بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިއްދޫ ކައުންސިލްގެ ރައީސާއި، ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މުއައްސަސާތަކުގެ ވެރިން، ދިއްދުއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޚިދުމަތްތެރި އިސް ރަށްވެހިން، ސްކޫލް ކުދިން، ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަޅުގަނޑާ އެކީގައި ދަތުރުކުރެއްވި މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ޢިއްޒަތްތެރި މަޖިލިސް މެންބަރުން، އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އިރުއޮއްސުނު ވަގުތު އަޅުގަނޑަށް މި ރަށަށް އާދެވުމުން، ދިއްދޫގެ ކުޑަބޮޑު އެތައް ރައްޔިތުންނެއް، ވަރަށްގިނަ ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި ހަމަ އެއާއެކީގައި، މިފަދަ ފުރިހަމަގޮތަކަށް މި ޙަފްލާ ތައްޔާރުކުރެއްވުމަށް ތިޔަބޭފުޅުން ތިޔަ ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް، އެކަމަށްވެސް ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
އާދެ، މޫސުމް ވަރަށް ވިއްސާރަކޮށް އޮތް ނަމަވެސް، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިކަމުގައި ތިޔަބޭފުޅުން ތިޔަ ދެއްވާ ތަރުޙީބުވެސް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށް، އެކަމަށްވެސް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ދިއްދޫގެ ތަރައްޤީއަށްޓަކައި ރައްޔިތުންގެ ގާތަށް އައިސް، ކަންކަން އޮޅުންފިލުވައި ވަޢުދުތަކެއްވިން. ރައްޔިތުންނަށް ކޮށްދޭނެ ކަމަށް އަޅުގަނޑު ޕޯޑިއަމެއް ކައިރީގައި، ނޫނީވިއްޔާ ނެރެފައި އޮތް މެނިފެސްޓޯގައި ވިޔަސް، ބަޔާންކުރި ކަމެއްވިއްޔާ ބަޔާންކުރީ، އެކަން ރައްޔިތުންނަށް ކޮށްދެވޭނެކަން އަޅުގަނޑަށް ޔަޤީންވާތީ. އަދި އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެކަން އަޅުގަނޑަށް ޔަޤީންވާތީ، އެކަން ކުރުމަށްޓަކައި. މިއަދާ ހަމަޔަށް އައިއިރުގައިވެސް، މިދިޔަ ސާދަވަރަކަށް މަސްދުވަހުގެ ތެރޭގައިވެސް އަޅުގަނޑުމެން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކި ރަށްރަށުގައި އަދި ޖުމްލަކޮށް މުޅި ރާއްޖެއަށްވެސް މުހިންމު މިފަދަ އެތައް ކަމެއް ފަށައި، ނިންމާފައި.
ހަމަ އެގޮތަށް، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަންވެސް، އަޅުގަނޑު ވަޢުދުވީ ގޮތަށް ފުއްދުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދީފައިވާ ޔަޤީންކަން. މިރޭ އަޅުގަނޑު ހަމަ އަނެއްކާވެސް މިދޭ ޔަޤީންކަމަކީ، އަޅުގަނޑުވީ ކޮންމެ ވަޢުދެއް އިރާދަކުރެއްވިއްޔާ ފުރިހަމައަށް މި ރަށުގައި ފުއްދައިދޭނަމޭ.
އެންމެ ފުރަތަމަ ކަމަކަށްވެސް އަޅުގަނޑު ދަންނަވާލާނީ، އެއަރޕޯޓުގެ ވާހަކަ. އާދެ، އެއަރޕޯޓުގެ މަސައްކަތް އެއީ، މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު މަސައްކަތެއް. އަދި އޭގެއިތުރަށް، މި އަތޮޅުގެ، މެދުރާސްތާ އަދި ދުރުރާސްތާގެ ތަރައްޤީގައިވެސް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސަރަޙައްދީ ތަރައްޤީގެ ޕްލޭންގައިވެސް މުހިންމު މަޝްރޫޢެއް.
އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން ކަނޑައަޅާފައި އޮންނާނެ، މެނިފެސްޓޯގައި އަދި ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް އެ ވާހަކަ. އަޅުގަނޑު ފަހުންވެސް އަދި ވެރިކަން ފެށުނު ފަހުންވެސް ދައްކާފައި އޮތް ފަދައިން، އެންމެ އުތުރުގެ މި ހަތަރު އަތޮޅު، ހއ. ހދ. ށ. ނ. އެކުއެކީގައި އިންޓަރގްރޭޓް ވެފައި އޮންނަ ތަރައްޤީގެ ޒޯނެއް ގޮތުގައި އަޅުގަނޑުމެން ދުރުރާސްތާއަށް ތަރައްޤީކުރަން ނިންމާފައި އޮތްކަން. އޭގެ މާނައަކީ، މި ހަތަރު އަތޮޅުގެ އެކި ހިސާބުގައި އެކިކަހަލަ ބޮޑެތި ކަންކަން، އިންފްރާސްޓްރަކްޗަރ ވައިސް، އަދި އެހެނިހެން ގޮތްގޮތުންވެސް ހުރެގެން، އެއްކަމަކާ އަނެއްކަމަކާ ގުޅިލާމެހިފައި އޮންނަ ތަރައްޤީގެ ޒޯނެއް ގޮތަށް.
