بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ތަކަންދޫ ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ އަދި މުއައްސަސާތަކުގެ ބޭފުޅުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ސްކޫލް ދަރިވަރުން، އަޅުގަނޑާއެކީ ވަޑައިގެންނެވި ވަފުދުގެ އެންމެހައި މެންބަރުން، އަދި މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅަށް މި ކުރަމުންދާ ދަތުރުގައި، މިއަދު ހެނދުނު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުމުން، ތަކަންދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، ކަންތައް ދިމާވިގޮތުން، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް އަޅުގަނޑަށް މި ރަށަށް އާދެވޭގޮތް ނުވެފައި އޮތީ. އެހެންނަމަވެސް، މިއަދު މިރަށަށް އާދެވުމުން ޙަޤީޤަތުގައިވެސް އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދޭ. އަދި ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތަރުޙީބަށް، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، އަދިވެސް އެއްފަހަރު ޝުކުރު ދަންނަވާލަން.
މި ރަށަށް އަރައިގެން އައިއިރުގައި، އަޅުގަނޑަށްވެސް ބަނދަރު ފެނިގެންދިޔަ. އެހިސާބުންވެސް ބަނދަރުގެ ޖާގައިގެ މައްސަލަ ފާހަގަކުރެވިގެންދިޔަ. އަދި ކުރިންވެސް އޮތީ ކައުންސިލްގެ ފަރާތުން ރައީސް އޮފީހާ އެކީގައި، އަދި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުވެސް އަޅުގަނޑުމެންނާ ހަމައަށް އެ މައްސަލަ ގެނެސްދެއްވާފައި. އަދި އަޅުގަނޑުމެންގެ މި އަހަރުގެ ބަޖެޓުގެ ތެރޭގައި، ކުރަން ނިންމާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި، ޕްލޭން ކުރެވިފައިވެސް އޮތް ކަމެއް. އެހެންނަމަވެސް، މި ރަށަށް އައިމާ ޙަޤީޤަތުގައި އެ ތަފާތުތަކެއް ފެނިގެންދިޔަ. ކޮންމެގޮތެއްވިޔަސް، ރައްޔިތުންގެ ގާތަށް މި އަންނަނީ އެ ބޭނުމުގައި. ކަންކަން ގާތުން ބެލުމަށްޓަކައި.
އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ، މިރަށަށް އަޅުގަނޑު އައުމުގައި، ދޭން ބޭނުންވި އެންމެ މުހިންމު މެސެޖަކީ، އަދި ދަންނަވަން ބޭނުންވި އެންމެ މުހިންމު އެއް ވާހަކައަކީ، ކުރިން އެ ސޮއިކުރެވި، ނަމަވެސް، އެކަށީގެންވާ ގޮތަކަށް ތިޔަބޭފުޅުން ބޭނުންވާގޮތަށް ނުހިނގާ މި އޮތް މަޝްރޫޢު، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ފަށަން ޖެހިފައި އޮތް، ނުހިނގާ އޮތް މަޝްރޫޢު އިރާދަކުރެއްވިއްޔާ، މި އަހަރުގެ ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ފަށާނެ ވާހަކަ. މަސައްކަތް ފަށައިގަތުމަށް އަޅުގަނޑުމެން އެބަހުރި ކުރަންޖެހޭ ކަންކަން. އެހެންވީމާ، އެކަންކަން ފުރިހަމަކޮށްލުމާ އެކީގައި، އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމިގެން ގޮސް، ދެން އެޕްރީލް މަސް ތެރޭގައި، ދެވަނަ ކުއާރޓަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މި ރަށުގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް އަޅުގަނޑުމެން ކުރަން ފަށާނެ ވާހަކަ ދަންނަވަން.
