ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ސިންގަޕޫރު ސަރުކާރުން ވަރަށްހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ސިންގަޕޫރު ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދެންނެވުން އޮތީ ސިންގަޕޫރުގެ ރައީސްގެ ރަސްމީ ގަނޑުވަރު އިސްތާނާގައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ވިދާޅުވީ، ސިންގަޕޫރުގެ ބޮޑުވަޒީރު މިސްޓަރ ލީ ސިއެން ލޫންގއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރުގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމާއި ސިންގަޕޫރުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އޮތް ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސިންގަޕޫރުގެ ބައެއް ވަޒީރުންނާއި، ސިންގަޕޫރު ސަރުކާރުގެ ޢިއްޒަތްތެރިންނާއި، ސިންގަޕޫރުގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ގެންދެވި ދިވެހި ވަފްދުގެ ބޭފުޅުން، ސިންގަޕޫރުގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ.