بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާރަންދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންނާއި، ޑަބްލިޔު.ޑީ.ސީ.ގެ މެންބަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ދަރިވަރުން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކުގައި ވަޑައިގެންނެވި ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން، މަޖިލިސް މެންބަރުން، މި ޖަލްސާ ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށަށް އަޅުގަނޑަށް އާދެވުމުން، ރަށުގެ ހުރިހާ ރައްޔިތުން ނުކުމެވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދުތައް، ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އަދި އެކަންކަން ފުއްދުމުގައި ވަރަށް ސީރިއަސްކަމާއެކީގައި، ސަރުކާރުން ދެމި މިއޮތީ. މި އަހަރުގެ ތެރޭގައި މިކަންކަމަށް ޢަމަލީ ސިފަ ގެނެސްދިނުމަކީ، އަޅުގަނޑުގެ ޕްލޭނަކީ. މިދިޔަ އަހަރު ތެރޭގައި ނުކުރެވުނު ކަންކަން، ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުން. މިދިޔަ އަހަރު ތެރޭގައި ކަންކަން ނުވުމުގައި ހުރި ދަތިތައް، އަޅުގަނޑު ހިތުން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގެންފައި މިހާރު އޮންނާނީ.

އަޅުގަނޑުމެންނަށް އޭރުގައި ކުރިމަތިވެފައި އޮތް ކަންތައްތައް، އިޤްތިޞާދީ ޙާލަތުން އަރައިގަތުމުގައި، އަޅުގަނޑުމެން ޖެހުނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން. ކުރީގައި ފަށާފައި ހުރި ގިނަ މަޝްރޫޢުތަކެއް، ވަރަށް ގިނަ މަޝްރޫޢުތަކެއް، އެއްވެސްކަހަލަ ޕްލޭނެއް ނެތި، ކުއްލިއަކަށް ފެށި މަޝްރޫޢުތަކާއި، މިހެންގޮސް ގިނަ މައްސަލަތަކެއް ހުރި މަޝްރޫޢުތަކެއް ހުރެ، އެއަށް ފައިސާ ދިނުމާއި، މިހެންގޮސް އެތެރޭގެ ދަރަނިތައް، ބޭރުގެ ދަރަނިތައް މެނޭޖް ކުރުމުގައި، އަދި ބަޖެޓުގައި ހުރި އެކިކަހަލަ މައްސަލަތަކުގެ ތެރެއިން، މިދިޔަ އަހަރު އެހާގިނަ ކަންކަމަށް އަޅުގަނޑުމެންނަށް ވަނީ އެޓެންޑް ނުކުރެވިފައި. ނަމަވެސް، އެކަން ބަދަލުވެ، އިރާދަކުރެއްވީތީ މިހާރު، ގިނަ މަޝްރޫޢުތަކެއް ފެށިގެން މިދަނީ. މި ރަށުގައިވެސް އަދި ދެންހުރި ރަށްރަށުގައިވެސް.