އެކަން ހިނގަމުންދާއިރުގައި، ރަށްގިރުން، ތުނޑި ހިމާޔަތްކުރުން، އަދި އަނެއް ފަރާތުގައި ކުރަންހުރި ކަންކަން، އެ މައްސަލަވެސް ޙަޤީޤަތުގައި އެ ނެޗްރަލް ބިއުޓީ ރިޓެއިން ކުރެވޭގޮތަށް، ނޫނީ ގެއްލިގެން ނުދާގޮތަށް، ރަށަށް އެ ޙިމާޔަތްތެރިކަން އަންނަގޮތަށް، ކުރިއަށް ގެންދިޔުން އެއީ، މިހާރުވެސް ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންނަމަވެސް، ނުހިނގާ އޮތް ރަށްގިރުމުގެ މައްސަލައަކީ، ބަނދަރުގެ މަޝްރޫޢާ ގުޅުވައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އޭގެ ތެރެއިން ހައްލުކުރަން ނިންމާފައި އޮތް ކަމެއްކަން، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ޔަޤީންކަން އެރުވުމުގެ ގޮތުން ދަންނަވާލަން.
އާދެ، މި ރަށަކީ ތާރީޚީގޮތުން، އަދި އަޅުގަނޑުމެންގެ މި ޤައުމީ ތަރައްޤީގެ، ޤައުމިއްޔަތު ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް. އަޅުގަނޑުމެންގެ ޤައުމީ ދުވަސް، އެ ތިން ބޭކަލުންނަށް ނިސްބަތްވާ ޤައުމީ ދުވަހުގައި، ޤައުމީ ދުވަސް އެ ފާހަގަކުރެވޭ ސަބަބަށް ބަލާއިރުގައި، މި ރަށުގައި ވަރަށް މުހިންމު ތާރީޚީ ތަރިކަތަކެއް އެބަހުރި. އަދި އޭގެ އިތުރަށްވެސް، މި ރަށުގައި، ތާރީޚީ ކަންތައްތައް ވަރަށް ގިނަ. ހިރިގަލުން ބިނާވެފައި ހުރި، ނޫނީވިއްޔާ ޤާއިމުވެފައި ހުރި ގަބުރުސްތާނު އެއީ، ބުނެވޭގޮތުގައި އަދި އަޅުގަނޑަށްވެސް ގަބޫލުކުރެވޭ، ހިރިގަލުގެ އެންމެ ބޮޑު ގަބުރުސްތާނަށްވުން އެކަށީގެންވޭ. ކޮންމެގޮތެއްވިޔަސް، ވަރަށް ހިސްޓޯރިކް ވެލިއު ހައި، ހެރިޓޭޖް ވެލިއު ހައި ތަނެއް. އެ ތަނުގައި ވަރަށް ގިނަ ތަންތަން އެބަހުރި.
މި ރަށަކީ ޤައުމީ ވިސްނުމެއްގައި، އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ރަށެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސިޔާސަތުގައި އަޅުގަނޑު ކަނޑައަޅާފައި އޮތީ. ރަށުން ބޭރުގައި، މާލޭގައި ގިނަ ރައްޔިތުން އުޅުނު ނަމަވެސް، ރަށުގައި މަދު ރައްޔިތުން އުޅުނު ނަމަވެސް، އެއެއްނޫން މި ރަށުގެ ތަރައްޤީގެ ކަންކަމުގައި، އަޅުގަނޑުމެން ބަލަންޖެހޭނެ ކަމަކީ. އަދި އެންމެ މަދުން ރައްޔިތުން އުޅުނު ކަމުގައިވިޔަސްވެސް، އަޅުގަނޑުގެ ސިޔާސަތަކީ، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތް ދިނުން. އަދި އޭގެ އިތުރަށް، މި ދަންނަވަނީ، ޤައުމުގެ ތާރީޚު ޙިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއަށް ބަލާއިރުގައިވެސް، ވަރަށް މުހިންމު އިސްކަމެއް ދޭންޖެހޭ، ޔުނީކް ކަމެއް ލިބިގެންވާ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް މިއީ.
އެހެންވީމާ، އަޅުގަނޑު އިއްޔެ އުތީމުގައި އިޢުލާނު ކުރިން، ޖެހިޖެހިގެން ދެ އަހަރު، އެއީ، ދެ އަހަރުގެ ޕްރޮޖެކްޓެއްގެ ގޮތުގައި ޤައުމިއްޔަތު އިއާދަކުރުމާއި، ފުޅާކުރުމާއި، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުމާއި، އަދި ކުރިއަށް އޮތް މުސްތަޤްބަލަށް އަޅުގަނޑުމެން ޤައުމިއްޔަތު ރައްކާތެރިކުރުމުގެ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޤައުމީ ދުވަސް ފާހަގަކުރުން ހިމަނައިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް ވާހަކަ. އެކަމުގެ ތެރޭގައި، އުތީމު އެއީ މައި ރަށް. އެހެންނަމަވެސް، ތަކަންދޫ އަދި ބާރަށް ހިމެނޭގޮތަށް، އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި އޮތީ.