ހަމަ އެގޮތަށް، ދެކުނުގެވެސް ހަތަރު އަތޮޅު. މީގެ އިތުރަށް، އަރބަން ސެންޓަރު ގޮތުގައި ހަތް ރަށެއް ތަރައްޤީ ކުރަން. މިގޮތަށް އަޅުގަނޑު އެންމެ ފުރަތަމަ ކެމްޕެއިން ފެށި ރޭވެސް ވާހަކަ ދެއްކީ. އަދި މެނިފެސްޓޯގައިވެސް ލިޔުނީ. އަދި މިއަދާ ހަމައަށް އައިއިރުވެސް އެކަން ކުރަމުން މިދަނީ. މި މަފްހޫމް ޙަޤީޤަތަކަށް ހެދުމުގައި، މި ރަށުގައި މި އެއަރޕޯޓް ހެދުމަކީ، މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ކުރަންޖެހޭ ކަމެއް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އެކަން ކުރުމަށްޓަކައި ޢަމަލީ މަސައްކަތް ފެށުމަށް މިހާރު އެވަނީ ގިނަ މަސައްކަތްތަކެއް ތަރުތީބު ކުރެވިފައި. އެމް.ޓީ.ސީ.ސީ. އަށް ބައެއް މަސައްކަތް ހަވާލުކޮށް، އަދި ބޭރުގެ ފަރާތަކާ އެކީގައިވެސް އަޅުގަނޑުމެން ފްރޭމްވާރކް އެގްރީމެންޓްތަކެއްގައި ސޮއިކުރެވި، ގިނަ މަސައްކަތްތަކެއް ފެށިފައި. ޢަމަލީ މަސައްކަތް ފެށުމާ ހަމަޔަށް މިދަނީ. އަޅުގަނޑު ދޭ ޔަޤީންކަމަކީ، އޭގެ ހުރިހާ ތަފްޞީލުތަކެއްގެ ތެރެއަށް ދިޔުމުގެ ބަދަލުގައި، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މި އަހަރުގެ ތެރޭގައި ވަރަށް އަވަހަށް އަޅުގަނޑުމެން ޢަމަލީގޮތުން ބިން ހިއްކުމާ އެކީގައި ފަށައި، ބިން ހިއްކުން ނިންމައި، ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަން އަދި ރަންވޭ، މިހެންގޮސް ހުރިހާ މަސައްކަތަކާއި، އެއަރޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ ކަމެއް ފެށޭ ހިސާބުން ބާރު ސްޕީޑްގައި ގެންގޮސް ނިންމައިދޭނަމޭ. ނިންމައި، ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ، އެ އެއަރޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއަރޕޯޓް ހުޅުވަން.
އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ، އެ އެއަރޕޯޓުން އެންމެ ފުރަތަމަ ޓިކެޓް ނަގައިގެން ވަޑައިގަންނަވާނެ ބޭފުޅުން ގޮތުގައި، އަޅުގަނޑުމެންނާ ސިޔާސީގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން. ތަރައްޤީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށް. އަޅުގަނޑުގެ ކުރިމަތީގައި ސިޔާސީ ފިކުރު މުހިންމެއް ނޫން، ހުރިހާ ރައްޔިތުން ހަމަހަމަ. އެހެންވީމާ، މި ރަށަށް އަންނަ ތަރައްޤީއެއް ހަމަހަމަގޮތެއްގައި އަޅުގަނޑާ އަދި ސިޔާސީގޮތުން ޚިޔާލުތަފާތުވިޔަސް ލިބިވަޑައިގަންނަވަންވާނެ، ހޯއްދަވަންވާނެ، ހޯއްދަވާނެ.
ޤައުމަށް ގެނެވޭ ތަރައްޤީއެއް. ރަށަކަށް ގެނެވޭ ތަރައްޤީއެއް އެއީ، ސިޔާސީ ކަމެއް ނޫން. އެއީ، ދުރުރާސްތާއަށް، އަޅުގަނޑުމެންނަށާއި، އަޅުގަނޑުމެންގެ ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް. އެކަމުގައި ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށްވެސް ކޮށްދެވޭ ކަމެއް. އެކަމަކީ ސިޔާސީ ކަމެއް ގޮތުގައި ދެކޭ މީހުންގެ ވިސްނުން އެއީ، އަޅުގަނޑު ހިތުން ދުރުގައި ތިބެގެން ވިސްނާލާ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ، ރަނގަޅު ވިސްނުމެއް ނޫން. އަޅުގަނޑު މިކުރާ މަސައްކަތަކީ، ރަށުގެ ރައްޔިތުންނަށް، ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި ކުރާ ވަރަށް ސީރިއަސް މަސައްކަތްތަކެއް.
ހަނދުމަފުޅު ހުންނާނެ، ކެމްޕެއިން ތެރޭގައި އަޅުގަނޑު ވަރަށް ގިނައިން ދެއްކި ވާހަކައެއް، އަޅުގަނޑު މި ކުރިމަތިލަނީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ރައްޔިތުންނަށް ކޮށްދޭށޭ. ރައްޔިތުންނަށް މުހިންމުވެފައި ހުރި ގިނަ ކަންތައްތަކެއްގެ ނަތީޖާ ނެރެދީ، ފުރިހަމަކޮށްދިނުމަށޭ. އަޅުގަނޑަށް ރައްޔިތުން އިތުބާރުކޮށްފިނަމަ، ޤާއިމުކުރާ ސަރުކާރެއް ވާނީ ނަތީޖާ ނެރެދޭ ސަރުކާރަކަށޭ. ރިޒަލްޓް އޮރިއެންޓަޑް ސަރުކާރެކޭ ޤާއިމުކުރާނީ. މިއަދާ ހަމައަށް އައިއިރުގައިވެސް، ރާއްޖޭގައި ކޮށްފައިވާ ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކޮށްފައި ވަނީ، ފަށާފައި ވަނީ އަދި ނިންމާފައިވާނީވެސް މިގޮތަށް. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދާނީ އެހެން. މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަން އަޅުގަނޑު ވަޢުދުވީގޮތަށް ކޮށްދޭނީވެސް އެ ވިސްނުމުގައި.
އެހެންވީމާ، މި ދަންނަވަނީ، އެއަރޕޯޓުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފުރިހަމަގޮތުގައި ކުރިއަށްދާނެ. އަދި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން، އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން، ފަތާ ޓްރެކް ހެދުން، އޭގެއިތުރަށް، ދެން މިހިރަ އޮޑިދޯނިފަހަރާ ގުޅޭ މަސައްކަތަށް ބޭނުންވާ ސަރަޙައްދު، މޫދަށްއެރޭ ސަރަޙައްދު އަނެއްފަރާތުގައި ހެދުން. މިހިރަ ކަންކަމަކީ ގުޅިލާމެހިފައި ހުރި ކަންކަން. މިކަންކަމާ އެކުގައި ވަށާޖެހޭ ޓޯޓަލް ސޮލިއުޝަނެއް މިކަމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން.
