بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ.އާއި، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސްކޫލް ދަރިވަރުން، އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި މެންބަރުން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ހަވީރުގެ ވަގުތު މި ރަށަށް އާދެވުމުން، އިހަވަންދޫގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ހިނގައްޖެ. މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންކަން އެއީ. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވެފައިހުރި ބައެއް ވަޢުދުތަކާއި، އަދި މި ރަށުގެ ތަރައްޤީއަށް، އަދި އަޅުގަނޑުމެންގެ މެދުރާސްތާ، ދުރު ރާސްތާގެ ތަރައްޤީގައިވެސް މުޅި ރާއްޖޭގެ ތަރައްޤީއަށް ބަލާއިރުގައިވެސް، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގެ ތެރެއިންވެސް، މި ރަށުގައި ޤާއިމުކުރުމަށް މިއަދު މި ފެށިގެންދާ މަޝްރޫޢުތަކަކީ، މުހިންމު މަޝްރޫޢުތަކެއް. އެގޮތުން، 6 ކަމެއްގެ މިއަދު ބިންގާއެޅި، ސޮއިކުރެވިގެން އެދިޔައީ. ތަފާތު 6 ކަމެއް. ފިޝަރީޒް ކޮމްޕްލެކްސް އެއީ، އަޅުގަނޑުގެ ވަޢުދުގެ ތެރޭގައި ހިމެނޭ މަޝްރޫޢެއް. އަދި އަޅުގަނޑު އޭރުގައި ދެންނެވި ވަރަށްވުރެވެސް ކެޕޭސިޓީ، ނޫނީވިއްޔާ އޭގެ ޖާގަ، ނޫނީ އޭގައި ލިބޭ ފުރުޞަތު އިތުރު މަޝްރޫޢެއް އެއީ.

ހަމައެއާއެކީގައި، ބޭންކިންގ ޚިދުމަތް، އެމް.އައި.ބީ.އިން ދިނުމަށާއި، ދަނޑާއި، އަދި އެންމެ މުހިންމު އެއް މަޝްރޫޢު، ޞިއްޙީ ދާއިރާއިން އަޅުގަނޑުވީ ވަޢުދު، ހޮސްޕިޓަލާއި، އަދި އައި.ޑީ.ކާޑު، ޕާސްޕޯޓް ޚިދުމަތްތަކާއި، މި ހުރިހާ ކަމެއް ހިމެނިގެންދޭ.

އާދެ، މިކަންކަން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި، ވަރަށް ރަނގަޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ގެންދާނަން. އިރާދަކުރެއްވިއްޔާ، އޭގެ ފުރިހަމަކަން ވަރަށް އަވަހަށް ރައްޔިތުންނަށް ފެނި، އޭގެ ނަފާ ލިބިގެންދާނެ.

މިއަދު މި ފެށިގެންދިޔަ އައި.ޑީ.ކާޑު އަދި ޕާސްޕޯޓް ޚިދުމަތަކީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އެއިން ލިބިގެންދާނެ ކަމަކަށްވާނެކަން ޔަޤީން.

މަސްވެރިކަމަށް ބަލާއިރުގައި، މި ރަށަކީ، މަސްވެރިކަމުގެ މުހިންމު ރަށަކަށްވާއިރުގައި، ޖުމްލަކޮށް، މުޅި ރާއްޖޭގެ މަސްވެރިކަންވެސް ތަރައްޤީކުރުމަށް އަޅުގަނޑު ވީ ވަޢުދުގެ ތެރެއިން، މި ރަށުގައި ކަންތައްތަކެއް ކުރަން ވަޢުދުވިން. މިއަދު މި ބިންގާއެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢަކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން ފަށާ މަޝްރޫޢެއް. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ. މީގެ އަދި އިދާރީ، ފަންނީ މަސައްކަތްތަކާ އެކީގައި ކުރިއަށްގޮސް، އިރާދަކުރެއްވިއްޔާ މޭ މަހުގެ ތެރޭގައި، ހުރިހާ ކަމެއްގެ ޢަމަލީ ފިޒިކަލް ވާރކް ފެށޭނެ. އޭގައި ވަރަށް ގިނަ ބައިބައި ހިމެނޭ މަޝްރޫޢެއް މިއީ. އޭގެ ތެރޭގައި، 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖް، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީ. ދެން ބޭނުންވާ އޮފީސް ޖާގައާއި، އިންޖީނުގެއާއި، ގުދަނާއި، މި ހުރިހާ ތަނެއް، ކޮންމެގޮތެއްގައި ވިޔަސް ހިމެނޭނެ.