އާދެ، ކުރިން ސޮއިކޮށްފައި ހުރި މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގައި އެބަހުރި މަޝްރޫޢުތައް. އޭގެތެރެއިން ފާހަގަކޮށްލެވޭ ބަނދަރުގެ މަސައްކަތް. އެކަން ޙަވާލުކުރެވިފައި އޭރުގައި އޮތީ، ހަމަ މިދެންނެވި ފަދަ ގޮތަކަށް. މިދިޔަ އަހަރުގެ ބަޖެޓުގައިވެސް، ކަން ކުރެވޭކަހަލަ ގޮތަކަށް، އެކަމަށް ފައިސާ ކަނޑައެޅިފައެއް ނެތް. ކުދިކުދި އަދަދުތަކުން ފައިސާ ހުރީ. މިދިޔަ ސަރުކާރުން އޭރުގައި ފާސްކޮށްފައި އަޅުގަނޑުމެންނަށް ދިން ބަޖެޓުން. އެހެންވީމާ، އެކަން އޭރުގައިވެސް އޮތީ ނުވެވިފައި. އެހެންނަމަވެސް، މި އަހަރު އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި، އެކަމަށް އަޅުގަނޑުމެން ވާނީ މަސައްކަތް ކުރެވޭނެ ގޮތަށް ޖާގަ ހަމަޖައްސާފައި.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. އެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ކަންތައްތައް ކުރިއަށް އެބަދޭ. އެހެންވީމާ، އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ، ބަނދަރުގެ މައްސަލައަށް ރަނގަޅު ފުރިހަމަ ޙައްލެއް ތިޔަބޭފުޅުންނަށް ގެނެސްދޭނެކަން. ދެން އެއާއެކީގައި ހުރި މައްސަލަތައްވެސް. ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން. އަދި ސްކޫލްގެ މި އިމާރާތާއި، ސްކޫލަށް ދަތިވެފައި ހުރި ޖާގައިގެ މައްސަލަ ޙައްލުކުރުމާއި، މިކަހަލަ ކަންތައްތައް. ސްކޫލް މަޝްރޫޢު ޙަވާލުކުރެވިފައި އޮތް ކުންފުންޏާ އެބަހުރި އެހެން ރަށްތަކުގައިވެސް މަސައްކަތްތައް ޙަވާލުކުރެވިފައި. މިކަހަލަ ގޮތަކަށް މިދިޔަ ސަރުކާރުން ހުރީ، އެއްބަޔަކަށް ވަރަށްގިނަ މަސައްކަތް ޙަވާލުކޮށްފައި. އެކަންކަން ހަމަ ހުއްޓިގެން ގޮސްފައި ހުރީ. މިހާރު އަޅުގަނޑުމެން ވާނީ، މިކަންކަމަށް ޙައްލެއް ހޯދާފައި. އެތެރޭގައި އަޅުގަނޑުމެން ކުރި މަޝްވަރާތަކާ އެކީގައި، މިހެން ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތް، އަޅުގަނޑުމެން މިހާރު ވާނީ ކަނޑައަޅާފައި.

އެހެންވީމާ، މި ސްކޫލް މަޝްރޫޢު ފަދަ މިހެން ހުއްޓިފައި ހުރި މަޝްރޫޢުތައް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކުރިއަށްގެންދާނަން. އެއީ، މިހާރު ޙަވާލުކޮށްފައި އޮތް ފަރާތުން އެކަން ނުކުރާކަމަށްވާނަމަ، އޮންނަ އުޞޫލުގެ ތެރެއިން، ގަވާއިދުގެ ތެރެއިން، ސަރުކާރުން ވާނީ ޓަރމިނޭޓް ކޮށްފައި. ސަރުކާރުގެ ވަރަށްގިނަ ކުންފުނިތައް އެބަހުރި. އަދި މާލިއްޔަތު ގަވާއިދުގައި އޮންނަ އުޞޫލުތައް އެބަހުރި. އެހެންވީމާ، އެގޮތުން ނުވާ ކަމަށްވަންޏާ، އެހެން ގޮތަކުން، ޤާނޫނީ ހަމަތަކުގެ މަތިން، އަވަހަށް މަސައްކަތް ރީ-ސްޓާޓް ކުރުން. އަޅުގަނޑަށް މިހާރު އެކަމަށް މަސައްކަތްތައް މިވަނީ ކުރެވިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ޕްރޮޖެކްޓްވެސް ކުރިއަށް ގެންދެވޭނެ.

އަދި ހަމަ އެއާއެކީގައި، ދެންހުރި ވަރަށް ގިނަ ކަންތައްތައްވެސް އެބަހުރި. ކެމްޕެއިން ތެރޭގައި އަޅުގަނޑު ވަޢުދުވިން، ފުޓްބޯޅަދަނޑުގައި ލައިޓް ޖަހައިދީ، ރޮސްޓްރަމް ހަދައިދީ، މިކަންކަން ކުރާނެ ކަމަށްވެސް. އަދި މި ރަށުގައި އޮތް ފުޓްސަލް ދަނޑު އެކީގައި އޮތީ ބޭނުންނުކުރެވޭ ޙާލަތުގައި. އެއީވެސް އަޅުގަނޑު ކުރަން ކަނޑައަޅާފައި އޮތް މަޝްރޫޢެއް. ކުރިއަށް ގެންދަން. ފުޓްސަލް ދަނޑު، ހަމަ އާ ދަނޑެއް އަޅައިދިނުން.

