަންކަން ދާނެ.

މަސްވެރިކަމުގެ ދާއިރާވެސް ހަމަ އެހެން. މަސްވެރިކަމުގެ އިންޑަސްޓްރީ އޮތީ އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ވަރަށް ހާލުގައި. އިރާދަކުރެއްވީތީ ވަރަށްގިނަ މަސައްކަތްތައް ކުރެވި، ދައްކަންހުރި ހުރިހާ ފައިސާއެއް، އަޅުގަނޑުމެން ހަވާލުވިއިރުގައި ދައްކަން ހުރި 200 އެތައް މިލިއަން ރުފިޔާއަކާއި، އަދި މިއަދާ ހަމަޔަށް، މިދިޔަ ޑިސެންބަރާ ހަމަޔަށް އައިއިރުގައި، ދައްކަންޖެހުނު ހުރިހާ ފައިސާއެއް، އެއްބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދައްކައި، ބެކްލޮގް ކްލިއަރ ކުރުމުގެ އިތުރަށް، އަޅުގަނޑު ވަޢުދުވީ ގޮތަށް، މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން ހަމަ އެންމެ ފަހަރެއްވެސް ދޫކޮށްނުލައި، އެންމެ ދުވަހެއްވެސް ވައްޓާނުލައި، މި އަންނަނީ މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން. ހަމަ އެގޮތަށް ކުރިއަށްދާނެ އިރާދަކުރެއްވިއްޔާ، ދެން އޮތް ހަމަ ކޮންމެ ދުވަހަކުވެސް. އަދި އޭގެއިތުރަށްވެސް މަސްވެރިންނަށް ދިމާވެފައި ހުރި ކަންކަމުގައި އަޅުގަނޑުމެން މިދަނީ މަސްވެރިންގެ އަޑުއަހައިގެން އިރާދަކުރެއްވީތީ ކަންކަން ކޮށްދެމުން.

އަޅުގަނޑު ވަޢުދުވީ ކަންކަން، އެކި ކަންތައްތައް، އެކި މަރުޙަލާގައި އެދަނީ ފެށެމުން. އެއީ، މިސާލަކަށް، ކޯލްޑް ސްޓޯރޭޖް ޤާއިމުކޮށްދިން ކަމުގައިވިޔަސް، ޕްރޮސެސިންގ ޕްލާންޓްތައް ޤާއިމުކުރުން ކަމަށްވިޔަސް، އަދި މިހެންގޮސް ތެލުގެ އަގު، ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ.ގެ ރޭޓުގައި ތެޔޮ ލިބޭނެގޮތަށް ކަނޑައެޅުން އެއީ، އަޅުގަނޑު ވީ އެއް ވަޢުދު. އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުން ކަމުގައިވިޔަސް، އަދި މިހެންގޮސް މަސްވެރިކަމުގެ ދާއިރާއިން އަޅުގަނޑު ކަނޑައެޅިން، މަސްވެރިންނަށް ޚާއްޞަ ދަފްތަރެއް ޤާއިމުކުރާނެ ކަމަށް. އެއީ، އެ މަސައްކަތް ކަމުގައިވިޔަސް، އަދި މިފްކޯ ހަރުދަނާ ކުރުމަށްޓަކައި ވޭސްޓޭޖާއި، ކޮރަޕްޝަނާ މި ހުރިހާ ކަމެއް ނައްތާލައި، ރަނގަޅު ވަރުގަދަ ކުންފުންޏަކަށް ހެދުން ކަމުގައިވިޔަސް، ދެން ލިސްޓް ކުރާނެ ކަމެއްނެތް. މަސްވެރިކަމުގެ ދާއިރާއާ ގުޅިފައިވާ ކަންކަން މިގެންދަނީ މި ދެންނެވި ބީދައިން ކުރަމުން. އަދި ހަމަ އެއާއެކީގައި، މަސްވެރިކަން ފުޅާކުރުމަށް އޯޝަން ރިސޯސަސްގެ އެންމެ މެކްސިމަމަށް ރާއްޖޭގައި ބޭނުންކުރުމަށްޓަކައި އިންވެސްޓަރުންނަށް ފުރުޞަތު ހުޅުވާލައި، މިކަންކަންވެސް މިދަނީ ކުރަމުން.

ހަމަ އެފަދައިން، ދެންހުރި އިންޑަސްޓްރީތައްވެސް ކުރިއެރުވުމަށްޓަކައި ގިނަ ކަންތައްތަކެއް އެބަ ކުރަން. މި ދެންނެވި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓަކީވެސް އިޤްތިޞާދު ޑައިވައިސިފައި ކުރުމުގެ މުހިންމު މަޝްރޫޢެއް. ޓޫރިޒަމް ކުރިއެރުވުން ކަމުގައިވިޔަސް، ޓޫރިޒަމްގެ ދާއިރާ ފުޅާކުރުން ކަމުގައިވިޔަސް.

އެހެންވީމާ، ހޯރަފުށީގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަޒީފާގެ ފުރުޞަތުގެ ކަންތަކުގައި ވަރަށް އުންމީދީ ގޮތެއްގައި އަޅުގަނޑުމެން ދޭ ޔަޤީންކަމެކޭ މިއީ. މި ސަރަޙައްދަށް، މި ރަށަށް، އަދި މި ދާއިރާއަށް މުޅި އަތޮޅަށްވެސް އަޅުގަނޑުމެންގެ މި ސިޔާސަތުތައް ތަންފީޛު ވެގެންދާއިރުގައި، އިރާދަކުރެއްވިއްޔާ ވަރަށްގިނަ ފުރުޞަތުތައް ހަމަޖެހިގެންދާނެއޭ.

އާދެ، އަދިވެސް އެއްފަހަރު ދަންނަވާލަން ބޭނުން. ޖުމްލަ ގޮތެއްގައި މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައި، އެއީ ކޮންމެ ދާއިރާއަކުން ކަމުގައިވިޔަސް، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އިޖުތިމާޢީ ދާއިރާ ކަމުގައިވިޔަސް، ޢުމްރާނީ ތަރައްޤީ ކަމުގައިވިޔަސް، މިސާލަކަށް، މަގުހެދުމުގެ މަޝްރޫޢުގެ، އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ދެންމެ އެމް.ޕީ. ވަރަށް ތަފްޞީލުކޮށް އެ ފާހަގަކުރެއްވީ އޭގައި ހުރި ބައެއް ކަންކަން. އަޅުގަނޑު ވަޢުދުވިން އިތުރު މަގުތައް ހަދާނެކަމަށް. އެހެންވީމާ، މިހެންހުރި ކޮންމެ މަޝްރޫޢެއް ވަރަށް ބާރު ސްޕީޑްގައި އަހަރުގެ ތެރެއިން އެކި ދުވަސްވަރުގެ ތެރޭގައި، އެކި މަޝްރޫޢުތައް ޢަމަލީގޮތުން ތަންފީޛު ވަމުންދާނެ. އަދި ޖުމްލަކޮށް މި ސަރަޙައްދުގެ ތަރައްޤީއަށްޓަކައި މި ދެންނެވި ގޮތަށް ހުރި ކަންކަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ޢަޒުމަކަށްވާންވީ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީގެ ކަންކަމުގައި އެކަތިގަނޑަކަށްވާން. އަޅުގަނޑުމެންގެ ރަށަށް، އަޅުގަނޑުމެންގެ އަތޮޅަށް އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަ ކޮންމެ ތަރައްޤީއަކީ ތިމަންނާއަށްވެސް ލިބޭ އުފަލެއްކަން، ލިބޭ ފަޚުރެއް ކަމަށް ގަބޫލުކުރެއްވުން. އަޅުގަނޑުމެން ކޮންމެ މީހަކީ އަޅުގަނޑުމެންގެ ޤައުމުދެކެ ލޯބިވާ، އަޅުގަނޑުމެންގެ ޤައުމު އިސްކުރާ، ޤައުމީ މީހަކަށްވާން. އެ ޤައުމީ ލޯތްބާ އެކުގައި ގުޅިލާމެހިގެން ދިޔައިމަ، އޭރުން ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމު ޙަޤީޤީ މާނައިގައި ކުރިއަރައިގެން ދާނީ. އެ ހަމަޖެހުން، އެ ޔުނިޓީ އަޅުގަނޑުމެންގެ ތެރޭގައި ޤާއިމުވެގެން ގޮސްގެން، އަޅުގަނޑުމެންނަށް ޙަޤީޤަތުގައިވެސް ފުރިހަމަ ކާމިޔާބީތަކެއް ލިބޭނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން، ޔަޤީންކުރަން، އިރާދަކުރެއްވީތީ މިއަދާ ހަމައަށް އައިއިރުގައިވެސް ދިޔައީ އެހެން. ޤައުމުގައި ހަމަޖެހުން އޮންނަން. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ލޮބުވެތި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމާ އެކުގައި އަޅުގަނޑު ހަމަ ޔަޤީންކުރަން، މި ދެންނެވި ތަރައްޤީގެ ހުރިހާ ކަމަކާ އެކުގައި އަޅުގަނޑު ތަރައްޤީ މާނަކުރަނީ ވަށާޖެހޭ ގޮތެއްގައި.

ހަމައެކަނި ދެންމެ މި ލިސްޓްކުރި ކަހަލަ މަޝްރޫޢުތައް އެކަންޏެއް ނޫން ތަރައްޤީއަކީ. އަޅުގަނޑުމެންގެ ސިކުނޑިވެސް ހަމަ އެވަރަށް ތަރައްޤީވެގެން ދިޔުން ހިމެނޭގޮތަށް، ވަށާޖެހޭ ތަރައްޤީއެއް ހޯދައިދިނުން. އަޅުގަނޑުމެންގެ ވިސްނުންތައް ތަރައްޤީވާން އެބަޖެހޭ. އަޅުގަނޑުމެންގެ ސިކުނޑިން، އަޅުގަނޑުމެންގެ ވިސްނުން ވިސްނާގޮތް ތަރައްޤީވާންޖެހޭ. އެއީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ޒިންމާއަކަށް ވާން އެބަޖެހޭ. އެގޮތުގައިވާ ތަރައްޤީ އެއީ، ޙަޤީޤީ ތަރައްޤީއަކީ.

އެހެންވީމާ، މިގޮތަށް އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމުގައި އަޅުގަނޑުމެން އެކަތިގަނޑަކަށް ވުމަކީ، ދިވެއްސަކަށްވީތީ، ދިވެހި ޤައުމުދެކެ ފަޚުރުވެރިވެ، އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ކުރަންވީ ކަމަކީ. އޭގެ ފަހަތަށް ދެންހުރި ޚިޔާލުތައް އަންނަންވީ. އެއީ، ސިޔާސީ ޚިޔާލު ތަފާތުވުން ކަމުގައިވިޔަސް އަދި އެހެން މައުޟޫޢެއްގެ ޚިޔާލު ތަފާތުވުން ކަމުގައިވިޔަސް އަންނަންވާނީ، ދެން އެއާ ޖެހިގެން. އެއީ، އަޅުގަނޑުމެންގެ ޤައުމަށް އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކަށްވާނެ ޙަޤީޤަތުގައިވެސް. އެއީ، އަޅުގަނޑުމެންގެ ޤައުމަށް މި ދެންނެވި ފަދައިން ލިބޭނެ ކޮންމެ ކުރިއެރުމަކީ ތިމަންނާއަށްވެސް ލިބޭ ކުރިއެރުމެއްކަން، ހަމަ ޙަޤީޤަތުގައިވެސް ވިސްނާލައިފިއްޔާ ކޮންމެ ބޭފުޅަކަށްވެސް ގަބޫލުކުރެއްވޭނެ. އެކަން ގަބޫލުކުރައްވަން ވާނެ. އެހެންވީމާ، ކީއްވެތޯއޭ، އަޅުގަނޑުމެން އެގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދާން ނުނިންމަންވީ. އެހެންވީމާ، މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމަށް އެންމެ މުހިންމު ކަމަކީ. އެގޮތުގައި ކުރިއަށްދާނަމަ، އަޅުގަނޑުމެންގެ ޤައުމަށް ލިބޭނީ އުފާފާގަތިކަން.