އޭގެ އިތުރަށް، 7 މީޓަރު ފުންމިނުގެ، 1000 މީޓަރު ދިގު މަގަތު ފާލަމަކާއި، 3 ޕޮއިންޓުން މަސްކިރޭ، 4.5 މީޓަރު ފުންމިނުގެ ބަނދަރެއް، ޖެޓީއާއެކު ޤާއިމުކުރެވިގެންދާނެ. މި ކޮމްޕްލެކްސްގެ ޖުމްލަ އަގަކީ، 416 މިލިއަން ރުފިޔާ. މިއީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަން ލިބިގެން، ކުރިއަށް ގެންދެވޭ މަޝްރޫޢެއް. ބަނދަރުގެ އަގަކީ، 58 މިލިއަން ރުފިޔާ. އެހެންވީމާ، ތިޔަބޭފުޅުންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި، މި މަޝްރޫޢުގެ ދަށުން ޖުމްލަ 474 މިލިއަން ރުފިޔާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚަރަދުކުރާނަން. މޭ މަހު ޢަމަލީ މަސައްކަތް ފެށި، ބާރު ސްޕީޑުގައި ނުހުއްޓި، މި ދެންނެވި ކަންކަން، ފަހަރަކު ކަމެއް ނިމެމުންގޮސް، ހުރިހާ މަސައްކަތެއް ނިންމާލަން ޖުމްލަ މުއްދަތު އަށާރަވަރަކަށް މަސްނަގާނެ. އެހެންނަމަވެސް، އެއަށްވުރެ އަވަހަށް ބައެއް ކަންކަން ނިމި، ބޭނުންކުރެވެން ފެށޭނެކަން އަޅުގަނޑަށް ޔަޤީން.

އެހެންވީމާ، އެއީ މި މަޝްރޫޢަކީ. މި މަޝްރޫޢު ނިމުނީމާ، ވަޒީފާތައްވެސް އުފެދޭނެ، އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެންގެ އަންދާޒާއަކީ ގާތްގަނޑަކަށް 150 އަކަށް، އާ ވަޒީފާ އުފެދިގެން ދިޔުން. އެހެންވީމާ، މަސްވެރިކަމުގެ އިންޑަސްޓްރީއަށް ލިބޭ ޖުމްލަ ކުރިއެރުމާ އެކީގައި، ވަޒީފާތައްވެސް އިތުރުވެގެންދާނެ.