އެހެންވީމާ، ކުޅިވަރުގެ ދާއިރާއިން މިހިރަ ކަންކަން، އަދި ތަޢުލީމީ ދާއިރާގައި މި ރަށުގައި ކުރިއަށް ހުރި ކަންކަމާއި، އަދި ޞިއްޙީ މަރުކަޒު، 16 ގަޑިއިރުގެ ކެޓަގަރީގައި އޮތް ނަމަވެސް، މުވައްޒަފުން ދަތިވުމާއި، މިކަހަލަ ލިމިޓޭޝަންސްތަކުގެ ތެރެއިން، އެގޮތަކަށް ޚިދުމަތެއް ނުއެއްދެވޭ. އެހެންވީމާ، ލެބޯރެޓަރީއެއް ޤާއިމުކޮށްދިނުމަކީ، އަޅުގަނޑު ކުރިއަށް ގެންދަން ނިންމާފައި އޮތް ކަމެއް. ލެބޯރެޓަރީއާއި، މުވައްޒަފުންގެ ކަންކަން ރަނގަޅުކޮށްދީ، ޞިއްޙީ ދާއިރާއަށްވެސް ރަނގަޅު ކުރިއެރުންތަކެއް ގެނެސްދިނުން.

އެހެންވީމާ، ކުޅިވަރާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާގައި މިހިރަ ކަންކަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި، ގިނަ ކަންތައްތަކެއް ތަރުތީބު ކުރެވިގެން ފަށައި، އަދި މި އަންނަ އަހަރު ތެރޭގައި ނިންމަން، އަޅުގަނޑުމެންގެ މިހާރުގެ ބަޖެޓުގެ ޕްލޭންގައި މިއޮތީ ކަނޑައަޅާފައި.

އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، މި ތިން ދާއިރާގައި މިހިރަ ކަންކަން އަޅުގަނޑުމެން ޢަމަލީގޮތެއްގައި ޙައްލުކޮށްދޭ ތަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން.

އާދެ، އޭގެ އިތުރަށްވެސް، ގިނަ މަސައްކަތްތަކެއް މި ރަށުގައި ކުރިއަށް ގެންދިޔުމަކީ، ތިޔަބޭފުޅުންގެވެސް ހަމަ އުންމީދުގައި އޮތް ކަންތައްތައް.

އާދެ، އާރު.ޓީ.އެލް. ފެރީގެ ވާހަކަ ކުޑަކޮށް ފާހަގަކޮށްލަން އަޅުގަނޑު ބޭނުން. މި ރަށަށް ބަރާބަރަށް ޝެޑިއުލެއްގެ ތެރެއިން ފެރީގެ ޚިދުމަތް ދެވޭގޮތަށް ހެދުމަށް އަޅުގަނޑު މިހާރު ކަނޑައަޅާފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު ތަކަންދޫގެ ޖަލްސާގައިވެސް އެ ވާހަކަ ދެއްކިން. ހޯރަފުށިން މި އަންނަ ފެރީ ދާއިރުގައި، ޝެޑިއުލް ކުރެވިގެން، މި ރަށުގައި ބަރާބަރަށް ޝެޑިއުލެއްގެ ތެރެއިން މަޑުކޮށްފައި، މި ރަށް ހިމެނޭގޮތަށް މި ރަމަޟާން މަސް އައުމުގެ ކުރިން، ހަމަޖައްސައިދީ އެގޮތަށް ކުރިއަށްދާނެ ގޮތަށް އަޅުގަނޑު ކަނޑައަޅާފައިވާ ވާހަކަ ދަންނަވަން.