އެހެންވީމާ، ޤައުމީ ދުވަސް ފާހަގަކުރުމުގެ ތެރެއިންވެސް، އަދި އޭގެ އިތުރަށް، މިތަނުގައި މިހިރަ ތާރީޚީ ތަންތަން، އެ ތަންތަނަށް ދޭންވާ އިސްކަންދީގެން، ބަޖެޓުން ޚަރަދުކޮށް، އެ ތަންތަން ސަލާމަތްކޮށް، ރިނޮވޭޓްކޮށް، އޭގެ ޙަޤީޤީ އައިޑެންޓިޓީއަށް އިއާދަކޮށް، ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ހިންގުމާއި، އަދި އޭގެ އިތުރަށް، އަޅުގަނޑުމެންގެ ކުދިންނަށް އަދި ޖުމްލަކޮށް ހަމަ ތާރީޚު ދަސްކުރަން ބޭނުންވާ، އަދި ދިރާސާކުރާ، ކިޔަވާ ދިވެހި ކުދިންނާއި ރައްޔިތުންނަށްވެސް، އޭގެ ނަފާ ލިބޭގޮތަށް މި ތަންތަން ދެމެހެއްޓުން އެއީ، އަޅުގަނޑުގެ ސިޔާސަތު. އެހެންވީމާ، މި ދެންނެވި ޤައުމީ ދުވަހާބެހޭ މަޝްރޫޢުގެ ތެރޭގައި، މި ކަންކަން ހިމަނައިގެން އަޅުގަނޑު ކުރިއަށް ގެންދަން ނިންމާފައި އޮތްކަން ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.
ނަތީޖާއަކަށް ވާނީ، އެ ތަންތަން ޙިމާޔަތް ކުރަން، މި ދެންނެވީ، ޢަލީތަކުރުފާނުގެ ޒިޔާރަތުގެ އިތުރަށް، ގަބުރުސްތާނު އަދި އެއާ ގުޅިފައި މިހިރަ ތާރީޚީ ހުރިހާ ކަންތައްތައް، ދުރުރާސްތާއަށް ރައްކާތެރިވެގެންދާ ފެންވަރުގައި އެކަން ކުރުން. އެކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް.
އޭގެއިތުރަށް، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ކަމެއް، ޓޫރިޒަމް ފުޅާކުރުމުގެ ތެރެއިން، ވިޒިޓަރ އިކޮނޮމީ ފުޅާކުރުން. މާނައަކީ، އަޅުގަނޑުމެންގެ އަބަދު މި އޮންނަ ޓޫރިޒަމްގެ ކޮންސެޕްޓް ފުޅާކުރުން. ތާރީޚާއި، ޘަޤާފަތަށް ލޯބިކުރާ ފަތުރުވެރިން ދުނިޔޭގައި ތިބޭ. ކަލްޗަރަލް ޓޫރިޒަމަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު އުޅޭ. އެހެންވީމާ، މި ރަށުގައި މިހިރަ ތަންތަން، ރަނގަޅު ގޮތެއްގައި އަޅުގަނޑުމެންނަށް ޙިމާޔަތް ކުރެވުނީމާ، އަދި އެ ކަންކަމާ ބެހޭ ސްޓޯރީ، ނޫނީ ވާހަކަ ކިޔައިދެވޭނެ ގޮތެއް ޤާއިމުކުރެވިގެން ދިޔައީމަ، އެކަން ވެގެންދާނެ، އެ ތަންތަން ބަލައި، އެއިން އެ ލިބެންޖެހޭ އިންސްޕިރޭޝަން ހޯދުމަށްޓަކައި އަންނަން ބޭނުންވާ، ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ލިބޭ، ދެވޭ ވަރަށް ބޮޑު ފުރުޞަތަކަށް.