ހަމައެއާއެކީގައި، ބަނދަރުގެ މަސައްކަތް ފެށިފައި އެއޮތީ. އެކަންވެސް ނިމިގެންދާންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ފަސްވަރަކަށް އަހަރުވެފައި، ދުވަހަކުވެސް ޙައްލުނުވި މައްސަލައެއް. ނެރުގެ މައްސަލަ ޙައްލުނުވެއެއް، ބަނދަރުގެ މައްސަލަ ޙައްލެއްނުވާނެ. އަދި އަމުދުން އެއަރޕޯޓުގެ މަސައްކަތް މިތާ ކުރެވިގެންދާއިރުގައި، އެ ބަނދަރު ވާނީ ވަރަށް ބިޒީ މުހިންމު ބަނދަރަކަށް. ސަރަޙައްދީ މުހިންމު ރަށަކަށް، މިކަން ވެގެންދާއިރުގައި.
އެހެންވީމާ، އަޅުގަނޑުމެން އެ މަސައްކަތް ނިންމާއިރުގައި، ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ފަދައިން، ރަށުގެ ރައްޔިތުންގެ މިއޮތް ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދޭނަން. އެހެންވީމާ، ކަންބޮޑުވެނުލައްވާތި. އެ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ފުރިހަމަކުރާއިރުގައި، ނެރުގެ މައްސަލަ ފުރިހަމަވެގެންދާނެ.
އަޅުގަނޑު ވަޢުދުވި ކިތަންމެ ކަމެއް ހުންނާނެ. ލިޔެވިފައި އެހެރީ. ލިޔެވިފައި އެހެރީ. ކުޅިވަރު ކުޅެން އެންމެ މުހިންމު ވަޢުދަކަށް އަޅުގަނޑުވީ، އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑު އެޅުމުގެ ވާހަކަ. އެ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމަ އެއާއެކީގައި ހޮސްޕިޓަލް. މި ހޮސްޕިޓަލަކީ ހަމައެކަނި މި އާބާދީގެ ހޮސްޕިޓަލެއް ނޫން. މި އަތޮޅުގެ ހޮސްޕިޓަލެއް. އަތޮޅުގެ އަދި މި ސަރަޙައްދުގެވެސް އެތައް ބަޔަކު ބޭނުންކުރާނެ، އަދި ކުރަމުންދާ ހޮސްޕިޓަލެއް. އަޅުގަނޑުމެންގެ މި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ޤާއިމުކުރެވިގެންދާނެ މުހިންމު، ފުޅާކުރަންޖެހޭ މުހިންމު ހޮސްޕިޓަލެއް. އެހެންވީމާ، އަޅުގަނޑު އެގޮތަށް ވަޢުދުވީ. އަޅުގަނޑު ވަޢުދުވީ، މި ދެންނެވި ގޮތަށް ދުރު ރާސްތާއަށް ވިސްނައިގެން. މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި.
އޭގެ ބޭނުމަކީ، އޭގައި އަޅުގަނޑު ދަންނަވަމުން ގެންދިޔަ ވާހަކައަކީ، އަދި އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތަކީ، މާލެ ސަރަޙައްދު ގޮތަށް އެންމެ އުތުރުގައިވެސް ކަންކަން ހުންނަންޖެހޭނީ، އެންމެ ފުރިހަމައަށް ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ޤާއިމުކުރެވިފައޭ. އެންމެ ދެކުނުގައިވެސް. އަދި ރާއްޖޭގެ ހަތް ސަރަޙައްދެއްގައި، ހަތް ރަށެއްގައި. މީގެ ބޭނުމަކީ، ދުރު ރާސްތާއަށް އަޅުގަނޑުމެންގެ ޤައުމު ތަރައްޤީގެ ދުވެލީގައި ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުން. ހުރިހާ އެންމެން މާލެއަށް ޖަމާކޮށް، ހުރިހާ އެންމެން މާލެ ސަރަޙައްދުގައި އުޅުމަކީ، އެއެއްނޫން އެކަން އޮންނަންޖެހޭނެ ގޮތަކީ.
އެހެންވީމާ، އެ ވިސްނުމުގައި ކުރާ ކަންކަން މިއީ. އެގޮތުން، މި ރަށަށް މި ގެންނަންޖެހޭ ތަރައްޤީ މި ގެންނަނީ، އެ ވިސްނުމުގައި. ރަށުގެ ރައްޔިތުންގެ ކުރިއެރުމާއި، އަދި މި ސަރަޙައްދުގެ ކުރިއެރުމާއި، ހުރިހާ ކަމެއް ގުޅިލާމެހިފައި އެބައޮތް މިކަމުގައި. އެހެންވީމާ، މި ރަށުގެ ހޮސްޕިޓަލްގެ ޚިދުމަތް އިތުރުކުރުމަށްޓަކައި އާ ހޮސްޕިޓަލް، އާ ޢިމާރާތެއް އަޅަން މިޖެހެނީ. އަޅާއިރުގައި އެތަނުގައި އެކިއެކި ޚިދުމަތްތައް ހުންނަންޖެހޭ. މި ރަށަށް އަންނަ އެކި ރައްޔިތުންނަށް މި ބޭނުންވާ، ހޯދަން އަންނަ އަދި މި ރަށުގެ ރައްޔިތުންވެސް ހޯދާ، ހޯދަން އެދޭ އެކިކަހަލަ ޚިދުމަތްތައް ދެވެންޖެހޭނެ. ސީޓީ ސްކޭންގެ ޚިދުމަތް މިތާ ހުންނަންޖެހޭނެ. މިހާރު ހުރި އިމާރާތް ތެރޭގައި އެ ޖާގަ ހުރި ކަމަށްވަންޏާ، އެ ޚިދުމަތް ޤާއިމުކުރަން އަޅުގަނޑު މިހާރު ވާނީ ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައި. އަދި ނެތް ކަމަށްވަންޏާ، ވީހާވެސް އަވަހަކަށް އެކަން ކުރުން. އަދި މި އިމާރާތް އެޅިގެންދާއިރު، އެތަނުގައި މިކަމުގެ ހުރިހާ ޚިދުމަތްތަކެއް ޤާއިމުވެ، ދެންހުރި މުހިންމު ސަރވިސްތައްވެސް ލިބޭ، ފަރުވާތައް ދެވޭފަދަ ފެންވަރަކަށް ޤާއިމުކުރެވިގެންދާ ހޮސްޕިޓަލެއް އިރާދަކުރެއްވިއްޔާ އަޅައިދޭނަން. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އެ މަސައްކަތް މި އަހަރު ތެރޭގައި، އެންމެ ލަސްވެގެން މި އަހަރުގެ މެދަކާ ހަމަޔަށްދާއިރު، ބާރު ސްޕީޑްގައި ކުރިއަށްދާނެ. އަޅުގަނޑު މި ބަލަނީ، ކުރިއަށް އޮތް މަސްދުވަސް ނިމެންވާއިރަށް ބަޔަކާ މަސައްކަތް ހަވާލުކުރެވި، މަސައްކަތް ފަށަން.
