ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރުގެ ބޮޑުވަޒީރު މިސްޓަރ ލީ ސިއެން ލޫންގއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ރަނގަޅު ގާތް ގުޅުމެއް ކަމަށާއި، މިގުޅުން ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ސިންގަޕޫރުން އެކިރޮނގުތަކުން ވެދެއްވާ އެހީތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޝަރްޢީ ދާއިރާއާއި، އެހެނިހެން މުއައްސަސާތައް ހަރުދަނާ ކުރެއްވުމަކީ، ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށާއި، މިކަމުގައި ސިންގަޕޫރު ސަރުކާރުގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރަމުންގެންދާ މަސައްކަތްތަކުގައި ސިންގަޕޫރުން އިސް ދައުރެއް އަދާކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.