އާދެ، ދެން އެހެންވީމާ، މިގޮތަށް މިރަށުގެ ތަރައްޤީއަށް ހުރި ކަންކަން، ކުނި މެނޭޖް ކުރުމުގެ މައްސަލަވެސް ހަމަ އެކަހަލަ ކަމެއް. މިވެސް އެފަދަ މަޝްރޫޢެއް. ކުނި މެނޭޖް ކުރުން މިއީ ބޭރުގެ ފަންޑަކުން އޮތް ކަމެއް. އެ ހަމަ ހަވާލުކޮށްފައި މިއޮތީ، ގާތްގަނޑަކަށް 21 ރަށެއްގައި އެއް ކުންފުންޏަކާ. އަޅުގަނޑު ކުރިން ދެންނެވިހެން ހުރީ މިދިޔަ ސަރުކާރުގައި ގިނަ މަޝްރޫޢުތަކެއް، އެއް ކުންފުންޏަކަށް ވަރަށްގިނަ މަސައްކަތް ހަވާލުކޮށް، ނުހިނގާގޮތްވެފައި. މި މަޝްރޫޢުގައި އެޑްވާންސް ފައިސާވެސް ދީފައި އޮތް މަޝްރޫޢެއް މިއީ. އެހެންވީމާ، މިހިރީ ކަންކަން ގޮސްފައި ހުރިގޮތް.

އެހެންވީމާ، އަޅުގަނޑުމެން މިބަލަނީ މިކަންކަން އަންޑޫ ކޮށްގެން، ނޫނީވިއްޔާ އެ އޮތް ދަތިތައް ފިލުވައިލައިގެން، މިކަންކަން ހިންގޭނެ ގޮތެއް ބަލަން. އެހެންވީމާ، މި މަޝްރޫޢަށްވެސް މިހާރު ވާނީ ޙައްލެއް ހޯދާފައި. މި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢު، މި ދެންނެވިހެން މި ރަށް ހިމެނޭހެން އަދި އިތުރު 20 ރަށުގައި، ކުރިއަށް ގެންދަން އޮތީ ދިވެހި ކުންފުންޏަކާ މިދިޔަ ސަރުކާރުން ހަވާލުކޮށްފައި، ނުހިނގާ. އެޑްވާންސް ފައިސާވެސް ދީފައި. އެހެންވީމާ، އެކަންވެސް ކުރިއަށްދާނެ ގޮތް އަޅުގަނޑުމެން މިހާރު މިއޮތީ ހޯދާފައި. އިރާދަކުރެއްވިއްޔާ މި މައްސަލަވެސް ޙައްލުކުރެވިގެންދާނެ.

އެހެންވީމާ، އިންތިޚާބުގެ ތެރޭގައި ޖުމުލަގޮތެއްގައި އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ ތެރެއިން، ފުޓްބޯޅަ ދަނޑުގެ ލައިޓްޖެހުމާއި، ރޮސްޓްރަމް މަސައްކަތް އަދި ކުޅިވަރާބެހޭ އެހެން ވަސީލަތްތައް، ފުޓްސަލް ދަނޑު، ވޮލީކޯޓު ފަދަ ކަންކަން ޤާއިމުކުރުން، ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ވަސީލަތްތައް ހަމަކޮށްދިނުން، ލެބޯރެޓަރީ ހިމެނޭގޮތަށް. ސްކޫލްގެ މަޝްރޫޢު އަދި އިތުރަށް، މަލްޓިޕާރޕަސް ހޯލު ހިމެނޭގޮތަށް ޖާގަ ބޮޑުކޮށްދިނުމާއި، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުން، ކުނި މެނޭޖް ކުރުމުގެ މައްސަލަ ޙައްލުކުރުން. މިއީ އަޅުގަނޑު މައިގަނޑު ގޮތެއްގައި ރިޔާސީ އިންތިޚާބުގައި މި ރަށަށް ވެފައިހުރި ވަޢުދުތަކަކީ. އަދި މިއަދު މުއައްސަސާތަކާއި، ކައުންސިލާ އެކީގައި އޮތް މަޝްވަރާ ބައްދަލުވުމުގައިވެސް ވަރަށް ތަފްޞީލުކޮށް އެ ބޭފުޅުން ހުށަހަޅުއްވައި، އަޅުގަނޑުމެން މަޝްވަރާކުރި ކަންކަމުގައިވެސް ހިމެނޭ ކަންކަމަކީ.

