ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި، އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި، އިތުބާރާއި ޒަމާން ކުރިމަތިކުރުވި އިމްތިޙާންތަކާ އެކުގައިމެ ބަދަހި ކަމާއެކު ދެމި އޮތް ގުޅުން ފާހަގަކުރައްވާފައިވެއެވެ.

މިއާއެކު، އިންޑިޔާ ސަރުކާރާ އެކު، ދެޤައުމުގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އަދިވެސް އިތުރަށް ބަދަހިކުރެއްވުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އަދި ދޭދޭ ފެންވަރުގައި ދެޤައުމަށް ކުރިމަތިވާ އާންމު ގޮންޖެހުންތަކަށް ހަރުދަނާ ގޮތެއްގައި ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރީ ޖުލައި 26، 1965ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓްގައި، އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ހެޔޮއެދުންތައް ފޮނުއްވި މެސެޖެއްވެސް ވަނީ ހިއްސާކުރައްވާފައެވެ.