އަދި ހޮސްޕިޓަލް މަޝްރޫޢުވެސް އެއީ، އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާ، ޞިއްޙީ ދާއިރާއަށް މި ރަށުގައި، އަޅުގަނޑު ކުރިއަށްގެންދަން ވަޢުދުވީ އެންމެ މުހިންމު މަޝްރޫޢު. އެހެންވީމާ، މިއަދު އާރު.ޑީ.ސީ.އާ.އެކީ ސޮއިކުރެވިގެން މިދިޔަ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، ނިންމައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ، ހަމަ އެގޮތަށް ދަންނަވާނަމަ، ދަނޑުގެ މަޝްރޫޢު. އަދި އެއީ، އެއް މަޝްރޫޢު. އެއާއެކީގައި، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވިން، ކުޅިވަރާބެހޭ ވަރަށްގިނަ ކަންކަން، މި ރަށުގައި އަޅުގަނޑު ކުރިއަށް ގެންގޮސްދޭނެ ކަމަށް. މަލްޓިޕަރޕަސް ކޮމްޕްލެކްސްއެއް، އެކި ކުޅިވަރުތައް ހިމެނޭގޮތަށް ހަދައިދޭން. އެހެންވީމާ، މިއަދު މި ފެށިގެންދާ މަސައްކަތަކީ، މި ރަށުގެ ޒުވާނުންނަށް، ކުޅިވަރު ކުޅޭ ފަރާތްތަކަށް، އަޅުގަނޑު ކެމްޕެއިންގައި ވީ ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތުގެ ސިލްސިލާ. އޭގެތެރެއިން އެކި ކުޅިވަރުތަކަށް ބޭނުންވާ، އެކި ފެސިލިޓީޒްތައް ޤާއިމުކުރުމަކީ، މި ދައުރުގެ ތެރޭގައި، ބަހައިލެވިގެން، ތަރުތީބުކުރެވިގެން އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން ކޮށް ނިންމާނެ ކަންތައްތައް ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ، ހަމައެއާއެކީގައި، އަދި މިއަދު ނުފެށޭ މަޝްރޫޢުތައްވެސް އެބަހުރި. އެއް ދުވަހަކަށް 6 މަޝްރޫޢު، 6 ކަންތައް ފުއްދައިލެވޭތޯ މި ބެލީ. ދެން އިސްލާމީ މަރުކަޒެއް، ނޫނީ އިސްލާމީ ސެންޓަރެއް އެޅުންވެސް އެބައޮތް. އަދި ހަމަ އެކަހަލަ ވަރަށްގިނަ ކަންތައްތައް އެބަހުރި. މިހާރު ފެށިފައިވާ މަގުހެދުމުގެ މަޝްރޫޢުގެ އިތުރު ފިޔަވަހިތައް، ނޫނީވިއްޔާ އިތުރު މަގުތައް އިތުރުކުރުމަކީވެސް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ ކަމެއް. އެހެންވީމާ، މިހާރު އެ ހިނގާ މަޝްރޫޢު ފުރަތަމަ ނިމުމުގެ ކުރީގައި، އޭގެ ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑު ވަޢުދުވެފައި އޮންނާނެ. އެހެންވީމާ، އެގޮތަށް އެކަން ކުރިއަށްދާނެ.

އާދެ، ޞިއްޙީ ދާއިރާއާ ބެހޭގޮތުން އަޅުގަނޑަށް ދެންމެ މިސްވި ތަންކޮޅެއް ދަންނަވާލާނަން. ހޮސްޕިޓަލްގެ ޢިމާރާތް އެޅެންދެންވެސް ރަނގަޅު ފެންވަރެއްގެ ކުރިއެރުންތައް ޚިދުމަތްތަކަށް ގެނައުމަކީ، ހަމަ އަޅުގަނޑުމެން ކުރާނެ ކަމެއް. އެގޮތުން، ޑައިލިސިސް ޚިދުމަތް ޤާއިމުކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އެދަނީ ނިމެމުން. ރަމަޟާން މަސް އަންނަންވާއިރަށް، މާނައަކީ ފެބުރުވަރީ މަސް ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، ޑައަލިސިސްގެ ޚިދުމަތް ރަށުގައި ޤާއިމުކުރެވިގެން ދާނެ.