ހޮސްޕިޓަލްގެ ވާހަކަ ނިންމާލުމުގެ ކުރިން ދަންނަވާލަން. މިހާރު ހުރި ހޮސްޕިޓަލް ތެރޭގައިވެސް ސްޕީޗް ތެރަޕީގެ ޚިދުމަތް ޤާއިމުކުރުމަށް އަޅުގަނޑު ވާނީ މިހާރު ވަޒީރަށް ދަންނަވާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން މި ރަށުގައި ޤާއިމުކޮށްދޭނަން.
އާދެ، މި ރަށުގައި އަދި މުޅި ރާއްޖޭގައިވެސް އެންމެ މުހިންމު ކަމެއް އަޅުގަނޑުމެން ދޭ ކަމަކީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަން. މި އަހަރަށް އަޅުގަނޑުމެން ފާސްކުރި ބަޖެޓަށްވެސް އަޅުގަނޑު މި ކިޔަނީ ބޯހިޔާވަހިކަމުގެ ބަޖެޓް. އެ ބަޖެޓުގައި އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، އަޅުގަނޑު ހިމަނާފައި ވާނެ، އެ މަޝްރޫޢުތައް ފަށަން، 1500 މިލިއަން ރުފިޔާ، 1.5 ބިލިއަން ރުފިޔާ. އެއީ، އަޅުގަނޑު ކެމްޕެއިންގައި އެކި ރަށްރަށުގައި ވީ ވަޢުދުތައް ފުއްދުމަށްޓަކައި، އެ މަސައްކަތްތައް ފެށުމަށްޓަކައި ހިމަނާފައިވާ ޢަދަދެއް. އަޅުގަނޑު މި އަންނަނީ އެކި ރަށްރަށުގައި މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން. އަޅުގަނޑު އެކި ރަށްރަށުގައި ދެންނެވިން، މި ޖަނަވަރީ މަސް ނިމެންވާއިރަށް ޓެންޑަރ ކުރާނަމޭ، ހުޅުވާލާނަމޭ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތަށް. މި ޕްރޮޖެކްޓްސްތައް ހިންގަން ކޮންޓްރެކްޓަރުން ހޯދުމަށް. މުޅި ރާއްޖޭގެ އެކި ރަށްރަށުގައި، ބާރަހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓް ހިމެނޭނެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި ވީ ވަޢުދުތަކުގައި. އޭގެތެރޭގައި، މި ރަށްވެސް ހިމެނޭގޮތަށް. މި ދަންނަވަނީ، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ރަށަކަށް، ވަޢުދުވީ ހުރިހާ ރަށެއްގެ ޢަދަދުތައް އެއްކޮށްލާއިރުގައި، ގާތްގަނޑަކަށް ބާރަހާސް ހަމަވެއޭ. އެކި ރަށްރަށަށް ހުންނާނީ ކެމްޕެއިންގައި އެކި ޢަދަދުތައް ވަޢުދުވެފައި. ވިހި، ތިރީސް ޔުނިޓުން ގޮސް އެތައްހާސް ޔުނިޓަކަށްވެސް، އެ ރަށެއްގެ ސައިޒުން، ނޫނީވިއްޔާ އެ ސިޓީއެއްގެ ސައިޒުން އަޅުގަނޑު ހުންނާނީ ވަޢުދުތަކެއް ވެފައި.
މި ހަފްތާގައި މިއޮތީ ބާކީ ދެ ދުވަސް. އެންމެ ލަސްވެގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، އަޅުގަނޑުމެން މި ދެންނެވިހެން ކޮންޓްރެކްޓަރުން ހޯދަން އިޢުލާނުކުރާއިރުގައި، މި ރަށުގައި އިތުރު 200 ޔުނިޓް، މިވަގުތަށް 200 ޔުނިޓް އެޅުމަށްޓަކައި އަޅުގަނޑުމެން ހިމަނައި، މި މަޝްރޫޢު މި އިޢުލާނު ކުރަނީ.
އަދި ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރުގައި، އެއަރޕޯޓުގެ ބިން ހިއްކުމާ އެކީގައި ރަށަށް ބޭނުންވާ ބިން ހިކިގެންދާނެ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ މި ރަށުގައި އަދި މިއަށްވުރެ އެތައް ގިނަގުނަ ޢަދަދަކަށް ހައުސިންގ ޔުނިޓް އެޅުމުގެ ދުވަސްތައް. އެހެންވީމާ، ބައްލަވާ، މިއީ ފެށުމެއް ކަމަށް. އިރާދަކުރެއްވިއްޔާ ގެދޮރުވެރިކަމާއި ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، މުހިންމު އިންފްރާސްޓްރަކްޗަރތަކެއް ޤާއިމުކުރެވި، ޚިދުމަތްތައް ފުޅާކުރެވިގެންދާނެ، މި ދެންނެވި ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި ކުރިއަށްދިޔުމަށްޓަކައި.