އާދެ، މި ޤައުމުގައި ކޮންމެ ރައްޔިތަކަށްވެސް ޤާނޫނުއަސާސީން ލިބިދޭ ހުރިހާ ޙައްޤުތަކެއް ފުރިހަމަގޮތުގައި މި ސަރުކާރުން ފުރިހަމަ ޔަޤީންކަމާ އެކީގައި ފޯރުކޮށްދޭނަން. އެއްވެސް ރައްޔިތަކަށް މަނައެއްނުވާނެ، ޤާނޫނުއަސާސީގައިވާ އެއްވެސް ޙައްޤެއް އެކްސަރސައިޒް ކުރުމަކަށެއް. ޤާނޫނުއަސާސީ ނުވަތަ ޤާނޫނުން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު، ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ.

އެހެންވީމާ، އެއާއެކީގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޤާނޫނުއަސާސީން ބޭރުން، ޤާނޫނުން ބޭރުން އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތަކެއް ކުރުމަކީ އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫނޭ. އަޅުގަނޑުމެންގެ ތެރޭގައި މި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކުރުމުގެ ޒިންމާއަކީ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް، އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެއް ގޮތުގައި ދެކެންވާނޭ.

އެހެންވީމާ، އަޅުގަނޑުމެންގެ މި ސަރުކާރުން އަޅުގަނޑުގެ ސިޔާސަތަކީ، މިކަން ޔަޤީންކުރުން. އަޅުގަނޑު އެކަން ޔަޤީންކުރާނަން، ކޮންމެ ރައްޔިތެއްގެ ޙައްޤުގައި. މި ޤައުމުގައި ކޮންމެ ރައްޔިތަކަށްވެސް އެ ޙައްޤު ޤާނޫނުއަސާސީން، ޤާނޫނުން ލިބިދޭ ޙައްޤުތައް ފުރިހަމަގޮތުގައި އޮންނާނެ. އަދި މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު އޮންނާނެ. އެއިން ބޭރުން ކުރާ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތެއް ނޯންނާނެ. އެއިން ބޭރުން، ޤައުމުގައި ހަމަޖެހުން އޮތް އޮތުން ނަގާލަން މަސައްކަތްކޮށް، އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅުން، އަޅުގަނޑުމެންގެ މުސްތަޤްބަލަށް ހުރަސްއެޅުމަކީ އެއްވެސް މީހަކަށް އޮންނާނެ ޙައްޤެއް ނޫން. އެހެންވީމާ، މިކަމުގައި ކުރިއަށްދިޔުމުގައި އަޅުގަނޑުގެ ޒިންމާ އަޅުގަނޑު އަދާކުރާނަން. އިރާދަކުރެއްވިއްޔާ މި ޤައުމަކީ އަޅުގަނޑުމެން އެދޭފަދަ ގޮތަށް އެކުވެރިކަމާއި ހަމަޖެހުމާ އެކީގައި ތަރައްޤީގެ މިޞްރާބުގައި ކުރިއަށްދާ ޤައުމެއްކަން ޔަޤީންކުރުމަކީ، އަޅުގަނޑު ކުރާނެ ކަމެއް ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، އެ ވާހަކަކޮޅާ އެކީގައި އަޅުގަނޑު ކުރުކޮށްލާނަން. އަދިވެސް އެއްފަހަރު، ހަމަ ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން، ތިޔަ ބަހައްޓާ ގާތްކަމާއި، ދެއްވާ ތަރުޙީބަށްޓަކައި. ހޯރަފުށީގެ ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް، ވަކިން ޚާއްޞަކޮށް، އަޅުގަނޑު އިންތިޚާބުގެ ތެރޭގައި ވީ ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުއްދުމުގައި އަޅުގަނޑު ވަރަށް ފަރުވާތެރިކަމާ އެކީގައި ކުރިއަށް ދާނަން. އަޅުގަނޑުމެންގެ ކޮންމެ ބޭފުޅެއް، ކެބިނެޓުގެ ކޮންމެ މެންބަރެއް، ކޮންމެ ކުންފުންޏެއްގެ ވެރިއެއް، އެ މަސައްކަތްތައް ކުރައްވަނީ އެ ވިސްނުމުގައި.