ކުނި މެނޭޖް ކުރުމަކީ، ވަރަށް މުހިންމު އިސްކަމެއް ސަރުކާރުންދޭ ކަމެއް. މި އަހަރު ނިމެންވާއިރަށް، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން މަރުކަޒު ހަދާގޮތަށް އަޅުގަނޑުމެން އޮންނާނީ ނިންމާފައި. އެ ރަށެއްގެ އާބަދީގެ ނސްބަތުން، ކުޑަ އާބާދީއެއްގެ ވިއްޔާ، ކުޑަ މަރުކަޒެއް. އެހެންވީމާ، ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ރަނގަޅު، ފުލްފްލެޖްޑް، ހުރިހާ ކަމެއް ހިމެނޭ، އެއީ، އިކްއިޕްމަންޓް ވައިސް، އަދި މެޝިނަރީޒް، އަދި އިންފްރާސްޓްރަކްޗަރ، ވަޒީފާ، މުވައްޒަފުން، މި ހުރިހާ ކަމެއް ހިމެނޭގޮތަށް. މި ރަށުގައި މި ޕްރޮޖެކްޓް ވެމްކޯއާ މިހާރު ހަވާލުކުރެވިފައި މިއޮތީ. ދެން ވެމްކޯގެ އެ ޕްރޮޖެކްޓް އަދި ނުނިމޭ. އެކަން އިރާދަކުރެއްވިއްޔާ ނިންމުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ހިންގަން. ފިނޭންސް މިނިސްޓްރީއާއި، ވެމްކޯއާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން، އެކަމާ ގުޅޭ އެކިއެކި ކަންކަން ކުރިއަށް އެބަ ގެންދަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއް ނުވާނެ އެ ކަންތައްވެސް. އަޅުގަނޑު ދަންނަވާލަން ބޭނުންވީ، އެކަން އަޅުގަނޑުމެން އެ ފެށިގޮތަށް، ސަރުކާރުން އެކަން ކުރިއަށް ގެންގޮސް، ހަމަ ވީހާވެސް އަވަހަކަށް ވެމްކޯ، އޭގެ ފުރިހަމަގޮތުގައި ޚިދުމަތް ދޭން ފަށާނެއޭ. ސީދާ ތާރީޚު އަޅުގަނޑު ނުދެންނެވިޔަސް، ވަރަށް އަވަހަށް އެކަން ނިންމުމަށްޓަކައި، މި ދެންނެވި އިދާރާތަކުން އެދަނީ މަސައްކަތްތައް ކުރަމުން. މިހާރު މުވައްޒަފުން ނެގުމުގެ ކަންތައްވެސް އެއީ، ފެށިފައިވާ ކަމެއް. އެހެންވީމާ، ވެމްކޯއިން އިރާދަކުރެއްވިއްޔާ މި ރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ފަށާނެ.

އާދެ، މިހެންގޮސް ވަރަށް ގިނަ ކަންކަން އެބަހުރި. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ކެމްޕެއިންގައި ވީ ހުރިހާ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑުގެ ޢަޒުމޭ. އިރާދަކުރެއްވިއްޔާ، އެކަންކަން ކުރިއަށް ގެންދާނަން. މި ރަށުގެ ތަރައްޤީއަށްޓަކައި އިޤްތިޞާދީ ގޮތުން ކުރަންހުރި ކަންކަން.

މި ރަށަކީ ވަރަށް ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރާ ރަށެއް. އަޅުގަނޑު ވަޢުދުވިން އެކަމަށްޓަކައި، ވަކިން ތިޔަބޭފުޅުންނަށް ފަޅުތެރެއިން ދިގުފަރު ހިއްކައި، ޞިނާޢީ މަސައްކަތްކުރާ ރަށަކަށް ހަދައިދޭނެ ވާހަކަ، އެންމެ މުހިންމު އެއްކަމަކަށް. އެކަމަށް އަދި އަޅުގަނޑުމެންނަކަށް މަސައްކަތްތަކެއް ނެތް ކުރެވިފައެއް. ދެން، އަޅުގަނޑުމެންނަށް ރިކްއެސްޓް
މި އަންނަނީ، ހުވަހަންދޫ އިޚްތިޞާޞް ތެރެއަށް ލައިދިނުމަށް. އެހެންވީމާ، އަޅުގަނޑު މިއަދު މިތަނުގައި ދަންނަވާލާނީ، އަޅުގަނޑު ވީ ވަޢުދުމަތިން އަޅުގަނޑު ހަނދާން އެބަހުއްޓޭ. އަދި ތިޔަ ހުށަހެޅުއްވި ހުށަހެޅުއްވުން އަޅުގަނޑު ބަލައިގަންނަމޭ.