އެހެންވީމާ، މި ދެންނެވި ތަރުތީބުން މި މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ، ފެށިގެންދާނެ. މިކަމަކީ މި ރަށުގެ ހުރިހާ ރައްޔިތުންނަށް މުހިންމު ކަމަކަށްވާނެ ކަމަށް އަޅުގަނޑު ހަމަ ވަރަށް ޔަޤީންކުރަން.
އާދެ، މީގެއިތުރަށްވެސް ގިނަގުނަ ކަންތައްތަކެއް އެބަހުރި ކުރިއަށް ގެންދަން. އާދެ، ކުނި މެނޭޖް ކުރުން އެއީ، ހުރިހާ ރަށެއްގައި އަސާސީ ކަމެއް. މި ރަށުގައި މިހާރު ވެމްކޯގެ ޚިދުމަތް ފެށުމަށް އެވަނީ ވެމްކޯގެ އޮފީސް ޤާއިމުކުރެވި، މުވައްޒަފުން ނެގި، މިކަހަލަ ކަންތައްތަކެއް ފެށިފައި. އަޅުގަނޑު ވާނީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަށް އަދި ފިނޭންސް މިނިސްޓަރަށް ދަންނަވާފައި، ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް، ފައިސާގެ ގޮތުން، މަސައްކަތުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ނިންމަވައި، ރަމަޟާން މަސް ފެށެންވާއިރަށް ފުރިހަމަގޮތުގައި މި ރަށުގައި ވެމްކޯގެ ޚިދުމަތް ފެށެންވާނެ ކަމަށް. އެ ދެބޭފުޅުން ޔަޤީންކަން ދެއްވި އެކަމަށް. ބައްލަވާ، އިރާދަކުރެއްވިއްޔާ ދެން މިއޮތީ ވަރަށްކުޑަ ދުވަސްކޮޅެއް އެހެންނޫންތޯ. އެހެންވީމާ، ރަމަޟާން މަސް ފެށެންވާއިރަށް ވެމްކޯގެ ޚިދުމަތް، އަދި އެއަށްވުރެވެސް އަވަސްވާނެ ކަމަށް އެ ބޭފުޅުން އެބަ ވިދާޅުވޭ. އެހެންވީމާ، އަޅުގަނޑު ބަލަނީ އެންމެ ލަސްވެގެން ފެބުރުވަރީ މަސް ނިމެންވާއިރަށް ފެށޭނެ ކަމަށް. އެއީ، އަސާސީ ކަމެއް.
މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑު މިހާރު މިއޮތީ ކަނޑައަޅާފައި، ބަޖެޓްތެރެއިން މި ޚިދުމަތް ފަށަން މި އަހަރު ނިމެންވާއިރަށް. އެކި ރަށްރަށުގައި އެކި ސައިޒުގެ ސެންޓަރުތައް އެޅޭނީ. 500 އަށްވުރެ އާބާދީ ކުދި ރަށްރަށުގައި ކޮންމެގޮތެއްވިޔަސް ކުޑަވާނެ. އެހެންވީމާ، މި ހުރިހާ ރަށެއް ހިމެނޭހެން މި އަހަރު ނިމެންވާއިރަށް، ކުނި މެނޭޖް ކުރުމުގެ ޚިދުމަތް ފެށިގެންދާނެ. ވެމްކޯ ޤާއިމުކުރެވިގެން މިދަނީ އަތޮޅުވެރިކަން ކުރާ ރަށްތަކާއި، ސިޓީތަކާއި، އަދި ވެމްކޯގެ ބިޒްނަސް ޕްލޭންގެ ދަށުން އެ ބޭފުޅުން ކަނޑައަޅުއްވާ އެހެން ރަށްތަކުގައި. އެހެންވީމާ، ވެމްކޯގެ ޚިދުމަތް، މުޅި ރާއްޖޭގައި ކުނި މެނޭޖް ކުރުމުގެ ޚިދުމަތް، މި ދެންނެވީ މި އަހަރު ނިމެންވާއިރަށް، ސެންޓަރު ޤާއިމުކުރެވި، ރަނގަޅަށް ފެށިގެންދާނެ.
އާދެ، އޭގެއިތުރަށްވެސް މި ރަށުގައި ގިނަގުނަ ކަންތައްތަކެއް ކުރުމަކީ، އަޅުގަނޑުމެން ހަމަ ކޮންމެގޮތެއްވިޔަސް ކުރިއަށް ގެންދާނެ ކަންތައްތައް. އަސާސީ ކަންތަކުގެ ގޮތުގައި މިހުރި ކަންތައްތައްވެސް. މިސާލަކަށް، ކަރަންޓުގެ މައްސަލަތައް ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ފެންވަރަކަށް އަޕްގްރޭޑް ކުރުމަކީ އެއީ، ހަމަ އަސާސީ ކަމެއް. މިހެންހުރި އެތައް ކަމެއް އެބަހުރި.
މަސްވެރިކަމުގެ ދާއިރާގައިވެސް މި ރަށުގައި ކުރަންހުރި ކަންތައް. އައިސް ޕްލާންޓްގެ މަސައްކަތް. އެކަމަކީ ބޭރުގެ ފަންޑަކާ ގުޅިފައި އޮތް ކަމެއްވީމަ، އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު މިހާރުވެސް ރާއްޖެއިން ބޭރުގައި އެކަމާ ގުޅޭ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވަން ވަޑައިގެން އެވަނީ. މާދަމާ އެ ބައްދަލުވުން އެބައޮތް. މި ރަށް ހިމެނޭހެން، ފަސް ރަށެއް ހިމެނޭގޮތަށް އަޅުގަނޑުމެން އެ މަޝްރޫޢު ވަނީ ކަނޑައަޅާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޢަމަލީ މަސައްކަތް އެކަމުގައިވެސް އެދަނީ ފެށުމުގެ މަރުޙަލާއާ ހަމަޔަށް.