މި ދަތުރުގައި ވަރަށްގިނަ ދާއިރާތައް ހިންގަވާ ބޭފުޅުން ބައިވެރިކޮށްފައި އަޅުގަނޑު މިވަނީ. އެއީވެސް އެ ބޭނުމުގައި. އަޅުގަނޑު އެހެން ރަށެއްގައިވެސް ދަންނަވާލިން. ވަރަށް ފަސޭހަވީސް އަޅުގަނޑު އެކަނި ހަމަ އަންނަން. އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށްލާފައި ދެވިދާނެ. އޭރުން އެ ނެރެވޭ ނަތީޖާއަށްވުރެ، މާ ރަނގަޅު ނަތީޖާއެއް ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި އެބަ ނެރެވޭ، ރަށްރަށުގައި މިހެން ހުންނަ މުހިންމު ކަންކަމާ ގުޅޭ ވަޒީރުންނާއި ވެރިން، ކުންފުނިތަކުގެ ވެރިން މިތަނަށް ވަޑައިގަތީމަ. އަޅުގަނޑާ އެކީގައި އޭރުން ތިޔަބޭފުޅުންގެ ގާތުން ކަންކަން އޮޅުންފިލުވައި، ބޭނުންވާ ކަންކަން ބަލައި، ކަންކަން ފިޒިކަލީ ގޮސް ބަލައި، ކައުންސިލާއި މުއައްސަސާތަކާ އެކީގައި ބައްދަލުކޮށް ވާހަކަ ދައްކައި، އެކަންކަމުގެ ޙައްލުތައް ހޯދައިގެން، ދެން މާލެގޮސް އެކަންކަން ތަންފީޛު ކުރުމަކީ، މާ އަވަހަށް ކަންކަމުގެ ނަތީޖާ ނެރެވޭނެ ކަމަކަށްވާތީ، އެގޮތުގައި، ރިޒަލްޓް އޮރިއެންޓަޑް މަސައްކަތްތަކެއް ކުރުމުގެ ގޮތުގައި، އަޅުގަނޑު އެ ބޭނުމުގައި މިގޮތަށް މި ދަތުރުތައް މި ކުރަނީ. މީގެ ނަތީޖާ ހަމަ ޙަޤީޤަތުގައިވެސް މާ އަވަސްކޮށް، މާ ފުރިހަމައަށް ނެރެވޭނެ. އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ފެނިގެންދާނީ، މި ދެންނެވި ގޮތަށް ފުރިހަމަ ގޮތެއްގައި އަވަސްމިނެއްގައި މި ރަށުގެ ތަރައްޤީގެ ކަންކަން އަޅުގަނޑުމެން ތަންފީޛު ކުރާތަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީ ފުރިހަމަގޮތުގައި ހާސިލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.