އެއާ ގުޅުވައިގެން މި ރަށުގައި، ލޯކަލް ޓޫރިޒަމް ފެށިގެން ހިނގައްޖެނަމަ، އަޅުގަނޑު ހިތުން އެކަން ވާނެ ހަމަ ރަނގަޅު އިންވެސްޓްމަންޓަކަށް. ދެކޮޅުޖެހޭ، ސަސްޓެއިނަބަލް، ފީޒިބަލް ކަމަކަށް ވާނެ. އަޅުގަނޑަށް އެތަން އެބަ ފެނޭ. ސަރުކާރުން މިގޮތަށް އިސްނަގައިގެން، މިކަމުގައި ކަންތައްތަކެއް ކުރެވިގެން ހިނގައްޖެނަމަ. އެހެންވީމާ، މި ވިސްނުމުގައި، އިރާދަކުރެއްވިއްޔާ ކުރިއަށްދާން އަޅުގަނޑު ވިސްނާފައި އޮތްކަން އަދި އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރެވޭނެކަން ދަންނަވާލަން. ކައުންސިލްގެވެސް ވިސްނުންވެސް އޮތީ އެގޮތަށް. ކައުންސިލުންވެސް އެ ބޭނުންވެލައްވަނީ، ހަމަ އެ ވިސްނުމުގައި ކަންކަން ކުރިއަށް ގެންދަން. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ، ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމެއް ކަމުގައި. އެހެންވީމާ، ޤައުމީ ވިސްނުމެއްގައި، މި ރަށުގައި މި ދެންނެވި ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާނެކަން އެއީ، ހަމަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭން ބޭނުންވާ، ދެވަނަ އެންމެ މުހިންމު އެއް މެސެޖަކީ.
އާދެ، ދެން ތަރައްޤީގެ އެހެން ކަންކަމަށް ބަލާއިރުގައިވެސް، ދަތުރުފަތުރު ކުރުމަށް ބަލާއިރު، ތަކުލީފުތަކެއް އުފުލަންޖެހޭ. ފެރީގެ ނިޒާމުގައި މި ރަށަށް ކައިރިކުރެވޭނަމަ، ތިޔަބޭފުޅުންނަށް ލިބޭނެ ފަސޭހަތައް، ތިޔަބޭފުޅުންގެ ކިބައިން އަދި ޢިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިންވެސް އަޅުގަނޑާ ހަމައަށް އައިސްފައި ވަނީ. އާދެ، މަތިބިތުން ދަތުރުކުރާ އާރު.ޓީ.އެލް. ފެރީ، މި ރަށަށާއި، މާރަންދުއަށް މަޑުކޮށްފައި ދާގޮތަށް، މި އަންނަ ރަމަޟާން މަހުގެ ކުރިން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އާދެ، އޭރުން ތިޔަބޭފުޅުންނަށް ވަރަށް ބޮޑު ތަނުން ފަސޭހަވާނެ. އިރާދަކުރެއްވިއްޔާ ވަރަށްގިނަ ތަކުލީފުތަކަކުން، ވަގުތުތަކެއް ގެއްލިގެންދިޔުމުންވެސް ސަލާމަތްވެގެން އެބަދޭ.
އޭގެއިތުރުންވެސް، އަޅުގަނޑުމެން ގިނަ ކަންތައްތަކެއް ކުރާނަން. މި ރަށުގައި ދިރިއުޅޭ އަދަދު، އާބާދީގައި ކިތަންމެ ކުޑަވިޔަސް، ދެންމެ މި ދެންނެވި ވިސްނުމަށް ބަލާފައި، އަޅުގަނޑުމެން މި ރަށަށް ކަންކަން ކުރުމަށް އިސްކަން މިދެނީ. ތާރީޚީގޮތުން މިއޮތް ޙަޤީޤަތަށް ބަލާއިރުގައި، މުޅި ރާއްޖޭގެ އައިޑެންޓިޓީ ޙިމާޔަތްކުރުމުގެ ސިޔާސަތުގެ ތެރެއަށް ބަލާއިރު، ދިވެހިންގެ އައިޑެންޓިޓީ ޙިމާޔަތް ކުރުމުގެ ސިޔާސަތަށް ބަލާއިރުގައި، އެންމެ ބޮޑަށް އިސްކަން މިދެނީ އެ ވިސްނުމުގައި.