އެހެންވީމާ، ކަންބޮޑުވެނުލައްވާށޭ އަޅުގަނޑު މި ދަންނަވަނީ. އިރާދަކުރެއްވިއްޔާ މި ރަށުގައި އަޅުގަނޑުމެން ކުރަންހުރި މިކަހަލަ ހުރިހާ މަސައްކަތްތަކެއް ވަރަށް ރަނގަޅަށް އިސްކަންދީގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ހަމައެކަނި އެންމެ ފުޓްބޯޅަ ދަނޑެއް ނޫން. ކޮންމެގޮތެއްވިޔަސް މި ސްކޭލްގެ ތަރައްޤީގެ ކަންކަން، ގާތްގަނޑަކަށް ފަސްހާހެއްހާ އާބާދީއަށް ދާ ރަށެއްގައި ހުންނަންޖެހޭނެ. އަޅުގަނޑު ވަޢުދުވެފައި އޮންނާނެ، އެކިކަހަލަ ކުޅިވަރު ކުޅެވޭނެވެސް ފެސިލިޓީޒްތައް ޤާއިމުކުރަން. އެހެންވީމާ، އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ތަރުތީބު ކުރެވިގެން، މި ދައުރު ތެރޭގައި ހޭންޑްބޯލް ކޯޓުވިޔަސް، އަދި އެކިކަހަލަ ކުޅިވަރުތައް ހިމެނޭހެން، މި ރަށަށް ބޭނުންވާ އިތުރު ފުޓްސަލް ދަނޑާއި، މިކަހަލަ ކަންކަން ހިމެނޭހެން، އަޅުގަނޑުމެން ޕްލޭންކޮށްގެން އަންހެން ބޭފުޅުން، ޒުވާނުން، އެކި އުމުރުފުރާގެ ބޭފުޅުންނަށް ބޭނުންވާ އެކި ކުޅިވަރުތައް ކުޅެވޭނެ ފެސިލިޓީޒްތައް އިތުރުކޮށްދީ، ފުރިހަމަކޮށްދިނުމަކީ އަޅުގަނޑުމެން ކަނޑައަޅާފައި އޮތް ގޮތްވީމަ، އިރާދަކުރެއްވިއްޔާ އެކަންކަން އެގޮތަށް ގެންދާނެކަން އަޅުގަނޑު ހަމަ ޔަޤީންކަމާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން.
ޒުވާނުންގެ މަރުކަޒު، ނޫނީވިއްޔާ އަޅުގަނޑުމެން މިހާރު ކިޔާގޮތުން، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ، އެތަން އޭގެ އެންމެ ފުރިހަމަގޮތުގައި، އިކްއިޕްމަންޓްސް ފުރިހަމަކުރެވިފައި، ޤާއިމުވެގެންދިޔުމަކީ، ކޮންމެހެންވެސް ކުރަން ޖެހިފައި އޮތް ކަމެއް. ކުޅިވަރުގެ ވަޒީރު މިތާ އެބަ އިންނެވި. އަދި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރާ ވާހަކަ ދެކެވި، ނޫނީވިއްޔާ ކަންތައްތައް ހަމަޖެއްސުމުގެ ކަންތައް އެދަނީ ބާރަށް. މިކަމަކީވެސް އެގޮތުން ހަމަޖެހިގެންދާނެ ކަންތައްތައް. އެހެންވީމާ، ޖުމްލަކޮށް މި ދަންނަވާލަނީ، މި ރަށުގައި ކުރިއަށް ގެންދަންހުރި ހުރިހާ ކަންތައްތަކަށް އަޅުގަނޑުމެން ވަރަށް ސަމާލުކަން ދެމޭ. އެންމެ ކަމެއްވެސް އަޅުގަނޑުމެން ދުލެއްނުކޮށްލަމު.
ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދިއްދޫގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި، ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުން، ރަށުގެ ތަރައްޤީގެ ވިސްނުމުގައި، އެކުވެރިކަމާ އެކީގައި ކުރިއަށް ވަޑައިގަތުމަކީ އަޅުގަނޑު އެދޭގޮތޭ. އެހެންނަމަވެސް، އެނޫން ގޮތެއް ޚިޔާރުކުރާ ބަޔަކުވެސް ތިބެދާނެ. އަޅުގަނޑު އެދެނީ، ހުރިހާ ރައްޔިތުންވެސް ހެޔޮގޮތުގައި ވިސްނެވުން. ހަމަ ޔަޤީނުންވެސް މި ރަށުގައި ޤާއިމުކުރެވިގެންދާ އެއްވެސް ކަމަކީ، މި ރަށުން ގެންދެވޭނެ އެއްޗެއް ނޫން. މި ރަށުގައި ތިބޭ ރައްޔިތުންނަށް އޭގެ ފައިދާވާނީ. ކޮންމެ ސިޔާސީ ފިކުރެއްގައި ތިއްބެވިޔަސް. އަޅުގަނޑު ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ. އަޅުގަނޑުމެން ޚިދުމަތްދޭއިރަކު އެކަމުގައި އެއްވެސް ތަފާތެއްނުކުރަން. ޚިޔާލު ތަފާތުވެދާނެ. ތަފާތު ޚިޔާލު ފާޅުވެސްކުރައްވަންވީ. ރާއްޖޭގެ ޤާނޫނުއަސާސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮވޭ. އެއްވެއުޅުމުގެ މިނިވަންކަން އޮވޭ. އަޅުގަނޑު ގަބޫލުކުރާ ސިޔާސަތަކީ، ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްވެސް އެ ލިބިދޭ ޙައްޤެއް، އޭގެ އެންމެ ފުރިހަމަމިނުގައި ލިބިދީފައި އޮންނަންވާނެކަން. އެއީ، މި ސަރުކާރުން ތަންފީޛު ކުރާނެ ސިޔާސަތަކީ. މިއަދާ ހަމަޔަށްވެސް ތަންފީޛުކުރި ސިޔާސަތަކީ އެއީ.