އަޅުގަނޑު މި ޖަލްސާތައް، ރަށްރަށުގައި މި ބާއްވާ ބައްދަލުވުންތައް މި ބާއްވަނީ، ކަންކަން ޙައްލުކުރުމުގެ ނިޔަތުގައި. އަޅުގަނޑު އެކަނިވެސް އާދެވޭނެ ދަތުރުތަކުގައި. އައިސް ހަމަ ކައުންސިލާ ބައްދަލުކޮށްލާފައި، ކައުންސިލްގެ ފަރާތުން ވިދާޅުވާ ކަންކަން ނޯޓްކޮށްލައިގެން ގޮސް، އެކަންވޭތޯ ބަލައިދޭނަމޭ، ނޫނީވިއްޔާ އެކަހަލަ ގޮތަކަށްވެސް ޖަވާބުދެވޭނެ. އެހެންނަމަވެސް، އަޅުގަނޑު ބޭނުންވީ، ވަރަށް އަވަސްކޮށް ކަންކަން ހަމަޖެހިގެން ގޮސް، ނަތީޖާ ނެރެވޭނެ ގޮތަކަށް ބާރު ސްޕީޑްގައި ގެންދަން. އެހެންވީމާ، ކަމާގުޅޭ ވަޒީރުންނާ އެކީގައި ރަށްރަށަށް މިދަނީ ސީރިއަސް މަސައްކަތްތަކެއް ކުރަން. މިކަމަށްވެސް ހަމަ ބައެއް މީހުން އެބަ ފާޑުކިޔާ. އަޅުގަނޑު ބޭކާރު ޚަރަދެއް ކުރަނީއޭ. ނޫން. ޚަރަދު ބޭކާރުވާނީ، ޙަޤީޤަތުގައި ލަސްވެގެން ގޮސް، ގެއްލިގެންދާ ދުވަސްތަކުން. އެ ލިބޭ ގެއްލުން މާ ބޭކާރު ޚަރަދަކަށް އެބަވޭ.

އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑު ބޭނުންވަނީ، މާލޭގައި އަޅުގަނޑުމެން އަރާމުގައި ތިބުމުގެ ބަދަލުގައި، އަޅުގަނޑާ އެކީގައި ވަޒީރުން ރަށްރަށަށް ވަޑައިގެން، ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ވަޒީރުން، ކައުންސިލާއި، މުއައްސަސާތަކުގެ ޒިންމާދާރު މި ބޭފުޅުންނާ އެކީގައި އިށީނދެގެން، ކޮން ކަމެއްގައި އޮތީ، ކޮން މައްސަލައެއްތޯ އަދި އެއަށް ގެނެވޭނީ ކޮން ޙައްލެއްތޯ، ދެފަރާތުން މަޝްވަރާ ކުރެވި، ކަންކަން ހަމަޖެހިގެން ދާން. އޭރުން ކަންކަން ބާރަށް ހިނގާނީ. އެހެންވީމާ، ކޮންމެ ރަށެއްގައި މި ހިނގަނީ މަސައްކަތު ބައްދަލުވުންތަކެއް. ތިޔަބޭފުޅުންނާ އެކީގައި މި ހިނގަނީ. މި ބޭއްވޭ ބައްދަލުވުމަކީވެސް ކަންކަން ކުރަން އަޅުގަނޑު ނިންމާގޮތާއި، އަދި ތިޔަބޭފުޅުންގެ ކިބައިން އަޅުގަނޑާ ހަމައަށް، މި ދެންނެވި މަޝްވަރާ ބައްދަލުވުމުގައި އަންނަ ކަންކަން އަޅުގަނޑު ކުރަން ގަސްދުކުރާގޮތް ޙިއްޞާކުރުން.