އެހެންވީމާ، މާލެ ދިޔުމަށްފަހު އަދި އަޅުގަނޑުމެން ބަލަންޖެހޭ ކަންތައްތައް ބަލައި، ކޮންމެގޮތެއްވިޔަސް، އަޅުގަނޑު ކޮށްދޭނެ ކަމަކީ އަދި ޔަޤީންކަންދޭނެ ކަމަކީ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މި މައްސަލައަށް ދާއިމީ ޙައްލެއް، ވީހާވެސް ރަނގަޅު ޙައްލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޯދައިދޭނެ ކަމުގެ ޔަޤީންކަން. އަޅުގަނޑު ވަޢުދުވީ ކަންތައް ސީދާ އެގޮތަށް، ނޫނީ ތިޔަ ހުށަހެޅުއްވި ގޮތަށް ނަމަވެސް، ދެގޮތުންކުރެ ކޮންމެވެސް އެއްގޮތަކަށް އެކަން އަޅުގަނޑު ނިންމައިދޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ދެން ތިޔަބޭފުޅުންނަށް. އެވަރަށް އަޅުގަނޑަށް މި ވަގުތު ދަންނަވާލެވޭނީ.

އާދެ، ބަނދަރުގެ ވާހަކަ. ބަނދަރުގެ ވަރަށް ގިނަ މައްސަލަތައް އެބަހުރި. ކޮންމެގޮތެއްވިޔަސް ވެއްޓިފައިވާ ޖެޓީ ހަދާއިރުގައި، ނެރު ބަދަލުކުރުން އެބައޮތް، އޭގެތެރޭގައި ކުރަންޖެހޭ ކަމަކަށް. ދެން އެމް.ޓީ.ސީ.ސީ.އާ އަޅުގަނޑުމެން ޙަވާލުކޮށްފައި އޮތް މަސައްކަތް ކުރިއަށްދާއިރުގައި، ދެން އެނޫންގޮތަކަށް އެކަމެއް ނުކުރާނަން. ހަމަ ޔަޤީންކުރައްވަންވީ ކަމަކީ، ރަށުގެ މި މައްސަލަތައް ޙައްލުކުރުމުގައި، ބަނދަރުގެ މައްސަލަ ޙައްލުކުރުމުގައިވެސް އަޅުގަނޑުމެން ކަންކުރާނީ، އަޅުގަނޑު އަބަދުވެސް ކަންކުރާގޮތަށް، ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން، އެގޮތަކަށް އެކަންކޮށް ނިންމައިދެވޭތޯ ބެލުމަށް. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ ބަނދަރުގެ މައްސަލަ، އަޅުގަނޑުމެން ޙައްލުކޮށްދޭނަން.

އާދެ، އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން، އެންމެ ފަހަތަށްލީ، އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އެންމެ މުހިންމު މައްސަލަ. އެއީ، ގެދޮރުގެ މައްސަލަ. އާދެ، އަޅުގަނޑުމެން މިހާރު ވާނެ، ގެޒެޓް ކޮށްފައި. ކެމްޕެއިން ތެރޭގައި އަޅުގަނޑު ވަޢުދުވީ، ރަށްރަށަށް ގޮސް ވަޢުދުވީ ހުރިހާ ހައުސިންގ މަޝްރޫޢުތައް ހިންގުމަށް، ފަރާތްތައް ހޯދުމަށް. މި ރަށުގައި އަޅުގަނޑު ވަކި އަދަދެއް އިޢުލާނެއް ނުކުރަން ކެމްޕެއިންގައި. އެހެންނަމަވެސް، މި ރަށުގައި ވަރަށް ބޮޑަށް އެބައޮތް، ނީޑް އަދި ޕޮޓެންޝަލްވެސް. ހައުސިންގ މަޝްރޫޢުތައް ހިންގުމުގައި. ނީޑް އެބައޮތް، އަދި މުސްތަޤްބަލްވެސް އެބައޮތް. އިޤްތިޞާދީ ނަޒަރިއްޔާތަކުން ބެލިޔަސް އެބައޮތް. އަދި އަޅުގަނޑުމެންގެ މިއޮތް، ސަރަޙައްދީ ތަރައްޤީގެ ޕްލޭންގައިވެސް އެ ފުރުޞަތު އަދި އެ މުހިންމުކަންވެސް އެބައޮތް. އުތުރުގެ މި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންގެ ކޮންސެޕްޓްގައި މި ރަށް ހިމެނި، މި ސަރަޙައްދުގެ ތަރައްޤީގައިވެސް މުހިންމު.