މިދިޔަ ދުވަސްތަކުގައި ބައްލަވާ، ރާއްޖޭގައި ނޯންނާނެ، ބަދަލުހިފުމުގެ ރޫޙެއް. ސިޔާސީ މީހަކަށްވެގެން ހައްޔަރުކޮށްފައެއް ނޯންނާނެ. އެއްވެސް މީހަކަށް ސިޔާސީގޮތުން އަދަބެއް ނުދެން. އަޅުގަނޑު ބޭނުން، ޤައުމަށް ހަމަޖެހުން އަންނަން. އަޅުގަނޑު ކެމްޕެއިން ތެރޭގައި ދެންނެވިން، މި ޤައުމަށް އެބަ ބޭނުންވެއޭ ހަމަޖެހުން އަންނަން. ސިޔާސީގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ، އަޅުގަނޑުގެ ކިބައިން ފެންނާނެ ކަމެއް ނޫނޭ. މިހާތާކަށްވެސް ނޯންނާނެ. އަދި ކުރިއަށް އޮތްތާވެސް ނުފެންނާނެ ކަމެއް. ކިތަންމެ އެއްޗެއް އަޅުގަނޑާ ދިމާއަށް، ސަރުކާރާ ދިމާއަށް ކިޔުމަކީވެސް އަޅުގަނޑަށް މައްސަލައެއް ނޫން.
އެހެންނަމަވެސް، މިއީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ޤާއިމުވެފައިވާ ޤައުމެއްވީމަ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ހަމަތައް އެއީ، އެންމެންވެސް ގަބޫލުކުރަންޖެހޭނެ ކަންކަން. ރިވެތި އަޚްލާޤު އިސްކުރަންޖެހޭނެ. ރިވެތި ބަހުރުވައިން ވާހަކަ ދައްކަންޖެހޭނީ. ކޮންމެ ރައްޔިތަކީވެސް ޙުރްމަތްތެރިވެގެންވާ ރައްޔިތެއްކަން ގަބޫލުކުރަންޖެހޭނެ. ކޮންމެ މީހެއްގެވެސް އަބުރެއް އޮތްކަން ގަބޫލުކުރަންޖެހޭނެ. ތިމާއަށްވުރެ ނިކަމެތިކަމަށް އަނެކާއާ ދޭތެރޭގައި ދުށުމަކީ ދީނީގޮތުން އޮތްގޮތެއް ނޫންކަން ގަބޫލުކުރަންޖެހޭނެ. ސިޔާސީގޮތުން ތިމަންނާ އަނެކާއާ ޚިޔާލުތަފާތުވުމަކީ، އަނެކާ ކުޑަކޮށްލައި، ނިކަމެތިކޮށްލައި، ކުޑައިމީސްކުރުމުގެ ޙައްޤު، އެ މީހާއަށް ލިބޭ ކަމެއް ނޫންކަން ގަބޫލުކުރަންޖެހޭނެ.
އަޅުގަނޑުމެންގެ ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، އަޅުގަނޑުމެންގެ ކޮންމެ މީހަކީވެސް، މި ދެންނެވި ފަރުދީ ޒިންމާ އަދާކުރާ މީހަކަށްވާ ދުވަހަކުން. އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުމެއް އަންނާނީ، އަދި ކިތަންމެ އެއަރޕޯޓެއް އެޅިޔަސް، ކިތަންމެ މަގެއް ހެދިޔަސް، ކިތަންމެ މަޝްރޫޢުތަކެއް ރަށެއްގައި ހިންގިޔަސް، މި ދެންނެވި ފިކުރު، މި ޤައުމުގައި ޤާއިމުވާ ދުވަހަކުން. އެކަން ކުރާނެ ބަޔަކީ އަޅުގަނޑުމެން ކަމުގައިވީ ދުވަހަކުން. އެކަން ކުރާނީ އަމިއްލައަށް. ސަރުކާރަކުން ކޮށްދޭނެ ކަމެއް އެއަކު ނޯންނާނެ. އަޅުގަނޑު ދޭނީ ހިތްވަރު. އަޅުގަނޑުގެ ކިބަޔަކުން، މި ސަރުކާރުގެ ކިބަޔަކުން ނުފެންނާނެ ތަފާތުކުރާ ތަނެއް. ސިޔާސީވެގެން ބަދަލުހިފާ ތަނެއް. ޤާނޫނުއަސާސީން ލިބިދީފައިވާ ހުރިހާ ޙައްޤެއް، ހުރިހާ ރައްޔިތުންނަށް އޮންނާނެ. ޤާނޫނުން ލިބިދޭ ހުރިހާ ޙައްޤެއް، ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ. ޤާނޫނަކުން މަނާނުވާ ކޮންމެ ކަމެއް ކުރުމުގެ ޙައްޤު، ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ. އޭގެ އަނެއްކޮޅު، ސަރުކާރަށް އޮންނާނީ، ޤާނޫނުތަކުގައި ބުނެފައި ހުރި ކަންކަން އެކަނި ކުރުމުގެ ޙައްޤު. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. މި ސަރުކާރުން ކަން ކުރާނީ، ޤާނޫނުތަކުގައި ބުނެފައި ހުރިގޮތަށް. އެ ޤާނޫނުތަކުގައި ބުނެފައި ހުރިގޮތުގެ ބޭރަކުން މި ސަރުކާރަކުން ނުކުރާނެ ކަމެއް. މިދިޔަސް ދުވަސްތަކުގައިވެސް ނޯންނާނެ ކޮށްފައެއް. އަދި ކުރިއަށް އޮތް ތާނގައިވެސް ނުކުރާނެ. މިއެއް ނޫންތޯ، މި ޤައުމަށް ބޭނުންވާ އިޞްލާޙަކީ. މި ޤައުމަށް ބޭނުންވާ ހަމަޖެހުން އަންނާނީ، މިގޮތަށް އަޅުގަނޑުމެން އެންމެންވެސް ކުރިއަށްދާން ނިންމައިގެން ނޫންތޯ.