އެހެންވީމާ، ސީރިއަސް ވަގުތުތަކެއް މި ހޭދަކުރަނީ، ރަށުގެ ތަރައްޤީއަށްޓަކައި ކަންކަން ކުރުމުގައި. އިރާދަކުރެއްވިއްޔާ މިގޮތަށް ގެންގޮސް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަންވެސް މި އަހަރުގެ ތެރޭގައި، ގިނަ ކަންތައްތަކެއް ޢަމަލީގޮތުން އިރާދަކުރެއްވިއްޔާ ފެންނާނެކަމީ އަޅުގަނޑު ތިޔަބޭފުޅުންނަށްދޭ ފުރިހަމަ ޔަޤީންކަމެއް. މި އަންނަ އަހަރުގެ ތެރޭގައި ދެން އޭގެ ނިމުމަކާ ހަމައަށް ގެންދިޔުން. މައިގަނޑު ގޮތެއްގައި އަޅުގަނޑުގެ ޕްލޭނަކީ، ދެ އަހަރު ތެރޭގައި، މިހެން ހުރި ވަޢުދުތަކުގައި ހުރި މެދުފަންތީގެ، މި ދަންނަވަނީ، ބަޖެޓުގެ ސައިޒުން މެދުފަންތީގެ ހުރިހާ މަޝްރޫޢުތަކެއް ނިންމުން. ކޮންމެގޮތެއްވިޔަސް، ބޮޑެތި މަޝްރޫޢުތައް، ތިން އަހަރު ދުވަހަށްވެސް ދެމިގެންދާނެ.

އެހެންވީމާ، ޖުމުލަކޮށް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ ސިފަ ފެންނާނެ. މިހާރު އެއޮތީ ފިނޭންސް މިނިސްޓްރީން އިޢުލާނުކޮށްފައި، ބާރަހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓް. އެއީ، އަޅުގަނޑު ކެމްޕެއިންގައި ވަޢުދުވީ ރަށްރަށުގައި، ވަރަށް ގިނަ ރަށްތަކުގައި، އެކިއެކި އަދަދުތަކުން ހައުސިންގ ޔުނިޓް އަޅައިދޭނެ ކަމަށް. އެކަން ކުރާނެ ފަރާތްތައް ހޯދަން އިޢުލާނު މިކުރީ ރޭގައި.

އެހެންވީމާ، ކުރިއަށް މި އޮތް ދުވަސްތައް ވާނީ، ތަރައްޤީގެ ދުވެލީގައި ވަރަށްގިނަ މަސައްކަތްތަކެއް ހިނގަމުންދާ ދުވަސްތަކެއްކަން އެއީ، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށްވެސް ދޭ ޔަޤީންކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމެއްގައި، އެއީ، ކުޅިވަރުގެ ދާއިރާއިން ކަމުގައިވިޔަސް، ބަނދަރާއި، ރަށް ގިރުމުގެ މައްސަލައާއި، މިހެންހުރި ޢުމްރާނީ ކަންކަން ކަމުގައިވިޔަސް، އަދި ކުނި މެނޭޖް ކުރުމާއި، މިހެން ޞިއްޙީ ދާއިރާއާ ގުޅިފައި ހުރި، އިޖުތިމާޢީ ކަންކަން ކަމުގައިވިޔަސް، އަޅުގަނޑުމެން ޙައްލުކުރާނަން. ތަޢުލީމީ ދާއިރާގައި މިހިރަ ކަންކަންވެސް.

އެހެންވީމާ، ޖުމުލަގޮތެއްގައި، ޢަމަލީ ސިފައެއްގައި ރައްޔިތުން އެދޭ ކަންކަމުގައި، ކުލަޖައްސައިދީ، ރަނގަޅު ޙައްލުތައް ގެނެސްދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދިނުމަށްޓަކައި އަޅުގަނޑު މިއައީ. އިރާދަކުރެއްވިއްޔާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އަހަރެއްހާ ދުވަސްފަހުން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން ތިޔަބޭފުޅުންގެ އަރިހަށް އަންނަން. މިހެންހުރި ގިނަ ކަންކަން ނިންމާލާފައި، އެކަންކަން ފާހަގަކޮށްލަން. އެކަމުގެ އުންމީދާއެކީގައި އަޅުގަނޑު ވަކިވެލަން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.