އެހެންވީމާ، އަޅުގަނޑުމެން މިހާރު މި އިޢުލާނުކުރި 100 ހައުސިންގ ޔުނިޓު، އޭގައި އޮންނާނީ. އެހެންނަމަވެސް، އަޅުގަނޑު އޮންނާނީ ނިންމާފައި، 200 ހައުސިންގ ޔުނިޓު، އަޅުގަނޑުމެން އެވޯޑް ކުރާއިރުގައި، ނޫނީވިއްޔާ އޭގެ ބިޑިންގ ޕްރޮސެސްގެ ތެރޭގައި، އަޅުގަނޑުމެން މިވަގުތަށް 200 ހައުސިންގ ޔުނިޓު ކަނޑައެޅުމަށް. އަޅުގަނޑުމެން އެކަން އިރާދަކުރެއްވިއްޔާ ބަޔަކާ ޙަވާލުކުރާނަން. ދެން އެއީ، ފުރަތަމަ މިވަގުތަށް. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ރަށުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާ އެކީގައި، އަޅުގަނޑުމެންގެ ވިސްނުމަކީވެސް، ތިޔަބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ކުރިއަށްދިޔުން.

މުޅި ރާއްޖޭގައި އެކި ރަށްރަށުގައި، އަޅުގަނޑު އޭރުގައި ވީ ވަޢުދުތަކުގައި ހިމެނޭނެ، 12,000 އެތައް ހައުސިންގ ޔުނިޓް އެޅުމަށް އެކި ރަށްރަށުގައި. އެހެންވީމާ، މިހާރު އެއޮތީ އިއްޔެ އިޢުލާނުކޮށްފައި، ކޮންޓްރެކްޓަރުން ހޯދުމަށް. މި ހުރިހާ މަޝްރޫޢުތަކެއް ހިންގުމަށް. އަޅުގަނޑު ބަޖެޓުގައި ހިމެނިން، 1500 މިލިއަން ރުފިޔާ، މި މަޝްރޫޢުތައް ފަށަން. 1500 މިލިއަން ރުފިޔާ. ރާއްޖޭގެ ތާރީޚެއްގައި ގައިމުވެސް ދުވަހަކުވެސް އަދި މިއަދާ ހަމައަކަށް، އެއް އަހަރެއްގައި ބަޖެޓުގައެއް ހައުސިންގއަށް އެކަނި ނެތް މިހާ ބޮޑު އަދަދެއް ހިމަނާފައެއް. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި ހަމަ ޙަޤީޤަތަކީވެސް އެއީ، ރާއްޖޭގެ ރައްޔިތުންނަށް އަދި އަމުދުން މިހެން އާބާދީގެ ނިސްބަތުން ބޮޑު އަދި އިޤްތިޞާދީ ކަންކަން ބޮޑަށް ހިނގާ ރަށްރަށް، އަދި ކުދި ރަށްރަށުގައިވެސް، ތޮއްޖެހިފައި ހުރި ހުރިހާ ރަށެއްގައިވެސް، އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ޙައްލުކުރުން ކަމަށްވާތީ. ގެދޮރުވެރިކަމުގެ ބަޖެޓެއް، ހައުސިންގ ބަޖެޓެއް، ބޯހިޔާވަހި ކަމުގެ ބަޖެޓެއް އަޅުގަނޑުމެން ފާސްކުރީ.