އެހެންވީމާ، އަޅުގަނޑުމެން އެންމެންނަކީވެސް މިގޮތަށް ވިސްނާ، އަޅުގަނޑުމެންގެ ޤައުމާމެދު ވިސްނާ، އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމާ މެދުގައި ހެޔޮގޮތުގައި ވިސްނާ ބަޔަކަށްވާން އެބަޖެހޭ. اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ސިކުނޑިއެއް ދެއްވާފައިވާކަން ހަނދާންކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭނެ. ޒިންމާތަކެއް ދެއްވާފައިވާ ބައެއްކަން ހަނދާންކުރަންޖެހޭ. އެއީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. އަޅުގަނޑުމެންގެ ސިކުނޑި ބޭނުންނުކުރާނަމަ، ސިކުނޑިއެއް ނެތް. ނޫނީވިއްޔާ ވިސްނުން، ބުއްދި ނުދެއްވާ ޖަނަވާރުންނަކާ ނެތެއްނޫންތޯ ތަފާތެއް. އަޅުގަނޑުމެންނަށް ދެއްވާފައިވާ ސިކުނޑިއަށް އަޅުގަނޑުމެން ފަރުވާކުޑަކުރާނަމަ، ނޫނީވިއްޔާ ވިސްނުމުގެ، ބުއްދީގެ ބޭނުމަށް އަޅުގަނޑުމެން ފަރުވާކުޑަކުރާނަމަ، އެއީ އެކަމާމެދު އަޅުގަނޑުމެންނާ ސުވާލުކުރެވޭނެ ކަމެއްކަން، މުސްލިމަކަށްވީތީ ގަބޫލުކުރަންޖެހޭ. ދުވަހެއް އަންނާނެކަން ގަބޫލުކުރަންޖެހޭނެ.
އެހެންވީމާ، ކޮންމެ ފިކުރެއްގައި ހުއްޓަސް، އިސްލާމެއް ފުރަތަމަ. އެހެންވީމާ، މިކަން އެބަޖެހޭ ގަބޫލުކުރަން. ތިމަންނާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުންހިފައިގެން، ތިމަންނާކަން ތިމަންނާގެ ކަންކަމައިގެން ނިންމާނެގޮތް ވިސްނަންޖެހޭނީ. އެހެން މީހަކު ނޫންކަން ތިމަންނާއަށް ވިސްނައިދޭންޖެހޭނީ އެބަޖެހޭ ގަބޫލުކުރަން. ހަމަ މީހަކު ބުނާހާ އެއްޗެއް އެއީ، ތިމަންނާ ގަބޫލުކުރާ އެއްޗަކަށްވެސް ވާކަށް ނުވާނެކަން. ވަރަށް ސާފުކޮށް އެބައޮތް ދީނުގައި. އަދި އަމުދުން މީހަކު އެއީ ކާކުކަން، ނޫނީ އިތުބާރު ނުކުރެވޭ މީހެއް ކަމަށްވަންޏާ، ކާކުކަން ނޭނގޭ މީހެއްނަމަ، ނުވަތަ ފާސިޤެއް، ނޫނީ އިތުބާރު ނުކުރެވޭ މީހަކުނަމަ، އެ ދައްކާ ވާހަކައެއްގެ ތެދު ޙަޤީޤަތް ތިމަންނާ ބަލަންޖެހޭނެކަން، އެއީ، ތިމަންނާގެ ޒިންމާއެއްކަން އެއޮތީ. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ މީހަކަށް ދެއްވާފައިވާ ބުއްދީގެ ބޭނުންހިފުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ޒިންމާއެއް. އެގޮތަށް ވިސްނާ، އަޅުގަނޑުމެން ކޮންމެ މީހަކީ، އަޅުގަނޑުމެންގެ ޤައުމާމެދު ވިސްނާ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލާމެދު ވިސްނާ ބަޔަކަށްވެގެން މި ޤައުމަށް ކުރިއެރުމެއް އަންނާނީ.
މިއީ އަޅުގަނޑު މި އެދޭ އެދުމަކީ. ވަށާޖެހޭ ތަރައްޤީއެއް މި ޤައުމަށް ގެނައުމުގެ ވާހަކަ އަޅުގަނޑު މި ދައްކާ ގޮތަކީ، މަފްހޫމަކީ މިއީ. އިމާރާތްތަކަކާއި، ފެންނަން މި ހުންނަ ބިނާތަކާއި،
މި ތަރައްޤީއާ އެކީގައި އަޅުގަނޑުމެންގެ ސިކުނޑި އެބަޖެހެއޭ ތަރައްޤީވާން. އަޅުގަނޑުމެންގެ ސިކުނޑިއަށް މި ތަރައްޤީ ނާންނަހާ ހިނދަކު، މާނައެއް ނެތޭ މި ގެނެވޭ ތަރައްޤީއެއްގައެއް. ކޮބައިތޯ، ކޮން މާނައެއްތޯ އޭގައި އޮތީ؟ ކޮން ކަމެއްތޯ ޙަޤީޤަތުގައި އެ ހާސިލުވެގެންދަނީ؟ ނެތެއް ނޫންތޯ ހާސިލުވާ ކަމެއް. ކީއްކުރަން ހާސިލުކުރާ ތަޢުލީމެއްތޯ؟ ކިޔަވާކުދިން މިތާނގައި ވަރަށް ގިނައިން އެބަތިބި. މި ކުދިން ކިޔަވައިގެން ނުކުމެގެން، ދެންއޮތް ލެވެލްއަކަށް ގޮސް، ދެންއޮތް ލެވެލްއަކަށް ގޮސް، އެންމެ މައްޗަށް ކިޔަވައިގެން ނުކުންނައިރުގައި، ކޮބައިތޯ އޭގެ ބޭނުމެއް، އަޅުގަނޑުމެން މި ޤައުމާ މެދުގައި ނުވިސްނާނަމަ. އަދި އެ ކުދިންނަށް މި ޤައުމު އަޅުގަނޑުމެން ހެޔޮގޮތުގައި ފޯރުނުކޮށްދޭނަމަ.
އެހެންވީމާ، ހިންގަވާ، އަޅުގަނޑުމެން އެންމެންނަކީ މި ޤައުމުގެ މުސްތަޤްބަލާ މެދުގައި، ޤައުމީ ވިސްނުމެއްގައި ވިސްނައި، އިސްލާމުންނަށްވީތީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާގެ މަތިންވެސް ހަނދާންކޮށް އެކަތިގަނޑަކަށްވެ، ޤައުމައިގެން ކުރިއަށްދާ ބަޔަކަށްވަމާ! އިރާދަކުރެއްވިއްޔާ އެއިން ނުކުންނާނީ ހެޔޮ ނަތީޖާ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމަށް اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަން ތާއަބަދަށް ދެމެހެއްޓެވުން. އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވާށި! އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.