ދެން އެހެންވީމާ، ތަޢުލީމީގޮތުން ކިތަންމެ ކުދިން މަދަސް، އަޅުގަނޑުމެންގެ މި އޮންނަ ސިޔާސަތަކީ، އެ ރަށެއްގައި ރައްޔިތުން ދިރިއުޅޭ ހިނދެއްގައި، އެ ރަށެއްގައި އެއުޅޭ ކުދިންނަށް، އެ ދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ދެވޭނެ އެންމެ ރަނގަޅަކަށް، އެ ޚިދުމަތްތައް ފޯރުކޮށްދިނުން. އަދި އޭގެއިތުރަށް، މި ރަށަށް ތާރީޚީ އައިޑެންޓިޓީ ޙިމާޔަތްކުރުމުގެ އިސްކަން އަންނާތީ، ދޭންޖެހޭ އިތުރު އިސްކަންވެސް ދޭން. އެހެންވީމާ، ސްކޫލަށް ބޭނުންވާ ކަންކަން، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި އެޑިޔުކޭޝަން މިނިސްޓަރާއި، ސްކޫލާ ގުޅިގެން އަދި ކައުންސިލާ ގުޅިގެން ރޭވިގެންދާނެ.
އަދި އޭގެއިތުރަށްވެސް، ޞިއްޙީ ދާއިރާގައިވެސް، ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންތައްތައްވެސް އެބަހުރި. ދެ ތަނުގައިވެސް ޖާގައިގެ މައްސަލައާއި، ވަސީލަތްތަކުގެ މައްސަލަ އެބައޮތް، ތަޢުލީމީ އަދި ޞީއްޙީ ދާއިރާގައި. ކުރިއަށް އޮތް ތަނުގައި، މިކަންކަމަށް ރަނގަޅު ޙައްލުތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން.
އާދެ، އެހެންވީމާ، ޖުމްލަގޮތެއްގައި، މި ރަށުގެ ރައްޔިތުންނަށް މި ދަތިވެފައިވާ މުހިންމު ކަންކަން، ބަނދަރުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމާއި، ފެރީގެ މައްސަލަ ޙައްލުވެގެން ދިޔައިމަ، ވަރަށް ބޮޑުތަނުން، ވަރަށް ގިނަ ކަންކަމުގައި ފަސޭހަތައް އެބަ ލިބޭ. އަދި ބޭންކުގެ އޭ.ޓީ.އެމް.ގެ ޚިދުމަތް ޤާއިމުވެގެން ދިޔައީމަ، އެއީވެސް ހަމަ ވަރަށް ބޮޑު ލުޔަކަށް ވާނެ. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރުގައި، ހުރިހާ ރަށެއްގައި ހުންނާނީ އޭ.ޓީ.އެމް. ޤާއިމުކުރެވިފައި. އެ ޕްރޮޖެކްޓްގެ ތެރެއިން މި ރަށުގައިވެސް މިކަން ކުރިއަށް މިދަނީ. އޭރުން ކޮންމެ ރަށެއްގައިވެސް، އެ މީހެއްގެ ކޮމިއުނިޓީ ތެރޭގައި، ރަށުގައި ހުރެގެން، އޭ.ޓީ.އެމް.އިން މުޢާމަލާތް ކުރުމުގައި، ހުރިހާ ރައްޔިތުންނަށްވެސް އެ ޙައްޤު ހަމަހަމަކަމާއެކީ އެބަ ލިބިގެންދޭ.
އާދެ، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެންގެ ސިޔާސަތު އޮތްގޮތް މި ދަންނަވާލީ. މި ކަންކަން މިގޮތަށް، ބާރު ސްޕީޑްގައި ވަރަށް އިސްކަން ދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނެކަން، އަދިވެސް އެއްފަހަރު ޔަޤީންކަމާއެކީގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، އިތުރު ކަންކަމައިގެން، އަދި ބަނދަރު ނިމިގެން ހުޅުވުން ކަމުގައިވިޔަސް، ރަނގަޅު އުފާވެރި ކަމަކައިގެން ތިޔަބޭފުޅުން ގާތަށް އައުމަކީ، އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވާލަމުން ވަކިވެލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނާ މާލަސްތަކެއްނުވެ ބައްދަލުކޮށްލުމުގެ އުންމީދުގައި ވަކިވެލަން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.