އެހެންވީމާ، މި ދެންނެވި މަޝްރޫޢުތައް ފަށަން މިހާރު އެއޮތީ އިޢުލާނު ކޮށްފައި. އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ، މާލޭގައި ވަކި މަޝްރޫޢުތަކެއް ހިނގާނެ. އެ ލިސްޓުގައި މާލޭ ސިޓީއެއް ނުހިމެނޭ. އެއީ، ވަކި މަޝްރޫޢުތަކެއް. އެ މަޝްރޫއުތައް އަޅުގަނޑުމެން ވަކިން އިޢުލާނު ކުރާނަން. މިހާރުވެސް އެކި ޙަފްލާތަކުގައި އަޅުގަނޑު މިދަނީ އެކަންކަން ބަޔާންކުރަމުން. ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައި ހިމެނޭ ހުރިހާ މަޝްރޫޢުތަކެއް އެކުގައި މިހާރު އެއޮތީ އިޢުލާނު ކުރެވިފައި. އޭގެތެރޭގައި، މި ރަށަށް 200 ހައުސިންގ ޔުނިޓު ހަމަޖެހިގެން ގޮސްފައި އެވަނީ.

އެހެންވީމާ، އެކަމާ އެކީގައި ދެން މި ދެންނެވި ކަންކަންވެސް ކުރިއަށްދާނެ. ހަމަ ވަކިވަކިން ތަފްޞީލުކޮށް ނުދެންނެވިޔަސް، ތަޢުލީމީ ދާއިރާގައި، އެއް ދަންފަޅިއަކަށް ގެންދިޔުމަކީ، ސަރުކާރުގެ ސިޔާސަތު. އެހެންވީމާ، އެކަމަށް މަގުފަހިކުރުމަކީ، އަޅުގަނޑުމެން ކުރާނެ ކަމެއް ކޮންމެގޮތެއްވިޔަސް. އެކަން ކުރެވޭނީ، ޖާގަ އިތުރުކޮށްގެން. އެހެންވީމާ، ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ކައުންސިލާ ގުޅިގެން، އެ ނިންމާ ޕްލޭނަކާ އެއްގޮތަށް، އަޅުގަނޑުމެން އަޅަންޖެހޭ ވަކި އިމާރާތެއް އެޅުން ކަމުގައިވިޔަސް، ކްލާސްބަރި، ވިއްސަކަށް ކްލާސްރޫމް ހެދުން ކަމަށްވިޔަސް، އެކަމަށް ގެންނަންވާ ދާއިމީ ޙައްލެއް، އަޅުގަނޑުމެންގެ ދުރު ރާސްތާގެ
މި ޕްލޭނަށް ފިޓްވާގޮތަށް ގެންދާނަން. އެއްދަންފަޅީގެ ސިޔާސަތަކީ އަޅުގަނޑުމެންގެ ސިޔާސަތު. އެހެންވީމާ، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް. އެކަންވެސް ކުރިއަށްދާނެ.

އެހެންވީމާ، ޖުމްލަކޮށް މިގޮތަށް ތަރައްޤީގެ ކަންކަން، ތިޔަބޭފުޅުންގެ ވިންދާއި އިޙްސާސްތަކާ ގުޅޭގޮތަށް، އުންމީދުތަކާ ގުޅޭގޮތަށް، އަޅުގަނޑުމެން ފުއްދަމުންދާނެކަން އެއީ، މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑު ދޭ ޔަޤީންކަން.

އަޅުގަނޑު ހަމަ ވަރަށް އުންމީދު ކުރަން، މި ރަށަށް މި ފެށިގެންދާ ހުރިހާ މަޝްރޫޢެއް ނުނިމުނަސް، ބައެއް މަޝްރޫޢުތައް ނިމުމުންވެސް އިރާދަކުރެއްވިއްޔާ މި ރަށަށް އަންނަން، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވާން. އެކަމުގައި ބައިވެރިވުމުގެ އުންމީދުގައި، އަޅުގަނޑު މިވަގުތު ވަކިވެލާނަން.

އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތަރުޙީބަށްޓަކައި.

އިހަވަންދޫގެ ތަރައްޤީގައި އަޅުގަނޑުމެން އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ޙަޤީޤީ ކުލަ ޖައްސައިދޭނެ ކަމުގެ ޔަޤީންކަން އަނެއްކާވެސް އަރުވަމުން، އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް މިންވަރު ކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.